
ޖަމްޢިއްޔަތުއްސަލަފްގެ ދަޢުވަތަކަށް ޝައިޚް ޢަބްދުއްރަޙީމް ގްރީން ރާއްޖެ ކުރެއްވި ދަތުރުފުޅުގެ ތެރެއިން – ފޮޓޯ : ޑރ. މައުރޫފް ޙުސައިން
އިސްލާމްދީނުގެ ދަޢުވަތުގައި އަވަދިނެތި މަސައްކަތްކުރަމުން އަންނަ، އަދި ދުނިޔޭގެ ގިނަ މުސްލިމުންގެ މެދުގައި، ޚާއްޞަކޮށް ޔޫރަޕާއި އޮސްޓްރޭލިޔާ އަދި އެމެރިކާގެ މުސްލިމް ޒުވާނުންގެ މެދުގައި މަޤްބޫލު ބޭފުޅެއް ކަމުގައިވާ، އިނގިރޭސި މަޝްހޫރު ދާޢީ، ޝައިޚް ޢަބްދުއްރަޙީމް ގްރީންގެ ބައްޕާފުޅު އިސްލާމްވެވަޑައިގެންނެވިތާ 10 ދުވަސް ފަހުން ނިޔާވެއްޖެ އެވެ.
ޝައިޚް ޢަބްދުއްރަޙީމްގެ ބައްޕާފުޅު ނިޔާވީ މިދިޔަ ހޮނިހިރު ދުވަހުގެ ރޭގައެވެ.
އިޤްރައު އިންޓަނޭޝަނަލް ޓީވީގެ ވެބްސައިޓްގައި ވާގޮތުން، ޝައިޚްގެ ބައްޕާފުޅު ގަވިން ގްރީން ނިޔާވިކަން، ޝައިޚް ހާމަކުރައްވާފައިވަނީ އޭނާގެ ރަސްމީ ފޭސްބުކް ޞަފްޙާގައެވެ.
"އަޅުގަނޑުގެ ބައްޕަ ވަނީ މީގެ 10 ވަރަކަށް ދުވަސް ކުރިން ޝަހާދަތް ކިޔައި އިސްލާމްވެފައި. މީގެ ކުޑަ ދުވަސްކޮޅެއް ކުރިން، ބައްޕައަކީ މުސްކުޅިވުމުގެ ސަބަބުން ކިރިޔާ ވާހަކަ ދެއްކޭ ނުދެއްކޭ ވަރުގެ މީހެއް ކަމުގައި ވީތީވެ، ގާތްގަނޑަކަށް ބައިގަޑިއެއްހާއިރު ތަކުރާރުކޮށް ޝަހާދަތް ލައިދިނުމުގައި އަޅުގަނޑުމެން ހޭދަކުރިން." ޝައިޚް ޢަބްދުއްރަޙީމްގެ ފޭސްބުކް ޞަފްޙާގައި ވިދާޅުވެފައި ވެއެވެ.
"ރޭ 22:20 ގައި އަޅުގަނޑުގެ މަންމަ ގުޅައި، ބައްޕަ ނިޔާވިކަމުގެ ޚަބަރު ދިން. ބައްޕަ ނިޔާވީ އީމާންކަމުގެ އަހުލުވެރިއެއްގެ ގޮތުގައި. ބައްޕައަށްޓަކައި ހެޔޮ ދުޢާ ކޮށްދެއްވުން އިތުރު ކޮށްދެއްވާ. އަޅުގަނޑުގެ މަންމަ އަށް ވެސް މިހާރު ވަނީ އިސްލާމްދީނުގެ ހިދާޔަތު ލިބިފައި" ޝައިޚްގެ ފޭސްބުކް ޞަފްޙާގައި އާދިއްތަ ދުވަހު އިތުރަށް ވިދާޅުވެފައި ވެއެވެ.
ޝައިޚް ޢަބްދުއްރަޙީމް ގްރީން އަކީ ޕީސް ޓީވީ އާއި އެހެނިހެން ގިނަ އިނގިރޭސި އިސްލާމީ ޓީވީ ޗެނަލްތަކުގައި ގިނަ ތަޤްރީރު ކުރައްވާފައިވާ ބޭފުޅެކެވެ. އިސްލާމްވެވަޑައިގެންނެވުމަށްފަހު އިސްލާމްދީން ކުރިއަރުވައި ދީނުގެ މެސެޖް ހުޅަނގަށް ފޯރުކޮށްދިނުމުގައި ޝައިޚް ޢަބްދުއްރަޙީމް ގެ ދައުރު ވަރަށްވެސް ބޮޑެވެ. ޝައިޚް ޢަބްދުއްރަޙީމް ވަނީ ދާދިފަހުން ޖަމްޢިއްޔަތުއްސަލަފުން އިންތިޒާމްކުރި "ދަކޯލް" އިވެންޓަށް ރާއްޖެއަށް ވަޑައިގެން ތަޤްރީރު ކުރައްވާފައެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...