ދިއިސްލާމް މިޞްރުގައި ހުންނަ އިޒްރާއީލްގެ އެމްބަސީ ވަށައިގެން ފަލަސްޠީނަށް ތާއީދުކުރާ ގްރެފިޓީތަކެއް ކުރަހައިފި

މިޞްރުގައި ހުންނަ އިޒްރާއީލްގެ އެމްބަސީ ވަށައިގެން ފަލަސްޠީނަށް ތާއީދުކުރާ ގްރެފިޓީތަކެއް ކުރަހައިފި

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ފަލަޞްޠީނަށް ތާއީދުކޮށްފަ ކުރަހާ ކުރެހުމެއް

ޤާހިރާ: އިޒްރާއީލްގެ އެމްބަސީ ހުންނަ ޢިމާރާތުގެ ވަށައިގެން މިހާރު ހުންނަ ވަށާފާރުގައި ފަލަސްޠީނަށް ތާއީދުކޮށް، އަދި އިޒްރާއީލްގެ ޢަމަލުތަކަށް ދެކޮޅު ހަދާކަން ދޭހަވާ ފަދަ ޢިބާރާތްތަކެއް ކުރަހާ، މިޞްރު މީހުން އެމީހުންގެ ޝުޢޫރުތައް ފާޅުކޮށްފި އެވެ.

 "ސުލްޙަ ނުވާނަމޭ" "ދިޔުރު ޔާސީންގެ މަތިން ހަނދާނެއް ނުނެތޭނެ" "އިޒްރާއީލަށް ނޫނެކޭ" އަދި "ފަލަސްޠީނު މިނިވަންކުރުން ފެށޭނީ މިޞްރު މިނިވަންކުރުމުން" މިފަދަ ޢިބާރާތްތަކުން އެ 100 މީޓަރުގެ ދިގު އަދި 3 ފޫޓް އުސް ފާރުވަނީ ފުރާލާފަ އެވެ. ޤާހިރާގެ މަގުމަތިން ހިނގާފައި ދިޔަ މީހުންނާއި ކާރުތަކުގައި ދިޔަ މީހުންވެސް އެ ޢަމަލަށް ހިތްވަރުދީ  ވަރަށް ގިނަ ބަޔަކު އެކަމުގައި ބައިވެރިވެފައިވާ ކަމަށް ޚަބަރު ފަތުރާ ވަސީލަތްތަކުން މަޢުލޫމާތުދެ އެވެ.

މިފާރަކީ، ނިމިދިޔަ ރަމަޟާން މަހު މިޞްރު މީހުން ކުރި މުޒާހަރާއެއްގައި އިޒްރާއީލްގެ އެމްބަސީގެ ވަށައިގެން ހުރި ދަގަނޑު ފެންސް ހަލާކުކޮށްލި ފަހުން މިދިޔަ ހަފްތާގެ ހޮނިހިރު ދުވަހު ސަލާމަތީ ބާރުތަކުން ރޭނި ފާރެކެވެ. ސަލާމަތީ ބާރުތަކުން ބުނެފައިވަނީ އެފާރު ރޭނުމުގެ މަޤްޞަދަކީ ޢާއްމު މުދާ ރައްކާތެރިކުރުން ކަމަށާއި ކޮންމެހެން އިޒްރާއީލްގެ އެމްބަސީ ޙިމާޔަތްކުރުން ނޫންކަމަށެވެ.

މިފާރުގައި ލިޔަމުންދިޔަ ޢިބާރާތްތައް ލިޔުން ހުއްޓާލާފާވަނީ އެކަން ކުރަން ފެށިތާ އެތައް ގަޑި އިރުތަކެއް ފަހުން މިޞްރުގެ ސަލާމަތީ ބާރުތަކުން އައިސް އެކަން ހުއްޓާލާފާ އެންމެން ދިޔުމަށް އެންގުމުން ކަމަށް މައުލޫމާތު ލިބެއެވެ.

އިޒްރާއީލާ ދެކޮޅަށް ފާޅުގައި ދެކޮޅު ހެދުމަށް އިސްލާމީ އުއްމަތުގެ ތެރެއިން އެންމެ ބޮޑަށް މަސައްކަތްކުރަމުންދާ އެއް ބަޔަކަށް މިޞްރުގެ ރައްޔިތުންވާނެ ކަމަށް ގިނަ ބަޔަކު ޤަބޫލުކުރެ އެވެ. ނިމުނު ރަމަޟާންމަހު އިޒްރާއީލާ ދެކޮޅަށް މިޞްރުގައި ކުރި މުޒާހަރާތަކުގެ ތެރޭގައި މިޞްރު މީހަކުވަނީ އިޒްރާއީލްގެ އެމްބަސީ ހުންނަ 22 ބުރީގެ އުސް ޢިމާރާތަށް އަރާ އިޒްރާއީލްގެ ދިދަ އަންދާލާ މިޞްރުގެ ދިދަ ނަގާފަ އެވެ. މިކަން ކުރިއަށް ގެންދިއުމަށް ސިފައިންވެސް ހިތްވަރުދީފައިވާކަމަށް މިހާރު "ފްލެގް މޭން" ގެ ނަމުން މަޝްހޫރުވެފައިވާ އަޙްމަދު އަލްޝިހާތު އަލްޖަޒީރާއަށް ދެއްވި އިންޓަރވިއުއެއްގައި ވިދާޅުވެފައިވެ އެވެ. މި ޖެހިލުން ކުޑަ ޢަމަލުގެ ސަބަބުން އިޒްރާއީލުން ޣައްޒާއަށް އޭރު ދެމުންގެންދިޔަ ޙަމަލާތައް މަދުކޮށްފައިވާކަމަށް މަޞްރަޙް ދިރާސާކުރާ ފަރާތްތަކުން މައުލޫމާތުދެ އެވެ. އެހެންކަމުން މިޞްރުގައި މިހާރު ކުރެހުންތެރިންނާއި ޢާއްމު ރައްޔިތުން ކުރަމުންމިދާ އާދަޔާ ޚިލާފް މުޒާހަރާތަކުގެ ސަބަބުން އިޒްރާއީލް އިތުރަށް ފިނޑިވެގެން ދާނެކަމަށް ޤަބޫލުކުރެވެ އެވެ.

ޓެގް

ފަލަޞްޠީން އިޒްރޭލް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.