ރިޕޯޓް ހުރާގެ ކާރިޘާއާ ގުޅިގެން ނޭދެވޭ އެތަކެއް ޢަމަލުތަކެއް!

ހުރާގެ ކާރިޘާއާ ގުޅިގެން ނޭދެވޭ އެތަކެއް ޢަމަލުތަކެއް!

ހުރާގެ ކާރިޘާއާ ގުޅިގެން ނޭދެވޭ އެތަކެއް ޢަމަލުތަކެއް!

ކިޔާލަން ހޭދަވާނީ 6 މިނިޓް

ފޮންޓް ސައިޒް

ސެޕްޓެމްބަރ 9، 2011 އެއީ މުޅި ޤައުމުވެސް ހިތާމަކޮށް ކަރުނަ އެޅި ދުވަހެކެވެ. ދިވެހި ލޮބުވެތި ހަތަރު ދަރީންނާއި އަގުހުރި ޚިދުމަތްތެރި ޕްރިންސިޕަލެއްގެ އަޖަލުގެ ދުވަހެވެ. އެ ފުރާނަތައް ދުނިޔެ ދޫކުރީ މުޅި ޤައުމު ރޮއްވާލާފައެވެ.

އަޅުގަނޑުގެ ތަޢުޒިޔާ ކުދިންގެ ޢައިލާތަކާއި ޕްރިސިޕަލް ނާޒިމްގެ ޢާއިލާއަށް އަރިސްކުރަމެވެ. އަދި މާތް ﷲ އެ ފުރާނަތަކަށް ހެޔޮ ރަޙްމަތްލައްވައި، ފާފަ ފުއްސެވުމަށް އެދި ދުޢާ ކުރަމެވެ. އަދި މި ކާރިޘާގެ ހިތާމަވެރިކަން ތަޙައްމަލުކުރުމުގެ ކެތްތެރިކަން އެ މައްޔިތުންގެ ޢާއިލާތަކަށް ދެއްވުމަށްވެސް އެދި ދުޢާ ކުރަމެވެ.

ޢާންމުކޮށް ދުޢާއަކީ ލިޔުންތެރިޔާ ލިޔުން ނިންމާލަމުން ލިޔާ އެއްޗެކެވެ. ނަމަވެސް ދައްކަން އުޅޭ ވާހަކައިގެ ޒާތުން، ދުޢާގެ ބައި ފަހަތަށް ޖައްސަން އަޅުގަނޑުގެ ޟަމީރު އެއްބަސް ނުވީއެވެ.

މި ހިތާމަވެރި ކާރިޘާ ހިނގުމަށްފަހު، މުޅި ޤައުމު ހިތާމައިގައި ބައިވެރިވިއެވެ. ހުރިހައި ފަރުދުންވެސް އެކުދިންނަށް ރަޙްމަތްލެއްވުމަށް އެދި ދުޢާކުރިއެވެ. މިއީ ޤައުމުގެ އަފުރާދުންގެ ފަރާތުން ފެނި ދިޔަ ވަރަށްވެސް ރީތި ނަމޫނާއެކެވެ.

ނަމަވެސް، މިގޮތަށް ކަންތައް ހުރުމާއެކުވެސް، އަޅުގަނޑުމެންނަށް މި ކާރިޘާއާ ގުޅިގެން ވަނީ ނޭދެވޭ އެތަކެއް ޢަމަލުތަކެއް ކުރެވިފައެވެ. އެގޮތުން، މައްޔިތުންގެ މޫނު ބެލުމަށް އަންހެނުން ފިރިހެނުން މަސްހުނިވެގެން ދިއުމާއި، ފިރިހެނުން މަރުވެފައިވާ އަންހެން މައްޔިތުންގެ މޫނު ބެލުން ހިމެނެއެވެ. ދީނީ ގޮތުން މިކަމާ ބެހޭ ޙުކުމް ޢިލްމުވެރިން ވަނީ ބަޔާންކުރައްވާފައެވެ. އެހެންކަމުން، މިއީ އިސްލާމްދީނުގައި ހުއްދަ ގޮތެއް ނޫންކަން އަޅުގަނޑުމެންނަށް އެނގި ސާބިތުވެއެވެ.

ދެވަނައަށް ފާހަގަ ކުރެވުނީ، މަޝްހޫރު ސޯޝަލް ނެޓްވޯރކިންގ ވެބްސައިޓް، ފޭސްބުކްގައި، މަރުވި މައްޔިތުންގެ ހަދާނުގައި ޞަފުޙާއެއް ނުވަތަ ގްރޫޕެއް ހުޅުވިގެން ދިޔަ ތަނެވެ. އޭގެ ޒާތުގައި މިފަދަ ގްރޫޕެއް ހެދުމާ އަޅުގަނޑު ދެކޮޅު ހަދަނީކީއެއް ނޫނެވެ. ނަމަވެސް، ގްރޫޕުން ފެނިގެން ދިޔައީ މުސްލިމުންގެ ފަރާތުން ފެނިގެން ނުވާ ފަދަ މަންޒަރުތަކެކެވެ.

އެ ގްރޫޕްގައި ބައެއްމީހުން ތަޢުޒިޔާގެ ގޮތުން "ރެސްޓް އިން ޕީސް" ނުވަތަ "އާރް، އައި، ޕީ" މިފަދަ ޢިބާރާތުން އެ ފުރާނަތަކުގެ މައްޗަށް ދުޢާކުރަމުން ދިޔައެވެ. މަރުވާ މައްޔިތުންގެ މައްޗަށް ކިޔުން އެންމެ އެކަށޭނެ ދުޢާތައް އަޅުގަނޑުމެންގެ މާތް ދީން ވަނީ ދަސްކޮށްދީފައެވެ. އަދި މީހަކު މަރުވިކަމުގެ ޚަބަރު ލިބުމުން ކިޔަން ޖެހޭ ޒިކުރުވެސް އެބަހުއްޓެވެ. މީހަކު މަރުވެއްޖެކަމުގެ ހަބަރު ލިބުމާއެކު އަޅުގަނޑުމެން ކިޔަން ޖެހެނީ إنا لله وإنا إليه راجعون މިހެންނެވެ. މާނައީ، ހަމަކަށަވަރުން އަޅަމެން ވަނީ ﷲ އަށެވެ. އަދި އަޅަމެން އެނބުރި ދާހުށީވެސް އެއިލާހުގެ ޙަޟްރަތަށެވެ. މިފަދައިންނެވެ. މިއާއެކު މައްޔިތާގެ ފުރާނައަށް ރަޙްމަތް ލެއްވުމަށާއި ފާފަ ފުއްސެވުމަށް އެދި ދުޢާ ކުރެވިދާނެއެވެ.

"ރެސްޓް އިން ޕީސް" އަކީ ގޯސް މާނަތަކެއް ހިމެނޭ ދުޢާއެއް ނޫނެވެ. އެއީ، މައްޔިތާގެ ފުރާނަ ހަމަހިމޭންކަން މަތީ ލެއްވުމަށް އެދި ކުރެވޭ ދުޢާއެކެވެ. އެހެންކަމުން، ލަފްޒީ ގޮތުންނާއި މަޢުނަވީގޮތުން މި ދުޢާގައި މައްސަލަތަކެއް ނެތެވެ. މި ދުޢާގައި މައްސަލަ ޖެހޭ ހިސާބަށް ދެވެނީ ތަންކޮޅެއް ޢިލްމީ ނަޒަރަކުންނާއި ޢަޤަދީ ނަޒަރަކުން ބެލުމުންނެވެ. "ރެސްޓް އިން ޕީސް" ނެގިފައިވަނީ ކްރިސްޓިއަން ކެތޮލިކް މަޒްހަބުގެ ޖަނާޒާގެ ތެރެއިންނެވެ. އެމީހުންގެ މަހާނަ ގަލުގައިވެސް "އާރް، އައި، ޕީ" ލިޔެ އުޅެއެވެ. މައްސަލަ ޖެހެނީ މިހިސާބުންނެވެ. މި ދުޢާ އުފެދިގެން އައި ގޮތުންނެވެ.

އިސްލާމްދީނަކީ ޝާމިލު ކާމިލު ދީނެކެވެ. މި ދީނުގައި ބަޔާންވެފައި ނުވާ ކަމެއް ނެތެވެ. އަޅުގަނޑުމެންގެ ހުރިހައި ކަމެއްގެ ޙައްލު އިސްލާމްދީނުގައި ވެއެވެ. އެހެންކަމުން، ޚާއްޞަކޮށް އެހެން ދީންތަކުގެ އާދަކާދާތައް އަޅުގަނޑުމެން ނަޤަލު ކުރުން ވަނީ މާތް ނަބިއްޔާ ޞައްލަﷲ ޢަލަހި ވަސައްލަމް ވަރަށް ބޮޑަށް މަނާ ކުރައްވާފައެވެ. މައްސަލަ ޖެހެނީ މިހިސާބުންނެވެ. ހަމަކަށަވަރުން، "ރެސްޓް އިން ޕީސް" މި ދުޢާއަކީ ކުރިސްޓިއަން ކެތޮލިކްގެ އާދަކާދައިގެ ތެރޭގައި ހިމެނޭ ކަމެކެވެ. އެހެންކަމުން، މި ދުޢާ ނަޤަލުކޮށްގެން މި ގޮތަށް ކިޔުމަކީ މުސްލިމުންނަށް ހުއްދަވާނެ ކަމެއް ނޫން ކަމަށް ދަންނަބޭކަލުން ވަނީ ފަތުވާދެއްވާފައެވެ.

ކޮންމެއަކަސް، އެއީ އެ ޞަފުޙާއިން ނުވަތަ ގްރޫޕުން ފެނުނު އެއް މަންޒަރެވެ. ދެވަނަ މަންޒަރަކީ ހަމަ ޙަޤީޤަތުގައިވެސް ހިތާމަވެރި މަންޒަރެކެވެ. އެއީ މަރުވި ކުދިންގެ ފޮޓޯތައް ބައެއްމީހުން، އެ ޞަފުޙާއަށް އަރުވަމުން ދިޔަ މަންޒަރެވެ. އޭގެ ތެރޭގައި އެކުދިން ބުރުގާ ނާޅާ ނަގާފައި ހުރި ފޮޓޯތައްވެސް ހުއްޓެވެ. ދީނުގައި އަންހެނާގެ ޢައުރައަކީ މޫނާ ދެއަތްތިލަ ފިޔަވައި އެހެން ހުރިހައި ތަނެއްކަމަށް ހުރިހައި ޢިލްމުވެރިން އިއްތިފާޤުވެއްލަވައެވެ. މިކަމުގައި އިޚްތިލާފެއް ނެތެވެ. ވުމާއެކު، މައްޔިތުންނާ މެދު އެކުރެވެނީ ކިހައި ބޮޑު އިހާނަތެއްތޯއެވެ. އަދިވެސް، އޭގެ ތެރެއިން ނިޔާވި ކުއްޖެއް އޭނާގެ ލޯބިވެރިޔާއެކު ނަގާފައިވާ ފޮޓޯއެއް އެޞަފްޙާއަށް ބަޔަކުމީހުން ވަނީ ލައި، އެކަންވެސް ވަނީ އިޝްތިހާރު ކޮށްފައެވެ. މިއީވެސް މައްޔިތާއަށް ހެޔޮ އެދުމުގެ ނަމުގައި ބަޔަކު މީހުން ކުރިކަމެކެވެ. މިކަން ކަމުން އަޅުގަނޑަށް ފާހަގަވެގެން ދިޔައީ، ދީނާ އަޅުގަނޑުމެން ދުރުވެފައިވާ މިންވަރެވެ. ކުރެވޭ ނުކުރެވޭ، އަދި މައްޔިތާގެ ފުރާނައަށް އިހާނެތިކޮށް ހިތޭ ކަންތައްވެސް އަޅުގަނޑުމެންނަށް ނޭނގޭހާ ޖާހިލުކަމެވެ.

ދެންވެސް ފެނިގެން ދިޔައީ، އެ ޞަފުޙާގައި ހެޔޮ ބަސް ބުނެ، ނަޞޭޙަތްތެރިވަމުން ދާ މީހުންނަށް މަލާމާތް ކުރެވިގެންދާ ތަނެވެ. އެބައިމީހުންގެ ނަޞޭޙަތްތަކަށް ބީރުކަންފަތް ދެމުންދާ ތަނެވެ. މިއީ  ނިޔާވި ކުދިންނާއި ޕްރިސިޕަލަށް ހެޔޮ އެދޭކަމަށް ބުނެ ބަޔަކު ފޭސްބުކްގައި އުފައްދައިގެން އުޅޭ ޞަފުޙައެކެވެ.

ދެން ޚަބަރުތަކުން އިވުނު އަޑަކީ، މިއަދު ހުރާގެ ކައުންސިލުން ނެރުނު ޤަރާރުގެ ވާހަކައެވެ. ކޮންމެ އަހަރަކު ސެޕްޓެމްބަރ 9 އަކީ ހުރަޔަށް ހިތާމައިގެ ދުވަސް ކަމަށްވަނީ ކައުންސިލްގެ އިއްތިފާޤުން ކަނޑައަޅުއްވާފައެވެ. އަދި އެދުވަހު ހުރާގެ ހުރިހައި ރައްޔިތުން ކަޅު ހެދުމާއި ލިބާސް ލުމަށްވަނީ ކަނޑައަޅައި ފާސްކޮށްފައެވެ. ކުރިން ދެންނެވި ފަދައިން، މިއީވެސް އިސްލާމީ އާދަކާދައާ މުޅިން ބީރައްޓެހި އާދަކާދައެކެވެ. އެހެންކަމުން، މުސްލިމުން މިގޮތަށް މިހަކަލަ ހިތާމަވެރި ކާރިޘާތައް ފާހަގަކުރުމަކީ ދީނީގޮތުން އެދެވިގެންވާ ކަމެއް ނޫނެވެ. މިއާއެކު، އަނެއްކާވެސް އަޅުގަނޑަށް ފާހަގަ ކުރެވިގެން ދިޔައީ، އަޅުގަނޑުމެންގެ މައްޗަށް އިސްކުރެވިފައި ތިބި ވެރިންތަކަކީ ދީނީ ކަންކަމަށް ވަރަށް އިހްމާލު ބައެއްކަމެވެ. ދުނިޔެވީ ތަޢުލީމު އެނގުނަސް ދީނީ ތަޢުލީމުގެ އަސާސީވެސް ނޭނގޭ ބައެއްކަމެވެ. ހުރާ ކައުންސިލުންވެސް އެކަން ސާބިތުކޮށްދީފިއެވެ.

މައްޔިތުންގެ މައްޗަށް އެންމެ އެދެވިގެންވާ ގޮތުގައި، އަދި އެބައިމީހުންނަށް އެންމެ ފައިދާ ކުރާ ގޮތުގައި ކަންތައް ކުރާނެ ގޮތް ވަނީ އިސްލާމްދީނުގައި ބަޔާންކުރެވިފައެވެ. އެގޮތުން، އެންމެ އެދެވިގެންވަނީ އެބައިމީހުންނަށް އަބަދުވެސް އިޚްލާޞްތެރި ހިތަކާގެން ހެޔޮ ދުޢާ ކުރުމެވެ. އެބައިމީހުންގެ ފާފަ ފުއްސެވުމަށް އެދި ދުޢާ ކުރުމެވެ. އެބައިމީހުންނަށް ހެޔޮ ރަޙްމަތް ލެއްވުމަށް އެދި ދުޢާ ކުރުމެވެ. އެބައިމީހުންގެ ދުނިޔެވީ ސިއްރުތައް ސިއްރު ކުރުމެވެ. އެބައިމީހުންނަށް ބަދު ބަސް ބުނެވޭނެ ހުރިހައި ދޮރެއް ބަންދު ކުރުމެވެ. އެބައިމީހުންގެ ޢާއިލާތަކަށް ހިއްވަރު ދިނުމެވެ. މިކަން ކުރުމަށް ވަކި ދުވަހެއް ވަކި ހެދުމެއް އެޅުމެއް އަޅުގަނޑުމެންގެ ދީނެއް ދަސްކޮށެއް ނުދެއެވެ. ކޮންމެ ދުވަހަކީވެސް އަޅުގަނޑުމެންގެ މަރުވެފައިވާ  މުސްލިމް އަޚުންނާއި އުޚުތުންނަށް ދުޢާކުރަން ޖެހޭނެ ދުވަހެކެވެ.

މާތް ﷲ ގެ މި ޤަޟާ ޤަދަރަށްވެސް އަޅުގަނޑުމެން ރުހެން ޖެހޭނެއެވެ. މިއީ ހަމައެކަނި ހިތާމައެއް ކަމުގައި ދެކިގެން ނުވާނެއެވެ. މީގައި އިލާހީ ޙިކުމަތެއް ވާކަމީ ޝައްކެއްހުރި ކަމެއް ނޫނެވެ. އެހެންކަމުން، އަޅުގަނޑުމެން މިކާރިޘާއަށް މާއްދީ ނަޒަރަކުން ބެލުމުގެ ބަދަލުގައި ފޮރުވިފައިވާ އިލާހީ ޙިކުމަތެއް ވާނެކަން ޤަބޫލުކުރުމަކީ އެންމެ އެދެވިގެންވާ ގޮތެވެ.

މާތް ﷲ ކީރިތި ޤުރުއާނުގައި ތަފާތު ގޮތްގޮތަށް އިންސާނުން އިމްތިޙާނު ކުރައްވާނެކަމަށް ވަނީ ވަޙީކުރައްވާފައެވެ. އެގޮތުން، މީހުންގެ މަރުގެންނަވައިގެންނާއި، މުދަލާއި މޭވާ އުނިކުރައްވައިގެންވެސް އިމްތިޙާނު ކުރައްވާނެކަން ޤުރުއާނުގެ މޫރިތި އާޔަތްތަކުން އެނގި ކަށަވަރުވެއެވެ. އަދި އަޅުގަނޑުމެންގެ ތެރެއިން ކެތްތެރިންނަކީ ކޮބައިތޯވެސް ބައްލަވާނެކަމަށްވެސް ވެއެވެ. އަދި ކެތްތެރިންނަށް އެއްވެސް ޙިސާބެއް ނެތި އަޖުރު ދެވޭނެ ކަމަށްވެސް އެ އިލާހު ވަޢުދުވެ ވޮޑިގަންނަވައެވެ. އެހެންކަމުން، ނިޔާވި ކުދިންގެ ޢާއިލާތަކަށް އޮތީ ކެތްތެރިވުމެވެ. އަދި އަޅުގަނޑުމެންނަށް އޮތީ އެކުދިންގެ ފުރާނަތަކަށް ހެޔޮ ރަޙްމަތާއި ފާފަ ފުއްސެވުން ލެއްވުމަށް އެދި ދުޢާކުރުމެވެ. އަދި މިފަދަ ޙާދިޘާތަކުން ޢިބްރަތް ލިބިގަތުމެވެ.

ކޮންމެ ނަފުސަކީވެސް މަރުގެ ރަހަ ލިބޭނޭ ނަފްސެއްކަން ދެނެގަތުމެވެ. އެކަމަށް ވަކި ވަޤުތެއް ވަކި ޢުމުރެއް ނެތްކަން ދެނެގަތުމެވެ. އެހެންކަމުން، މަރާ ބައްދަލުވުމުގެ ކުރިން، ޖައްބާރުވަންތަ ﷲ ގެ ރުއްސެވުން ލިބޭ ބަޔަކަށް އަޅުގަނޑުމެން ވާން ޖެހޭނެއެވެ. މަރަށް ތައްޔާރުވާން ޖެހޭނެއެވެ. ބިދުޢަތަކާއި ޚުރާފީ ކަންތަކުން ދުރުހެލިވެ ތިބޭ ބަޔަކު ކަމުގައިވާން ޖެހޭނެއެވެ. މާއްދީ ނަޒަރަކުން ކަންކަމަށް ބެލުމުގެ ބަދަލުގައި އާޚިރަތުގެ ނަޒަރަކުން ބަލާ ބަޔަކު ކަމުގައިވާން ޖެހޭނެއެވެ.

ނިންމާލަމުން، އަޅުގަނޑުގެ އެދުމަކީ، އިސްވެ ބަޔާންކުރެވުނު، ދީނާ ނުގުޅޭ، ބީރައްޓެހި ކަންކަމުން މުސްލިމުން ދުރުވުމެވެ. މިކަހަލަ ކޮންމެ ކާރިޘާއަކީ އިލާހީ ހަދާންކޮށްދެއްވުމެއް ކަން ހަދާނަށް ގެނައުމެވެ. ޢިބްރަތެއްކަމުގައި ބެލުމެވެ. އަދި މިކަމުގެ ޢިބްރަތް ލިބި އަޅުގަނޑުމެންގެ އުޅުމާއި ގުޅުން ރަނގަޅު ކުރުމެވެ.

ޓެގް

ހުރާ ކާރިޘާ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.