ވާހަކަ މޭބިސްކަދުރު ކޯޅިއެއްގެ ބަދަލުގައި ވަޒީރުކަން - 4

މޭބިސްކަދުރު ކޯޅިއެއްގެ ބަދަލުގައި ވަޒީރުކަން - 4

މޭބިސްކަދުރު ކޯޅިއެއްގެ ބަދަލުގައި ވަޒީރުކަން - 4

ކިޔާލަން ހޭދަވާނީ 4 މިނިޓް

ފޮންޓް ސައިޒް

އޭނާ ވާހަކަ ކިޔައިދޭން ފެށިއެވެ. [އަހަރެންނަކީ މުރޫގެ ވިޔަފާރިވެރިޔަކީމެވެ. އަހަރެންގެ ބޭބެ އަޙުމަދަކީވެސް ވިޔަފާރިވެރިއެކެވެ. އެއްފަހަރަކު އަހަރަމެން ދެ އަޚުން ބަޣުދާދަށް ދަތުރެއް ކުރުމަށް ގަސްތުކުރީމެވެ. އެއީ ބަޣުދާދުން މުދާގަނެގެން ގެނެސް ރަށަށް ވިއްކުމަށެވެ. އަހަރެންގެ އަތުގައި އެއްހާސް ދީނާރުއޮތެވެ. އަހަރެން އެދީނާރުތައް ކީސާއަކަށް އަޅައި ބަންދުކުރުމަށްފަހު ރައްކާކުރުމަށްޓަކައި ބޭބެ އާއި ހަވާލުކުރީމެވެ. އޭރު ޤާފިލާއެއް ބަޣްދާދަށް ފުރަނީއެވެ. އަހަރަމެންވެސް އެޤާފިލާގައި ބައިވެރިވީމެވެ. ދަތުރުކުރަމުން އައިސް ބަޣުދާދާ ވަރަށް ކައިރިވެފައިވަނިކޮށް ކުއްލިއަކަށް ޑާކޫންގެ ބަޔަކު ޤާފިލާއަށް ޙަމަލަދިނެވެ. ޤާފިލާގެ ވަރަށް ގިނަ މީހުން މަރުވެ، އެތައް ބަޔަކު ޒަޚަމްވިއެވެ. ނަމަވެސް އަހަރެން ދަނޑިވަޅު ބަލާފައި ފިލީމެވެ.

ޖެހިގެން އައި ދުވަހު އަހަރެން، އެ ޤަތުލުގާހަށް ދިޔައީމެވެ. މަރުވެފައިވާ ހަށިތައް އުކާލެވިފައި ހުއްޓެވެ. ޒަޚަމީންގެ ވޭނީ ކުކުރުމާއި ރުއިމުގެ އަޑު އިވިއިވި ހުއްޓެވެ. މަރުވެފައިވާ މީހުންނާ ޒަޚަމީންގެ ތެރެއިން ބޭބެ ފެނޭތޯ ވަރަށް ހޯދައި ބެލީމެވެ. ނަމަވެސް ނުފެނުނެވެ. އަހަރެންނަށް ޤަބޫލުކުރެވުނީ އެއްހާސް ދީނާރު އޭނާގެ ހިތް އީމާންކަމުން މަޙުރޫމުކުރީކަމަށެވެ. ބޭބެ އެފަދައިން ޢަމަލުކޮށްފާނެކަމަކަށް ފަހަރެއްގައިވެސް އަހަރެން ހީއެއްނުކުރަމެވެ. އަހަރެން އިންތިހާއަށް ދެރަވެ ކަންބޮޑުވިއެވެ. އަހަރެންގެ ހުރިހާ އެއްޗެއްވަނީ ގެއްލި ފޭރެވިފައެވެ. ފަޤީރުކަން އައިސް އަހަރެން ވަށައިލިއެވެ. ބަޣުދާދުންވެސް ބޭބެ ފެނޭތޯ ވަރަށް ހޯދީމެވެ. ނަމަވެސް އޭނާގެ ހިލަމެއްނުވިއެވެ.

އެއްދުވަހަކު ކަންބޮޑުވެ ހަދާނެގޮތް ހުސްވެގެންވާ ޙާލު  މިކޯރުގެ އައްސޭރީގައި އިށީނދެގެން އިނީމެވެ. އެހެން އިންތަން މިބޮއްކުރާގެ ވެރިމީހާއަށް ފެނިގެން އަހަރެންގެ މައްޗަށް އޭނާގެ ހިތުގައި ރަޙުމް އުފެދިގެން އައިސް އަހަރެން ގާތުގައި އިށީނެވެ. އަދި އަހަރެންގެ ހިތް ހަމަޖައްސައިދެވޭތޯ މަސައްކަތްކުރަންފެށިއެވެ. އަހަރެންގެ ޙާލު އޮޅުންފިލުވިއެވެ. އަހަރެންގެ ހިތާމަވެރި ހިތްދަތި ވާހަކަ އޭނާއަށް ކިޔައިދީނީމެވެ.  އޭނާ ބުންޏެވެ. [ކަލޭ، އަހަރެންގެ ކައިރީ މަސައްކަތްކުރަންވީނޫން ހެއްޔެވެ؟ މިއޮތީ އަހަރެންގެ ބޮއްކުރައެވެ. އަހަރެން މިހާރު މިވަނީ މުސްކުޅިވެފައެވެ. އަތްފައިގެ ބާރު ދެރަވެފައެވެ.  އެއްވެސް ފިރިހެން ދަރިއަކު ނެތެވެ. މިކަން ކުރެވޭނީ ކަލޭފަދަ ޞިއްޙަތު ރަގަޅު ގައިބާރު ހުރި މީހަކަށެވެ.

އެހެންކަމުން އަހަރެން އޭނާގެ ކައިރީ މަސައްކަތްކުރަން ފެށީމެވެ. އަހަރެންގެ މަސައްކަތާއި އަމާނަތްތެރިކަމުން އަސަރުކޮށްގެން އޭނާގެ ހުރި ހަމައެކަނި އަންހެން ދަރިފުޅުގެ ކައިވެނި އަހަރެންނާ ކޮށްދިނެވެ. އަދި އަހަރެން އެގޭގައި ދިރިއުޅެން ފެށީމެވެ. ދެތިން މަސް ވީތަނާ އަންހެނުންގެ ބައްޕަ މަރުވެއްޖެއެވެ.]

އިބްނު ހުބައިރާ ބަޔާންކުރެއެވެ. ތިމަން އެދީނާރު ކީސާގެ ސިފަ ކިޔައިދިނުމަށް އެދުނީމެވެ. އޭނާ އޭގެ ސިފަތައް ކިޔައިދިނެވެ. އެއީ ހަމަ ތިމަންގެ އަތުގައި އޮތް ދީނާރު ކީސާއެވެ. ދެން ފަހެ އޭގެ ވެރިޔަކީ ތިމަންގެ ކުރިމަތީގައި އިން މީހާކަން ޔަޤީންވީ ހިނދު، ތިމަން، އޭނާގެ ކުރިމަތީގައި އެކީސާ ބޭއްވީމެވެ. މަޙުމޫދަށް އެކީސާ ފެނުމާއެކު އުފަލުންގޮސް މަރުނުވީ ކިރިޔާއެވެ. އޭނާގެ ހޭވެރިކަން ފިލައިގެން ދާން ކައިރިވިއެވެ. ތިމަން އޭނާގެ ބޮލަށް ފެންއަޅަންފެށީމެއެވެ. ދެން އޭނާ ކުޑަކޮށް ހަމަޔަކަށް އެޅުމުން އަހަރެންނާ ސުވާލުކުރިއެވެ. [އެކަމަކު ކަލެއަށް ތިޔަ ކީސާ ލިބުނީ ކިހިނަކުން ކޮންތާކުން ހެއްޔެވެ؟] ތިމަން، އޭނާއަށް ހުރިހާ ވާހަކައެއް ކިޔައިދިނީމެވެ. އަދި ބުނީމެވެ. [ތިބާގެ ބޭބެ، ތިބާ ފެނޭތޯ މުޅި ބަޣުދާދުގައި އަތްފުނާއެޅިއެވެ. އޭނާގެ ހިތް ފަސާދަވެ ދީނާރުތައް ހިފައިގެން ފިލީކަމުގައި ތިބާއަށް ކުރެވުނު ހީއަކީ މުޅިން ކުށްހީއެކެވެ.]

ކޮންމެއަކަސް ދިނާރުތައް ލިބުމުން މަޙުމޫދު ހުރީ ވަރަށް އުފާވެފައެވެ. އޭނާ ތަކުރާރުކޮށް އެކީސާއަށް ބަލަމުން ގެންދިޔައެވެ. ދެން އޭނާ ދީނާރުތައް ގުނަންފެށިއެވެ. ނަމަވެސް އޭގައި އޮތީ ނުވަސަތޭކަ ނުވަދިހަ ނުވަ ދީނާރެވެ. މަދުވި އެއްދީނާރާ ބެހޭގޮތުން ތިމަން ބުނީމެވެ. [ތިމަން އެއިން ތިބާގެ ބޭބެއަށް މޭބިސްކަދުރު ގަތީއެވެ.]

އޭނާ ބުންޏެވެ. [މައްސަލައެއްނެތެވެ.] އަދި އިތުރު ދިހަ ރަން ދީނާރު ފޮތި ނަގައި ތިމަންގެ އަތަށް ދިނެވެ. އަދި ތިމަންނާއަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރިއެވެ.

ދެންފަހެ ތިމަންގެ އަތުގައި ޚަރަދުކުރާނެ ފައިސާވެސް ހުރުމާއެކު އަނެއްކާވެސް ބަޣުދާދުގައި މަޑުކޮށް، ވަޒީފާއެއްލިބޭތޯ މަސައްކަތްކުރުމަށް ގަސްތުކުރީމެވެ.

ޖެހިގެން އައިދުވަހު އަނެއްކާވެސް ރަސްކަމުގެ ދަރުބާރަށްގޮސް ޚަބަރު ބަލައިލުމަށް ހިތަށްއެރިއެވެ. ފަހަރެއްގައި މިހާރު އެމީހުންނަށް ތިމަންގެ ބޭނުންޖެހިދާނެއެވެ. ތިމަން ދަރުބާރަށް ދިޔައީމެވެ. ތިމަން ފެނުމާއެކު އެމީހުން ބުންޏެވެ. [ތިބާ އުޅުނީ ކޮންތާކުހެއްޔެވެ؟ އަހަރެމެން މިދަނީ ތިބާ ހޯދަމުންނެވެ. ތިބާއަށް މިހާރު ވަޒީފާއެއް އެބައޮތެވެ.]

މިފަދައިން މޭބިސްކަދުރު ކޯޅިއެއްގެ ސަބަބުން ދެވަނަ ފަހަރަށް ބަޣުދާދަށް އައުމުގެ ފުރުޞަތު އަހަރެންނަށް ލިބުނެވެ.  ވަރަށް އަވަހަށް މެދުކެނޑުމެއްނެތި ޝައުޤުވެރިކަމާއެކު ކުރި ހިތްވަރާއި މަސައްކަތުގެ ސަބަބުން ޚަލީފާ އަލް މުޤްތަފީ ލިއަމްރިﷲ ގެ ޚަޒާނާގެ އޮފްސަރުކަން ލިބިއްޖެއެވެ. އެއަށްފަހު ޚަލީފާގެ ސެކެޓްރީގެ މަޤާމުލިބުމާއެކު ޚަލީފާގެ އަރިހުގައި މަސައްކަތްކުރުމުގެ ފުރުޞަތު ލިބުނެވެ. ޚަލީފާއަށް އަހަރެންގެ އަމާނަތާއި ލަޔާޤަތު ފެނުނު ހިނދު  ހިޖުރައިން ފައްސަތޭކަ ސާޅީސް ހަތަރުވަނަ އަހަރު އޭނާގެ ވަޒީރުކަން ދެއްވިއެވެ. ދެން ޚަލީފާ އަވަހާރަވުމަށްފަހު އޭނާގެ ދަރިކަލުން މުސްތަންޖިދު ބިﷲ ގެ ޚިލާފަތުގައިވެސް އެމަޤާމުގައި ބެހެއްޓެވިއެވެ.

ހިޖްރައިން ފައްސަތޭކަ ފަސްދޮޅަސް ވަނަ އަހަރު އިބްނު ހުބައިރާ އަވަހާރަވެއްޖައުމަށް ދާންދެން ވަޒީރުކަމުގެ މަޤާމުގައި ހުންނެވިއެވެ. (ނިމުނީ)

ނޯޓް: މިވާހަކައިގެ އަޞްލުވަނީ شذرات الذهب في أخبار من الذهب ، المنتظم ابن الجوزي  ، وفيات الأعيان ، كتاب الذيل على طبقات الحنابلة  މިފޮތްތަކުގައެވެ. ތަރުޖަމާކުރުމުގައި އަޞްލަކަށް ބަލާފައިވާނީ ޢަބްދުލްމާލިކް މުޖާހިދް ލިޔުއްވާފައިވާ "ސުންހެރޭ އަޥްރާޤް" މިފޮތެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.