ރިޕޯޓް ތަޙްޤީޤަކާނުލާ އަވަހާރަކޮށްލެވުނު ލީޑަރުން

ތަޙްޤީޤަކާނުލާ އަވަހާރަކޮށްލެވުނު ލީޑަރުން

ތަޙްޤީޤަކާނުލާ އަވަހާރަކޮށްލެވުނު ލީޑަރުން

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ފުރަތަމަ ސައްދާމް ޙުސައިންއެވެ. އެއަށްފަހު އުސާމާ ބިންލާދިން އެވެ. ދެން އެއަށްފަހު ގައްޒާފީއެވެ. މަޢާފުކުރައްވާށެވެ. ދުނިޔޭގައި ރަނގަޅު މީހުންނާއި ގޯސްމީހުން އުޅެއެވެ. އެކަން ޤަބޫލުކުރަމެވެ. އަދި އަވަހާރަކޮށްލެވުނު ދެވެރިންނަކީ ވެސް ހައްދުފަހަނައަޅާފައިވާ އަނިޔާވެރި ދެވެރިންކަމުގައި ބުނާތީ އަޑުއަހަމެވެ. އެހެންނަމަވެސް އެއްވެސް ޢަދުލުވެރި ޝަރީޢަތެއްނެތި "ޙުކުމް" ތަންފީޒުކުރެވުނީމައި ހަމަ ސުވާލު އުފެދެއެވެ. މިނިވަންކަމަށް މަސައްކަތްކުރާ އަދި ޢަދުލު އިންސާފަށްގޮވާ ދުނިޔޭގެ ޖަމްޢިއްޔާތަކުންވެސް އެއްވެސްއެއްޗެއްބުނާތީ އަޑުއިވިފައެއްނެތެވެ. ޔޫރަޕުން އެބުނާ "ޢަދުލު އިންސާފަކީ" ހަމަ މިއީބާއެވެ؟

ސައްދާމް ޙުސައިން ދަންޖައްސާ އަވަހާރަކޮށްލެވުނީ މުސްލިމުންގެ މާތްވެގެންވާ ޢީދު ދުވަހެއްގައެވެ. އޭގެ ވީޑިއޯތައް ވެސް ޢާއްމުވެފައި ވެއެވެ. އުސާމާ ބިން ލާދިން އަވަހާރަކޮށްލެވިފައި ވަނީ އެއްވެސް ހަތިޔާރެއްނެތި، އޭނަ އަވަހާރަކޮށްލެވުނީ ކިހިނެއްކަން އެނގޭފަދަ އެއްވެސް ސާބިތު ހެއްކެއް ނުދެއްކިއެވެ.

ދެން ފެނުނީ ޤައްޒާފީ އަވަހާރަކޮށްލެވުނު ތަނެވެ. އޭނާވެސް ސައްދާމް ޙުސައިން ފަދައިން ދިރިހުއްޓާ އަތުލެވުނެވެ. ހިތްހަމަޖެހޭވަރަށް އަނިޔާކުރެވުމުން ދެން އަވަހާރަކޮށްލީއެވެ. އޭނާގެ ވަށައިގެންތިބި 100 އަށްވުރެ ގިނަމީހުން ލެއިން ތަތްތެޅިފައިވާ އޭނަގެ މޫނާއެކު ފޮޓޯނަގައި ހަޅޭއްލަވައި މަރާލެވިފައިވާ އެއިންސާނާޔާ ދިމާލަށް ހީ، އޭނާގެ ވަށައިގެން ނަށައި، ބޮލުގެ އިސްތަށިތަކަށް ދަމައި، ހަދާފައިވާކަން ފެންނަންހުރި ވީޑިއޯތަކުގައި އެބަހުއްޓެވެ. އާނއެކެވެ. ގައްޒާފީ އަކީ ނުބައިނުލަފާ ވެރިއެކެވެ. އެހެންނަމަވެސް މަރުވެފައިވާ އިންސާނާގެ ހަށިގަނޑަށް ކުރަންޖެހޭ އިޙްތިރާމް ކޮބައި ހެއްޔެވެ؟ އިންސާނިއްޔަތޭ ކިޔައިގެން ހަޅޭއްލަވާ އިންސާނީ ޙައްޤުތަކަށްޓަކައި ވަކާލާތުކުރާ ވެރިން ކޮބައިބާއެވެ. އެއްވެސް ޙާލެއްގައި ގައްޒާފީއަށް ސަޕޯޓުކުރަނީކީ ނޫނެވެ. އެކަމަކު އެއީ އިންސާނެކެވެ. އޭނައާއިމެދު ކަންތައް ކުރެވިފައިވަނީ ޖަނަވާރުންނަށް ވުރެވެސް ދަށުދަރަޖައިގަ އެވެ.

އިންސާނިއްޔަތާއި ޚިލާފު ޢަމަލުތަކެއް ކޮށްގެން ހައްޔަރުކުރެވުނު ޔޫގޮސްލާވިޔާގެ ކުރީގެ ރައީސް ސްލޮބޮޑާން މިލޮސޮވިޗް ދުނިޔޭގެ ހަނގުރާމައިގެ ކުށްތައް ބަލާ ޖަމްޢިއްޔާއިން ހިފާ ހައްޔަރުކޮށް އޭނައާ މެދު "އިންސާފުން" ޝަރީޢަތް ކުރެވެމުންދިޔަ ގޮތަށް ދިރިހުއްޓާ އަތުލެވުނު ސައްދާމު ޙުސައިން އާއި، ގައްޒާފީއާ މެދު ޝަރީއަތް ނުކުރެވުނީ ކީއްވެގެންތޯއެވެ؟

އަވަހާރަކޮށްލެވުނު މިތިންމީހުން ކަތިލުމަށްޓަކައި "ޑިމޮކްރަސީ" ގެނެސްދިނުމުގެ ނަމުގައި، ނުވަތަ ދުނިޔެއިން ޓެރަރިޒަމް ފުހެލުމުގެ ނަމުގައި ޔޫރަޕުން މި ތިންމީހުން އުޅުނު ޤައުމުތަކަށްއަރާ "އިންސާނިއްޔަތަށްޓަކައި" އަގުނުކުރެވޭ ވަރުގެ ޚިދުމަތްތަކެއް ކޮށްދީފައިވާކަމަށް ބައެއްމީހުން ދަޢުވާ ވެސް ކޮށްފާނެއެވެ. އެއީ އެބައިމީހުން އެކަން ކޮށްދީފައިވަނީ ވެސް އެބައިމީހުންގެ ސިފައިންނާއި، ހަތިޔާރު ބޭނުންކޮށްގެން ހިލޭސާބަހަށް ކަމަށްވާތީ އެވެ. ކިހާ ހެޔޮފުޅުވީމަތޯއެވެ.

 

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.