ނޯޓް: މިއީ ރާއްޖެއިސްލާމް.ކޮމް އިން ނަގާފައިވާ ލިޔުމެކެވެ.
އިސްލާމްދީނަކީ ވަޙުދަތުގެ ދީނެވެ. ދިވެހިރާއްޖެއަކީ މުސްލިމު އާބާދީއެކެވެ. ނަމަވެސް ޕާޓީ ޙަމިއްޔާގައި ޖެހި ދިވެހިން ދަނީ ބައިބައިވަމުންނެވެ. އަމިއްލަ އެދުމުން ފުރިފައިތިބި މަދު ސިޔާސީންގެ އަތްދަށުވެ ޤައުމުގެ ޙާލަތުވަނީ މިއިން ޒަމާނަކު ނުދާހާ ދަށުދަރަޖައަށް ގޮސްފައެވެ. ސަބަބެއްކަމުގައި އަޅުގަނޑުދެކެނީ ޕާޓީ ތަޢައްސުބާއި ފާޓީ ޙަމިއްޔާ ދިވެހިންގެ ތެރޭގައި އަށަގަތުމެވެ.
"ޙާފިޒު" ޒަކީއަށް މިކަން ވިސްނޭހެނެއް ހީއެއްނުވެއެވެ. ސަބަބަކީ، ރޯދަމަހަށް އަމާޒުކޮށްގެން ދީނީ ނަޞޭޙަތް ދިނުމުގެ ސިލްސިލާ ޖަލްސާތަކެއް ފެށުމުގެ ގޮތުން އެމްޑީޕީއިން ރޭ ކަލާފާނުގައި ބޭއްވި ޖަލްސާގައި ޒަކީ ދެއްކި ވާހަކަތަކެވެ. އެޖަލްސާގައި ޒަކީވަނީ ޝެއިޚުންނަށް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ. އެމްޑީޕީ ޕޯޑިއަމަށް ޝެއިޚުން ވަޑައިގަންނަވަން ބޭނުންފުޅު ނުވާކަމަށް ވިދާޅުވެފައެވެ. އަދި އެމްޑީޕީ މެމްބަރުންނަށް ޝެއިޚުން ނަޞޭޙަތް ދެއްވަން ބޭނުންފުޅު ނުވާކަމަށް ވިދާޅުވެފައެވެ.
ތެދެކެވެ. އެމްޑީޕީ ޕޯޑިއަމްގައި ނަޞޭޙަތް ދެއްވަން ޝެއިޚުން ބޭނުންފުޅުވެ ނުލައްވާފާނެއެވެ. އެކަމަށް ޝެއިޚުންނަށް އަޅުގަނޑު ތާއީދުވެސް ކުރަމެވެ. ނަމަވެސް، ޝެއިޚުން އެކަމަށް އިންކާރު ކުރެއްވި ސަބަބެއް ކަމަށް ޒަކީ ދެއްކި ސަބަބުތަކެއް ޤަބޫލު ނުކުރަމެވެ. ސަބަބަކީ، ޝެއިޚުން އެފަދަ ވާހަކައެއް ވިދާޅެއް ނުވާނެއެވެ. އަދި އެމްޑީޕީގައި ތިބީ އެހެން ދީނެއްގެ ބައެއްކަމަށް ދޭހަވާ ގޮތަކަށްވެސް ޝެއިޚުން ޖަވާބެއް ނުދެއްވާނެއެވެ.
އެމްޑީޕީ ޕޯޑިއަމްގައި ނަޞޭހަތް ދެއްވަން ޝެއިޚުން ބޭނުންފުޅުވެ ނުލެއްވި ސަބަބުތައް ޒަކީއަށް ނުވިސްނުނީއެވެ. އެހެންވެ، ޝެއިޚުންގެ އިސްތަށިފުޅުގައި އެފަދަ ބަދުނާމެއް އެޅުވީއެވެ. މުޅި ދިވެހި އުއްމަތަށް ނަޞޭޙަތް ދެއްވަން ޝެއިޚުންވެސް ބޭނުންފުޅުވެ ލައްވާނެ ކަމާމެދު ޝައްކެއްނެތެވެ. ޒަކީއަށް ނޭނގުނަސް އެކަން އެބޭފުޅުން އެގެންދަވަނީ ކެނޑިނޭޅި އަބަދާއިއަބަދު ކުރައްވަމުންނެވެ. އޭގައި އެމްޑީޕީއެއް ޑީއާރުޕީއެއް އަދި އެހެން ޕާޓީއެއްގެ މެމްބަރުން އިސްތިސްނާއެއް އެބޭފުޅުން ނުކުރައްވާނެއެވެ. އެގޮތުން އެމްޑީޕީ ސަރުކާރުގެ މެންޑޭޓުގެ ދަށުން އިސްލާމީ ވުޒާރާގެ ފަރާތުން ތަފާތު މިސްކިތްތަކުގައި ޝެއިޚުން ވަޑައިގަންނަވަނީ އަބަދުވެސް ނަޞޭޙަތް ދެއްވަމުންނެވެ. އަދި ތަފާތު ޖަމްއިއްޔާ ޖަމާޢަތްތަކުން އެ ދަނީ ބޮޑެތި މައިދާން ތަކުގައާއި ހޯލުތަކުގައި ދީނީ ދަރުސްތައް ބާއްވަމުންނެވެ. މިއީ ރީނދުލެއް، ނުލެއް، ރަތެއް ނުވަތަ ފެއްސަކަށް ނުބަލައި މުޅި ދިވެހި އުއްމަތަށް ދެވޭ ދަރުސްތަކެކެވެ. ދިވެހި މުސްލިމުންނަށް ދެވޭ ދަރުސްތަކެކެވެ. ތިމާގެ ގޭގެ ބޭރުފާރުގައި ރީނދޫކުލަ ލާގޮތަށް ދީނީ ދަރުސްތަކުގައި ރީނދޫކުލަ އުނގުޅަން ނޫޅުއްވާށެވެ.
ޒަކީއަށް ދެން ނުވިސްނުނު ނުކުތާއަކީ، އެމްޑީޕީ ސަރުކާރުން އިސްލާމްދީނާ ދެކޮޅަށް ނުވަތަ ދީނާ ފުށުއަރާ ގޮތަށް ކުރަމުން ގެންދާ ކަންތައްތަކެވެ. އެމްޑީޕީގެ އިސްލާމްދީނުގެ މަޝްވަރާ މަޖިލީހުގެ ނާއިބު ރައީސް އަދި މަޝްހޫރު ދީނީ ޢިލްމުވެރިޔާ އައްޝެއިޚް އިބްރާހީމް ފަރީދު އެމްޑީޕީ ވެރިކަމަށް އައުމުގެ ކުރިން އިސްތިއުފާ ދެއްވިއެވެ. އަދި ވެރިކަމާ އެމްޑީޕީ ހަވާލުވުމަށްފަހު ކުރަމުންދާ ލާދީނީ ކަންތަކާމެދު ހިތްހަމަ ޖެހިވަޑައިނުގެން އެމަޖިލީހުގެ ރައީސް އައްޝެއިޚް ބީއޭ ނަސީމްވެސް ވަނީ އިސްތިއުފާދެއްވާފައެވެ. އަދި ދާދިފަހުން އެބޭފުޅާވަނީ އެމްޑީޕީއަށް ސަޕޯޓުކޮށް އެމީހުންނާއެކު މަސައްކަތްކުރެވުނީތީ ދިވެހި ރައްޔިތުންގެ ކިބައިން މަޢާފަށް އެދިވަޑައިގެންފައެވެ. މި ދެބޭފުޅުން އެމްޑީޕީއާ ވަކިވެވަޑައިގަތުމީ، ހެޔޮ ވިސްނޭ ބަޔަކަށް ދޫކުރެއްވި ޢިބްރަތުން ފުރިގެންވާ ދަރުސްތަކެކެވެ. ޒަކީއެވެ. ދިވެހިން ޔަހޫދީންގެ އަނިޔާވެރިކަމާއި ދެކޮޅަށް ދަމާފައިހުރި ބެނާތައް ކެނޑީ ކަލޭކަން ﷲ ދެނެވޮޑިގެންވާނެއެވެ.
އެމްޑީޕީ ސަރުކާރުން، ދީނާ ދެކޮޅަށް މިހާތަނަށް ހިންގި ޖަރީމާތައް ދިވެހިންނަށް ވަންހަނާ ވެފައެއް ނޯންނާނެއެވެ. އޭގެ ތެރޭގައި، ޢާންމުން އުޅޭ ރަށްރަށުގައި ބަނގުރާ ވިއްކުން ހުއްދަ ކުރަން އުޅުމާއި، އިޒްރޭލާ ގުޅުން ގާއިމުކުރުމާއި، ދިވެހި އިސްލާމް މާއްދާ އިޚްތިޔާރީ ކުރަން އުޅުމާއި، ޢަރަބިއްޔާ މައްސަލައާއި، މަޢުހަދު މައްސަލައަކީ ފާހަގަކޮށްލެވޭ މަދު ކަންކަމެވެ. ވުމާއެކު، މިހިރަ ކަންތަކާ ހުރެ އެމްޑީޕީ ޕޯޑިއަމަށް ވަޑައިގަންނަވަން ޝެއިޚުން ލަދުފުޅު ގަންނަވަނީއެވެ. އެއްވެސް ޙާލެއްގައި ދީނީ ނަޞޭޙަތުން އެމްޑީޕީ މެމްބަރުން މަހްރޫމު ކުރުމުގެ ނިޔަތުގައެއްނޫނެވެ. އަދި އެމްޑީޕީގެ މެމްބަރުންނަކީ އެހެން ދީނެއްގެ ބައެއްކަމަށް ދެކޭތީއެއްވެސް ނޫނެވެ.
ނިންމާލަމުން، އެމްޑީޕީގެ އިސްލާމްދީނުގެ މަޝްވަރާ މަޖިލީހުން ފެއްޓެވި ރަމަޟާންމަހަށް ޙާއްޞަ ދީނީ ނަޞޭޙަތް ދިނުމުގެ ސިލްސިލާއަށް މަރުހަބާ ކިޔަމެވެ. ސީޒަނަލް ކަމަކަށްވިޔަސް ތިޔައީ ވަރަށް ރަނގަޅު ކަމެކެވެ. ޕާޓީގެ ތިއްބެވި މަދު ޢިލްމުވެރިން ކޮޅާއެކު ޒަކީ ކުރިއަށް ދިއުމަށް ގޮވާލަމެވެ. އަދި ޝެއިޚުން ބަދުނާމުކޮށް ވާހަކަ ދެއްކުމުގެ ކުރިން، އެމްޑީޕީ ޕޯޑިއަމަށް ޝެއިޚުން ވަޑައިގަތުމަށް ލަދުފުޅު ގެންނެވި ކަންތައް އިޞްލާޙުކުރުމަށް މަސައްކަތްކުރުމަށްވެސް ގޮވާލަމެވެ. އެހެންނޫނީ، މިނިޓަކަށް ދެހާސް ދިން ކަމުގައިވިޔަސް ޝެއިޚުން ވަޑައިނުގަންނަވާނެއެވެ. ޝައިޚުންނަކީ ދުވާލު 3 އިރު 3 ގޮތަށް މީހާގެ ބުރުސޫރަ ބަދަލު ކުރާ ބައެއްނޫނެވެ. އެއީ ﷲއަށް ބިރުވެތިވާ ބައެކެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...