ލީބިޔާގެ ޤާނޫނުތަކުގެ މައިގަނޑު މަޞްދަރަކަށް ވާނީ އިސްލާމްދީން ކަމަށް ލީބިޔާގެ ވެރިކަން ވަޤުތީ ގޮތުން ޙަވާލުވެފައިވާ ވަޠަނީ އިންތިޤާލީ މަޖްލީހުގެ ވެރިޔާ މުޞްޠަފާ ޢަބްދުލް ޖަލީލް ވިދާޅުވެއްޖެ އެވެ.
މުޞްޠަފާ މިހެން ވިދާޅުވެފައިވަނީ ވެރިރަށް ތުރާބުލުސްއަށް ވަޑައިގެން އެތައް ހާސް ޢާއްމުންނާ ބައްދަލުކުރައްވާ ޝަހީދުންގެ މައިދާނުގައި ޤައްޛާފީއަށް ފަހު ދެއްވި އެންމެ ފުރަތަމަ ތަޤްރީރުގައެވެ. މުޞްޠަފާ ވިދާޅުވެފައިވާ ގޮތުގައި ލީބިޔާގެ ވެރިކަން ކުރުމުގައި ކަނާތު ފިޔައިގެ ނުވަތަ ވާތު ފިޔައިގެ ހައްދު ފަހަނައަޅާފައިވާ ފިކުރުތަކަށް އެބޭފުޅުން ދެކޮޅު ހައްދަވާނެ އެވެ. އަދި ވިދާޅުވެފައިވަނީ ލީބިޔާ އަކީ މެދުމިނުގެ ޢަދުލުވެރި އިސްލާމްދީނަށް އުޅެމުން އަންނަ މުސްލިމް ޤައުމެއް ކަމަށާއި، އެ މަގުގައި ވަރުގަދައަށް ޘާބިތުވެ ތިބޭނެ ކަމަށެވެ.
އަދި މިގެނެވުނު އިންޤިލާބުގެ ފައިދާ ނަހަމަ ގޮތުގައި ހޯދަން މަސައްކަތްކުރާ ކޮންމެ މީހަކަށް ދެކޮޅު ހެދުމަށްވެސް ލީބިޔާގެ ޢާއްމުންނަށް އިންތިޤާލީ ވެރިޔާ ގޮވާލެއްވި އެވެ.
މިއީ ލީބިޔާއަށް އަންނަމުންދަނީ ޑިމޮކްރަސީ ކަމަށް ހުޅަނގުގެ ބާރުތަކުން ބުނަމުން ދަނިކޮށް އެމީހުންގެ ބަހުގެ ދޮގުކަން ދޭހަވާ ގޮތަށް ލީބިޔާ އަށް ހެޔޮ ބަދަލުތަކެއް ގެންނާނެކަމަށް ލަފާކުރެވޭ ވަޠަނީ އިންތިޤާލީ މަޖްލިހުން ދައްކަވާފައިވާ ވާހަކަތަކަށް އިތުރުވި ބޮޅެކެވެ. ނަމަވެސް، އަދިވެސް މި ތަޤްރީރުގެ ޚަބަރުތައް ހުޅަނގުގެ މީޑިއާތަކުން ފަތުރަމުން ދާއިރު ބުނެފައިވަނީ ލީބިޔާގެ މިހާރުގެ ވެރިން ގޮވާލާފައިވަނީ އިންސާނީ ޙައްޤުތައް ޙިމާޔަތްކުރުމަށް ކަމަށެވެ. އިސްލާމްދީނާ ޝަރީޢަތަށް ރުޖޫޢަވާން ޖެހޭނެކަމަށް ދައްކާފައިވާ ވާހަކަތަކަށް އެ ނޫސްތަކުން ވަނީ މާބޮޑު ސަމާލުކަމެއް ނުދީފަ އެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...