އޮފީސް ކޮމްޕިއުޓަރުން ނުވަތަ ރައްޓެއްސެއްގެ ކޮމްޕިއުޓަރުން ނުވަތަ ސައިބަރ ކެފޭއެއްގެ ކޮމްޕިއުޓަރުން އިންޓަނެޓް ބޭނުން ކުރުމަށްފަހު ހިތްނުތަނަވަސްވޭ ހެއްޔެވެ؟ ރިމައިންޑް ޕާސްވޯޑް މިގޮޅީގައި ފާހަގަ ޖެހުނު ބާއެވެ. ހިސްޓްރީ، ކުކީސް ފޮހެލެވުނުބާއެވެ. މިކަހަލަ އެތަކެއް ޝައްކު ތަކުން ހިތްވަނީ ތެމި ފޯވެފައެވެ. މިކަންކަމުގެ ޙައްލަކީ އެކަހެރި ބްރައުސިން ނުވަތަ ޕްރައިވެޓް ބްރައުސިން އެވެ.
މިފަދަ ޚިދުމަތެއްގެ ބޭނުން ކުރެވޭނެ އެންމެ މުނާޞަބު ވަޤުތަކީ ރައްޓެއްސެއްގެ ނުވަތަ އޮފީސް ކޮމްޕިއުޓަރުން އަމިއްލަ ޕާސަނަލް ކަމަކަށް ބޭނުން ކުރަން ޖެހިއްޖެ ޙާލަތެއްގައެވެ. މިސާލަކަށް އިންޓަނެޓް ބޭންކިން ވެބަސައިޓަކަށް ލޮގިންވުން ނުވަތަ މެއިލް ޗެކް ކޮށްލުން ފަދަ ކަންކަމުގައެވެ. އިންޕްރައިވެޓް، އިންކޮގްނިޓޯ، ޕްރައިވެޓް ބްރައުސިން ކޮންމެ ނަމެއްދިނަސް ކުރެވެނީ އެއްބޭނުމެކެވެ. ޢާއްމުކޮށް ބޭނުން ކުރާ ބްރައުސަރ ތަކުގައި މިޚިދުމަތް ލިބެން ހުރެއެވެ. މިޚިދުމަތުން ލިބޭ ފައިދާއަކީ ބްރައުސަރ ނިއްވާލުމުން ކުކީސްއާއި، ހިސްޓްރީ، ޓެމްޕަރަރީ ފައިލް، ޑައުންލޯޑް ލިސްޓް، ޕާސްވޯޑް، ކޭޗް ފަދަ ތަކެތި އެކުއެކީ ފޮހެލައެވެ. ވަކިން ހިސްޓްރީ އާއި ކުކީސް ޑިލީޓް ކުރުމައިގެން ވަޤުތު ބޭކާރު ކުރާކަށް ނުޖެހެއެވެ.
މިޚިދުމަތަކީ ފައިދާހުރި ކަމަކަށްވިޔަސް މިޚިދުމަތުގެ ބޭނުން ނަހަމަ ގޮތުގައި ހިފައިގެން ނުވާނެއެވެ. ކޮންމެ ވަޤުތަކު ކިތަންމެ ސިއްރުން އިންޓަނެޓްގެ ސައިޓްތަކަށް ފީނަމުން ދާއިރު ހެއްދެވި ފަރާތް މަތިން ހަނދުމަ ނެތިކޮއްލައިގެން ނުވާނެއެވެ. ކިތަންމެ މޮޅު ޕޮރޮގްރާމަކަށްވެސް މާތްﷲ އަށް އެއްވެސް ކަމެއް ވަންހަނާއެއް ނުކުރެވޭނެއެވެ.
މިޚިދުމަތް ބޭނުން ކުރުމަށް އަންނަނިވި ގޮތަށް ހަދާށެވެ. ކީބޯޑުން ވަކި ފިތްތަކަށް ފިތާލުމުން އިތުރު ޖާލީއެއް ހުޅުވޭނެއެވެ. އެޖާލީ ނިއްވާލުމުން ހަލާސް އެވެ. ހާސްވާނެކަމެއް ނެތެވެ . އިރާދަކުރެއްވިއްޔާ ރައްކާތެރިގޮތުގައި ބޭނުން ކުރާނަމަ ރައްކާތެރިވާނެއެވެ.
Internet Explorer InPrivate
Ctrl+Shift+P
Firefox Private Browsing
Ctrl+Shift+P
Chrome Incognito
Ctrl+Shift+N
Safari Private Browsing
click on "Safari" in the menu bar and select "Private Browsing..."
Opera Private
Ctrl+Shift+N
ކޮމެންޓް (0)
ލޯޑް ކުރަމުން...