އޭޝިއާދިއިސްލާމްދުނިޔެ

ދެކުނު ކޮރެއާއާއި އެމެރިކާއި ދެމެދުވެފައިވާ ވިޔަފާރީގެ އެއްބަސްވުން ފާސްކުރުމުން ހަމަނުޖެހުން އުފެދިއްޖެ

ދެކުނު ކޮރެއާގެ މަޖިލީހުގައި އުފެދުނު ހަމަނުޖެހުމުގެ ތެރެއިން

ދެކުނު ކޮރެއާއާއި އެމެރިކާއާއި ދެމެދުވެފައިވާ ވިޔަފާރީގެ އެއްބަސްވުން ދެކުނު ކޮރެއާގެ ޤާނޫން ހަދާ މަޖިލީހުން ފާސްކުރުމާއި ގުޅިގެން މެމްބަރުންގެ މެދުގައި ހަމަނުޖެހުން ހިނގައިފިއެވެ.

67 ބިލިއަން ޑޮލަރުގެ ފައިދާއެއް އަހަރެއްގެ މައްޗަށް ލިބޭނެކަމަށް އިޤްތިސާދީ މާހިރުން ބުނާ މިއެއްބަސްވުން ފާސްކޮށްފައިވަނީ ގިނަ ދުވަސްތަކެއްވަންދެން ޤާނޫނުހަދާ މަޖިލީހުގައި މަޑެޖެހިފައިއޮތުމަށް ފަހުއެވެ. ދެކުނު ކޮރެއާގެ ސަރުކާރުން މިބިލް ގިނަދުވަސްތަކެއް މަޑުޖައްސާލާފައިވަނީ އިދިކޮޅު ފަރާތްތަކުން މިކަމާއި ދެކޮޅު ހަދައި އަންނަ އަހަރުގައި ބާއްވާ ރިއާސީ އިންތިޚާބުގައި ވެރިކަންކުރާ ޕާޓީގެ މަޤްބޫލުކަމަށް ބުރޫ އަރާފާނެތީ ކަމަށް ބޭރުގެ ޚަބަރުފަތުރާ ވަސީލަތްތަކުން ހާމަކޮށްފައިވެއެވެ.

ދެކުނު ކޮރެއާގެ ވެރިކަންކުރާ ޕާޓީ، ގްރޭންޑް ނެޝަނަލް ޕާޓީ (ޖީއެންޕީ)ގެ އަޣްލަބިއްޔަތު އޮންނަ އެޤައުމުގެ ޤާނޫނުހަދާ މަޖިލީހުން މިބިލް ފާސްކޮށްފައިވަނީ 151 މެމްބަރުންގެ ތާޢީދާއި އެކުއެވެ. 7 މެމްބަރުން މިބިލާއި ދެކޮޅަށް ވޯޓް ދީފައިވާއިރު އިދިކޮޅު ޑިމޮކްރެޓިކް ޕާޓީގެ ގިނަ މެމްބަރުން މިވޯޓުގައި ބައިވެރިއެއްނުވެއެވެ.

ބިލް ފާސްވެއްޖެކަން އިޢުލާން ކުރުމާއި އެކު މެމްބަރުންތަކުގެ މެދުގައި ހަމަނުޖެހުން އުފެދި މުޅި ޗެމްބަރ އެއްކޮށް ހަލަބޮލިވިއެވެ. އެއް މެމްބަރަކު އަނެއް މެމްބަރަކާއި ކޯޅި އެންމެ ފަހުން އިދިކޮޅު މެމްބަރަކު މަޖިލީހުގެ ހޯލުގެ ތެރެއަށް ކަރުނަ ގޭސްފުޅިއެއްވެސް އެއްލިއެވެ. ކަރުނަ ގޭސް ޖެހުމާއި އެކު ކުޑަ ހިނދުކޮޅެއްގެ ތެރޭގައި މަޖިލީހުން ހުރިހާ މެމްބަރުން ބޭރަށް ނިކުތްކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.

ސިޔާސީ މުފައްކިރުން ހާމަކުރާ ގޮތުގައި އެމެރިކާއި ދެމެދު މިވެވުނު އެއްބަސްވުން ފާސްކުރުމާއި ގުޅިގެން އިދިކޮޅުފަރާތްތަކާއި ވެރިކަންކުރާ ޕާޓީއާއި ދެމެދު މިއުފެދުނު ކޯޅުންތަކުގެ ސަބަބުން ދެކުނު ކޮރެއާގެ ޤާނޫނުހަދާ މަޖިލީހުގެ ބައްދަލުވުންތައް ހުއްޓުމަކަށް އަންނާނެއެވެ.

މިގޮތުން މިހަނަޖެހުންތައް ދިގުލައިގެންގޮސް އަންނަ އަހަރުގެ ބަޖެޓް ޖެނުއަރީމަހަށް ފާސް ނުކުރެވި ހިނގައިދާނޭކަމަށް އެފަރާތްތަކުން ހާމަކޮށްފައިވެއެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *

More in އޭޝިއާ