ރިޕޯޓް ރާއްޖޭގެ ވެރިކަމަށް ދިމާވެފައިވާ މުޞީބާތް؛ ޢަލްމާނިއްޔަތު ނުވަތަ ސެކިއުލަރިޒަމް...

ރާއްޖޭގެ ވެރިކަމަށް ދިމާވެފައިވާ މުޞީބާތް؛ ޢަލްމާނިއްޔަތު ނުވަތަ ސެކިއުލަރިޒަމް...

ރާއްޖޭގެ ވެރިކަމަށް ދިމާވެފައިވާ މުޞީބާތް؛ ޢަލްމާނިއްޔަތު ނުވަތަ ސެކިއުލަރިޒަމް...

ކިޔާލަން ހޭދަވާނީ 3 މިނިޓް

ފޮންޓް ސައިޒް

ޢަލްމާނިއްޔަތަކީ ކޮބާ؟

ޢަލްމާނިއްޔަތަކީ، އިންސާނީ ޙަޔާތުން ދީން ވަކިކުރުމެވެ. އަދި ސިޔާސީ ނިޒާމުން ދީން ވަކިކުރުމެވެ. އަދި ދަޢުލަތުގެ ހުރިހާ ކަމަކުން ދީން ވަކިކޮށް އެއްފަރާތް ކުރުމެވެ. މިއަށް އިނގިރޭސިން ކިޔަނީ، ސެކިއުލަރިޒަމް އެވެ.

ޢަލްމާނިއްޔަތުގެ އަޞްލާއި ތާރީޚް...

 

ޢަލްމާނީ ފިކުރަކީ 10 ވަނަ ޤަރުނުގެ ފަހުކޮޅު، ހުޅަނގުގައި އުފުދިގެން އައި ފިކުރެކެވެ. އެއީ ހުޅަނގުގެ ތާރީޚްގެ ފާހަގަކޮށްލެވޭ ދުވަސްކޮޅެކެވެ. އެހެނީ، އޭރު އެބައިމީހުންގެ ކަނީސާތަކުގައި ތިބި ކުރިސްޓިއަން ފާދިރީންނާއި ދީނީ މީހުން ދިޔައީ ހިތު ހުރި ގޮތަކަށް ދީން ބަދަލުކޮށް ފަސާދަކުރަމުންނެވެ. ނަތީޖާއެއްގެ ގޮތުން މީސްތަކުންނަށް ދީނީ ކަންތައްތަކާއި އިޖްތިމާޢީ ކަންތައްތައް ތަހައްމަލު ނުކުރެވޭ ފަދަ ދަތި އުދަނގޫ ދަރަޖައަކަށް ދިޔައެވެ.

ނަމަވެސް، އެ ދުވަސްވަރަކީ އިސްލާމީ ޙަޟާރަތުގައި އޭގެ އެންމެ ފޮނި ތާޒާ ދުވަސްވަރެވެ. އެގޮތުން، ސްޕެއިންގެ އަންދުލުސް އާއި އިރުމަތީ ހުޅަނގުގެ ބައެއް ޤައުމުތަކުގައި މުސްލިމުން ވެރިކަން ކުރަމުން ދިޔަ ދުވަސްވަރުވެސް މެއެވެ. އެހެންކަމުން، އަންދަލުސް ވެފައިވީ މުސްލިމުންގެ ޙަޟާރަތުގެ ފޮނި މޭވާ ޔޫރަޕަށް ވާޞިލުވާން ފެށި މަގެއްގެ ގޮތުގައެވެ. އެގޮތުން، ޔޫރަޕްގެ ބޮޑުންގެ ދަރިން ސްޕެއިންގެ އަންދަލުސްގައިވާ މުސްލިމުންގެ ޔުނިވަރސިޓީތަކުން ތަފާތު ޢިލްމުތައް އުނގެނެމުން ދިޔައެވެ. ކައުނަށް އެބައިމީހުންގެ ލޯތައް ހުޅުވި، ބުއްދިއާއި ސިކުނޑީގެ ބޭނުންކުރަން ފެށިއެވެ. ހަމަ އެހެންމެ، ސައިންސާއި ޓެކްނޮލޮޖީގެ ތަފާތު ރޮނގުތަކަށްވެސް އެބައިމީހުންގެ ސިކުނޑިތައް ހުޅިވިގެން ދިޔައެވެ. މުސްލިމުންގެ އަޚްލާޤާއި ޢިލްމާއި ކުރިއެރުން ވެގެން ދިޔައީ އެބައިމީހުން ހައިރާން ކުރުވި ކަމަކަށެވެ.

އަންދަލުސްގެ އިސްލާމީ ޔުނިވަރސިޓީ ތަކުން ތަޢުލީމު ޙާޞިލްކޮށްގެން އެނބުރި ޤައުމަށްދާ ދަރިވަރުންނަށް، ކަނީސާތަކުގެ މީހުން ހިންގާ ފަސާދައާއި އަނިޔާވެރިކަމަކީ އެއްވެސް ޙާލެއްގައި ޤަބޫލުކުރެވޭ ވަރުގެ ކަމަކަށް ނުވިއެވެ. ކަނީސާތަކުގެ ތިބި މީހުން ދިޔައީ ޒަމާނީ ތަޢުލީމާއި ސައިންސާއި ދެކޮޅު ހަދަމުންނެވެ. އެގޮތުން، އެ ޢިލްމުތައް އުނގެނޭ މީހުންނާއި މުފައްކިރުން ތަފާތު އަދަބުތައް ދީ މަރަން ފެށިއެވެ.

އެހެންކަމުން، ކަނީސާތަކުގައި ތިބި ދީނީ މީހުންނާއި ޢިލްމީ މީހުންނާއި ދެމެދު ވަރުގަދަ ފިކުރީ ކުރިމަތިލުންތަކެއް ހިނގަންފެށިއެވެ. ޢިލްމީ މީހުން، ދީނީ މީހުންނާއި ދެކޮޅަށް ވަރުގަދައަށް، ތެދުވާން ފެށުމުގެ ނަތީޖާއަކަށްވީ، ކަނީސާތަކުގެ ބާރު ދެރަވާން ފެށުމެވެ. އެމީހުންގެ ބަސް ނާހައި، އެމީހުންގެ ޙުކުމްތަކަށް މީހުން ފާޅުގައި ގޮންޖަހަން ފެށިއެވެ. އެގޮތުން، އެބައިމީހުންގެ ޢާންމު ރައްޔިތުން ނިންމީ ދީނީ އެއްވެސް ކަމެއް، އެބައިމީހުންގެ ޙަޔާތުގެ އެއްވެސް ކަމެއްގެ ތެރެއަށް ނުވެއްދުމަށެވެ. އެހެންކަމުން، ކަނީސާތަކުގެ މީހުން ބަލިވެ، ޢާންމު ރައްޔިތުންނަށް، ކުރި ލިބުނެވެ. އެގޮތުން، މުޅި ހުޅަނގު މި ރޮގުން ކުރިޔަށް ދިޔައެވެ. ކަނީސާތަކާއި ޗެލެންޖްކުރުމުގެ ގޮތުން އެބައިމީހުން ލާދީނީ ފިކުރު ކޮޅަށްޖަހާ އަޚްލާޤީ ގޮތުން ދަށު ދަރަޖަތަކެއް ޚިޔާރުކުރިއެވެ.

އެމީހުންގެ ފިކުރަކީ، ސައިންސާއި ދީނަކީ، މުޅިން އިދިކޮޅު ދޭތިކަމުގައެވެ. އެގޮތުން ސައިންސާއި ޢިލްމަކީ ދީނާއި އެއްވެސް ގުޅުމެއް އޮވެގެންވާނެ އެއްޗެއްނޫންކަމަށެވެ.

ނަމަވެސް، އިސްލާމް ދީނަކީ، މިއާއި މުޅިން ތަފާތު ދީނެކެވެ. އިސްލާމް ދީން ބާރު އަޅަނީ ޢިލްމަށެވެ. ކައުނާއި މެދު ބަލާ ހޯދުމަށެވެ. ޤުރުއާނުގައި ސައިންސްގެ އެތައް ހަޤީޤަތެއް އެބަވެއެވެ. އިސްލާމީ ޙަޟާރަތް ދައްކުވައިދިނީ، ޢިލްމަކީ، އިސްލާމްދީން އެންމެ އިސްކަންދޭ ކަންތައްކަމުގައެވެ. އެހެންކަމުން، ހުޅަނގުގެ މި ފިކުރަކީ އިސްލާމްދީނަށް ނިސްބަތްވާ ފިކުރެއް ނޫނެވެ. އެއީ އެމީހުންގެ ކަނީސާތަކުގައި ފަސާދަކޮށް ބަދަލުކޮށްފައިވާ ނަޞާރާ ދީނާއި އިދިކޮޅު ފިކުރެކެވެ.

ހިތާމައަކީ، އިސްލާމީ އުއްމަތް، އިލާހީ ޤާނޫނާއި ދުރުވުމުގެ ސަބަބުން ވަނީ ހީނަރުވެފައެވެ. އެގޮތުން، ޢިލްމާއި ސައިންސްގެ ރޮނގުންވެސް އެބައިމީހުން ދަށަށް ދިޔައީއެވެ. ހުޅަނގު، އިސްލާމީ ޢިލްމުވެރިން އަތުން އުނގެނުނު، ޢިލްމީ ފައުންޑޭޝަންތައް ވަރުގަދަކޮށް، ތަފާތު އައު ކާމީޔާބީތަކެއް، ސައިންސާއި ޓެކްނޮލޮޖީގެ ރޮގުން ހޯދިއެވެ. އިލާހީ ޤާނޫނަށް ފުރަގަސްދިނުމުގެ ސަބަބުން، މުސްލިމުންނަށް ތިބެވުނީ ކުޅިބަލަންށެވެ.

އަދި މުސްލިމުންގެ އެންމެ ވަރުގަދަ ޙަޟާރާތް ހަލާކުވެ، އަންދަލުސް ކާފަރުންގެ އަދަށަށް ދިޔައެވެ. މުސްލިމް އުއްމަތް ފަހަތަށް ދިޔައެވެ. އެހެންކަމުން، ހުޅަނގުގެ ލާދީނީ ފިކުރުތައް އިސްލާމީ އުއްމަތަށްވެސް އިމްޕޯޓްވާން ފެށިއެވެ. އެގޮތުން، މިހާރު އަލްމާނިއްޔަތަކީ މުސްލިމުންވެސް އެންމެ ރުހޭ ނިޒާމަށް ވެއްޖެއެވެ. އެކަން މިހާރު މި ކުޑަ ކުޑަ ދިވެހި ފަސްގަނޑުންވެސް މިއޮތީ ފެންނަންށެވެ.

މިއީ މުޅި އިސްލާމީ އުއްމަތަށް ކުރިމަތިވެފައިވާ ވާބާއެކެވެ. ނަމަވެސް، އަޅުގަނޑުމެން ދަންނަންޖެހޭ ކަމެއް އެބައޮތެވެ. ޔޫރަޕް ސެކިއުލަރިޒަމަށް ދިޔައީ އެބައިމީހުންގެ ބަދަލުކޮށް ހަލާކުކޮށްފައިވާ ނަޞާރާދީނުގެ ދުއްތުރާތައް ބޮޑުވުމުންނެވެ. ނަމަވެސް، އަޅުގަނޑުމެން މުސްލިމުންގެ ދީނަކީ ހިދާޔަތެކެވެ. ދުނިޔެއާއި އާޚިރަތުގެ ބާއްޖަވެރިކަމެވެ. ޢިލްމާއި ސައިންސާއި ޓެކްނޮލޮޖީގެ އަޞްލެވެ. މަތިވެރި އަޚްލާޤާއި އިޖްތިމާޢީ ގުޅުމުގެ ގައިޑުލައިނެކެވެ. ސިޔާސަތާއި ދުނިޔެ އާރާސްތު ކުރާނެ ފުރިހަމަ ޝާމިލް ނިޒާމަކާއި ދުސްތޫރެކެވެ. އެހެންކަމުން، މިކަމުން ޣާފިވެ، މި ދީނަށް ފުރަގަސްދިނުމަކީ އެއީ މޮޔަކަމެކެވެ.

ހުޅަނގުގެ ޔުނިވަރސިޓީތަކުން ފާސް ނަގައިގެން، ސެކިއުލަރިޒަށް ދަޢުވާކުރާ އަދި މިޤައުމުގައި އޭތި ޤާއިމުކުރަން މަސައްކަތްކުރާ ވެރިންނަށް، ބުނެލާހިތް އޮތީ، ތިޔަ ގޮވަނީ ހޮޅިއެކެވެ. ތިޔަ ދަޢުވާތައް، ހުޅަނގުގެ ނަޞާރާ ދީނަށް އެކަށީގެންވިޔަސް، މަތިވެރި އިސްލާމްދީން، ސިޔާސީ ނިޒާމުންނާއި މުސްލިމުންގެ ޙަޔާތުން ނެރެ، މިސްކިތުގައި ބޭއްވުމަކީ، އެއީ ހަމަޖެހޭކަމެއް ނޫނެވެ. ސެކިއުލަރިޒަމަށް ވަކާލާތުކުރަން އެންމެ ފުރިހަމަ ތަނަކީ ހަމަ ހުޅަނގެވެ. އިސްލާމީ ޤައުމުތަކުގައި ގޮވުމަކީ ޖާހިލުކަމެކެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.