މިއަދު 22 ޝަޢުބާން 1432ހ. (23 ޖުލައި 2011މ.) ހޮނިހިރު ދުވަހުގެ މެންދުރު ވަގުތު ﷲގެ އިރާދަފުޅާއެކު ކަޢުބަތުﷲ ގެފުޅުގެ ހިޔަނި ނުހުންނާނެ ކަމަށް ފަލަކީ ޢިލްމުގެ ދިރާސާތަކުން ދައްކައެވެ. އެއީ މައްކާ ގަޑިން 12:27 ގައެވެ. މާލޭގަޑިން މެންދުރު ފަހު 02:27 ގައެވެ. އިރު މެދުޖެހޭއިރު ގެފުޅާއި އަލް-މަސްޖިދުލް ޙަރާމާއި މައްކާގެ އެންމެހާތަންތަނެއްގެ ހިޔަނި ހުންނާނީ 0% ގައެވެ. ސަޢޫދީ ޢަރަބިއްޔާގެ ޖިއްދާގައި ހުންނަ “އަލް-ޖަމްޢިއްޔަތުލް ފަލަކިއްޔާ” އިން މިކަންވަނީ ހާމަކޮށްފައެވެ.
މިވަގުތަކީ އިރުގެ ދަތުރުކުރުމުގައި ސީދާ ގެފުޅާ ދިމާމަތީގައި ހުންނާނެ ވަގުތެއްކަމުން ގެފުޅުގެ ހިޔަނި ނުހުންނަން ދިމާވަނީއެވެ. އެހެންކަމުން އިރުގެ އަލިކަން އެވަގުތު (ޖީ،އެމް،ޓީން am09:27) ގައި ފެންނަން ހުންނަ ދުނިޔޭގެ އެންމެހާ ޤަޥްމުތަކުގެ ޤިބްލަ ސީދާކޮށްލަން ލިބޭނެ ރަނުގެ ފުރުޞަތެއްކަމަށް މިވަގުތު ވެގެންދާނެއެވެ. ކޮންމެ ޤަޥްމަކަށް ވެސް މިވަގުތު އިރުފެންނަން ހުންނާނީ ގެފުޅުގެ މަތިން ކަމަށްވާތީ އެވެ. އަނެއްކޮޅުން ހޯދުންތަކުން ދައްކާގޮތުން ދުނިޔޭގެ މެދަކީ ގެފުޅުކަމަށް ދައްކާ ހޯދުންތަކަށް ބިނާކުރާއިރު މިވަގުތު ވެގެންދާނީ ދުނިޔެއަށް އާދަޔާ ޚިލާފު ވަގުތަކަށެވެ. އެއީ ސީދާ ދުނިޔޭގެ މެދާއި، ދުނިޔެމައްޗަށް ފެންނަންހުންނަ އިރު ދިމާވާ ވަގުތުކަމުގައެވެ.
“އަލް-ޖަމްޢިއްޔަތުލް ފަލަކިއްޔާ” ގެ ރައީސް އަލް-މުހަންދިސް މާޖިދު އަބޫ ޒާރިރާ ބަޔާންކުރައްވާގޮތުން ” އެވަގުތު ވެގެންދާނީ އިރު އޭގެ ދަތުރުގައި ދުނިޔޭގެ މެދުދަނޑި (އީކްވޭޓަރ) ގައި ހުންނަވަގުތަކަށެވެ. އަދި ދުނިޔޭގެ އިރުގެ އަލި އެވަގުތު ފެންނަންހުންނަ ކޮންމެ ޤަޥްމެއްގެ ބަޔަކަށް ވެސް މިވަގުތު އެބައެއްގެ ޤިބްލަ ކަށަވަރު ކޮށްލެވޭނެއެވެ. ސީދާތެދަށް ބިމަށް އެއްޗެއް ޖެހުމަށްފަހު އޭގެ ހިޔަނި ހުންނަ ފަރާތްނޫން ހިޔަންޏާ ދިމާއިދިކޮޅު ފަރާތަކީ ޤިބްލަ ފަރާތެވެ. ނަމަވެސް މައްކާއާއި ކައިރި ބައެއްރަށްތަކަށް، ޠާއިފް، ޖިއްދާ، ފަދަ ސިޓީތަކަށް މިކަން މާފަސޭހައެއް ނުވާނެއެވެ. ޤިބްލަ އެންމެ ފަސޭހައިން ކަށަވަރު ކުރެވޭނީ ބޮޑަށް ދުރު ޤަޥްމުތަކަށެވެ. އަދި މީ މިއަހަރުގެ ތެރޭގައި މިކަންދިމާވާނެ އެންމެ ފަހުފަހަރެވެ.”
- މުޞައްނިފް: ރާއްޖެއިސްލާމް ނިއުސް ޓީމް

ކޮމެންޓް (0)
ލޯޑް ކުރަމުން...