މިނިވަން ދައުލަތެއްގެ ދަރަޖަ ހޯދުމަށް ފަލަސްތީނުން އދ. ގެ ސަލާމަތީ މަޖިލީހަށް ހުށަހަޅާ ހުށަހެޅުމަށް ފުރިހަމައަށް ތާއީދު ކުރާނެ ކަމަށް ރަޝިއާއިން ޔަގީންގަން ދީފިއެވެ.
ރަޝިއާއިން މިހެން ބުނެފައި މިވަނީ އެގައުމުގެ ފޮރިން މިނިސްޓަރ ނިއުޔޯކްގައި ހުންނަވާ އިއްޔެ ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުންނެވެ. އޭނާ ވިދާޅުވި ގޮތުގައި ފަލަސްތީނުގެ ރައީސް އައްބާސް ވަނީ އޭނާއާއި ބައްދަލު ކުރައްވަވާ، މިނިވަން ދައުލަތެއްގެ ދަރަޖަ ހޯދުމަށް އެދި ސަލާމަތީ މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށް ވިދާޅުވެފައެވެ. އދ. ސަލާމަތީ މަޖިލީހުގެ ދާއިމީ މެމްބަރެއްކަމުގައިވާ، އަދި އެމަޖިލީހުގައި ވީޓޯ ކުރުމުގެ ބާރުވެސް ލިބިފައިވާ ރަޝިއާއިން ބުނެފައި ވަނީ ސަލާމަތީ މަޖިލީހުގައި ފަލަސްތީނަށް ތާއީދު ކުރާނެކަން ޔަގީން ކަމުގައެވެ.
ސަލާމަތީ މަޖިލީހުގައި ވީޓޯ ކުރުމުގެ ބާރު ލިބިފައިވާ ރަޝިއާގެ އިތުރުން ފަލަސްތީނަށް ތާއީދު ކުރާކަމަށް ބުނެފައި ވަނީ ޗައިނާއިންނެވެ.
ސަލާމަތީ މަޖިލީހުން ފަލަސްތީނުގެ ހުށަހެޅުން ފާސް ކުރުމަށް އެ މަޖިލީހުގައި ހިމެނޭ 15 ގައުމުގެ ތެރެއިން 9 ގައުމަކުން ތާއީދު ހޯދަން ޖެހެއެވެ. އަދި ވީޓޯގެ ކުރުމުގެ ބާރު ލިބިފައިވާ އެއްވެސް ގައުމަކުން ދެކޮޅު ހަދައިފިނަމަ އެ މައްސަލައެއް ސަލާމަތީ މަޖިލީހުން ފާހެއްނުވާނެއެވެ. އެމެރިކާއިން ދަނީ ސަލާމަތީ މަޖިލީހުގެ އަނެއް 14 ގައުމުންވެސް ފަލަސްތީނުގެ ހުށަހެޅުމާއި ދެކޮޅަށް ވޯޓް ދޭތޯ މަސައްކަތް ކުރަމުންނެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...