ފަލަސްޠީނުގެ ބޮޑު ވަޒީރު ސަލާމް ފައްޔާދު ، ޔަހޫދީންގެ ދިފާއީވަޒީރު އެހޫދު ބަރަކާއެކު ޖެރުއްސަލާމްގެ ހޮޓަލެއްގައި މިދިޔަ ހޯމަ ދުވަހު ބައްދަލުވުމެއް ބާއްވައިފިއެވެ. މިއީ ފެބްރުއަރީ މަހުގެ ފަހުން މިގޮތަށް ބޭއްވުނު ފުރަތަމަ ބައްދަލުވުމެވެ. އޮފިޝަލުން ހާމަކުރާ ގޮތުގައި މި ބައްދަލު ވުމުގައި ދެ ގައުމުން މިހާރު ކުރިޔަށް ގެންދާ ނުސީދާ ސުލްހައިގެ ވާހަކަތަކުގެ، ވާހަކައެއް ނުދައްކަވައެވެ.
"މިއަދުގެ ބައްދަލުވުމުގެ މައިގަނޑު މަޤްޞަދަކީ އަހަރުމެންގެ މީހުންނަށް، އެމީހުންގެ ދިރިއުޅުން ފަސޭހަ ކޮށްދިނުން"ފަލަސްޠީނުގެ ސްޕޯކްސް މަނެއް ކަމުގައިވާ ގައްސާން ޚާޠިބު ހާމަ ކުރެއްވިއެވެ. ގައްސާން ޚާޠިބު އިތުރަށް ހާމަ ކުރެއްވި ގޮތުގައި އެ ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި ފަލަސްޠީނުން ވާހަކަ ދައްކާފައި ވާނީ އިޒްރޭލުން ފަލަސްޠީނު ބަންދުކޮށްފައިވާ ބަންދުކުރުންތަށް ނިމުމަކަށް ގެނެއުމަށާއި އަދި ޔަހޫދީން ހުޅަނގު އައްސޭރިއަށް ދެމުންދާ ހަމަލާތަށް ހުއްޓުވުމާ ބެހޭ ގޮތުންނެވެ.
2008 ވަނަ އަހަރުގެ ފަހުކޮޅު އިޒްރޭލުން ހިންގި ލާއިންސާނީ ހަމަލާތަކަށް ފަހު މި ދެފަރާތުގެ ސުލްހައިގެ ވާހަކަތައް ވަނީ ގާތް ގަނޑަކަށް ހުއްޓުމަކަށް އައިސްފައެވެ. އިސްރޭލުން އެފަހަރު ގެންދިޔަ އުދުވާންތަކުގައި ފަލަސްޠީނުގެ ކުށެއްނެއް 1300 އަށްވުރެ ގިނަ އާންމުން ވަނީ ޝަހީދުވެގެން ގޮސްފައެވެ. މި ސަބަބާހުރެ ދެ ޤައުމުގެ ސުލްހައިގެ ވާހަކަތައް ކުރިޔަށް ގެންދަން މިހާތަނަށް މަސައްކަތް ކޮށްފައިވަނީ ޔަހޫދީންގެ ޕަޕެޓު ސަރުކާރެއް އޮންނަ އެމެރިކާ މެދުވެރިކޮށް ނުސީދާކޮށެވެ. ނަމަވެސް މިދިޔަ އާދިއްތަ ދުވަހު ކެބިނެޓުގައި ވާހަކަ ދައްކަވަމުން އިޒްރޭލުގެ ބޮޑުވަޒީރު ،ނަތަން ޔާހޫ ވިދާޅުވެފައިވަނީ"މަހްމޫދު އައްބާސް އަހަރުމެންނާ ބައްދަލުކުރަންވީ ވަގުތު މިވަނީ އައިސްފައި" ކަމުގައެވެ. އަދި އެނޫން ގޮތަކަށް ސުލްހައިގެ ވާހަކަ ތަކަށް ކުރި އެރުމެއް ލިބެން ނެތްކަމަށް ނަތަންޔާހު އެ ބައްދަލުވުމުގައި ވަނީ ވިދާޅުވެފައެވެ.
ޔަހޫދިންގެ ބޮޑުންގެ ވާހަކަ މިގޮތަށް ހުރިނަމަވެސް ސުލްހައިގެ ވާހަކަތަކަށް ކިރިޔާވެސް ކުރި އެރުމެއް ލިބެން އުޅޭހެން ހީވާ ކޮންމެ ދަނޑިވަޅަކު، ވާހަކަތަކަށް ހުއްޓުމެއް ގެނުވަނީ ހަމަ މިބައިމީހުންގެ އަމަލުތަކުންނެވެ. އެގޮތުން ދެފަރާތުގެ މައްސަލަތަކަށް ހައްލެއް ލިބެން އުޅޭހެން ހީވާ ކޮންމެ ދަނޑިވަޅެއްގައި، ހުޅަނގު އައްސޭރީގައިވާ މުސްލިމުންގެ ގެތައް ތަޅަން މަސައްކަތް ކުރުމަކީ މިބައިމީހުންގެ އާދައެކެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...