ސޫރިޔާގެ އުސްޤުފް މަރުވުމަށްފަހު ސަލްމާން ދިޔައީ މޫސަލްގެ އުސްޤުފްގެ ގާތަށެވެ. އެތަނުގައި އުސްޤުފުގެ ޚާދިމެއްގެ ގޮތުގައި އަދި އެކުވެރިއެއްގެ ގޮތުގައި އެތައް އަހަރެއް ވޭތުކުރިއެވެ. މޫސަލްގެ އުސްޤުފް މަރުވުމުގެ ކުރިން ނައްސިބައިން ގެ އުސްޤުފްގެ ގާތަށް ދިއުމަށް ސަލްމާނަށް އޭނާ އިރުޝާދު ދިނެވެ. އަދި ނައްސިބައިން ގެ އުސްޤުފުގެ މަރުދާންމަތީގައި، އަމޫރިއްޔާގެ އުސްޤުފުގެ ގާތަށް ދިއުމަށް އޭނާ ސަލްމާނަށް އިރުޝާދު ދިނެވެ. ކޮންމެ އުސްޤުފަކާ ބައްދަލުވުމުންވެސް ތެދު ހޯދުމަށް އޭނާ ކުރި މަސައްކަތާއި، ޙަޤީޤަތް ހޯދުމަށް އޭނާ އެދުންވެރި ވެފައިވާ މިންވަރާއި އަދި ﷲ ގެ ޚާދިމެއް ކަމުގައި ވުމަށް އޭނާ އެދޭ އެދުމުގެ ވާހަކަ އެމީހުންނަށް ކިޔާދެއެވެ. އަދި ކޮންމެ އުސްޤުފަކުވެސް އޭނާއަށް ހިތްހެޔޮކަމާއިއެކު މަރުޙަބާ ކިޔައެވެ. އަދި އެއިން ކޮންމެ މުރައްބީއެއްވެސް އޭނާގެ އިޚްލާޞްތެރިކަން ސާބިތު ކުރުމަށް ސަލްމާނަށް ދަޢުވަތު ދެވެއެވެ.
މި އަހަރުތަކުގައި ސަލްމާން ފުރާފުރިހަމަވެ، ތަޞައްރަފު ފުދެމުން ދިޔައެވެ. އަދި އެއްކައުވަންތަ ﷲ ފިޔަވައި އެހެން އިލާހަކު ނުވާކަމާއި އޭނާގެ ކާބަފައިން މުޤައްދަސް ތަކެތި ކަމުގައި ދުށް ޢުންޞުރުތައް ކަމުގައިވާ ބިމާއި، އަލިފާނާއި، ފެނަކީ ހަމަ އޭނާ ފަދައިން އެއްކައުވަންތަ ﷲ ގެ މަޚްލޫޤުންކަން އޭނާއަށް އިތުރަށް ސާބިތުވަމުން ދިޔައެވެ .އޭނާ އެވަނީ ތެދުމަގުގައިކަން އޭނާއަށް ޤަބޫލު ކުރެވުނެވެ. ނަމަވެސް އެ މަގު ނިމުމަކާ ހަމައަށް އައީބާވައެވެ؟
އޭނާގެ މަންޒިލް މަޤްޞޫދަށް އޭނާ ވާޞިލް ކޮށްދޭނެ އޭނާގެ ޙަޔާތުގެ ފަސްމަގުގެ އާދަޔާ ޚިލާފު ޙާދިޘާގެ ބޮޅުތަކާމެދު ފަހުގެ އަހަރުތަކުގައި ސަލްމާން ފިކުރު ކުރިއެވެ.
އަމޫރިއްޔާއަށް އައުމަށްފަހު އަނެއްކާވެސް އެތަނުގެ އުސްޤުފަށް އޭނާގެ ވާހަކަ ސަލްމާން ކިޔާދިނެވެ. އަދި އެތަނުގެ އުސްޤުފް ހަމަވަގުތުން އޭނާ ބަލައިގަތެވެ. އޭނާގެ ހިތުގައި ސަލްމާނާއިމެދު ވަރަށް ބޮޑު އިތުބާރާއި ލޯބި ވަރަށް އަވަހަށް އުފެދިއްޖެއެވެ.
ހަމަ ކުރިއެކޭ އެއްގޮތަށް އަނެއްކާވެސް ސަލްމާން މަޛްބަޙް ބަލަހައްޓައި، ބަރު މައުދަނުގެ ބައިތައް ސާފުކޮށް، އަޅުކަމުގެ ޙަފްލާއަށް (ޤުއްދާސްއަށް) ބޭނުންވާ ފޭރާންތައް ތައްޔާރު ކޮށްހަދައެވެ. އަދި އުސްޤުފުގެ އަންނައުނު ސާފުކޮށް، މަރާމާތުކޮށް އަދި އުސްޤުފުގެ އެންމެހާ ކަންތައްތައް ކޮށްދީ ހަދައެވެ. ކަމެއްގައި މަޝްޣޫލުވެގެން އުޅެން ނުޖެހޭ ކޮންމެ ވަގުތެއް އޭނާ ހޭދަކުރަނީ އަޅުކަމާއި ދުޢާކުރުމުގައެވެ. ބައެއްފަހަރު އޭނާގެ ހުސް، ކުޑަ ކޮޓަރީގައެވެ. އަނެއްބައި ފަހަރު އުސްޤުފާއެކު ރޭގަނޑުގެ ދިގު ދަން ވަގުތުތަކުގައެވެ. ދުވާލު އޭނާ ނަޞާރާ ދީން އިތުރަށް ދަސްކޮށް، އެދީނުގެ ފޮތް (އިންޖީލު) މުޠާލަޢާ ކޮށް، މުރާޖަޢާ ކޮށް ހަދައެވެ.
ސަލްމާނާމެދު އުސްޤުފުގެ ހިތުގައި އުފެދިފައިވާ އިތުބާރުގެ ބޮޑުކަމުން، ދިރިއުޅުމުގެ ޢަމަލީ ކަންތައްތަކުގައި ޙަރަކާތްތެރި ވެގެން އޭނާގެ ޢިލްމުގެ ދާއިރާ އިތުރަށް ފުޅާކުރުމަށް ސަލްމާނަށް އުސްޤުފު އިރުޝާދު ދިނެވެ. މިކަމުގައި އޭނާއަށް އެހީވުމަށްޓަކައި އުސްޤުފް ސަލްމާނަށް ބިންކޮޅަކާއި، ގެރިތަކަކާއި، ބަކަރިތަކެއް ދިނެވެ. މިއީވެސް ﷲ ގެ ދެއްވުމެވެ. ފަހެ ހުރިހާ މަޚްލޫޤާތެއް މިލްކުވެގެން ވަނީ އެކަލާނގެއަށެވެ. އުސްޤުފް ސަލްމާން ގާތުގައި ބުންޏެވެ. ނަމަވެސް މުސްކުޅި އުސްޤުފުގެ ޞިއްޙަތު ބަލިވާން ފަށައިފިއެވެ. އަރާމު ކުރުމާމެދު އޭނާ ފަރުވާ ކުޑަކުރުމުގެ ސަބަބުން ފިނީގެ އުނދަގުލެއް އޭނާއަށް އެއްރެއަކު ޖެހިއްޖެއެވެ. ފަރުވާ ކުރުމަށް ސަލްމާން ކިތަންމެ ވަރަކަށް މަސައްކަތް ކުރިނަމަވެސް އުސްޤުފުގެ ބަލި ވީ ދުވަހަކަށް ވުރެ ދުވަހެއް ބޮޑެވެ. އާޚިރުގައި އެއް ދުވަހެއްގެ ހަވީރު، ބަލި އަޑަކުން ސަލްމާނަށް އުސްޤުފް ގޮވާލިއެވެ.
މަގޭ ލޯބިވާ ކުއްޖާފުޅާއެވެ. އަހަރެން ދެން މި ދުނިޔެއަކު މާގިނަ ދުވަހަކު ދިރިއެއް ނޯންނާނެއެވެ. އަހަރެން މަރުވުމަށްފަހު ކަލެއާމެދު ކަންތައް ވާނެ ގޮތަކާމެދު އަހަރެން ފާއިތުވި ދުވަސްތަކުގައި ވިސްނީމެވެ.
މިބަސްތައް އިވުމާއިއެކު ސަލްމާނުގެ ހިތަށް ނުތަނަވަސްކަން ލިބުނެވެ. އަނެއްކާވެސް އޭނާއަށް ގާތް ރަޙްމަތްތެރިޔަކާއި މުޙްސިނަކު ގެއްލެނީހެއްޔެވެ؟ ނަމަވެސް އުސްޤުފް މާ ދުރަށް ބަލަހައްޓައިގެން ހިނިތުންވެފައި އޮތްތަން ފެނިފައި ސަލްމާން ޙައިރާން ވިއެވެ. މިހާ ދުވަހު ކަލޭ ތިޔަ ހޯދަން މަސައްކަތް ކުރި ޙަޤީޤަތާއި ދިމާއަށް އަހަރެންގެ މިފަހުގެ ދުވަސްތަކުގައި ކަލެއަށް މަގު ދެއްކޭތޯ އަހަރެން ދުޢާކުރީމެވެ. އަހަރެންގެ ދުޢާ ﷲ އިޖާބަ ކުރައްވައިފިއެވެ. އުސްޤުފް ބުންޏެވެ. ކަލޭގެ ކުރިމަގާއިމެދު ކަލޭގެ ކިބައިން ހުރިހާ ކަންބޮޑުވުމެއް ދުރުކޮށްދޭނެ ވާހަކައެއް އަހަރެން ބުނަން އެބައޮތެވެ. ފަހެ ކަލެއާއި ކިތަންމެ ގިނަ އިމްތިޙާނު ތަކަކާއި މުޞީބާތެއް ކުރިމަތިވި ކަމުގައިވިޔަސް، ކަލެއާ އެއްދުވަހަކުން އެންމެ ފަހުގެ ނަބިއްޔާއާ ބައްދަލު ވާނެކަމަށް އަހަންނަށް އިޙްސާސް ކުރެވެއެވެ….. އެ ނަބިއްޔާ ވަޑައިގަންނަވާނެ ވާހަކަ އަހަރެމެންގެ ފޮތްތަކުގައި ސާފުކޮށް ބަޔާންވެފައި ވެއެވެ.
މި ބަސްތައް އިވުމާއިއެކު ސަލްމާން ވަނީ ސިހި، ޙައިރާންވެފައެވެ. ނަމަވެސް ވާހަކަ މެދުކެނޑިދާނެތީ އެއްޗެއް ނުބުނެ ހަނުހިމޭނުން ހުއްޓެވެ. މުސްކުޅި އުސްޤުފް ފެންފޮދަކަށް އެދުނެވެ. އެހިނދު ސަލްމާން ކިޔަމަންތެރިކަމާއިއެކު އޭނާގެ ތުންފަތް ތެންމާލަދިނެވެ.
މީގެ ކުރިން އަހަރެން ކަލޭގެ ގާތަކު އެ ނަބިއްޔާގެ ވާހަކައެއް ނުދައްކަމުއެވެ. އުސްޤުފުގެ ވާހަކަ ކުރިޔަށް ގެންދިޔައެވެ. އެކަލޭގެފާނު ވަޑައިގަންނަވާނީ ޢަރަބި ކަރައިންނެވެ. އަދި މީސްތަކުންނަށް މާ ޠާހިރު އަދި މާތް ޙަޔާތަކަށް އެކަލޭގެފާނު މަގު ދައްކަވާނެއެވެ….. ފަރުވާތެރިކަމާއިއެކު އަޑުއަހާށެވެ…. އެކަލޭގެފާނުގެ އަމިއްލަފުޅު ވަޒަނުގައި ދުވަސްތަކެއް ވޭތުކުރެއްވުމަށްފަހު، އެކަލޭގެފާނަށް ރިސާލަތު ލިބިވަޑައިގެން އެއްކައުވަންތަ ﷲއަށް އެކަނި އަޅުކަން ކުރުމަށް ގޮވާލައްވާނެއެވެ. ބުދަށް އަޅުކަން ކުރުމުގެ ސުންޕާ، ފާފަވެރި ގޮތްތަކުން އެއްކިބާވެ، އެއްބަޔަކު އެކަލޭގެފާނަށް ތަބާވާނެއެވެ. ނަމަވެސް އެކަމުގެ ސަބަބުން އެ ސަހަރު ދޫކޮށް އެހެން ސަހަރަކަށް ހިޖުރަ ކުރުމަށް އެކަލޭގެފާނުގެ ޢަދުއްވުން އެކަލޭގެފާނަށް މަޖުބޫރު ކުރާނެއެވެ…. އެއީ ދެ ކަޅު ފަރުބަދައިގެ ދެމެދުގައިވާ ސަހަރެވެ. އެތަނުގައި ކަދުރު ރުއްތަކުގެ ދަނޑުފަނގުތައް ވާނެއެވެ. ދަރިފުޅާއެވެ.
ރަނގަޅަށް ހަނދާން ކުރާށެވެ….. ކަޅު ދެ ފަރުބަދަ…….. އުސްޤުފް ތަކުރާރުކޮށް ބުނެދިނެވެ. ސަލްމާން ބޯޖަހާލައި ތަކުރާރު ކުރިއެވެ. ‘ކަޅު ދެ ފަރުބަދަ’………. ކުޑަކޮށް ހިތްވަރު ދެރަވެ އަދި ޙައިރާންވެފައި ހުރެ ސަލްމާން ސުވާލު ކުރިއެވެ. އެކަލޭގެފާނު ފެނުމުން އަޅުގަނޑަށް އެކަލޭގެފާނު އެނގޭނީ ކިހިނަކުންތޯއެވެ؟ އަޅުގަނޑު އެކަލޭގެފާނު ދެނެގަންނާނީ ކިހިނަކުންތޯއެވެ؟ (ނުނިމޭ)
ލިޔުމުގެ އަސްލު: ޚުއްރަމް މުރާދު
ތަރުޖަމާ: މުޙައްމަދު މުޖުތަބާ އާދަމް
ޝާއިޢުކުރެވިފައި ވަނީ: ދަރުމަ މަޖައްލާގައި
ކޮމެންޓް (0)
ލޯޑް ކުރަމުން...