ރިޕޯޓް މިހާރު މާ ބޮޑަށް ހައްދުފަހަނައަޅައި ތިދަނީ!

މިހާރު މާ ބޮޑަށް ހައްދުފަހަނައަޅައި ތިދަނީ!

މިހާރު މާ ބޮޑަށް ހައްދުފަހަނައަޅައި ތިދަނީ!

ކިޔާލަން ހޭދަވާނީ 3 މިނިޓް

ފޮންޓް ސައިޒް

"މިހާރު މާ ބޮޑަށް ހައްދުފަހަނައަޅައި ތިދަނީ!" މިއީ އަޅުގަނޑާ މުޚާޠަބުކުރައްވާ ވަރަށް ޢިއްޒަތްތެރި ބޭފުޅަކު ބުނުއްވި ބަސްފުޅެކެވެ. ހަމައެކަނި ސަބަބަކީ އަޅުގަނޑަށް އަންނަމުން ދިޔަ ބަދަލެވެ. ނަމާދު ކުރާތީއެވެ. ތުނބުޅި ދިގުކުރާތީއެވެ. ފަޓުލޫނުގެ ފައިކުރި ތަނބިކައްޓަށް ވުރެ ތަންކޮޅެއް މަތީގައި ބަހައްޓާތީއެވެ.

ކޮންމެއަކަސް އެ ބޭފުޅަކީ އަޅުގަނޑުގެ ތިމާގެވެސް ބޭފުޅެކެވެ. އެހެންކަމުން، މުނާސަބު ކުރުގޮތަކަށް ޖަވާބުވެސް ދިނީމެވެ. ހަމައެއާއެކު، އަޅުގަނޑަށް ފާހަގަ ކުރެވުނީ މެދުމިން ކަނޑައެޅުމުގައި ބައެއް މީހުން ގެންގުޅޭ އުސޫލުތަކުގައި ބޮޑެތި މައްސަލަތައް ހުރި ކަމެވެ. އެހެންކަމުން، މި ލިޔުމުގައި މެދުމިނަކީ ނުވަތަ ވަސަޠިއްޔަތަކީ ކޮބައިކަމާ މެދު ބަލާލާނަމެވެ.

ގިނަމީހުން ދެކޭގޮތުގައި ވަސަޠިއްޔަތަކީ ކޮބާ؟

ގިނަ މީހުން ދެކޭގޮތުގައި ވަސަޠިއްޔަތަކީ (ނުވަތަ މެދުމިނަކީ) ދީނުގައި އަންގަވާފައިވާ ކަންތައް މެދު މިންވަރަކަށް ކުރުމެވެ. ނުވަތަ ދީނާގެން މާ ބޮޑަށް ނޫޅުމެވެ. ދުނިޔެވީ ކަންކަމުގައި ދީން އެއްފަރާތް ކޮށްލުމެވެ. ހަމައެކަނި މިސްކިތްތަކުގައި ދީން ބޭއްވުމެވެ. ޝަހާދަތުގެ ދަކަލިމަ ކިޔުމުން ދެން ސުވަރުގެ ލިބުނީކަމަށް ޤަބޫލުކުރުމެވެ.

މި އުސޫލުން މެދުމިން ކަނޑައެޅިގެން ދިޔުމުން ނުކުންނަ ނަތީޖާއަކީ ކޮބައިތޯއެވެ؟

މުންކަރާތްތަކާއި ފާޙިޝްކަންތައް މަނާކޮށް ވާހަކަދެއްކުމީ ހައްދު ފަހަނައަޅައިދިއުމެވެ. ރައްޓެހިންނަށް ހެޔޮ ނަޞޭޙަތް ދިނުމަކީ ހައްދު ފަހަނައަޅައިދިއުމެވެ. އަދި މާތް ﷲ އަށް ބިރުވެތިވުމަށް ގޮވާލައި، އާޚިރަތް ދުވަހަށް ތައްޔާރުވުމަށް ނަޞޭޙަތްތެރިވުމީ ހައްދު ފަހަނައަޅައިދިއުމެވެ. ހިލޭ އަންހެނުންނާ އަތާ އަތް ޖޯޑުކޮށް ސަލާމް ނުކުރުމަކީ ހައްދު ފަހަނައަޅައިދިއުމެވެ. ތުނބުޅި ދިގުކުރުމީ ހައްދު ފަހަނަޅައިދިއުމެވެ. ފަޓުލޫނުގެ ފައިކުރި ތަނބިކަށިން މަތިވުމަކީ ހައްދުފަހަނައަޅައިދިއުމެވެ. ފަސް ވަޤުތު މިސްކިތަށް ދިއުމާއި ދީނީ ދަރުސްތަކަށް ދިއުމަކީވެސް ހައްދު ފަހަނައަޅައިދިއުމެވެ.

މެދުމިނަކީ، ހިލޭ އަންހެނުންނާ އަތާއަތް ޖޯޑުކޮށް ސަލާމް ކުރުމާއި، އެމީހުންނާއެކު ކުޅި ސަމާސާ ކުރުމެވެ. ތުނބުޅި މަތިމަސް ބާލައި އޮމާންކޮށް ބެހެއްޓުމީ މެދުމިނެވެ. ފަޓުލޫނުގެ ފައިކުރި ތަނބިކަށިން ތިރިވުމަކީ މެދުމިނެވެ. ރައްޓެހިންނާއެކު މިޔުޒިކު ކުޅުމާއި އަނެއް ޖިންސުގެ އަންހެން ކުދިންނާއެކު ހިތަކަށް އުޅުމަކީ މެދުމިނެވެ. ނަމާދުވެސް ކުރަން ޖެހޭނެއެވެ. އަދި މިޔުޒިކު ޑީޖޭތަކަށް ވެސް ދާންޖެހޭނެއެވެ. މިއީ މެދުމިނެވެ. ރޯދަވެސް ހިފަން ޖެހޭނެއެވެ. ހަމައެއާއެކު، ރޯދަމަހުގެ ރޭތައް މަޖަލާއި ކުޅިވަރާއި ދެ ޖިންސު އެއްވެގެން ނާޗަރަންގީ ކުޅުމުގައި ދުއްވާލަން ޖެހޭނެއެވެ. މިއީ ވެސް މެދުމިނެވެ.

އެބައިމީހުންގެ މެދުމިނުގެ ލިސްޓު ވަރަށްވެސް ދިގުކުރެވިދާނެއެވެ. ނަމަވެސް، މި މިންވަރުން ކިޔުންތެރިންނަށް އެބައިމީހުންގެ މެދުމިނަކީ ކޮބައިކަން އެނގިލައްވާނެއެވެ. ވުމާއެކު، ކުރުކޮށްލާނަމެވެ. އަދި ދީނީ ގޮތުން، މެދުމިނަކީ ކޮބައިތޯ ބަލާލައިނަމެވެ.

އިސްލާމްދީނަކީ ވަސަޠިއްޔަތުގެ ދީނެކެވެ.

 

އިސްލާމްދީން ބާވައިލެއްވުނީ މެދުމިނުގެ ދީނެއްގެ ގޮތުގައެވެ. އެހެންކަމުން، ދީނުގައި ކަމެއް ވަކި ގޮތަކަށް އަންގަވާފައިވާނަމަ އެކަމަކީ އެއީ މެދުމިނެވެ. ފަސްވަޤުތު ނަމާދުކުރުމަށް އަންގަވާފައިވުމީ މެދުމިނެވެ. ރަމަޟާންމަހުގެ ދުވާލާއި ރޭގަނޑު އަޅުކަމުގައި ހޭދަކުރުމަށް ބާރުއަޅުއްވާފައިވުމީ މެދުމިނެވެ. ދެ ޖިންސް އެއްވެގެން މިޔުޒިކާއެކު ނާޗަރަންގީ ކުޅުން ހަރާމްކުރައްވާފައިވުމީ މެދުމިނެވެ.

އެހެންކަމުން މެދުމިނަކީ ދީނުގައި ކަނޑައެޅިފައި އޮންނަ ގޮތެވެ. އުނިއިތުރު ގެނައުމީ އޭގެ ވަސަޠިއްޔަތު ގެއްލޭ ކަމެކެވެ. މާތް ﷲ ވަސަޠިއްޔަތު ބަޔާންކުރައްވާ ވަޙީކުރައްވާފައިވަނީ މިފަދައިންނެވެ. (وَكَذَٰلِكَ جَعَلْنَاكُمْ أُمَّةً وَسَطًا) މާނައީ:" އަދި ހަމަ އެފަދައިން، މެދުމިން އުއްމަތެއް ކަމުގައި ތިމަންއިލާހު ތިޔަބައިމީހުން ލެއްވީމެވެ." (ބަޤަރާ 143)

ފަހު ބަސް

މެދު މިނަކީ ޚުދު އިސްލާމްދީން ބަޔާންކުރައްވާ ގޮތެވެ. އެއަށް އުނިއިތުރު ގެނައުމަކާ ނުލައެވެ. އެހެންކަމުން، އިސްވެ ދެންނެވި މީހުން ޤަބޫލުކުރާ މެދުމިނަކީ، އެއީ އިސްލާމްދީނުގައި މެދު މިނެއް ނޫނެވެ. އެއީ ދީނާމެދު ޣާފިލުވުމެވެ. ފަރުވާ ކުޑަކުރުމެވެ. އަދި ދީނީ ކަންކަމާމެދު އެބައިމީހުންގެ ޖާހިލިއްޔެތެވެ. ތިމާމެން ހިތަކަށް ފާފަކުރުން މަތީ ތިބުމަށް ދައްކާ ބަހަނާއެކެވެ.

ނިންމާލަމުން، ކުރިން ދެންނެވި އިއްޒަތްތެރިޔާއަށް އަޅުގަނޑު ދިން ޖަވާބު ހިމަނައިލާނަމެވެ. އަޅުގަނޑު ދެންނެވީމެވެ. އަޅުގަނޑު މި އުޅެނީ ދީނުގައި ކަނޑައަޅުއްވާ ދެއްވާފައިވާ ގިނަ ކަންކަމުގެ ހައްދުގެ ތެރެއަށް ނުވަދެވިގެންނެވެ. ހައްދު ފަހަނައަޅައި ދެވޭނީވެސް ހައްދުގެ ތެރެއަށް ވަދެވިގެން ނޫންތޯއެވެ؟

ޓެގް

މެދުމިން ވަސަޠިއްޔަތު ހައްދު ފަހަނައަޅައި ދިއުން

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.