ރަޝިޔާގައި އައު ޕާލަމެންޓެއް އިންތިޚާބު ކުރުމަށްޓަކައި އިއްޔެ ބޭއްވި އިންތިޚާބު އެޤައުމުގައި މިހާރު ވެރިކަންކުރާ ޔުނައިޓެޑް ރަޝިޔާ ޕާޓީ ކާމިޔާބުކޮށްފިއެވެ.
ރަޝިޔާގެ ޕާލަމެންޓް (ދޫމާ) އަށް 450 މެންބަރުން އިންތިޚާބު ކުރުމަށް ބެއްވި މިއިންތިޚާބުގެ ވަގުތީ ނަތީޖާ ދައްކާގޮތުން ބޮޑުވަޒީރު ލަޑީމިއަރ ޕޫޓިންގެ ޔުނައިޓެޑް ރަޝިޔާ ޕާޓީ އަށް 45.83 ޕަސެންޓް ވޯޓު ލިބުނުވެ. ދެން އެންމެ ގިނަވޯޓު ލިބުނު ކޮމިއުނިސްޓް ޕާޓީއަށް ލިބިފައިވަނީ 20.7 ޕަސެންޓް ކަމަށް ރަޝިޔާގެ އިންތިޚާބާބެހޭ އިދާރާއިން ބުނެއެވެ. ނަމަވެސް ބައެއް ވޯޓު ފޮށިތައް އަދި ނުގުނައި ހުރުމުން މިނަތީޖާ އަށް ބަދަލުއައުމަކީ އެކަށީގެންވާ ކަމެއްކަމަށް އެއިދާރާއިން ބުނެއެވެ. މިއިންތިޚާބުގައި ވޯޓު ދިނުމުގެ ހައްޤު ލިބިފައިވަނީ 110 މިލިޔަން މީހުންނަށެވެ.
ގިނަ ޕާޓީތަކެއް ވާދަކުރި މިއިންތިޚާބު 48 ޕަސެންޓުން ކާމިޔާބުކުރާނެ ކަމަށް ޚިޔާލު ހޯދުމުގެ ސަރވޭތަކުން ހާމަވެފައިވަނީ ޔުނައިޓެޑް ރަޝިޔާ ޕާޓީއެވެ. މިއީ މިހާރުގެ ރައީސް ޑިމިޓްރީ މިޑްވެޑޭވް އާއި ބޮޑުވަޒީރު ލަޑީމިއަރ ޕޫޓިންގެ ޕާޓީއެވެ.
ރަޝިޔާގެ އިންތިޚާބުގެ މިހާތަނަށް ގުނާފައިވާ ވޯޓުފޮށިތަކުގެ ވަގުތީ ނަތީޖާ އިޢްލާން ކުރުމުން އިދިކޮޅު ކޮމިއުނިސްޓް ޕާޓީންވަނީ އިންތިޚާބުގައި ފުޅާދާއިރާއެއްގައި މަކަރާއި އޮޅުވާލުމުގެ ޢަމަލުތައް ހިންގާފައިވާ ކަމަށް ތުހުމަތުކޮށްފައެވެ.
އަނެއްކޮޅުން ރަޝިޔާގެ އެކި ހިސާބުތަކުގައި ބޮޑުވަޒީރު ޕޫޓިން އާއި ދެކޮޅަށް އަޑު އުފުލާ މުޒާހަރާތައް ކުރިއަށް ގެންގޮސްފައިވެއެވެ.

















advertisment
ޚިޔާލު