ވާހަކަ ތެދުމަގު ހޯދުމަށް ކުރި ދިގު ދަތުރު (4)

ތެދުމަގު ހޯދުމަށް ކުރި ދިގު ދަތުރު (4)

ތެދުމަގު ހޯދުމަށް ކުރި ދިގު ދަތުރު (4)

ކިޔާލަން ހޭދަވާނީ 3 މިނިޓް

ފޮންޓް ސައިޒް

އެންމެހާ ހެޔޮލަފާ މީހުންނޭ! ކަލޭމެންނަށް އަހަރެން ހަޤީޤަތް ބަޔާންކޮށްދޭން ބޭނުންވެއެވެ! ކަލޭމެންގެ އުސްޤުފަކީ ޚާއިނެކެވެ! ޞަދަޤާތް ކުރުމަށް ކަލޭމެންނަށް އޭނާ ގޮވާލައެވެ. ނަމަވެސް ކަލޭމެން ޞަދަގާތުގެ ގޮތުގައި ދޭ ތަކެތި އޭނާ ބޭނުންކުރަނީ އޭނާގެ އަމިއްލަ ނަފްސަށެވެ. ނުވަތަ މިހާރުވެސް ފުރި ބަންޑުންވެފައިވާ އޭނާގެ ކަންޒުތަކުގައި އެތަކެތި ރައްކައުކުރެއެވެ.ފަޤީރުންނަށް އެނާ އެއިން އެންމެ ފައިސާ ފޮއްޗެއްވެސް ހޭދަނުކުރެއެވެ.

މިފަދަ ތުހުމަތެއްގެ ސަބަބުން މީސްތަކުންވަރަށް ބޮޑަށް ސިހި، ހައިރާންވިއެވެ. ތިޔައީ ކުފުރުގެ ބަސްތަކެކެވެ.

ޝުކުރުވެރިވާން ނުދަންނަ ފާރިސީ ކުއްޖާއެވެ. އޭނާ އެހަދަނީ ދޮގެވެ. ބައެއް މީހުން މިހެން ކިޔައި ހަޅޭލަވައި ގަތެވެ. ނަމަވެސް ސަލްމާނަކީ އުސްޤުފާއި ވަރަށް ކައިރީގައި ކޮންމެ ދުވަހަކު ފައްޅީގައި އެތައް މަހެއްވަންދެން އުޅެފައިވާ ކުއްޖެއްކަން އެމީހުން ދަނެއެވެ. އޭނާ އެކުރާތުހުމަތުތައް އެމީހުނަކަށް ހަމަ އިންކާރެއްނުކުރެވޭނެއެވެ. ކަލެއަށް ތިޔަކަން އެނގެނީ ކިހިނަކުންހެއްޔެވެ؟ ކަލޭ ތިބުނީ ތެދެއްކަމުގައި ވަނީނަމަ އަހަރެމެންނަށް އެކަމުގެ ސާބިތުހެކިދައްކައިދޭށެވެ. އެމީހުންބުންޏެވެ. ކަލޭމެން ސާބިތުހެކި ބޭނުންކަމުގައިވާނަމަ އަހަންނާއި އެކުގައި އަންނާށެވެ. ސަލްމާނު ބުންޏެވެ.

ފައްޅީގެ ގޯޅިއަކުން އެމީހުން ގޮވައިގެން ގޮސް ލަކުޑީގެ ބަރު ދޮރެއްގެ ކައިރިއަށް އޭނާ ހުއްޓުނެވެ. ފާރުން ގާގަޑެއް ނައްޓާލުމަށްފަހު އެތަނުގައި ފޮރުވާފައިއޮތް ދަގަނޑުތަޅުދަނޑިއެއް އޭނާ ނެގިއެވެ. އަދި އެތަޅުދަނޑިން އެ ބޮޑުސިންގާ ދޮރުގެ ތަޅު ހުޅުވާލުމަށްފަހު ދޮރު ކޮއްޕާލިއެވެ. އެންމެން އެކޮޓަރި ތެރެއަށް ވަދެގަތެވެ. އެތަނުގައި އެމީހުންގެ ކުރިމަތީގައިވަނީ ރަނާއި ރިހީގެ ގަހަނާތަކުން ބަރާވެފައިވާ ބޮޑުހަތްފޮއްޓެވެ. މިއީ ފައްޅީގެ އަހުލުވެރިން އެތައް އަހަރަކުއްސުރެ ފަޤީރުންނަށްޓަކައި ޞަދަގާތް ކޮށްފައިވާ ފައިސާއެވެ.

ސަލްމާނުގެ ވާހަކަ ތަކުގެ ތެދުކަން އެގުމުން މީސްތަކުން ވަރަށް ރުޅިއައެވެ. އުސްޤުފްގެ ހަށިގަނޑު އޮތްތަނަށް މީސްތަކުން ދުވެފައި ދިއައެވެ. އަދި އަވަށުގެ މައިދާނަށް އެ ހަށިގަނޑު އެއްލާލައި އެ ހަށިގަނޑު ދަންޖައްސައި ރަޖަމުކުރިއެވެ. މި ކަމާމެދު ކުރާނެ އެއްވެސް ކަމެއްނެތިފައި ސަލްމާނު ބަލަންހުއްޓެވެ.  ހަފުތާތަކެއްފާއިތު ވުމަށްފަހު ފައްޅީގެ އަހުލުވެރިން އެހެން އުސްޤުފެއް އެމީހުންގެ ދީނީ ޒަޢީމެއްގެ ގޮތުގައި ޢައްޔަންކޮށްފިއެވެ.ސަލްމާނަށް ފެނުނުގޮތުގައި މި އައު އުސްޤުފަކީ ޙަޤީޤަތުގައިވެސް ހެޔޮލަފާމީހެކެވެ. ދުނިޔަވީ އެއްވެސް އެދުމެއް ޙާޞިލްކުރުމަށް އޭނާ މަސައްކަތެއްނުކުރެއެވެ. ނަމަވެސް ޤިޔާމަތް ދުވަހުން ﷲގެ ހެޔޮދަރުމަ ނަޞީބުވޭތޯ އަބަދުވެސް ހެޔޮ ޢަމަލުކުރެއެވެ. ވަފާތެރި ސަލްމާން އޭނާގެ ކައިރީގައި އަބަދުމެ ވާޙާލު އޭނާ ރޭ ދުވާތައް އަޅުކަމުގައިހޭދަކުރެއެވެ.

މިދެމީހުންގެ މެދުގައި ވަރަށްގާތް ގުޅުމަކާއި ލޯތްބެއް އުފެދިއްޖެއެވެ. އޭނާ ދެން ވަރަށް އަވަހަށް މަރުވެދާނެކަމަށް އުސްޤުފަށް ހީވުމުން އޭނާ އެއްދުވަހަކު ސަލްމާނަށް ގޮވަލާފައި އޭނާގެ ކައިރިއަށް އައުމަށް ބުންޏެވެ.

ސަލްމާން އޭނާގެ ގާތަށް އައުމުން އޭނާ ބުންޏެވެ. މަގޭ ދަރިފުޅާއެވެ. އަހަރެން ދެން މި މަރުވަނީއެވެ. މިތާ ކަލޭ މަޑު ނުކުރާށެވެ. ނަމަވެސް ކަލޭ މޫސަލް އަށް ދާށެވެ. އަހަރެން ކަލެއަށް އުގަންނައިދޭން މި މަސައްކަތް ކުރިގޮތަށް މަސައްކަތް ކޮށްދޭނެ ރަގަނޅު ނަޞްރާނީއަކު އެތާގައި ހުންނާނެއެވެ. ކަލެއާއެކުގައި ﷲ ވޮޑިގެންވެއެވެ. މިހެންބުނެފައި އުސްޤުފް މަރުވެއްޖެއެވެ.

ބޭނުން ޖެހުނު ވަގުތުގައި އޭނާއާމެދު އަޅާލައި ކަންތައް ކޮށްދިން މީހާ މަރުވުމުގެ ފުން ހިތާމާގައިހުރެ، ފައްޅީގެ ޝަޢީރާތަކުގައި ސަލްމާން އެންމެ ފަހު ފަހަރަށް ބައިވެރި ވިއެވެ. އެއަށްފަހު އުސްޤުފުގެ އިރުޝާދާ އެއްގޮތަށް ސަލްމާން މޫސަލް އަށް ހިގައްޖެއެވެ.

ސަލްމާން ތެދުމަގު ހޯދުމަށް ކުރި ދަތުރުގެ ދެވަނަ މަރުޙަލާއަކީ ސަލްމާނަށް ވަރަށް އާދަޔާ ޚިލާފު ވަގުތެކެވެ. މި އަހަރުތަކުގައި އޭނާއާ އިތުރު ތިން އުސްޤުފާ ބައްދަލުވިއެވެ. އެއިން ކޮންމެ މީހަކީވެސް އިޚްލާޞްތެރި، ހެޔޮލަފާ ނަޞްރާނީއެކެވެ. މިއިން ކޮންމެ މީހަކާ ސަލްމާނާ ދެމެދުވެސް ވަރަށް ގާތް ގުޅުމެއް އުފެދުނެވެ. އަދި އެއިން ކޮންމެ މީހަކުވެސް ސަލްމާނުދެކެ ލޯބިވެއެވެ. (ނުނިމޭ)

ލިޔުމުގެ އަސްލު: ޚުއްރަމް މުރާދު

ތަރުޖަމާ: މުޙައްމަދު މުޖުތަބާ އާދަމް

ޝާއިޢުކުރެވިފައި ވަނީ: ދަރުމަ މަޖައްލާގައި

ޓެގް

ވާހަކަ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.