ރިޕޯޓް ހިންދީ ފިލްމަކަށް ލަވަކިޔަން ފުރުޞަތު ލިބުނު ދިވެހި ލަވަކިޔުންތެރިޔާގެ ވާހަކައަށް ނަޒަރެއް

ހިންދީ ފިލްމަކަށް ލަވަކިޔަން ފުރުޞަތު ލިބުނު ދިވެހި ލަވަކިޔުންތެރިޔާގެ ވާހަކައަށް ނަޒަރެއް

ހިންދީ ފިލްމަކަށް ލަވަކިޔަން ފުރުޞަތު ލިބުނު ދިވެހި ލަވަކިޔުންތެރިޔާގެ ވާހަކައަށް ނަޒަރެއް

ކިޔާލަން ހޭދަވާނީ 4 މިނިޓް

ފޮންޓް ސައިޒް

އިންޑިއާގެ ގޮއާގައި މިހާރު ކުރިއަށްދާ ސައުތު އޭޝިޔަން ފިލްމް ފެސްޓިވަލް (ސާފް)ގައި ބައިވެރިވުމަށް ގޮސް ހުރި ދިވެހި އަންހެން މަޝްހޫރު ލަވަކިޔުންތެރިޔާއަށް ހިންދީ ފިލްމަކަށް ލަވަ ކިޔުމުގެ ފުރުޞަތުވަނީ އެ ޤައުމުގެ ފިލްމު އުފައްދާ ފަރާތަކުން ދީފައެވެ.

މި ޚަބަރާ ގުޅިގެން ލަވަކިޔުންތެރިޔާ އޭނާގެ ފޭސްބުކް ޕޭޖްގައި މި ވާހަކަތައް ވަރަށް އުފަލާއެކު ވަނީ ހިއްސާކޮށްފައެވެ. އަޅައިގަތް ތަންކޮޅަކީ، އޭނާއަށް މި ލިބުނު އުފަލުގައި އޭނާ މާތް ﷲ އަށް ޙަމްދު ޘަނާ ކިޔުމަށްފަހު، ތަކުބީރުވެސް ކިޔާފައިވާތީއެވެ. ކޮންމެއަކަސް މިއީ ލަވަކިޔުންތެރިޔާގެ ހިތުގައި މާތް ﷲ އަށްޓަކައި ކޮންމެވެސް ކަހަލަ އީމާނަކާއި މަތިވެރި ޤަދަރެއް ދެވިފައިވާ އަލާމާތެއްކަން ކަށަވަރެވެ. ނަމަވެސް، ސުވާލަކީ، އޭނައަށް މި ލިބުނު އުފާވެރި ފުރުޞަތަކީ، އޭނާގެ ވެރި ރައްބުގެ ޙަޟްރަތުގައި، އެ ފަރާތުން ރުއްސަވާ ފަދަ ކަމަކަށް ލިބުނު ފުރުޞަތެއްތޯއެވެ؟

ހަމަކަށަވަރުން، މާތް ﷲ ވަނީ ފާޙިޝް ލަވަޔާއި މިޔުޒިކު ޙަރާމް ކުރައްވާފައެވެ. މިކަމުގައި އެއްވެސް ޝައްކެއްނެތެވެ. ދިވެހި ފިލްމާއި ހިންދީ ފިލްމުގައި ހިމެނޭ ލަވަތަކުގައި ހުންނަ ޢިބާރާތްތަކުގެ ފާޙިޝްކަމާއި ފާޖިރުކަމަކީ އަޅުގަނޑުމެން އެންމެނަށް އެނގޭ ކަންކަމެވެ. އެހެންކަމުން، މިފަދަ ލަވަތައް ކިޔައި އިސްލާމީ މުޖުތަމަޢަކަށް ޢާންމު ކުރުން ކިހައި ނުބައިވެގެންވޭތޯއެވެ. ނަމަވެސް، އަޅުގަނޑުމެންގެ ފަންނާނުންތައް ދަނީ މިކަމުގައި އެކަކު އަނެކަކާ ވާދަކުރަމުންނެވެ.

މި ދުނިޔެވީ ޙަޔާތަކީ ނިމުމެއް އަންނާނެ އެއްޗެކެވެ. ލަވަކިޔުންތެރިއަކަށް ވިޔަސް އަދި މުދައްރިސަކަށްވިޔަސް މަރުވާނެއެވެ. މަރުވުމަށްފަހު، އެމީހަކު ދުނިޔެއަށް ދޫކުރި ކަމެއްގެ ކަންތައް އެމީހަކަށް ފެންނާނެއެވެ. ނުބައި ކަމެއް ނުވަތަ ފާޙިޝްކަމެއް މީސްތަކުންގެ ތެރެއަށް ދޫކޮށްފައި ދާ މީހަކަށް އެކަމުގެ ހިތިކަން ކަށްވަޅުގައި ލިބި ލިބި ހުންނާނެއެވެ. އަދި މީސްތަކުން އެމީހާ އެ ދޫކުރި ނުބައި ކަމުގެ ބޭނުން ކުރަމުންދާހާ ހިނދަކު އެމީހާގެ ވައަތު ފަތަށް އިތުރު ކުރެވެމުންދާނެއެވެ. މިއީ އެކަމަކުން ތައުބާ ނުވެ މަރުވެއްޖެނަމައެވެ. ނަމަވެސް މަރުވުމުގެ ކުރިން ޚާލިޞް ތައުބާއަކުން ތައުބާވެފައި ހުންނަ މީހާގެ އެފަދަ ކަމެއް ދިރިތިބީން ބޭނުން ކުރަމުން ދިޔަޔަސް މާތް ﷲ އެމީހަކަށް ޢަފޫ ކުރައްވާނެއެވެ. އެއީ އޭނަގެ ޖަހާލަތުގައި އޭނައަށް ކުރެވުނު ކަމަކަށް ވާތީއެވެ. އަދި ފަހުން އޭނާ ތައުބާ ވެފައި ވާތީއެވެ. މިއީ ޤުރުއާނުގައި މާތް ﷲ ގެ ވަޢުދެއްވެސް މެއެވެ.

އެހެންކަމުން، އަޅުގަނޑުމެން މާތް ﷲ ގެ ކޯފާއަށް ބިރުވެތިވާން ޖެހޭނެއެވެ. ޚާއްޞަކޮށް ލަވަކިޔުންތެރިންނާއި މިޔުޒީޝަނުންނާއި ފިލްމުސްޓާރުން މިކަމަށް ޚާއްޞަ ސަމާލުކަމެއް ދޭން ވާނެއެވެ. ސަބަބަކީ، ތިޔަބައިމީހުން މަރުވުމަށް ފަހުވެސް ތިޔަ ބައިމީހުން ދޫކޮށްފައި ދާ މަންޒަރުތައް ދިރިތިބީން ބަލަމުން ގެންދާނެތީއެވެ. ނުވަތަ އަޑު އަހަމުން ގެންދާނެތީއެވެ. ނަމަވެސް ތިބާ ވާނީ ކަށްވަޅުގެ އަނދީރީގައެވެ. ހެޔޮ އަމަލެއްގެ ފައިދާ ނޫނީ ނުކުރާނެއެވެ.

ތިބާގެ ސިޔަރަތު އަދި ތިބާ ޖައްސާފައި ހުރި ވައްތަރުތަކުގެ މަންޒަރު ތާ އަބަދު ތިބާއަށް ކަށްވަޅުގައި އުދަނގޫ ކުރާނެއެވެ. ތިބާ ވެގެންދާނީ މަގު ފުރެދި އަދި އެތައް ބަޔަކު މަގުފުރައްދާފައި ހުރި މުޖުރިމަކަށެވެ. ތިބާގެ ފޭނުންގެ ނުވަތަ ސަޕޯޓަރުންގެ ތަޢުރީފާއި ޘަނާ މިއަދު ތިބާއަށް އޮހުނަސް އެދުވަހަކުން އެބައިމީހުން ތިބާއަށް ލަޢުނަތް ދޭނެއެވެ. އަދި ތިބާއަށް ދެގުނަ އަޛާބު ދެއްކެވުމަށް މާތް ﷲ ގެ ޙަޟްރަތުގައި އެބައިމީހުން އެދޭނެއެވެ.

ތިބާގެ ސަބަބުން، މި ކުޑަ ކުޑަ އިސްލާމީ މުޖުތަމަޢަށް ކުރަމުންދާ ނޭދެވޭ އަސަރުތައް އެންމެ ރަނގަޅަށް ދެނެވޮޑިގަންނަވާނީ ޖައްބާރުވަންތަ ﷲ އެވެ. އެކަލާނގެ ކޯފާ އަޅުގަނޑުމެންގެ މައްޗަށް ޙައްޤެވެ. ނަމަވެސް ޤުރުއާނުގައިވާ ފަދައިން އެކަލާނގެ ލަސްކުރައްވަނީއެވެ. ނުހިއްޕަވަނީއެވެ. ނަމަވެސް ހިއްޕަވާނެ އިރެއް އެކަކަށްވެސް ނޭނގޭނެއެވެ. އެއީ ގަދަފަދަ ހިއްޕެވުމަކަށްވާނެކަން ކަށަވަރެވެ. އެއީ ތިބާގެ މަރު ގެންދަވާ ވަޤުތުކަމުގައިވެސް ވެދާނެއެވެ. ނަމަވެސް ތައުބާ ނުވެ ހުރެއްޖެނަމަ، އެއީ ނުވެ ނުދާނޭ ކަމެކެވެ.

މިއަދު ސްޓޭޖް މަތިންނާއި ކެމެރާތަކުގެ ކުރިމަތީގައި އުފާކުރެވިދާނެއެވެ. ނަމަވެސް، މާދަމާ ތި ކަމުގެ ބަދަލު ފުރިހަމައަށް ދޭން ޖެހޭނެއެވެ. އެއްގޮތަކީ ކުރެވިފައި ހުރި މަދު ހެޔޮ އަމަލަކުންނެވެ. އެ އަމަލުތަކުން ނުވެއްޖެނަމަ، ނަރަކައިގެ އަޛާބުންނެވެ. މިފަދަ ބޮޑު ބަދަލެއް ދޭން ތިބާ ތައްޔާރުތޯއެވެ؟ ދުނިޔެވީ ކުޑަ ކުޑަ އުފަލަކަށްޓަކައި ތިބާގެ އާޚިރަތުގެ އުފާ ފިދާކޮށްލަން ތިބާއަށް ކެރޭނެތޯއެވެ؟ ބުއްދިވެރިއަކަށް ނުކެރޭނެއެވެ.

ޝައިޠާނާވަނީ އިންސާނުން މަގު ފުރައްދާނެކަމުގައި މާތް ﷲ ގެ ޙަޟްރަތުގައި ތަޙައްދީ ކޮށްފައެވެ. އޭނާ ބުންޏެވެ. އިންސާނުންނަށް މި ދުނިޔެ ތިމަންނަ ޒީނަތްތެރި ތަނެއްގެ ގޮތުގައި ދައްކާނަމެވެ. އެހެންކަމުން، އެ ސޮރުގެ ދުންމާރިތަކަކީ މިޔުޒިކު ސާމާނުކަމުގައި ދަންނަބޭކަލުން ވިދާޅުވެއެވެ. އަދި މަޝްހޫރުކަމާއި ދުނިޔެވީ ލައްޒަތުގެ މަކަރުގައި އޭނާ މީސްތަކުން ޖައްސާނެއެވެ. ހަމަކަށަވަރުން، އެ ސޮރަށް ތަބާވެއްޖެ މީހަކު އެ ސޮރު ނަރަކައަށް ގެންދާނެއެވެ. އެސޮރުގެ މަގަކީ ނަރަކައިގެ މަގެވެ.

އަޅުގަނޑުމެންގެ މުޖުތަމަޢުގައި އެ ސޮރުގެ މަގަށް ދަޢުވަތުދޭ މީހުން ވަރަށް ގިނައެވެ. އޭގެތެރެއިން އެންމެ ފާޅުކަން ބޮޑީ ލަވަކިޔުންތެރިންނާއި މިޔުޒީޝަނުންނާއި ފިލްމުސްޓާރުންނެވެ. މިބައިމީހުން އެކަން ޤަބޫލު ނުކުރިޔަސް މިބައިމީހުންގެ އެ ގޮވާލަނީ އެމަގަށެވެ.

ހިންދީ ފިލްމަށް ލަވަކިޔަން ފުރުޞަތު ލިބުނު ލަވަކިޔުންތެރިޔާ އިތުރަށް ހާމަކުރާ ގޮތުގައި، ލަވަކިޔުމާއި މިޔުޒިކުގެ ދާއިރާގައި އޭނާއަށް އެންމެ ބޮޑަށް މަގުދައްކާ މީހަކީ އޭނަގެ މަންމައެވެ. ސުބުޙާނަﷲ އެވެ. މަޔަކަށް ދަރިފުޅު އަލިފާނަށް އެއްލަން ކެރޭނެތޯއެވެ؟ ނުކެރޭނެއެވެ. ނަމަވެސް، ޙަޤީޤަތުގައި އަޅުގަނޑުމެންގެ ތެރޭގައި ވެގެން މިދަނީ މިގޮތަށެވެ. ނަރަކާގެ އަލިފާނަށް ވާސިލްކޮށްލާ މަގުން ހިނގުމަށް މަންމަ ދަރިފުޅަށް ހިއްވަރުދެނީއެވެ. މިއީ ހަމަ ޖަހާލަތުގެ ސަބަބުން ވެގެންދާ ގޮތެކެވެ. އަޅުގަނޑުމެންގެ މަތިވެރި ދީނާ އަޅުގަނޑުމެން ހަމަ ދުރީއެވެ. އަޅުގަނޑުމެންނަށް އަޅުގަނޑުމެންގެ ދީނަކީ އިސްލާމްދީން ކަން އެނގުން ފިޔަވައި އެދީނުގެ އެހެން އެއްވެސް ކަމެއް ނޭނގެއެވެ. ޙަލާލެއް ޙަރާމެއް ނޭނގެއެވެ.

ނިންމާލަމުން، ހިންދީ ފިލްމަށް ލަވަކިޔަން ފުރުޞަތު ލިބުނު ލޮބުވެތި އުޚުތަށް ޚާއްޞަކޮށް ގޮވާލަމެވެ. އަދި އެހެނިހެން ފަންނާނުންނަށް ޢާންމުކޮށް ގޮވާލަމެވެ. އުޚްތާއެވެ. މާތް ﷲ އަށް ބިރުވެތިވާށެވެ. ތިބާގެ ހިތުގައި މާތް ﷲ އަށް ދެވިފައިވާ އީމާންތެރިކަން އިތުރަށް ތާޒާކޮށްލާށެވެ. މިޔުޒިކާއި ލަވަކިޔުމުން ދުރުވެގަންނާށެވެ. އެއީ ޙަރާމް ކަމެއްކަމާ މެދު ތިބާގެ ހިތުގައި ޝައްކު އުފެދޭނަމަ، ޢިލްމުވެރިން ކުރެން އޮޅުން ފިލުވާށެވެ. ދުނިޔެއަށްޓަކައި އާޚިރަތް ޤުރުބާން ކޮށްނުލާށެވެ. މަރު ވުމުގެ ކުރިން ތައުބާ ވާށެވެ. މާތް ﷲ ގެ މަޣްފިރަތާއި ރަޙްމަތަށް އަވަސްވެގަންނާށެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.