ވާހަކަ ތެދުމަގު ހޯދުމަށް ކުރި ދިގު ދަތުރު (1)

ތެދުމަގު ހޯދުމަށް ކުރި ދިގު ދަތުރު (1)

ތެދުމަގު ހޯދުމަށް ކުރި ދިގު ދަތުރު (1)

ކިޔާލަން ހޭދަވާނީ 4 މިނިޓް

ފޮންޓް ސައިޒް

އަހަރެމެންގެ ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމް އެއް ފަހަރަކު ޙަދީޘް ކުރެއްވިއެވެ. ސަލްމާނުގެފާނަކީ ތިމަންކަލޭގެފާނުގެ ޢާއިލާގެ މެންބަރެކެވެ.

ނަމަވެސް ސަލްމާނުގެފާނަކީ ޙަޤީޤަތުގައި އިތުރު އެކަލޭގެފާނުގެ ތިމާގެފުޅު ބޭކަލެއް ނޫނެވެ. އެކަލޭގެފާނަކީ ޢަރައްބެއް ވެސް ނޫނެވެ! އެހެންކަމަށްވާއިރު އެކަލޭގެފާނަކީ ތިމަން ކަލޭގެފާނުގެ ޢާއިލާގެ މެންބަރެކޭ އިތުރު ރަސޫލާ އެ ޙަދީޘް ކުރެއްވީ ކިއްވެގެންބާވައެވެ؟

އަހަރެމެންގެ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ރަސޫލު ކަމާއިގެން ފޮނުއްވުމުގެ ކުރީގައި، ފާރިސް ކަރާގައި މަދޫބާ ކިޔާ ކުޑަ ފިރިހެން ކުއްޖަކު އުޅުނެވެ. އެއީ ތަނަވަސް ޢާއިލާއެއްގައި ހުރި ހަމައެކަނި ފިރިހެން ދަރިއެވެ. އެކުއްޖާގެ ބައްޕައަކީ އިސްފަހާނުގެ (އޭރު ފާރިސްކަރައިގެ ވެރިކަން ކުރާ ރަށް) ކައިރީގައިވާ އަވަށެއްގައިވާ އެތައް ބިންތަކެއް މިލްކުވެގެންވާ މަތީ މަޤާމު ލިބިގެންވާ ތަނަވަސް މީހެކެވެ.

މަދޫބާގެ ބައްޕައަކީ އަލިފާނަށް އަޅުކަން ކުރާ (މަޖޫސީ) ދީނުގެ މީހެކެވެ. އަދި އެ ދީނުގެ ފާދިރީއެއް ވެސް މެއެވެ. މި ދީނުގެ އަހުލުވެރިންނަކީ އަލިފާނަށް (މާތްﷲ ގެ މަޚްލޫޤެއް) އަޅުކަން ކުރާ ބައެކެވެ. އެމީހުން އިމާންވާ ގޮތުގައި އެމީހުންނަކީ ސާފުތާހިރު އަދި ޚުލްޤު ރަނގަޅު ބަޔަކަށް ވާން ޖެހެއެވެ،. އަދި އެމީހުން އުޅެންވާނީ ސާފު ދިރިއުޅުމެކެވެ. ނަމަވެސް އަލިފާނަށާއި، ފެނަށާއި އަދި ބިމަށް އަޅުކަން ކުރަން ޖެހޭ ކަމުގައި ވެސް އެމީހުން ޤަބޫލު ކުރެއެވެ. އެއީ މި ޢުންޞުރުތައް އެމީހުންނަށް އެ ތަކެތީގެ މަންފާ ލިއްބައިދީ އަދި އެ ތަކެތީގެ ނުރައްކަލުން އެމީހުން ސަލާމަތް ވުމަށްޓަކައެވެ. އަލިފާން ފަދަ ޢުންޞުރުތަކަކީ އެއީ ޚާލިޤުވަންތަ ﷲ ގެ މަޚްލޫޤުން ކަމެއް (އުފެއްދެވުންކަމެއް) އެމީހުންނަކަށް ނުއެގެއެވެ. މުޅި ޢާލަމްގައި ވެރިކަން ކުރައްވަނީ އެއްކައުވަންތަ ﷲ އެވެ. މިހެންކަމުން އެއްކައުވަންތަ ﷲ ފިޔަވައި އެހެން ފަރާތްތަކަށް އަޅުކަން ކުރުމުގެ ބޮޑު ފާފަ އެމީހުން ކުރިއެވެ.

މަދޫބާ (އަހަރެމެން މީގެ ފަހުން މި ކުއްޖާއަށް ކިޔާނީ ސަލްމާން އެވެ) އަކީ ވެސް ކުޑަކުއްޖެއް ކަމުގައި ވިޔަސް ވަރަށް އަޅުވެރި މަޖޫސީއެކެވެ. ނަމަވެސް އަބަދުވެސް އޭނާ ޙަޤީޤަތް ހޯދުމަށް ވަރަށް ޝައުޤުވެރިވެއެވެ. އޭނާއަކީ ވަރަށް ކެތްތެރި އަދި ދަތި އުދަގޫތައް ބަރުދާސްތު ކުރަން ފަސްނުޖެހޭ ކުއްޖެއް ވެސް މެއެވެ.

އެމީހުންގެ ހަމައެކަނި ފިރިހެން ދަރިއަކީ ސަލްމާން ކަމަށްވީތީ އޭނާގެ މައިންބަފައިން އޭނާ ދެކެ ވަރަށް ލޯބިވެއެވެ. އެމީހުންނަކީ ތަނަވަސް ބަޔަކަށް ވީހިނދު އެމީހުންނަށް ވެވުނުހާ ގޮތަކުން އެކުއްޖާ ބޭނުންވަހާ ކަންތައް ކޮށްދީ ހަދައިގެން އެ ކުއްޖާ ގަޑުބަޑު ކުރިއެވެ. ކޮންމެ ދުވަހަކު ވެސް ސަލްމާނުގެ މަންމަ އޭނާ ފެންވަރުވައި އޭނާގެ ދިގު އިސްތަށިގަނޑުގައި ފުނާ އަޅުވައި ރީތި ކުރުމުން ޚާދިމާއިން އައިސް އޭނާ ފަށުވި ފޭރާން ލައްވައި، ޒީނަތްތެރިކޮށް، މީރުހާ ކާނާ އޭނާއަށް ގެނެސްދޭނެއެވެ. އޭނާގެ ބައްޕަ އޭނާ ހިނގާ ބިންގަނޑަށް އަޅުކަން ކުރެއެވެ. އެހާވެސް އޭނާ ދެކެ ސަލްމާނުގެ ބައްޕަ ލޯބިވެއެވެ.

ގޭގެ މައި ކޮޓަރިގައި ރެއާއި ދުވާލު މެދުނުކެނޑި އަނދަ އަނދާ ހުންނަ އަލިފާންގަނޑުގެ ޚިދުމަތުގައި ސަލްމާން އުޅޭކަން އެގުމުން ސަލްމާނުގެ ބައްޕަ އޭނާދެކެ ވަކިން ބޮޑަށް ލޯބިވިއެވެ. ސަލްމާނަކީ ވަރަށް ދީންވެރި ކުއްޖެއް ކަމުން ޤުތާނު (އަލިފާންގަނޑު ބަލަހައްޓާ މީހާ) ކަމުގައި ވުމަށް އޭނާ ވަރަށް ލޯބިކުރެއެވެ. އަދި އެނޫން އިތުރު ކަމެއް ކުރަން އޭނާއަށް ނުޖެހޭތީވެ އޭނާ ގިނަ ވަގުތު ހޭދަކުރަނީ އެކަމުގައެވެ. އަލިފާންގަނޑަށް ތެލާއި، ދަރާއި އަދި އެނޫން ވެސް އެންދުމަށް ބޭނުންވާ ތަކެތި އަޅައަޅާ ރެއާއި ދުވާލު އަލިފާންގަނޑުގެ ކައިރިގައި އޭނާ އިނދެއެވެ.

މިފަދަ އަޅުވެރިކަން އޭނާގެ ދަރިފުޅުގެ ފަރާތުން ފެންނާތީ ސަލްމާނުގެ ބައްޕަ ހުންނަނީ އުފަލުން ފޮޅިފައެވެ. އަދި ސަލްމާނު ދެކެވާ ލޯބި އިތުރުވެގެން ދެއެވެ. ސަލްމާނުގެ ބައްޕަ އޭނާދެކެ ލޯބިވާ ވަރުން އޭނާ ގެއިން ބޭރަށް ވެސް ދިޔަނުދީ އަންހެން ކުއްޖެއް ފަދައިން ގޭގައި ބަހައްޓައެވެ. ދުވަސްތައް ފާއިތުވަމުން ދެއެވެ. އަދި އެއްވެސް ކަމަކާ ފަރުވާލެއް ބެހެއްޓުމަކާ ނުލައި އޭނާގެ މައިންބަފައިންގެ ލޯބީގައި ސަލްމާނު ޣަރަޤުވެފައި ވެއެވެ. ނަމަވެސް އޭނާގެ ޙަޔާތުގެ މިސްރާބު ބަދަލު ކޮށްލާނެ ކަމެއް ސަލްމާނަށް އެއް ދުވަހަކު ދިމާވިއެވެ.

އެއް ދުވަހަކު ހެދުނު ސަލްމާނުގެ ބައްޕަ އޭނާއަށް ގޮވާލިއެވެ. ލޯބިވާ ދަރިފުޅާއެވެ. މިތަނަށް އައިސްބަލާށެވެ. މިހެން އޭނާގެ ބައްޕަ ބުނުމުން ސަލްމާން ދުވެފައި ބައްޕަ ކައިރިއަށް ދިޔައެވެ.

ރަނގަޅަށް އަޑުއަހާށެވެ. އޭނާގެ ބައްޕަ ބުންޏެވެ. ގޭ ފުރާޅު ވަރަށް އަވަހަށް އެބަ މަރާމާތު ކުރަން ޖެހެއެވެ. ނޫންނަމަ ވިއްސާރަ އާއި ސްނޯގެ ސަބަބުން ވަރަށް އުދަގޫ ދިމާވެދާނެއެވެ. ދަނޑުތަކަށް ގޮސް މަސައްކަތް ކުރަންވީ ގޮތުގެ އިރުޝާދުތައް ދަނޑުވެރިންނަށް ދޭނެ ވަގުތެއް އަހަންނަކަށް ނެތެވެ. ވީމާ ސަލްމާން އަހަންނަށް އެހީތެރިވާން ޖެހިއްޖެއެވެ. ނަމަވެސް …….. ކަލޭ މިގޮތަށް ދުރަށް ފޮނުވުމަކީ އަހަރެން ހިތްހަމަ ޖެހޭ ކަމެއް ނޫނެވެ. މި ވީހާ ދުވަހު ގެއާ ދުރަށް ނުގޮސް ހުރެފައި ކުއްލިއަކަށް ފޮނުވަން ވަރަށް ހިތްހަމަ ނުޖެހެއެވެ. ނަމަވެސް ހަދާނެ އެހެން ގޮތެއް ނެތެވެ. އަހަރެން މިބުނާ އެއްޗެއް ރަނގަޅަށް އަޑުއަހާށެވެ. ދަނޑުވެރިން ގާތުގައި އެ ވާހަކަތައް ރަނގަޅަށް ކިޔައިދެވޭނީ އޭރުންނެވެ. ސަލްމާނުގެ ބައްޕަ ބުންޏެވެ. ބޭނުންވާ އިރުޝާދުތައް ސަލްމާނަށް ރަނގަޅަށް އެގިއްޖެކަން ކަށަވަރު ކުރުމަށްފަހު އޭނާ ސަލްމާނަށް ބުންޏެވެ. ލަސްނުވެ އަވަހަށް އަންނަން ދާށެވެ. މެންދުރުވުމުގެ ކުރިން ކޮންމެހެން ވެސް އަންނަންވާނެއެވެ. ބައްޕަ ދަރިފުޅަށް އިންތިޒާރު ކުރާނަމެވެ.

ގެއިން ބޭރަށް ނުކުމެވުނު ކަމުގެ އުފަލުގައި ދުވަމުން، ލަވަކިޔަމުން އޭނާގެ ބައްޕަގެ ދަނޑުތަކާއި ދިމާއަށް ސަލްމާން މިސްރާބު ޖެހިއެވެ. ގެއިން ބޭރަށް ނުކުމެ ހުޅުވިފައިވާ މައިދާނަށް ނުކުމެވުމަކީ ކިހާ ހިތްހަމަޖެހޭ ކަމެއް ހެއްޔެވެ؟ ހުރިހާ ޚާދިމުންނާއި ގޭގެ ޤައިދުން ސަލާމަތްވުމަކީ ހާދަ އުފާވެރި ކަމެކެވެ! ސަލްމާން ހިތަށް އެރިއެވެ. އާޚިރުގައިޒިންމާދާރު މަސައްކަތެއް މަތިކުރެވުމުން ސަލްމާނު ވަރަށް އުފާވިއެވެ.

ގެއާ ދުރަށް ދަމުން ގޮސް އަވަށްގަނޑާ ކައިރިއަށް ދެވުނުއިރު ދުރުން ބަޔަކު މީހުން އެކުވެގެން މަޑުމަޑުން ލަވައެއް ކިޔާ އަޑު ސަލްމާނަށް އިވުނެވެ. އޭނާއަށް އެ އިވުނު މަދަޙަތަކުން އޭނާއަށް ކުއްލި އަސަރެއް ކުރުވިއެވެ. އަޅުކަމުގެ އެ އަޑުތަކުން އޭނާއަށް ކުރި އަސަރު ބޮޑުކަމުން އޭނާ ހިގާފައި ދިޔަ މަގު ބަދަލުކޮށް، އަރިމަތީ މަގަކުން ލާފައި އެ އަޑުތައް އަންނަ ދިމާއަށް ދާން ފެށިއެވެ. (ނުނިމޭ)

ލިޔުމުގެ އަސްލު: ޚުއްރަމް މުރާދު

ތަރުޖަމާ: މުޙައްމަދު މުޖުތަބާ އާދަމް

ޝާއިޢުކުރެވިފައި ވަނީ: ދަރުމަ މަޖައްލާގައި

ޓެގް

ވާހަކަ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.