2008 ވަނަ އަހަރު އިޒްރޭލުން ފަލަސްޠީނާ ދެކޮޅަށް ހިންގި ޖަރީމާތަކުގައި އިސްރޯލެއް އަދާކުރި އިޒްރޭލުގެ އެއްވެސް މީހަކު، މޮރޮކޯއަށް އަރައިފިނަމަ އެމީހުން ހައްޔަރުކުރެވޭފަދަ ގާނޫނެއް މޮރޮކޯގެ ވަކީލުންތަކެއް މި ދިޔަ ހޯމަ ދުވަހު އެ ގައުމުގެ ޗީފް ޕްރޮސިކިއުޓާ އަށް ހުށައަޅައިފިއެވެ.
"މިއީ ގައްޒާއާ ދެކޮޅަށް ހިންގި އުދުވާންތަކުގައި އިސްރޯލެއް އަދާކުރި މީޙުންނާ ދެކޮޅަށް ހުށައެޅޭ މައްސަލައެއް." ކަމަށް ވަކީލުންގެ ފަރާތުން ވާހަކަ ދެއްކެވި ޚާލިދު ސޯފިއާނީ ވިދާޅުވިއެވެ. މި ވަކީލުންގެ މަސައްކަތް ކާމިޔާބު ވެއްޖެ ނަމަ މޮރޮކޯއަށް އަރައިފި ނަމަ ހައްޔަރު ކުރެވޭނެ މީހުންގެ ތެރޭގައި، ކުރީގެ ބޮޑު ވަޒީރު އެހޫދު އޮލްމާޓާއި، ކުރީގެ ހާރިޖީ ވަޒީރު ޒިޕީ ލިވިނީގެ އިތުރުން ކުރީގެ ދިފާއީ ވަޒީރު އެހޫދު ބަރާކް ހިމެނި ވަޑައިގަންނަވައެވެ. މި މައްސަލަ ހުށައެޅުއްވި ވަކީލުންގެ ތެރޭގައި ހިމެނެނީ މޮރޮކޯގެ ތިން ވަކީލުންނާއި، އެމެރިކާއާއި، ފްރާންސް، މިއިން ކޮންމެ ގައުމަކުން ވަކީލެކެވެ.
2008 ވަނަ އަހަރުގެ ޑިސެމްބަރު މަހު ގައްޒާއާ ދެކޮޅަށް އިޒްރޭލުން ފެށި އުދުވާންތައް ވަނީ ތިން ހަފްތާއަށް ދެމިގެން ގޮސްފައެވެ. އަދި އެ ހަމަލާ ތަކުގައި އާންމުނަގެ 1300 އަށް ވުރެއް ގިނަ މީހުން ވަނީ ޝަހީދުވެފައެވެ.
އިޒްރޭލާ މޮރޮކޯއާ ދެމެދު ސިޔާސީ ގުޅުން ގާއިމު ކުރެވިފައި ނުވި ނަމަވެސް މަދު މަދުން އިޒްރޭލުގެ އިސް ވެރިން މޮރޮކޯއަށް ޒިޔާރަތް ކުރަށްވައެވެ. އަރަބި ޤައުމުތަކުގެ ތެރެއިން އިޒްރޭލާ އެކު މިހާތަނަށް ސިޔާސީ ގުޅުން ޤާއިމު ކޮށްފައިވާ ހަމަ އެކަނި ޤައުމު ތަކަކީ މިސްރާއި، ޖޯޑަން ގެ އިތުރުން މަރިޓޭނިއާއެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...