ރިޕޯޓް

ދުނިޔެ ހޫނުވުމުގެ ވާހަކައިގެ އެކޮޅު މިކޮޅު

ދުނިޔެ ހޫނުވަނީއެވެ. ދުނިޔޭގެ އުތުރާއި ދެކުނު ޕޯލުގައި ހުރި އައިސްތަށް ވިރެނީއެވެ. ކަނޑުގެ ލޮނުގަނޑު އުފުލެނީއެވެ. ދިވެހި ރާއްޖެފަދަ ތިރި ޖަޒީރާޤައުމުތަށް އަޑިއަށްހިނގައިދާން އޮތީ ގުނޭލެވޭފަދަ އަހަރުތަކެކެވެ. މިއީ ވަރަށް ގިނައިންދެކެވޭ ވާހަކައެކެވެ. މިވާހަކަ ދައްކައިގެން ބައެއްމީހުންނަށް ބޮޑެތި އިނާމްތަށްވެސް ލިބިފައިއެބަހުއްޓެވެ. އަދި އިނާމު ހޯދަންވެސް އަނެއްބަޔަކު މަސައްކަތް ކުރަމުންދެއެވެ. މިފަދަ ކޮންމެ ވާހަކަ އެއްގެވެސް ދެކޮޅު އޮންނަކަމުން ޢިއްޒަތްތެރި ކިޔުންތެރިންނާއި ހަމަޔަށް މިވާހަކައިގެ އަނެއްކޮޅު ފޯރުކޮށްދިނުމަކީ ޑިމޮކްރަސީގެ ޢަމަލެއްކަމުގައި ދެކެމެވެ. ސަބަބަކީ ދުނިޔެ ހޫނުވެ، ކަނޑުގެ އުފުލިއްޖެ ނަމަ އެންމެ ބޮޑު ދެރައެއް ލިބޭނީވެސް ހަމަ އަޅުގަނޑުމެން ދިވެހީންނަށެވެ. އޮސްޓްރޭލިޔާ ނުވަތަ އިންޑިޔާފަދަ ކަރައެއްގެ ވަލުތެރެއަށް ހިޖުރަކުރާން ޖެހޭނީވެސް އަމަ ދިވެހީންނަށެވެ. ވީމާ މިފަދަ ވާހަކަތަކެއް އެންމެ މަތީ ފަންތީގައި ދެކެވެމުންދާ ދުވަސްވަރެއްގައި ނުތަނަވަސް ވެފައިވާ ހިތްތަކަށް ތަސްލީއެއް ލިބޭފަދަ ވާހަކަ ތަކެއް ހުރިނަމަ އެވާހަކަ ތެކެއް ގެނެސްދިނުމަކީ ދަރުމަ ހުރި، ދީނީ އަދި ޤައުމީ ވަޖިބެއްކަމިގައި ދެކެމެވެ. ހަމަ ޔަޤީނުންވެސް ދުނިޔެ ހޫނުވެ ކަނޑު އުފުލަނަ ނުދިނުމަށްޓަކައި ދިވެހީނަށް ކުރެވޭނެ ހަމަ އެއްކަމެއްވެސް ނެތެވެ. މިފަދަ ނުވަތަ އެނޫންވެސް އާފާތްތަކުން ސަލާމަތް ކުރަށްވާތޯ އަޅުގަނޑުމެންގެ އުޅުން އިސްލާހުކޮށް ﷲ އަށް ދުޢާ ކުރުން ފިޔަވައެވެ. މިހެން ދެންނެވިޔަސް އަޅުގަނޑުމެން މިނާޒުކު ރަށްތަކުގެ ވެށި ސަލާމަތް ކުރުމަށްޓަކައި ކުރާންޖެހޭ ކަންތައްކަމުގައިވާ ގަސްއިންދުމާއި، ރަށްގިރުން ހުއްޓުވުންފަދަ ކަންތަށް އަބަދުވެސް ކުރާންޖެހޭނެއެވެ. އެއީ މުޅީން އެހެން ވާހަކަ އެކެވެ.

ދަންނާށެވެ! ދުނިޔެ ހޫނުވެ ކަނޑު އުފުލިދާނޭ ކަމުގައި ދެކެވޭ ވާހަކައަކީ ދުނިޔޭގެ މޫސުމާއި ބެހޭ އެތަށް ސައިންސިސްޓުން އެކަމަށް އިންކާރު ކުރާ ވާހަކަ އެކެވެ. އެމީހުން ދެކޭ ގޮތުގައި މިވާހަކަޔަކީ ބަޔަކު ސިޔާސީ އަދި އިޤްތިޞާދީ މަގުޞަދު ތަކެއް ހާސިލް ކުރުމަށްޓަކައި ހިސާބަށްވުރެ ކަންބޮޑުކޮށްގެން މީހުން ބިރުގަންނަވަންވެގެން ފަތުރާ ވާހަކަ ތަކެކެވެ. މިއީ ސައިންޓިފިކް ހަޤީގަތަށްވުރެ ބޮޑަށް ސިޔާސީ ކަންތަށް ގަނޑެކެވެ. މީސްތަކުން ހައްދު ފަހަނައަޅައި ދަނީ ހަމަ އެކަނި ދީނީ ގޮތަކުންނޫނެވެ. ލާދީނީ ގޮތުންވެސް ހައްދު ފަހަނައަޅައި ދެއެވެ. މިފަދަ މީހުންނަކީ "އެންވަޔަރންމެންޓް އެކްސްޓްރީމިސްޓުން" ނެވެ. ގުލޯބަލް ވޯރމިންގް ) ދުނިޔެ ހޫނުވުމުގެ ބިރުގެންނެވުމުގެ( ފަހަތުގައިވާ ސިޔާސީ އަދި އިޤްތިޞާދީ ސިއްރުތަށް ރަނގަޅަށް ދެނެވަޑައިގަންނަވާ "އެތެރޭ ކޮއިލުގެ" ބޭފުޅެއްކަމުގައިވާ އެމެރިކާގެ އޮކްލަހޯމާ ސްޓޭޓްގެ ސެނެޓަރ ޖޯންސް އިންހޮފޭ އެމެރިކާގެ ކޮންގްރެސްގައި ދެއްވި ތަޤުރީރެއްގައި ވިދާޅުވި ގޮތުގައި:

"އާދަޔާ ޚިލާފަށް ދުނިޔެ ހޫނުވަމުން އަންނަކަމުގައި ބުނާ ބުނުމަކީ އެމެރިކާގެ ރަށްޔިތުންގެ މަށްޗަށް މިހާތަނަށް ބަޔަކު ހަދާފައިވާ އެންމެބޮޑު މަކަރެވެ."

އެނާ ފާހަގަ ކުރަށްވާ ގޮތުގައި ފަހުގެ ސައިންޓިފިކް ރިސާރޗް ތަކުން ދައްކާގޮތުގައި މަންޑި ދަނޑިގަނޑެއް އޮންނަ ބީދައިން މަޑުމަޑުން ދުނިޔޭގެ ޓެމްޕެރޭޗަރ މައްޗަށް ދާ ކަމަށް މައިކަލް މާން ކިޔޭ ސައިންޓިސްޓެއް ކުރަހާފައިވާ ތަސައްވުރަކީ ހަޤީޤަތެއްނޫނެވެ. މި ރިސާރޗް ތަކުން ދައްކާފައިވާ ޙަޤީޤަތަކީ ދުނިޔޭގެ ޓެމްޕެރޭޗައ ދަނީ ފިނި ދުވަސްވަރާއި ހޫނު ދުވަސްވަރު ތަކުރާރުވާ ބުރުތަކެއް އަޅަމުންނެވެ. ވޭތުވެ ދިޔަ ޤަރުނުގައި ދުނިޔެ ހޫނުމިން ވަނީ ހިސާބަކަށް މައްޗަށްގޮސްފައެވެ. ނަމަވެސް އެއީ ކޮންމެހެން އިންސާނީ ޞިނާޢަތާއި ގްރީންހައުސް ގޭހުގެ ސަބަބަކުން ނޫންކަމުގައްޔާއި އެއީ ޠަބީޢީ ގޮތުން ދުނިޔޭގެ ހޫނުމިނަށް އެކި ދުވަސްވަރުގައި އަންނަ ބަދަލު ތެރޭގައި ހިމެނޭ ކެމެއްކަމުގައިވުން ގާތް ކަމުގައި އެމީހުން ދެކެއެވެ. ރިސާރޗް ތަކުން ދައްކާގޮތުން މީގެ އެތަށް ޤަރުނެއް ކުރީން، އިންޖީނުލީ އުޅަނދުތަށް ނުއުފައްދާ އިރުވެސް ދުނިޔޭގެ ހޫނުމިން މިހާރަށްވުރެ މައްޗަށްގޮސްފައިވެއެވެ.

ދުނިޔެ ހޫނުވެ އަޅުގަނޑުމެން ބޯމައްޗަށް ކަނޑުގެ ލޮނުގަނޑު އުފުލިދާނޭ ކަމުގެ ބިރުވެރި ވާހަކަތަށް ތިމާވެށިގެ ބަފައިން ކެނޑިނޭޅި ދައްކަމުންދާއިރު އަޅުގަނޑުމެންނާއި ހަމަޔަށް ގެނެސްނުދީހުރި ބައެއް ޙަޤީޤަތްތަކުގެ މައްޗަށް ބަލާލަމާ ތޯއެވެ؟ މިއަހަރުގެ ކުރީކޮޅުގައި، އުތުރު އެމެރިކާ، ރޫސީވިލާތުގެ ސައިބީރިޔާ، މޮންގޯލިޔާ އަދި ޗައިނާއަށް 6691 އަށްފަހު ދުވަހަކުވެސް ނުވެހޭ މިންވަރަށް ސްނޯ ވެހިފައި ވެއެވެ. އެމެރިކާގެ މޫސުމާއި ބެހޭ މަޢުލޫމާތު އެއްކުރާ ގައުމީ މަރުކަޒު )ނޭޝަނަލް ކްލައިމެޓިކް ޑޭޓާ ސެންޓަރ( އިން ބުނާ ގޮތުގައި މިއަހަރު ޖެނުއަރީ އަދި ފެބުރުއަރީގައި އެމެރިކާގެ ގިނަ ރަށްރަށުގެ ޓެމްޕެރޭޗަރ ވޭތުވެ ދިޔަ ސަތޭކަ އަހަރު )1091 އިން 0002 އަށް( ހުރި އެވްރެޖަށްވުރެ 3.0 ޑިގްރީ ދަށެވެ. ހަމަ މިއަހަރުގައި ޗައިނާއަށް ވަނީ މިދިޔަ ސަތޭކަ އަހަރުގެ ތެރޭގައި ނާންނަވަރުގެ ފިނިގަދަ ފިނި މޫސުމެއް އައިސްފައެވެ. ފިނިގަދަ ވުމުގެ ސަބަބުން އެތަށް ރަށަކުން އެތަށް ހަފްތާއެއް ވަންދެން ކަރަންޓު ކެނޑިފައި ވެއެވެ. ކުޑަކުދިން ބިރުގަންނަވަން ބޮޑުމާލި އަރާވާހަކަ ކިޔާ ބީދައިން އަބަދު ކިޔަމުން އަންނަނީ އުތުރުޕޯލް އަރކްޓިކް ސަރަހައްދުގެ ކަނޑުގައި ގަނޑުވެފައިވާ އައިސް ވިރެމުން އަންނަވާހަކައެވެ. ނަމަވެސް ކެނެޑާގެ އޮޓާވާގެ ކެނޭޑިއަން އައިސް ސާވިސްގެ އިސްބޭފުޅެއް ކަމުގައިވާ ގިލްސް ލެންގިސް ބުނާގޮތުން ދާދި ފަހުން އައި ފިނީގެ ދުވަސް ވަރުގައި އާރކްޓިކް އައިސް ވިރެމުން އައި އައުންވަނީ ހުއްޓިފައެވެ. އަދި ގިނަ ސަރަހައްގު ތަކުގައިވާ އައިސް ފަށަލައިގެ ބޯމިން މިދިޔަ އަހަރަށްވުރެ 02 ސެންޓިމީޓަރ އިތުރުވެފައިވެއެވެ. އަދި މި ފަހަކުން އަރކްޓިކް އައިސް ވިރިފައިވާ ވަރަށްވުރެ މާބޮޑު މިންވަރަށް މީގެ ކުރިން އައިސް ވިރިފައިވާ ކަމުގެ ޖިއޮލޮޖިކަލް ހެކިތަށް ފެންނާން އެބަހުއްޓެވެ. ދުނިޔެ ހޫނުވުމާއި ކަނޑު އުފުލުމުގެ އެދުރުން ޢާންމުންނަށް އަންގަން އެހާ ބޭނުންނުވާ އެއްކަމަކީ ދުނިޔޭގެ މޫސުމުގެ ހުރިހާ ކަމެއްހެން އާރކްޓިކްގެ ގަނޑުފެނަކީވެސް އަހަރު ތެރޭގައްޔާއި އަދި ޒަމާންތަކުގެ ތެރޭގައި އެކިފަހަރު އެކިވަރަށް ބަދަލު އަންނަ އެއްޗެއްކަމެވެ.

ދުނިޔެ ހޫނުކުރާ ލޮބީގައި ނުހިމެނޭ ދުނިޔޭގެ މަޝްހޫރު އެތަށް ސައިންސިސްޓުންނެއް ގަބޫލު ކުރާގޮތުގައި ދުނިޔޭގެ މޫސުމާއި ޓެމްޕަރޭޗަރ އަށް މިފަހަކުން އައިސްފައިވާ ބަދަލު ގުޅިފައިވަނީ އިރުގެ މޫސުމަށް އަންނަ ބަދަލުފަދަ ޠަބީޢީ ސަބަބު ތަކާއެވެ. ކޮންމެހެން އިންސާނީ ހަރަކާތްތަކަކާއި ނޫނެވެ. މިކަމަކީ މީގެ ކުރިންވެސް އެކި ޒަމާންތަކުގައި ދައުރުވެ ތަކުރާރުވަމުން އައިސްފައިވާ ކަމެކެވެ. މާނަޔަކީ މިކަން ހުއްޓުވުމަށްޓަކައި އިންސާނުންނަށް ކުރެވޭނޭ މާބޮޑު ކަމެއްނެތެވެ.

މި އަޑަކީ އަލިފު ދާލުން ނުވަތަ އެނޫން ފަރާތްތަކުން އިސްނަގައިގެން އުފުލަމުން އަންނަ އަޑެއްކަމުގައި ވިޔަސް މިވާހަކަ ތަކަކީ މަތިން ބާވާލައްވާފައިވާ އެއްޗެއް ގަބޫލުކުރާ ބީދައިން ސަތޭކަ ޕަސެންޓު ޙަޤީގަތް ކަމުގައި އަޅުގަނޑުމެން ގަބޫލު ކުރަންޖެހޭ ވާހަކަތަކެއް ނޫނެވެ. މި ވާހަކަ ތަކުގެ އެހެން ފަރާތެއްވެސް ވާކަން މަތީގައި ބަޔާންކުރެވުނު މަދު ވާހަކަ ކޮޅުންވެސް އެގިއްޖެއެވެ. މިކަމުގެ އަޑީގައިވާކަމަށް ތުހުމަތު ކުރެވޭ ސިޔާސީ އަދި އިޤްތިޞާދީ ސަބަބުތަކާއި އަދި ބާރުތަކާއިމެދު ކަންކަމާއި މެދު ވިސްނާ މުފައްކިރުން ބޮޑެތި ދިރާސަ ފޮތްތަށް ލިޔެފައި އެވަހުއްޓެވެ. ﷲ އިރާދަ ކުރެއްވިއްޔާ އަޅުގަނޑުމެން ދިވެހީން މިލޮބުވެތި ވަޒަން ދޫކޮށް އޮސްޓްރޭލިޔާ ނުވަތަ އެނޫންވެސް ކަރައެއްގެ ވަލުތެރެއަށް ހިޖުރަ ކުރާކަށް ނުޖެހޭނެއެވެ. އަޅުގަނޑުމެންގެ އެދުމަކީ އެއްވެސްބަޔަކު އެފަދަ ވާހަކަތަށް ނުދެއްކުމެވެ. ﷲގެ އިރާދަފުޅުން މިރަށްތަކަކީ އެރަށްތަކެއްގައި ހަމައެކަނި އެއިލާހަށް އަޅުކަންކުރެވޭ އަދު އެއިލާހުގެ ޚާއްޞަ ޢިނާޔަތާއި އަދި ރަށްކާތެރިކަން ލިބިގެންވާ ރަށްތަކެއްކަމުގައި ލައްވާށި! އާމީން!

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *

More in ރިޕޯޓް