ތިރީގައިމިވަނީ މުސްލިމު ޤައުމެއްގެ ޕޮލިސް އޮފިސަރެއް ޝެއިޚަކަށް ލިޔެފައިވާ ސިޓީއެއްގެ ބައެކެވެ. މިސިޓީގައި ލިޔެފައިވަނީ އޭނާ ﷲތަޢާލާގެ މަގަށް ރުޖޫޢަވާން މެދުވެރިވި ޙާދިޘާއެވެ.
......... އެކްސިޑެންޓްތަކުގެ ޙާދިޘާތައް ފެނުމަކީ އަޅުގަނޑުގެ ޙަޔާތުގެ ކޮންމެ ދުވަހެއްގައި ވެސް ވަރަށް ޢާއްމު ކަމެކެވެ. އެހެން ނަމަވެސް ވަރަށް ތަފާތުއެއް ޙާދިޘާއާއި އަޅުގަނޑާއި ކުރިމަތިވިއެވެ.
އަޅުގަނޑާއި އަދި އެކުގައި ފޯރިމަރަމުން ދިޔަ ޕާޓްނަރާއި ދެމީހުން އަޅުގަނޑުމެން ޕެޓްރޯލު ކުރަން ދުއްވަމުން ދިޔަ އުޅަނދު ހައިވޭއެއްގެ އެއްފަރާތުގައި ޕާރކް ކޮށްލުމަށްފަހު ވާހަކަދައްކަން މަޑުކޮށްލީމެވެ. ހިނދު ކޮޅެއްވީތަނާ މުޅި ހިސާބުގަނޑަށް ފެތުރިގެން ދިޔައީ ދެއުޅަނދެއް ޖެހި އެކަތި އަނެކަށްޗާއި އެއްވެގެން ދިޔަ ބިރުވެރި އަޑު ފައްގަޑެވެ. އަޅުގަނޑުމެން ކިހިނެތްތޯ ވީ ބެލުމަށްޓަކައި އެނބުރިލީމެވެ. އެއް އުޅަނދު ދުއްވާފައި އައި ލޭނަށް އަނެއް އުޅަނދު އެރުމުގެ ސަބަބުން ދެއުޅަނދު މުޑި އެރީއެވެ.
އެމަންޒަރު ސިފަކުރަން ވަރަށް ދައްޗެވެ. ފުރަތަމަ ކާރު ތެރޭގައި ދެޒުވާން ފިރެހެނުން ދެމިފައި ތިއްބެވެ. ދެމީހުންގެ ޙާލުވެސް ވަރަށް ނާޒުކެވެ. އަޅުގަނޑުމެން އެދެޒުވާނުން މަޑުމަޑުން ކާރުން ބޭރުކޮށްގެން ގޮސް ދުވާރުމަތީގައި ބޭވީމެވެ.
އަދި ވަރަށް އަވަހަށް ދެވަނަ ކާރުގެ ވެރިޔާއަށް އެހީތެރިވުމަށް ދިޔައީމެވެ. އޭނާ އޮތީ މަރުވެފައެވެ. އަނެއްކާވެސް އެނބުރި ދުވާރުމަތީގައި ބާއްވާފައިތިބި ދެމީހުންގެ ގާތަށް ދިޔައީމެވެ.
އަޅުގަނޑުގެ ޕާޓްނަރ އެދެމީހުންނަށް ޝަހާދަތް ކިޔާދޭން ފެށިއެވެ. "ކިޔާށެވެ! لاإله إلاّ الله محمّد رسول الله" އެބައި މީހުންގެ ދޫ މިކަމަށް އިޢުތިރާފެއް ނުވިއެވެ. އެމީހުން ކިޔަންފެށީ މަސްތީ ލަވައެކެވެ. މިމަންޒަރު ދެކިފައި އަޅުގަނޑު ވަރަށް ބިރުގަތެވެ. ނަމަވެސް އަޅުގަނޑުގެ ޕާޓްނާރަކީ ތަޖްރިބާ ހުރި މީހެއްކަމަށް ވުމުން އޭނާ އަނެއްކާވެސް ޝަހާދަތް ލާދިނެވެ.
އަޅުގަނޑަށް ބަލަން ހުރެވުނެވެ. އެއްވެސް ޙަރަކާތެއް ނެތިއެވެ. ކަޅިހުއްޓިފައެވެ. އަޅުގަނޑު ކުރިމަތީގައި ހިނގަމުން ދިޔަފަދަ ކަންތަކެއް އަޅުގަނޑުގެ މުޅި ޙަޔާތުގައި ދުވަހަކުވެސް ފެނިފައި ނުވެއެވެ. އަދި މިފަދަ ޝައިޠާނީ ގޮތަކަށް މަރުވެގެން ދިޔަ މަންޒަރު ފެނިފައި ނުވެއެވެ. އަދި އެއީ އަޅުގަނޑަށް މީހަކު މަރުވި މަންޒަރު ފެނުނު ފުރަތަމަ ފަހަރުވެސްމެއެވެ.
އަޅުގަނޑުގެ ޕާޓްނަރ އަދިވެސް އެއްފަހަރު އެމީހުންނަށް ޝަހާދަތް ކިޔައިދޭން މަސައްކަތް ކުރިއެވެ. ނަމަވެސް އެއްވެސް ފައިދާއެއް ނުކުރިއެވެ. އެބައިމީހުންގެ ލަވައިގެ އަޑު މަޑުވަމުންގޮސް ފުރަތަމަ މީހާގެ އަޑު މުޅިން ކެނޑިއްޖެއެވެ. އެއަށްފަހު ދެވަނަ މީހާގެ އަޑުވެސް ހުއްޓިއްޖެއެވެ. ދެމީހުންވެސް މަރުވެއްޖެއެވެ.
އަޅުގަނޑުމެން އެދެމީހުން ގެންގޮސް އަޅުގަނޑުމެން ޕެޓްރޯލް ކުރަމުން ދިޔަ އުޅަނދަށް ލީމެވެ. އަޅުގަނޑުމެން ދެމީހުން ބަސް ހުއްޓިފައިވާ ޙާލު އެދެމީހުން ހޮސްޕިޓަލަށް ގެންދިޔައީމެވެ..........
ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ. އުބައްޔު ބުނި ޚަލަފް ފީވެފައިވާ ކަށިގަނޑަކާއިގެން ރަސޫލު ﷲ صلى اللّه عليه وسلم އާއި ބައްދަލު ކުރިއެވެ. އަދި އެކަށިގަނޑު ފުނޑު ފުނޑު ކޮށްލުމަށްފަހު ވައިގެ ތެރެއަށް ފޮނުވާލަމުން ބުންޏެވެ." އޭ މުޙައްމަދެވެ. ކަލޭގެފާނު ތިޔަ ވިދާޅުވަނީ މިކަށިތައް ފީވެ އަޅިއަށް ވެފައިވަނިކޮށް އަލުން ދިރުއްވާނެކަމަށް ހެއްޔެވެ."
] ހަމަކަށަވަރުން ތިމަން ﷲ އިންސާނާ ތިއްކަކުން ހައްދަވައިފައިވާކަން އެއިންސާނާ ނުދެކޭ ހޭ؟ ފަހެ އެހިނދު ބަޔާންވެގެންވާގޮތުގައި ހުރި ދެކޮޅުވެރިކަން ބޮޑު ދެކޮޅުވެރިއަކު ކަމުގައި އެއިންސާނާވެއެވެ. އަދި ތިމަންﷲއާއި މެދު އެއިންސާނާ މިސާލު ޖެއްސެވެ. އަދި އެއިންސާނާ އުފެއްދެވުނުގޮތް ހަނދުމަ ނައްތާލިއެވެ. އަދި ބުންޏެވެ. ކަށިތައް ފީވެހަލާކުވެފައިވަނިކޮށް އެކަށިތައް އަލުން ދިރުވާނީ ކާކުހޭ؟]36: 77-78
ﷲ ތަޢާލާ އުބައްޔުއާއި އޭނާފަދަ އެހެން މީހުންނަށް ރައްދު ދެއްވަމުން ވަޙީކުރައްވަނީ
" ވިދާޅުވާށެވެ! އެކަށިތައް އަލުން ދިރުއްވާނީ ފުރަތަމަ ފަހަރަށްވެސް އެކަށިތައް އުފައްދަވައި ހެއްދެވި އިލާހެވެ. އެއިލާހުއީ އެންމެހައި ޚަލްޤުތަކުން ދެނެވޮޑިގެންވާ އިލާހެވެ. 79:36
މި މަޢުޟޫއާއި ދޭތެރޭ އަޅުގަނޑު ވިސްނަމުން ދިޔައިރު މީހުން އެކަމަކަށްޓަކައި ފަހުން ހިތާމަކުރަންޖެހިފައިވާ ކަންތައް ހުށަހަޅާފައިވާ ވެބްސައިޓަކަށް ވަދެލީމެވެ. ބައެއް މީހުން ހުށަހަޅާފައިވަނީ ގެއްލިފައިވާ ލޯތްބެއްގެ ވާހަކައެވެ. އަނެއް ބަޔަކު ހިތާމަކުރަނީ ދޫކޮށް ލެވިފައިވާ ވަޒިފާ އަކަށްޓަކައެވެ. އަދި އަނެއް ބަޔަކު ހިތާމަ ކުރަނީ ކުއްލިއަކަށް ބީވެގެން ދިޔަ ނަސީބަކަށްޓަކައެވެ. މިއެންމެހައި ހުށަހެޅުން ތަކުގައިވެސް ވަނީ ގެއްލިފައިވާ ދުނިޔޭގެ އުފާތަކުގެ ވާހަކައެވެ. މިކުރު ކުރު ޙަޔާތުގެ އުފާތަކުގެ ވާހަކައެވެ. އެވާހަކަތަކަކީ ދިރިތިބީން އެބައިމީހުން އެކަމަކަށްޓަކައި މިޙަޔާތުގައި ހިތާމަ ކުރާ ކަންތައްތަކުގެ ވާހަކައެވެ. އަޅުގަނޑު ދެކެން ބޭނުންވަނީ މަރުވެގެން ދިއުމަށްފަހު އެމީހަކު އެކަމަކަށްޓަކައި ހިތާމަ ކުރާ ކަންތައްތަކުގެ ވާހަކަ ހުރި ވެބްސައިޓެކެވެ. އެމީހުން ހިތާމަ ކުރަނީ ގެއްލިގެން ދިޔަ ލޯތްބަކަށްޓަކައިތޯއެވެ. ނުވަތަ ގެއްލިފައިވާ ވަޒީފާ ގަނޑަކަށްޓަކައިތޯއެވެ؟ އެބައިމީހުން ހިތާމަ ކުރާނީ އެބައިމިހުން ﷲއަށް އަޅުކަން ނުކޮށް ދޫކޮށްފައިވާ ކޮންމެ ސިކުންތަކަށް ޓަކައެވެ.
އަޅުގަނޑުމެން މިއަދު މިތަނަށް އެއްވެ މިތިބީ އަޅުގަނޑުމެން އެންމެންނަކީ ވެސް لا إله إلاّ الله އަށް އީމާންވެގެން ތިބި ބައެއްކަމަށް ދެކޭތީއެވެ. އެހެންނަމަވެސް ހިތާމަޔަކީ މި އީމާންކަމަކީ ހަމައެކަނި ދުލުން އިޤްރާރު ވެވޭ އިޤްރާރު ވެވުމެކެވެ. އެއިގެ އަސަރު ހިތްތަކާއި ހަމައަށް ވާޞިލެއްނުވެއެވެ.
ނަމަވެސް މިދެންނެވިފަދަ އަންހެނުންނާއި ފިރެހެނުންގެ ތެރޭގައި ނުހިމެނޭ މީހުންވެސް ވަރަށް ގިނައެވެ. މުޙައްމަދު އިބުނު އަބޫ ޢިމްރާނު ރިވާކުރެއްވިއެވެ. ޝެއިޚް ހާތިމްއާއި މީހަކު ސުވާލު ކުރި އަޑު އަޅުގަނޑު އެހީމެވެ. ކަލޭގެފާނު ﷲއަށް ވަކީލް ކުރެއްވުމުގައި ތިހުންނެވި ދަރަޖައަށް ދެވުނީ ކިހިނެއްތޯއެވެ.
ޝެއިޚް ޖަވާބު ދެއްވިއެވެ. "އަހަންނަށް 4 ކަމެއް ޔަޤީންވެއެވެ. (އެބަހީ އެ ހަތަރު ކަންތައް ހިތާއި ހަމައަށް ފޯރާފައިވެއެވެ.) އަހަންނަށް ދެއްވުމަށް ﷲ ތަޢާލާ މިންވަރު ކުރައްވާފައިވާ އެއްޗެއް އެއްވެސް އެހެން މީހަކު ނުކާނެކަމުގެ ޔަޤީންކަން އަހަންނަށް ވެއެވެ. އެހެން ކަމުން އަހަރެން ރުހިގެން ވަމެވެ. ދެވަނައަށް އެހެން އެއްވެސް މީހަކަށް އަހަންނަށްޓަކައި ހެޔޮ ޢަމަލް ނުކޮށްދެވޭނެކަން ޔަޤީން ވެއެވެ. އެހެންކަމުން އަހަރެން ހެޔޮޢަމަލު ކުރުމުގައި އަވަދިނެތިވަމެވެ. ތިންވަނައަށް ނޭނގި ހުއްޓައި ކުއްލިއަކަށް މަރު އަތުވެދާނެކަމުގެ ޔަޤީންކަން އަހަންނަށް އެހެންކަމުން އެކަމުގެ އިންތިޒާރުގައި އަވަދިނެތިވަމެވެ. އަދި ހަތަރުވަނައަށް ﷲ ގެ ބައްލަވައިވޮޑިގަތުމުގެ ދަށުން ސަލާމަތް ނުވެވޭނެ ކަމުގެ ޔަޤީންކަން އަހަންނަށް އޮވެއެވެ. ވުމާއެކު އެއިލާހު ބައްލަވާ ވޮޑިގެންވަނިކޮށް އެއިލާހަށް ނުކިޔަމަންތެރިވުމަށް ލަދުވެތިވަމެވެ."
މިއެންމެހައި ކަންތައްތަކަކީ އަޅުގަނޑުމެންވެސް އެކަންތައްތަކަށް އީމާންވާކަމަށް ޤަބޫލުކުރާ ކަންތައްތައް ކަމުގައިވީ ނަމަވެސް ހަމައެކަނި ދުލުން އިޢްތިރާފްވުމުގެ އިތުރުން ހިތުން މިކަންތައްތަކަށް އެއްވެސް ޖާގައެއް ދެވިފައިވަނީ އަޅުގަނޑުމެންގެ ތެރެއިން ކިތައް މީހުންނަށްތޯއެވެ.
އަޅުގަނޑުމެން އަބަދުވެސް ބުނަމުންދަނީ މީޑިއާއިން ކަންކަމުގެ ހަޤީޤަތް އޮޅުވާލާ ވާހަކައެވެ. ކަމެއްގައި ނުވަތަ ވާހަކައެއްގައި އެބަޔަކު ބޭނުންވާ، ކޮޅު ނަގައިގެން އޭގައި ހިފަނީ ހަމައެކަނި މީޑިއާއިން އެކަންޏެއް ނޫނެވެ. މިއަންނަނިވި އާޔަތައް ބަލަމާ ހިގާށެވެ.
" ބުނާށެވެ.! އޭ ތިމާމެންގެ އަމިއްލަ ނަފްސުތަކުގެ މައްޗަށް އިސްރާފް ކޮށްފައިވާ ތިމަން ﷲގެ އަޅުތަކުންނޭވެ! ﷲގެ ރަޙްމަތާއި މެދު އުންމީދު ކަޑާ ނުލާށެވެ! ހަމަކަށަވަރުން ﷲ ހުރިހާފާފަތައް އެކަށް ފުއްސަވާލައްވައެވެ. ހަމަކަށަވަރުން އެއިލާހުއީ ގިނަގިނައިން ފާފަ ފުއްސަވާ ރަޙީމްވަންތަ އިލާހެވެ." (އައްޒުމަރު:53)
މިއާޔަތުގެ މާނަ އޮޅޭފަދަ ގޮތަކަށް މިއާޔަތް ނަގައިގެން ބޭނުން ކުރަމުންދާ އަޑު އަޅުގަނޑުމެންގެ ތެރެއިން އެތައް ބަޔަކުވާނީ އަހާފައެވެ. މިއާޔަތް ނަގައިގެން ވާހަކަ ދައްކާ މިހުންގެ ވާހަކަތަކުން އިންސާނާ އެދޭހައި ނުބައި ކަންތައްތަކެއް ކުރުމަށްފަހު މަރުވުމުން ދާނީ ސުވަރުގެއަށޭ ބުނާ ކަހަލައެވެ. ނަމަވެސް މިއާޔަތާއި ޖެހިގެން ހުރި އާޔަތްތަކަށް ބަލަމާ ހިނގާށެވެ.
"އަދި ތިޔަބައިމީހުންގެ ވެރި އިލާހުގެ ޙަޟްރަތަށް ތައުބާވާށެވެ. އެއިލާހަށް ކިޔަމަންގަންނާށެވެ! ތިޔަބައިމީހުންގެ މައްޗަށް ޢަޒާބު އައުމުގެ ކުރިންނެވެ. އެޢަޒާބު އަތުވެއްޖައުމަށްފަހު އެއިން މުއްތި ވުމަށްޓަކައި، ތިޔަބައިމީހުންނަކަށް އެއްވެސް އެހީތެރިކަމެއް ނުލިބޭނެއެވެ.
" އަދި ތިޔަބައިމީހުންގެ ވެރި އިލާހުގެ ޙަޟްރަތުން ތިޔަބައިމީހުންނަށް ލިބިފައިވާ އެންމެ މޮޅު ވަޙީއަށް ތަބަޢަވާށެވެ. ތިޔަބައިމީހުންނަށް ރޭކާވެސް ނުލައި ތިއްބައި ކުއްލިއަކަށް ތިޔަބައިމީހުންގެ މައްޗަށް ޢަޒާބު އަތުވެއްޖައުމުގެ ކުރިންނެވެ."
"ތިޔަބައިމީހުން ކުރެ މީހަކަށް ބުނަން ޖެހިދާނެކަމަށްޓަކައެވެ. އަޅުގެ މައްޗަށް ހުރި ހިތާމައިގެ ބޮޑުކަމާއެވެ! ﷲއަށް އަޅުގެ ވާޖިބު އަދާކުރުމުގައި، ދޫކޮށްލެވިފައިވާ ތަނަށްޓަކައެވެ. އަދި ހަމަކަށަވަރުން އަޅާއި (ﷲގެ ދީނަށް) މަލާމަތްކޮށް، ހޭރުވި މީހުންގެ ތެރޭގައި ހިމެނުނު މީހެއްކަމުގައި ވީކަމަށްޓަކައި ވެސް މެއެވެ." (އައްޒުމަ:56-54)
އެންމެފަހު އާޔަތަކީ ކީރިތި ޤުރުއާން އެހެންބަހަކަށް ތަރުޖަމާ ކުރުމަކީ ވާނޭކަމެއް ނޫން ކަމުގެ ހެއްކެކެވެ. ( އެބަހީ ޤުރުއާނުގައި ވާ ބަސްތަކުގެމާނަ އެފުންމިނަށް އެހެން ބަހަކުން ބަޔާން ކޮށް ނުދެވޭނެވަހަކައެވެ.) ياحسرتى މާނަކުރާނީ ކިހިނަކުންތޯއެވެ. އިމާމް އައްޠާހިރު އިބްނު އާޝޫރު حسرة ތަރްޖަމާ ކުރައްވަނީ އެހިތާމައެއްގެ ގަދަފަދަ ކަމުގެ ސަބަބުން މަސްތުވެގެންދާ ފަދަ ހިތާމައެއް ކަމުގައެވެ. މިސާލަކަށް ދަންނަވަނީ ނަމަ ޚާދިމަކާއި، އޭނާގެ ސާޙިބުމީހާ ދޫނިތަކެއް ބަލަހައްޓަށް ޙަވާލުކުރުމުން ޞާހިބު މީހާ ބަލަން ނެތްކަމަށް ހީކޮށް އެތަކެތި ދޫކޮށްލާފައި ނިދާފައިވަނިކޮށް އެތަކެތި މަޑުމަޑުން ދަމުން ގޮސް އެތައް ހިސާބަކަށް ދެވިފައިވަނިކޮށް ވަލު ޖަނަވާރުންގެ ގުރޫޕެއް އައިސް އެތަކެތި އެއްކޮށް ކާލިއެވެ. އިސްވެދެންނެވުނު ހިތާމައަކީ އެޚާދިމް ކުއްޖާ އޭނާގެ ޞާހިބު މީހާއަށްޓަކައި ބިރުވެތިވެ އޭނާއަށް ކަންތައް ކުރެވުނު ގޮތާއިމެދު ކުރާނެ ހިތާމައާއި އެއްފަދަ ހިތާމައެކެވެ.
ހަމަ މިރޮގުން ޔަޙްޔާ އިބްނު މުޢާޒު ވިދާޅުވެފައިވެއެވެ." ތިމަންކަލޭގެފާނު ދެކެވަޑައި ގަންނަވާ ގޮތުގައި އެންމެ މޮޔަކަމަކީ ފާފަ ތަކުގެ ތެރޭގައި އެކަމަށްޓަކައި ހިތާމަކުރުމެއްނެތި ﷲތަޢާލާ ފާފަ ފުއްސަވާ ދެއްވާނެކަމަށް އުއްމީދުކޮށްގެން ދެމިހުރުމެވެ. އަދި އެއްވެސް މަސައްކަތެއް ނުކޮށް ﷲ ތަޢާލާ އާއި ކުއްތަންވުމަށް އުއްމީދު ކުރުމެވެ. އަދި ނަރަކައިގެ އޮށް އިންދައިގެން ސުވަރުގޭގެ މޭވާއަށް އުއްމީދުކުރުމެވެ. ހެޔޮޢަމަލެއް ނުކޮށް ޘަވާބަށް އިންތިޒާރު ކުރުމެވެ."
ދެވަނަބައި
ކުރީގައި ދެންނެވުނު ޕޮލިސް އޮފިސަރ ބުނެފައިވާގޮތުން އޭނާ ހޭލައްވާލި މިޙާދިޘާއަށް ފަހު އޭނާ އަނެއްކާވެސް ޙަޔާތުގެ އާދަތަކަށް ރުޖޫޢަވިއެވެ. ﷲ ތަޢާލާއާއި އެއިލާހުގެ މަގާއި މަޑުމަޑުން ދުރުވަމުން ދިޔައެވެ. އެހެން ނަމަވެސް އަނެއްކާ ވެސް އޭނާއާއި އެހެން ޙާދިޘާއަކާއި ކުރިމަތިވިއެވެ. މިޙާދިޘާ ވެގެންދިޔައީ އޭނާ މަގުން އެއްކިބާވެގެން ދިޔުން ހުއްޓުވާލި ޙާދިޘާ އަށެވެ.
...... މިއީ ކޮންކަހަލަ ދުނިޔެއެއް ބާއެވެ. ކުރީގެ ޙާދިޘާއަށްފަހު 6 މަސްފަހުން އަނެއްކާވެސް އާދަޔާ ޚިލާފް އެކްސިޑެންޓެއް ހިނގިއެވެ. ޒުވާނަކު ހައިވޭއެއްގައި އާދައިގެ ވަރަކަށް ދުއްވާފައި ދިޔައެވެ. އޭނާ ދަތުރު ކުރަމުން ދިޔައީ ސިޓީއަށް ދާން އޮތް ޓަނަލްއެއްގެ ތެރެއިން ލާފައެވެ. ކުއްލިއަކަށް އޭނާގެ ކާރުގެ ހަންފަޅައިގެން ހިގައްޖެއެވެ.
އޭނާ ޓަނަލްގެ އެއްފަރާތުގައި ކާރުޕާކް ކުރުމަށްފަހު ސްޕެއަރ ޓަޔަރު ނެގުމަށްޓަކައި ކާރުގެ ފަހަތައް ޖެހިލިއެވެ. ފަހަތުން ވަރަށް ބާރަށް އައި ކާރެއްގެ ބަރުގޮޑުގެ އަޑު އިވުނެވެ. ހިނދުކޮޅެއް ނުވެ އެކާރު އައިސް ހުއްޓިފައި އޮތް ކާރުގައި ޖެހުނެވެ. ޒުވާން ފިރެހެނާ ދެކާރު ދޭތެރޭ ވެ ފިތިގެން ބިންމައްޗަށް ވެއްޓިއްޖެއެވެ. އޭނާއަށް ވަނީ ވަރަށް ބޮޑަށް ގެއްލުން ވެފައެވެ.
އަޅުގަނޑާއި އަޅުގަނޑުގެ ޕާޓްނަރ ވަރަށް އަވަހަށް އެކްސިޑެންޓް ހިނގި ތަނަށް ދިޔައީމެވެ. މިފަހަރު އަޅުގަނޑާއި އެކު ހުރީ އެހެން ޕާޓްނަރެކެވެ. އަޅުގަނޑުމެން ދެމީހުން ވެގެން އެޒުވާނާގެ ހަށިގަނޑު އަޅުގަނޑުމެން ޕެޓްރޯލް ކުރަމުން ދިޔަ އުޅަދަށް އެރުވީމެވެ. އަދި ހޮސްޕިޓަލަށް ފޯނުކޮށް ބަލިމީހާއާއި ހަވާލުވުމަށް ތައްޔާރުވުމަށް އެންގީމެވެ.
އޭނާއަކީ އެންމެ ޅަފަތުގެ ޒުވާނެކެވެ. އޭނާގެ ދީން ވެރިކަން މޫނުމަތިން ފެނެއެވެ. އަޅުގަނޑުމެން އޭނާ އުފުއްލައިގެން ދިޔައިރު މަޑުމަޑުން ކޮންމެވެސް އެއްޗެއް ކިޔަމުން ދިޔައެވެ. ނަމަވެސް އަޅުގަނޑުމެންގެ އަވަސް ޙަރަކާތްތަކުގައި އޭނާ ކިޔަމުން ދިޔައެއްޗަކަށް މާބޮޑު ސަމާލުކަމެއް ނުދެވުނެވެ.
ނަމަވެސް އަޅުގަނޑުމެން އޭނާ ކާރަށް ލާ އުއްޑުން ބާއްވާ ހަމަޖެހުމުން އޭނާ ކިޔަމުންދިޔަ އެއްޗެއް ސާފުވާންފެށިއެވެ. އޭނާގެ ޒަޚަމްތަކުގެ ސަބަބުން އަޅަމުންދިޔަ ގަދަ ވޭނުގެ ތެރޭގައި އޮވެގެން ޤުރުއާން ކިޔަވަމުން ދިޔައެވެ. އޭނާ އޮތީ ކިޔެވުމުގެ ތެރެއަށް ގެއްލިފައެވެ. ސުބުޙާނައްﷲއެވެ. އޭނާވަނީ އެހާ ގަދަފަދަ ވޭނެއްގައިކަން އެއްވެސް މީހަކަށް ނޭނގޭނެއެވެ. ލެއިން އޭނާގެ ހެދުންވަނީ ތައްތެޅިފައެވެ. ކަށިތައްވަނީ އެތައްތަނަކުން ބިންދައިގެން ގޮސްފައެވެ. ތެދުތެދަށް ދައްނަވަނީނަމަ އޭނާ އޮތީ އޭނާގެ މަރަށް ބަލަހައްޓައިގެން ކަހަލައެވެ.
އޭނާގެ އާދަޔާ ޚިލާފު އަސަރުގަދަ އަޑުން ޤުރުއާން ކިޔަވަމުން ދިޔައެވެ. ކޮންމެ އާޔަތެއްވެސް ވަރަށް ފުރިހަމައެވެ. އަޅުގަނޑުގެ މުޅި ޙަޔާތުގައި ވެސް އެހާ ފުރިހަމަ ކިޔެވުމެއްގެ އަޑު ނާހަމެވެ. އަޅުގަނޑުގެ ހިތައް އެރިއެވެ. އަޅުގަނޑު އޭނާއަށް ޝަހާދަތް ލާދޭނަމެވެ. އަޅުގަނޑުގެ ކުރީގެ ޕާޓްނަރ ކަންތައް ކުރި ފަދައިންނެވެ.
އަޅުގަނޑުމެން ދެމީހުން އޭނާގެ މަޑު ކިޔެވުމުގެ އަޑު އަހަން ތިބީމެވެ. އަޅުގަނޑުގެ މުޅި ގައިން ހީބިހިނަގައިގެން ދިޔައެވެ. ކުއްލިއަކަށް ކިޔެވުމުގެ އަޑު ކެނޑިއްޖެއެވެ. އަދި އޭނާގެ އަތް ކުއްލިއަކަށް މައްޗަށް އުފުއްލަށް ފެށިތަށް ބަލަން އަޅުގަނޑު ހުރީމެވެ. އޭނާ މަޑުމަޑުން އަތް އުފުލުމަށް ފަހު ޝަހާދަތް އިނގިލިން އުޑާއިދިމާއަށް އިޝާރަތްކުރަމުން ޝަހާދަތް ކިއެވެ. " لا إله إلاّ الله - ﷲފިޔަވައި އެހެން އިލާހަކު ނުވެއެވެ'". ދެން އެނާގެ ބޯ އަރިއަޅާލިއެވެ.
އަޅުގަނޑު ފަހަތު ސީޓަށް ފުންމައިގެން އެރީމެވެ. އޭނާގެ ވިންދާއި ނެވާލުން ޗެކްކުރީމެވެ. އޭނާގެ ފުރާނަ ދިޔައީއެވެ.
އަޅުގަނޑަށް އޭނާއަށް ބަލަހައްޓައިގެން ހުރުން ފިޔަވައި އެހެން ކަމެއް ނުކުރެވުނެވެ. އަދި ލޮލުން ކަރުނަ ފައިބަން ފެށިއެވެ. އެހެންނަމަވެސް އަޅުގަނޑު ލަދުން އެކަންތައް ފޮރުވީމެވެ. އަޅުގަނޑުގެ ޕާޓްނަރ އާއި ދިމާލަށް އެނބުރި އޭނާ މަރުވެއްޖެކަން އެންގީމެވެ. އޭނާ ބާރަށް ރޯންފެށިއެވެ. މީހަކު އެފަދަ ގޮތަކަށް ރޯން ފެށުމުން އަޅުގަނޑަށް ވެސް އަޅުގަނޑުގެ އަމިއްލަ ނަފްސު ކޮންޓުރޯލެއް ނުކުރެވުނެވެ. އަޅުގަނޑުގެ ލޯފުރިގެން ދިޔަ ކަރުނައިގެ ފަހަތުގައި އަޅުގަނޑުގެ ޕާޓްނަރގެ މޫނު ފަނޑުވެގެން ދިޔައެވެ. މުޅި ކާރުގެ ތެރެއަށް ހިތާމަ ވެރިކަން ވެރިވެގެން ދިޔައެވެ.
އަޅުގަނޑުމެންނަށް ހޮސްޕިޓަލަށް ދެވުނެވެ. އަޅުގަނޑުމެން ކޮރިޑޯގެ ތެރެއިން ދިޔައިރު ކޮރިޑޯއިން ބައްދަލްވި ޑޮކްޓަރުންނާއި ނަރުހުންނާއި އަދި ބަލަންތިބި އެންމެންނަށް ކަންތައްވީ ގޮތުގެ ޚަބަރު ދިނީމެވެ. އަދި މިވާހަކައިން ވަރަށް ގިނަ މީހުންނަށް އަސަރުކުރިއެވެ. ބައެއް މީހުން ބަސް ހުއްޓިފައި ތިއްބެވެ.
އެއްވެސްމީހަކު އޭނާގެ ޖަނާޒާ އޮތްގަޑިއަކާއި އޮތްތަނެއް ބެލުމަށްފަހު މެނުވީ ދުރަށްދާކަށް ބޭނުމެއް ނުވިއެވެ. ހޮސްޕިޓަލުގެ ސްޓާފެއް އޭނާގެ ގެއަށް ފޯނުކުރިއެވެ. އަދި އޭނާގެ ބޭބެ ފޯނު ނެގުމުން އެކްސިޑެންޓްގެ ޚަބަރު އޭނާއަށް ދިނެވެ.
އޭނާގެ ބޭބެ އަޅުގަނޑުމެންނަށް ކިޔައިދިން ގޮތުގައި އޭނާ ރަށްފުށުގައި ދިރިއުޅެމުންދާ އޭނާގެ މާމައަށް ކޮންމެ ހޯމަ ދުވަހަކު ޒިޔާރަތް ކުރެއެވެ. އޭނާ ޒިޔާރަތް ކުރާ ކޮންމެ ފަހަރަކުވެސް މަގުމަތިން ބައްދަލުވާ މިސްކީނު ކުދިންނާއި ފަޤީރު ކުދިންނާއި އެކު ވަގުތު ހޭދަކުރެއެވެ.
މުޅި ރަށުގެ އެންމެން ވެސް އޭނާ ދަނެއެވެ. އޭނާއަކީ އެމީހުންނަށް ދީނީ ފޮތްތަކާއި ޓޭޕްތައް ގެނެސްދޭ މީހާއެވެ. އޭނާގެ ހިރަފުސް އަރާފައިވާ ކާރު ފުރާލާފައި އޮންނަނީ ފަޤީރުންނަށް ބެހުމަށްޓަކައި ގެންދާ ހަނޑުލާއި ފޮނިކާތަކެތިންނެވެ. އޭނާ ރަށްފުށަށްދާ ދަތުރަށް ހުރަސް އެޅުމަށް އެއްވެސް މީހަކަށް އޭނާ ފުރުޞަތެއް ނުދޭނެއެވެ. އޭނާ އަބަދުވެސް ދޭ ޖަވާބަކީ އެދިގު ދަތުރުގައި އޭނާއަށް ޤުރުއާން އަޑު އެހުމަށާއި ދީނީ ނަސޭހަތް އަޑުއެހުމަށް ފުރުޞަތު ލިބޭ ކަމަށެވެ. އަދި ރަށްފުށަށް ދާން އަޅާކޮންމެ ފިޔަވަޅަކަށްޓަކައި ﷲ ތަޢާލާގެ حضرة ން ޘަވާބަށް އުއްމީދު ކުރާކަމަށެވެ.
ލޮބުވެތި އަޚުންނާއި އުޚްތުންނޭވެ! ﷲ ތަޢާލާއަކީ ރަޙްމާންވަންތަ އިލާހެވެ. އަދި ފާފަ ފުއްސެވުމުގައި ދީލަތިވަންތަ އިލާހެއެވެ. އެކަމަކު ކޮންބަޔަކަށް ތޯއެވެ؟
އެއިލާހު ވަޙީކުރައްވަނީ:
" އަދި ހަމަ އެފަދައިން ތިމަން ﷲ އީ ތައުބާވެގެންތިބެ އީމާންވެ ރަގަނޅު ޢަމަލުކޮށް އެއަށްފަހު ތެދުމަގު ލިބިގަނެފި މީހުންނަށް ފާފަ ފުއްސަވާ އިލާހެވެ." (82:20)
" އޭ ތިމަންމެންގެ ޤައުމުގެ މީހުންނޭވެ! މާތް ﷲ ގެ ޙަޟްރަތަށް ގޮވާލައްވާ ނަބިއްޔާއަށް ތިޔަބައިމީހުން އިޖާބަދޭށެވެ! އަދި އެކަލޭގެފާނަށް ތިޔަބައިމީހުން އީމާންވާށެވެ. އޭރުން ތިޔަބައިމީހުންގެ ފާފަތައް މާތް ﷲ ފުއްސަވައި އަދި ވޭންހުރި ޢަޒާބަކުން އެއިލާހު ތިޔަބައިމީހުން ދިންނަވާ ސަލާމަތް ކުރައްވާނެއެވެ." (31:46)
މިއީ ﷲއާއި އެއިލާހުގެ ރަސޫލާ އަޅުގަނޑުމެންނަށް ގޮވާލައްވާ ގޮވާލެއްވުމެވެ. އަޅުގަނޑުމެން މީހެއްގެ ފޯނުކޯލަށް ޖަވާބުދޭފަދައިން މިގޮވާލެއްވުމަށް އިޖާބަދެމާ ހިނގާށެވެ.
ޝައިޠާނާ އެއާޔަތެއް އިވުމުން އެކަމަކަށްޓަކައި ހިތާމަކޮށް ރޮއެހަދާ އާޔަތެއް ޤުރުއާނުގައި ވެއެވެ. އަންނަނިވި އާޔަތް ކިޔާލައްވާށެވެ. އެއީ ދުނިޔެއާއި އާޚިރަތުގެ އުފާވެރިކަމަށް ހުޅުވައިދޭ ދޮރެކެވެ.
އަދި އެބައި މީހުންނީ ހުތުރުކަން ބޮޑު ފާފައެއްކޮށްފި ހިނދު ނުވަތަ އެބައިމީހުންގެ ފުރާނަތަކަށް އަނިޔާ ވެއްޖެ ހިނދު މާތް ﷲ ހަނދުމަކޮށް އެބައިމީހުންގެ ފާފަތަކަށް އިސްތިޣުފާރުކޮށް އެފާފަތައް ފުއްސެވުން އެދި އުޅޭ މީހުންނެވެ. މާތް ﷲފިޔަވައި ފާފަތައް ފުއްސަވާނީ ފަހެ ކާކު ހެއްޔެވެ؟ އަދި އެބައިމީހުން އެބައިމީހުން ކުޅަ ކުށުގެ މަތީގައި އެބައިމީހުންނަށް އެނގިތިބޭ ޙާލު ދެމިނުތިބޭ މީހުންނެވެ.
އެބައިމީހުންގެ ޖަޒާއަކީ އެބައިމީހުން ހައްދަވައި ބޮޑުކުރެއްވި އިލާހުގެ حضرة ން އެބައިމީހުންގެ ފާފަ ފުއްސެވުމެވެ. އަދި އެތަންތާގެ ދަށުން ކޯރުތައް ހިނގަ ހިނގާ ހުންނަ ސުވަރުގެ ތަކެވެ. އެތަންތާނގައި ދާއިމަށް އެބައިމީހުން ދެމިތިބޭ ގޮތުގައެވެ. ހެޔޮޢަމަލު ކުރާ މީހުންނަށް ހުރި މޮޅުވެގެންވާ ދަރުމައެއްގެ މޮޅުކަމާއެވެ." (3: 135-136)
ﷲ ތަޢާލާވަނީ ރަސޫލުން ފޮނުއްވައި ފޮތްތައް ބާވައިލައްވާފައެވެ. އިންޒާރު ދޭނޭ މީހުންނާއި އުފާވެރިކަމުގެ ޚަބަރު ދޭނޭ މީހުން ފޮނުއްވާފައެވެ. އަދި ހަދާން ކޮށްދޭނޭ މީހުން ފޮނުއްވާފައެވެ. އަދި މިހުރިހާ ކަމެއްގެ އިތުރުން ކޮންމެ ރެއެއްގެ ފަހުބައިގައި އެއިލާހު ދުނިޔޭގެ އުޑަށް ތަޖައްލީވެ ވޮޑިގެން އެއިލާހުގެ އަޅުތަކުންނަށް ގޮވާލައްވައެވެ. "ތިމަން ﷲގެ حضرة އަށް ދުޢާ ދަންނަވާނޭ ބަޔަކު ވޭހެއްޔެވެ. އެބައިމީހުންގެ ދުޢާ އިޖާބަ ކުރެއްވުމަށްޓަކައެވެ. އަދި ފާފަ ފުއްސެވުމަށް އެދޭނޭ ބަޔަކު ވޭހެއްޔެވެ؟ ފާފަ ފުއްސަވައި ދެއްވުމަށްޓަކައެވެ؟"
ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ. އަޅުގަނޑުމެންގެ ސޯނާ ގަޑިތައް މިރޭ 2 ޖަހާއިރަށް ސޯނާކުރުމަށް ބައިޢަތު ހިފަމާ ހިނާށެވެ. އަޅުގަނޑުމެން އެންމެނަށްވެސް އެނގޭނެ ފަދައިން ކުޅިވަރު ޙަފްލާއެއް ޓީވީން ފޮނުވާނަމަ ނުވަތަ އެގަޑީގައި ދަތުރަކު ފުރަން އޮވެއްޖެނަމަ ހޭލުމުގައި އެއްވެސް ދަތިކަމެއް ނުވެއެވެ.
އަޅުގަނޑުމެން 2 ރަކުޢަތް ނަމާދެއް ކުރުމަށްޓަކައި ތެދުވަން ހިނގާށެވެ. އަދި ސަޖިދައިގައި އޮވެގެން ކުރެވިފައިވާ ފާފަ ތަކުގެ ތެރެއިން އެންމެ ފާފައެއް ހަނދާނަށް ގެންނާށެވެ. އަދި ﷲ ތަޢާލާގެ حضرة ގައި އެކުށުގެ ފާފަ ފުއްސެވުމަށް އެދި ދަންނަވާށެވެ. އަދި އެފާފައަށް ދުވަހަކުވެސް އެބުރި ނުދިއުމަށް ޢަޒުމް ކަނޑައަޅަމާ ހިނގާށެވެ.
ރަސޫލުﷲ ޞައްލަﷲޢަލައިހިވަސައްލަމަ ޙަދީޘް ކުރައްވާފައިވެއެވެ. ހަނަފަސް ސަހަރާއެއްގައި މީހަކު އޭނާގެ ޖަމަލަށް ކާބޯއެއްޗެހި އަރުވައިގެން އުޅެނިކޮށް އެޖަމަލު ގެއްލި އަދި އެޖަމަލު ފެނުމާމެދު ނާއުއްމީދުވެ ގަހެއްގެ ހިޔަލުގައި އޮށޯވެގެން އޮއްވައި ކުއްލިއަކަށް އެއްކަލަ ޖަމަލު އޭނާގެ ކުރިމަތިން ފެނުމުން އޭނާ އުފާވާ މިންވަރަށްވުރެ ބޮޑަށް ﷲ ތަޢާލާގެ حضرة ގައި އެއިލާހުގެއަޅާ ތައުބާވުމުން އެއިލާހު އުފާވެވޮޑިގަންނަވައެވެ. އަދި އުފަލާއި އެކު އެމީހާއަށް ހަޅޭއްލަވައި ގަނެވެއެވެ. އޭ ﷲ އެވެ. އިބަ އިލާހީ ތިމަންނަގެ އަޅާއެވެ. އަދި ތިމަންނައަކީ އިބަ އިލާހުގެ ރައްބެވެ. އޭނާއަށް ދޫ އޮޅިގެން މިފަދަ ކުފުރުގެ ބަހެއް ދުލުން ބޭރުވީ އޭނާއަށް ލިބުނު އުފަލެއްގެ ބޮޑު ކަމުންނެވެ.
ރަސޫލުﷲ ޞައްލަﷲޢަލައިހިވަސައްލަމަ ޙަދީޘް ކުރައްވަނީ މީނާ ވާ އުފަލަށް ވުރެ ﷲ ތަޢާލާ ގެ އަޅުތަކުން އެއިލާހުގެ حضرة އަށް ރުޖޫޢަވެ ތައުބާވުމުން އެއިލާހު ރުއްސަވާލެއް ބޮޑެވެ.
ވީމާ މިރޭ 2 ޖަހާއިރު އަޅުގަނޑުމެން އެންމެން ﷲ ސުބުޙާނަހޫ ވަތަޢާލާ ރުއްސަވާލަމާ ހިނގާށެވެ. ޤަބޫލު ކުރައްވާށެވެ. އަޅުގަނޑުމެން މިޢަމަލަށްޓަކައި ހިތާމަ ކުރާ ބަޔަކުކަމުގައި ނުވާނެއެވެ
މަސްދަރު:ނޫރުލްއިސްލާމް
ތަރުޖަމާ ލިޔުނީ:މަރިޔަމް ސިތާރާ
ކޮމެންޓް (0)
ލޯޑް ކުރަމުން...