އެމެރިކާގެ އެކި ސިޓީތަކުގައި ކުރިއަށްދާ "އޮކިއުޕައި ވޯލް ސްޓްރީޓް" މުޒާހަރާގައި މަރުވި މީހުންގެ ޢަދަދު ތިނަކަށް އަރައިފިއެވެ.
އެސޯސިއޭޓެޑް ޕްރެސް އިން ހާމަކުރާގޮތުގައި މީގެ ތެރެއިން އެކަކު މަރުވެފައިވަނީ ވާރމަންޓްގައެވެ. އަދި އަނެއް މީހާ ކެލިފޯނިއާގައި މަރުވެފައިވާއިރު ތިންވަނަ މީހާ މަރުވެފައިވަނީ އޯކްލަންޑްގައެވެ.
ވާމަންޓްގައި މަރުވި މީހާ މަރުވެފައިވަނީ ބޮލަށް ވަޒަނެއް އަރައިގެންނެވެ. އޭނާ އަމިއްލައަށް މަރުވީކަމަށް ބެލެވެއެވެ. މުޒާހަރާކުރާ ފަރާތްތަކުން ޤާއިމްކޮށްފައިވާ ކޭމްޕްގެ ބޭރުގައި ހިނގި ހަމަނުޖެހުމެއްގައި ދެވަނަ މީހާ މަރާލީއެވެ. ތަޙުޤީޤުކުރާ ފަރާތްތަކުން ދަނީ އެހަމަނުޖެހުން ހިނގި ސަބަބު ހޯދުމުގެ މަސައްކަތް ކުރަމުންނެވެ. އަދި އެއީ މުޒާހަރާ ކުރާ ފަރާތްތަކުން ރާވައިގެން ކުރިކަމެއްތޯ ބަލަމުންނެވެ.
ތިންވަނަ މީހާގެ ހަށިގަނޑު ފެނިފައިވަނީ އޭނާގެ ޓެންޓުންނެވެ. ދެ ދުވަސް ވީ އިރުވެސް އެހެން މީހުންނަށް އޭނާ މަރުވެފައި އޮތްކަމެއް ނޭނގެއެވެ.
މި މަރުތަކާއި ބެހޭ އިތުރު ތަފްޞީލްތަކެއް ކަމާއިބެހޭ ފަރާތްތަކުން ހާމަކޮށްފައެއް ނުވެއެވެ.
"އޮކިއުޕައި ވޯލް ސްޓްރީޓް" މުޒާހަރާއަކީ ނިއުޔޯކްގެ ވިޔަފާރީގެ މައި ސަރަޙައްދަށް މިއަހަރުގެ ސެޕްޓެމްބަރު މަހު 17 ވަނަ ދުވަހު އެއްވި ބައެއްގެ ސަބަބުން ފެށުނު މުޒާހަރާއެކެވެ. އެމީހުން މައިގަނޑު ގޮތެއްގައި އަޑުއުފުލާފައިވަނީ އެމެރިކާގައި މުއްސަނދިންނާއި ފަޤީރުންގެ މެދުގައި އޮތް އާމްދަނީގެ ފަރަޤަގެ ސަބަބުންނާއި ބޮޑެތި ކުންފުނިތަކުން އެމެރިކާގެ ސިޔާސަތަށް ނުފޫޒު ފޯރުވާ މައްސަލައިގައެވެ.
މި މުޒާހަރާވނީ މިހާރު އެމެރިކާގެ އިތުރުން އޮސްޓްރޭލިއާ، އިނގިރޭސިވިލާތް، ޖަރުމަން، އިޓަލީ، ސްޕެއިން، އަޔަލެންޑް އަދި ޕޯޗުގަލްގައި ފެށިފައެވެ. ފުލުހުންނާއި ކުރިމަތިލުންތައް ހިނގައި އަދި ގިނަ ޢަދަދެއްގެ ބަޔަކު ހައްޔަރުކުރިނަމަވެސް މުޒާހަރާކުރާ ފަރާތްތަކުން ދަނީ ވަޒީފާ ނެތުމާއި ހަނގުރާމަ އަދި ވިޔަފާރީގެ މައްސަލަތަކާއިބެހޭ ގޮތުން ހުއްޓުމެއްނެތި އަޑުއުފުލަމުންނެވެ.
______
މަޞްދަރު: ޕްރެސްޓީވީ

















ޚިޔާލު