ރިޕޯޓް ތަރުބިއްޔަތުގެ ނަމުގައި ކުޑަކުދިންނަށް އަނިޔާ ނުކުރާށެވެ!

ތަރުބިއްޔަތުގެ ނަމުގައި ކުޑަކުދިންނަށް އަނިޔާ ނުކުރާށެވެ!

ތަރުބިއްޔަތުގެ ނަމުގައި ކުޑަކުދިންނަށް އަނިޔާ ނުކުރާށެވެ!

ކިޔާލަން ހޭދަވާނީ 6 މިނިޓް

ފޮންޓް ސައިޒް

"ފިހާރައަކުން ފިރިހެނަކު ނިކުތެވެ. އޭނާގެ ދެއަތުގައި ފިހާރައިން ގަތް ބައެއް ސާމާނު އަޅާފައިހުރި ކޮތަޅުތަކެއް ހުއްޓެވެ. އޭނާއާއެކު ތުއްތު އަންހެން ކުއްޖަކު ހުއްޓެވެ. އެކުއްޖާގެ ޢުމުރުން، އަހަރެން ލަފާކުރާ ގޮތުގައި 4 އަހަރަށްވުރެ ބޮޑު ނުވާނެއެވެ. ކާރުގެ ކައިރިއަށް ގޮސް ކާރުގެ ދޮރު ހުޅުވުމަށް އެއަންހެން ކުއްޖާއަށް އޭނާ އަމުރު ކުރިއެވެ. އޭނާގެ ދެއަތުން ކޮތަޅުތަކުގައި ހިފައިގެން ހުރީތީއެވެ. އެވަގުތު އެކުއްޖާ ކާރުގެ ދޮރު ހުޅުވޭތޯ ވަރަށް މަސައްކަތް ކުރިއެވެ. އެހެން ނަމަވެސް ދޮރެއް ނުހުޅުވުނެވެ. ދޮރު ނުހުޅުވުމުންވެސް އެކުއްޖާ، އިތުރަށް ދޮރު ހުޅުވޭތޯ މަސައްކަތް ކުރަމުން ދިޔައެވެ. ލަފާކުރެވޭ ގޮތުގައި އެއީ އެމަސައްކަތް ފުރިހަމަ ނުކުރެވިއްޖެނަމަ ކުރިމަތިވާނެ ނުރައްކަލާއި އަޒާބު އޭނާއަށް އެނގޭތީއެވެ. އެންމެފަހުން އެއީ ނުކުރެވޭނެ ކަމެއްކަން އެނގުމުން އަމާން ދީފިއެވެ. އަދި ބައްޕައަށް އެއްފަހަރު ބެލިއްޔާ ކާރުގެ ދޮރަށް އަނެއްފަހަރު ބަލަން ފެށިއެވެ.

އޭނާއަށް ނުކުރެވުނު މަސައްކަތް ކުރުމަށް ބައްޕަގެ އަތުގައި ހުރި ކޮތަޅުތައް އެއްފަރާތް ކޮށްފައި އެމަސައްކަތް ފުރިހަމަ ކޮށްދިނުން އެދޭފަދަ ގޮތަކަށެވެ.

އެފިރިހެން މީހާ (ބައްޕަ) އެވަގުތު އެ ކުޑަކުޑަ އަންހެން ދަރިފުޅުގެ ބުރަކަށީގައި އޭނާގެ ފައިން އަޅާ ކާރާ ދިމާއަށް ކޮއްޕާލިއެވެ. ދަރިފުޅުގެ މޫނު ގޮސް ކާރުގައި ބާރަށް ޖެހުނެވެ. އަދި ހަމަ އެވަގުތު ދަރިފުޅު ބިންމައްޗަށް ވެއްޓުނެވެ. އަދި އެމަންޖެ ބާރަށް ރޯން ފެށިއެވެ. އޭނާގެ ގައިގައި އަޅަމުންދިޔަ ވޭނާއި ލިބުނު ނިކަމެތިކަމާއި ހެދި ހިތާމަކުރާ ޙާލުގައެވެ.

ތަދަކީ މޫނު ގޮސް ކާރުގައި ޖެހުމުން ލިބުނު ވޭނެއެވެ. ނިކަމެތިކަމަކީ އެމަންޖެއަށް ކުށެއް ކުރެވުމަކާ ނުލައި އެފަދަ އަނިޔާއަކާއި ކުރިމަތިލާން ޖެހުމެވެ. އެމަންޖެގެ ކިބައިން ކުރެވުނީ ކުށެއް ކަމުގައި ވީނަމަވެސް އޭނާގެ ޢުމުރުގެ ހަނގުކަމަކީ އޭނާގެ އަދަބުން އޭނާ ސަލާމަތްކޮށްދޭނެ މަޤުބޫލު ޢުޛުރެކެވެ.

މި ފިރިހެން މީހާ ދަރިފުޅަށް މި އަނިޔާ ދިނުމަށްފަހު އޭނާގެ އަތުގައި ހުރި ބައެއްތަކެތި އެއްފަރާތުގައި ބެހެއްޓުމަށްފަހު، ކާރުގެ ދޮރު ހުޅުވިއެވެ. އަދި ކާރުގެ ފަހަތު ސީޓަށް ބިންމަތީގައި އޮތް ދަރިފުޅު ނަގާ ޖަހާލިއެވެ. އެމަންޖެގެ ރުއިމާއި ވޭނާއި ހިތާމައަށް އެއްވެސް ފަރުވާލެއް ބެހެއްޓުމެއް ނެތިއެވެ. "

މިއީ ޢަރަބި ބަހުން ލިޔެވިފައިވާ ލީފްލެޓެއްގައި ގެންނަވާފައިވާ ހަގީގީ ހާދިސާއެކެވެ.

މިއީ އަޅުގަނޑުމެންގެ މުޖުތަމަޢުގައި ނުހިނގާ ކަމެއް ނޫނެވެ. އާ ކަމެއް ވެސް ނޫނެވެ. ދާދި ފަހުން އަޅުގަނޑުމެންނަށް ފެނިގެންދިޔަ ފޭސްބުކު ވީޑިއޯއެއްގައި، ދިވެހި އަންހެނަކު އެއްވެސް ރަޙުމެއް ނެތި އަންހެނަކު ކުޑަ ކުއްޖަކަށް އަނިޔާކުރިތަން ވަނީ ފެނިފައެވެ. އަދި މީގެ އިތުރަށްވެސް ކުޑަކުދިންނަށް އަނިޔާކުރުމުގެ ޚަބަރުތައް މިއަދު ވަނީ ޢާއްމު އަޑަކަށް ވެފައެވެ.

މިލިޔުން ލިޔުމުގެ ތެރޭގައި، ޝޮޕިންމޯލެއްގެ ތެރެއިން އަޅުގަނޑަށް ފެނުނު މަންޒަރެކެވެ. އަންހެނަކު އޭނާގެ 7 އަހަރަށްދާ ވަރުގެ ދަރިއަކާއެކު ލިފްޓުން ފޭބިއެވެ. ކުއްލިއަކަށް އެތިފަހަރެއް ވީއްލާލި އަޑަށް އަޅުގަނޑަށްވެސް އެދިމާއަށް ބަލާލެވުނެވެ. އޭރު އެއަންހެންމީހާ އޭނާގެ އަތުން އެ ތުއްތު އަންހެން ކުއްޖާގެ މޫނު މަތީގައި އެތިފަހަރެއް ވީއްލާލަނީއެވެ. ތިން ހަތަރު އެތިފަހަރު ވީއްލާލިއިރުވެސް އޭނާގެ ހިތްހަމަޖެހުނު ހެނެއް ހިއެއް ނުވިއެވެ. އެމައުސޫމް ކުއްޖާއަށް ކުރެވުނުހައިވެސް ކަމަކީ އެ މަންމަގެ ފަހަތުން ގިސްލަމުން ރޮމުން ދިޔުމެވެ.

މިކަހަލަ ކިތައް މަންޒަރުތޯއެވެ. އަޅުގަނޑުމެންގެ ރާއްޖޭގެ ރަށްތަކުގައި، ދަރިން ރޭގަނޑު ކަނު އަނދިރީގައި ގެއިން ބޭރުގައި ބަނދެފައި ބޭތިއްބުމާއި، ދަރިންގެ އަނގައަށް ކުޅި ގިތެޔޮ މިރުސްފަދަ ތަކެތި އެޅުމާއި، ވަޅަށް ލުމާއި، މިފަދަ ކިތަންމެ ކަމެއް ފެނިގެން ދެއެވެ.

މިއީ އިސްލާމްދީނުގައި ތަރުބިއްޔަތު ދިނުމަށް އޮތް ގޮތެއް ނޫނެވެ. މިފަދަ ގޮތްތަކުން އިސްލާމްދީން ބަރީއަވެގެންވެއެވެ.

ހަމަކަށަވަރުން އިސްލާމްދީނަކީ ރަޙްމަތުގެ ދީނެވެ. އަދި ލޮބުވެތި ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމް އަކީ ރަޙްމަތުގެ ނަބިއްޔާއެވެ. ((وَمَا أَرْسَلْنَاكَ إِلاَّ رَحْمَةً لِلْعَالَمِيْنَ)) އަދި ޢާލަމްތަކަށް ރަޙްމަތެއްގެ ގޮތުގައި މެނުވީ ތިމަންއިލާހު ކަލޭގެފާނު ނުފޮނުއްވަމެވެ.

ފަހެ މިފަދަ މައިންބަފައިން ހަރުކަށިކަން ދަސްކުރީ ކޮންތަނަކުން ހެއްޔެވެ؟ އަދި ބައެއް ނަޢަމް ސޫފިތަކަށްވުރެ ދަށު ދަރަޖައަކަށް މިބައިމީހުން ވެއްޓިގަތީ ކޮން ސަބަބަކާ ހުރެހެއްޔެވެ؟ އެހެނީ އެސޮރުމެންވެސް އޭގެ ދަރިއަށް ގެއްލުންވެދާނެތީ އެދަރިއަށް އަނިޔާއެއް ވެދާނެތީ ސަމާލުވެއެވެ.

ނުވަތަ މިފަދަ މައިންބަފައިން، އެބައިމީހުންގެ ދަރިންނަށް ޢަޛާބު ދިނުމާއި ބަންދު ކުރުމާއި އެކުދިން ދުރުކުރުން މިއީ ތަރުބިއްޔަތުގެ އެންމެ ރަނގަޅު ގޮތްކަމުގައި ދެކެނީ ހެއްޔެވެ؟ އެގޮތަށް ދެކޭކަމުގައިވާނަމަ، އެބައިމީހުން އެތިބީ ބޮޑުވެގެންވާ ޖާހިލުކަމެއްގައެވެ. އެހެނީ ހަރުކަށިކަމާއި އަނިޔާވެރިކަމުގެ ސަބަބުން ދަރިންގެ ހިތްތަކުގައި ނަފްރަތާއި ރުޅިވެރިކަން އުފެދުން ފިޔަވައި އެހެން ކަމެއް ނުއުފެދޭނެއެވެ.

އެހެންކަމުން ﷲ ތަޢާލާ ވަނީ ހަރުކަށިކަމާއި އަނިޔާވެރިކަމަކީ ނިކަމެތިކަމާއި މީހުންތިމާއާއި ދުރުހެލިވެގަންނާނެ ސަބަބެއްކަންވެސް ކީރިތި ޤުރްއާނުގައި އަންގަވާފައެވެ. ((فَبِمَا رَحْمَةٍ مِنَ اللَّهِ لِنْتَ لَهُمْ وَلَوْ كُنْتَ فَظًّا غَلِيظَ الْقَلْبِ لانْفَضُّوا مِنْ حَوْلِكَ)) (آل عمران ١٥٩)  މާނައީ: އެއުރެންނަށް ކަލޭގެފާނު އޯގާވެރިވެވަޑައިގަތީ، ﷲގެ حضرة ން ލެއްވި رحمة އެއްގެ ސަބަބުންނެވެ. ހިތްޕުޅު ހަރުކަށި، خُلق ނުބައި ބޭކަލަކު ކަމުގައި ކަލޭގެފާނުވިނަމަ، ކަލޭގެފާނުގެ އަރިހުން އެއުރެން ވަކިވެގެން ހިނގައްޖައީހެވެ.

މިފަދަ ހަރުކަށިކަމާއެކުގައި ދަރިންނާ މުޢާމަލާތް ކުރާ ބައްޕައަކު ނުވަތަ މަންމައަކު، މުސްކުޅި ޢުމުރާ ހަމައަށް ދާހިނދު އެދަރިންގެ ކިބައިން އެކަށީގެންވާ އެހީތެރިކަމެއް ލިބުމަކީ ނާދިރު ކަމެކެވެ. ނުވަތަ މުސްތަޙީލު ކަމެކޭ ވެސް ދެންނެވިދާނެއެވެ. އަދި ފަހަރުގައި އެދަރިންނަށް ކުޑައިރު އެދިން ޢަޛާބުގެ ކޯވަރުތަކުން، އެމައިންބަފައިންނަށް ދިނުމަކީވެސް ދުރުކަމެއް ނޫނެވެ.

ވާހަކައެއްގައި ވެއެވެ. ބައްޕައަކު މަރާލަންވެގެން އޭނާގެ ދަރިފުޅު ދިޔައެވެ. އެވަގުތު ބައްޕަ ދަރިފުޅުގެ ގާތުގައި ބުންޏެވެ. އޭ ދަރިފުޅާއެވެ. ކަލޭ ތިމަންނަ މަރާލަން ޤަޞްދުކުރާނަމަ އެހެރަ ހިލަގަނޑުގެ ކައިރީގައި ތިމަންނަ މަރާލާށެވެ. ދަރިފުޅު ބުންޏެވެ. އެހިލަގަނޑުގެ ކައިރީގައި ކީއްވެ ހެއްޔެވެ؟ ބައްޕަ ބުންޏެވެ. އެއީ އެހިލަގަނޑުގެ ކައިރީގައި އަހަރެން އަހަރެންގެ ބައްޕަ މަރާލީތީވެއެވެ.

ލޮބުވެތި މައިންބަފައިންނޭވެ. އެއްވެސް ޙާލެއްގައި މަންމައަކަށް ވުމަކީ ނުވަތަ ބައްޕައަކަށްވުމަކީ، އެއީ ދަރިންގެ މައްޗަށް އުފުލާލެވޭ ޗާބޫކެއް ނުވަތަ ދުއްރާއެއް ތިބާއަށް ލިބުންކަމުގައި ނުދެކޭށެވެ. ނުވަތަ ބައެއް މައިންބަފައިން ދެކޭ ގޮތަށް އެއީ ތިމާއަށް ލިބިފައިވާ ޙައްޤެއް ކަމުގައި ދެކި، ދަރިންނަށް އަނިޔާ ނުކުރާށެވެ.

ލޮބުވެތި މައިންބަފައިންނޭވެ.

މައިބަފައިވަންތަކަމަކީ، އެއީ އޯގާތެރިކަމެވެ. އެއީ ރަޙުމު ކުރުމެވެ. އެއީ ލޯތްބެވެ. އެއީ ކުލުނެވެ. އެއީ ހެޔޮފޯރުކޮށްދިނުމެވެ. އެއީ ޙިލްމުވެރިކަމެވެ. އެއީ ކުށެއްކުރާ ހިނދު އެދަރިފުޅުގެ ކިބައިން ބަދަލު ހިފުމުގެ ކުޅަދާނަކަން ލިބިގެންވާ ޙާލުގައިވެސް އެދަރިފުޅަށް މާފުކުރުމެވެ. އެއީ ދަރިން ކުރާ ކަންތައްތަކަށް ކެތްތެރި ވުމެވެ. އެއީ އެކުދިންނަށް ކުރެވޭ ކުށްތަކަށް މާފުކުރުމެވެ. އެއީ ރިވެތި ނަސޭހަތާއި އޯގާތެރިކަމާއެކު ދަރިންނަށް ހެޔޮގޮތް ބަޔާންކޮށްދިނުމެވެ. ރިވެތި ތަރުބިއްޔަތުން ތަރުބިއްޔަތު ކުރުމެވެ.

ފަހެ ހަމަކަށަވަރުން އަހަރެމެންގެ ލޮބުވެތި ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘްކުރެއްވިއެވެ. ( لاَ تُنْزَعُ الرَّحْمَةُ إِلاَّ مِنْ شَقِيٍّ) [رواه أبو داود ، وحسنه الألباني] ހަމަ ކަށަވަރުން އަބާއްޖަވެރިއެއްގެ ކިބައިން މެނުވީ ރަޙުމުކުރުމުގެ ސިފަ ނުނެންގެވޭނެއެވެ.

ކުރީގައި ބަޔާންކުރެވުނު ގޮތަށް ދަރީންނަށް އަނިޔާ ކުރާ މައިންބަފައިންނަކީ، ﷲގެ ޙަޟްރަތުން ދުނިޔެއާއި އާޚިރަތުގައި ޢަޛާބު ޙައްޤުވެގެންދާނެ، އަބާއްޖަވެރި ބަޔަކު ކަމުގައިމެނުވީ އަހަރެމެން ނުދެކެމުއެވެ.

އެއީ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ޙަދީޘްފުޅުގައި މިފަދައިން ވާތީއެވެ. ( أَشَدُّ النَّاسِ عَذَاباً عِنْدَ اللهِ يَومَ القِيَامَةِ، أَشَدُّهُمْ عَذَاباً لِلناَسِ فِي الدُّنيَا) [رواه أحمد ، وحسنه الألباني] މާނައީ: މީސްތަކުންގެ ތެރެއިން ﷲގެ ޙަޟްރަތުގައި ޤިޔާމަތްދުވަހުން އެންމެ ގަދަފަދަ ޢަޛާބު ދެވޭނެ މީހަކީ، އެމީހުންގެ ތެރެއިން ދުނިޔޭގައި މީސްތަކުންނަށް އެންމެ ބޮޑަށް ޢަޛާބު ދިން މީހާއެވެ.

އަދިވެސް އެކަލޭގެފާނު ޙަދީޘްކުރައްވާފައިވެއެވެ. ( إِنَّ اللَّـهَ يُعَذِّبُ الَّذِيْنَ يُعَذِّبُوْنَ النَّاسَ فِيْ الدُّنْيَا) [رواه مسلم] މާނައީ: ހަމަކަށަވަރުން ދުނިޔެމަތީގައި މީސްތަކުންނަށް ޢަޛާބުދޭ މީހުންނަށް ﷲ ޢަޛާބު ދެއްވާނެއެވެ.

އެލޮބުވެތި، ރަޙްމަތުގެ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމް، ހިނިތަކެއް އަންދާލުންވެސް މަނާ ކުރައްވާފައި ވާހިނދު، އެމީހާގެ އަމިއްލަ ދަރިންގެ ހަށިގަނޑުގެ އެކިތަންތަނުގައި އަލިފާން ޖައްސައި އެންދައި،  އެއީ ތަރުބިއްޔަތު ކަމުގައި ދެކޭ މަންމަގެ ޙާލަކީ ފަހެ ކޮބައިބާވައެވެ؟ އެއީ ތަރުބިއްޔަތެއް ނޫނެވެ. ﷲ ގަންދީ ބުނަމެވެ. އެއީ ތަރުބިއްޔަތެއް ނޫނެވެ. އެހެނެއްކަމަކު އޭގެ ނަތީޖާއަކަށް ވަނީ ފިހެވިފައިވާ ދަރިފުޅުގެ ހަށިގަނޑުގެ ބައިތަކާއި، އެދަރިފުޅުގެ ހިތުގައި އެފަދަ މައިންބަފައިންނަށް ނަފްރަތާއި ރުޅިވެރިކަމެވެ.

ޢަބްދުﷲ ބުނު މަސްޢޫދު رضي اللَّـه عنه ވިދާޅުވިއެވެ. ތިމަންބޭކަލުން އަންދާލާފައިވާ ހިނީގެ ބައިގަނޑެއް ރަސޫލުﷲ ދެކެވަޑައިގެންނެވިއެވެ. އެހިނދު ސުވާލު ކުރެއްވިއެވެ. " މި(ހިނިތައް) އަންދާލީ ކާކު ހެއްޔެވެ؟" ތިމަންބޭކަލުން ދެންނެވީމެވެ. "(އެހިނިތައް އަންދާލީ) ތިމަންބޭކަލުންނީމުއެވެ." އެހިނދު ލޮބުވެތި ނަބިއްޔާ صلى اللَّـه عليه وسلم ޙަދީޘް ކުރެއްވިއެވެ. (إِنَّهُ لاَيَنْبَغِيْ أَنْ يُعَذِّبَ بِالناَّرِ إِلاَّ رَبُّ النَّارِ) [رواه أبو داود ، وصححه الألباني] މާނައީ: ހަމަކަށަވަރުން އަލިފާނުގެ ރައްބަށް މެނުވީ އަލިފާނުން ޢަޛާބު ދިނުން އެކަށީގެން ނުވެއެވެ.

އަންހެނަކު އޭނާ ގެންގުޅުނު ބުޅަލެއް ހިފަހައްޓައި އެއަށް ކާން ނުދީ ޢަޛާބުދީ އޭތި މަރުވަންދެން އެގޮތުގައި ބަންދުކޮށްގެން ގެންގުޅުމުގެ ސަބަބުން ނަރަކައަށް ވެއްދެވުނު ވާހަކަ ލޮބުވެތި ނަބިއްޔާ صلى اللَّـه عليه وسلم ވަނީ ބަޔާން ކޮށްދެއްވާފައިވާހިނދު، ދަރިން ގޭގައި ބަންދުކޮށް ދަރިންނަށް ކާންނުދީ، އެކުދިންނަށް ޢަޛާބުދޭ މައިންބަފައިންނާމެދު ތިބާ ދެކެނީ ކޮން ގޮތަކަށް ހެއްޔެވެ؟ އެމީހުން ކިތަންމެ ދަޢުވާއެއް ކުރި ކަމުގައި ވިޔަސް އެބައިމީހުންގެ ދަރިންނަށް އެދެނީ ތަރުބިއްޔަތެއް ނޫނެވެ. އޭގެ ބަދަލުގައި އެދަރިންނަށް ހަލާކުކުރަނީއެވެ. ރަނގަޅު ތަރުބިއްޔަތާއި އެކުދިންނާއިމެދު ހުރަސް އަޅަނީއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.