ވާހަކަ

މަންމާ! އަންނާނެނަމަ އެ ދުވަސް އަލުން!

ލިޔުނީ: އަހުމަދު އިޤްބާލް

 

އެއީ މީގެ 20 އަހަރު ކުރިއެވެ. އޭރު އަހަރެންގެ އުމުރުން އެންމެ 13 އަހަރެވެ. އަހަރެންގެ ބައްޕަ އަހަންނާއި އަހަރެންގެ މަންމަ ދޫކޮށްލައިފައި ދިޔައީ އޭގެ 02 އަހަރު ކުރިންނެވެ. އެއީ އަހަރެންގެ
ހިތުން ނުފިލާނެ ރެއެކެވެ. އަހަރެން ހަނދާން ހުންނައިރުން ފެށިގެން އަހަރެމެންގެ ކުޑަ ޢާއިލާ ދިރިއުޅެމުން އައީ ވަރަށް އުފަލުގައެވެ. ބައްޕަ އާއި މަންމަ ކައިވެނި ކުރީ އެދެމީހުންގެ އުމުރުން 16 އަހަރުގައެވެ. މަންމަ އާއި ބައްޕަގެ ޒުވާން އުމުރުގައި ކުރެވުނު އެ ކައިވެންޏަށް އަހަރެން އިތުރުވެގެން ދިއުން ވެގެން ދިޔައީ އެ ދިރިއުޅުމަށް ލިބިގެންދިޔަ އެންމެ ބޮޑު އުފާކަމުގައެވެ.

ނަމަވެސް މި އުފާވެރި ދިރިއުޅުމަށް ކޮންމެވެސް މީހެއްގެ ހިޔަނި އެޅިގެން ދިޔައެވެ. މަންމަ އާއި ބައްޕަގެ ލޯބީގެ ދިރިއުޅުން ބަދަލުވެގެން ދިޔައީ ހަނގުރާމައަކަށެވެ. ޒުވާބެއް ނުކުރާ ރެޔެއް ދުވާލެއް ނާދެއެވެ. ޒުވާބުކުރާ ވަކި ކަމެއް ނޭނގެއެވެ. ދުވަހަކަށްފަހު ދުވަހެއް އަހަރެމެންގެ ޢާއިލާގެ އުފާވެރިކަން ކެނޑެމުން ގޮސް ނެތި ދިޔައެވެ.

ޒުވާބު ކުރެވެމުން ދިޔަ ރޭތަކުން ރެއެކެވެ. އެއީ ވިއްސާރަ ރެއެކެވެ. އަހަރެން އޮތީ ކޮޓަރީގައި ފިލާވަޅު ހަދާށެވެ. ވެހެމުން ދިޔަ ވާރޭގެ އަޑާއެކު މަންމަ އާއި ބައްޕަގެ ޒުވާބުގެ އަޑު އަހަންނަށް އިވެމުން ދިޔައެވެ. ޒުވާބުގެ އަޑު އަހާކަށް މާކަ ގިނައިރަކު އަހަންނަކަށް މަޑަކުން ނޯވެވުނެވެ. ފޮތްތަށް ބެހެއްޓުމަށްފަހު ޒުވާބުގެ އަޑާ ދިމާއަށް ހިނގައިގަތީމެވެ. އަހަރެންގެ މަންމަ އާއި ބައްޕަގެ ކޮޓަރިއަށް ދިޔައިރު ބައްޕަ ދަބަހެއް ހިފައިގެން ބޭރަށް ނުކުތުމަށް ހިނގައި ގަންނަނީއެވެ. އަހަރެން ދޮރުމަތީގައި ހުއްޓާ ބައްޕަ ނުކުންނަމުން އަހަރެން ކައިރިއަށް ތިރިވެލިއެވެ. ނިއްކުރިއަށް ދޮނެއް ދިނުމަށްފަހު އަހަރެން ގައި ގައި ބައްދާލައިފައި ބަސްއަހައިގެން އުޅުމަށްބުނެ ހިނގައިގަތެވެ. މަންމަ ރޮމުން ރޮމުން ބައްޕަ ފަހަތުން މަޑުކުރުމަށް އެދި ގޮވަމުން ދިޔައެވެ. ނަމަވެސް ބައްޕައަކަށް ހުއްޓުމެއް ނައެވެ.

މަންމަ އާއި ބައްޕަ ވަކިވި ސަބަބެއް މަންމަ އަހަންނަކަށް ކިޔައެއް ނުދެއެވެ. އަހަންނަށް ދައްތައެއްގެ ފަރާތުން އެނގުނުހައިވެސް އެއްޗަކީ ބައްޕަގެ ދިރިއުޅުން އިންޑިޔާއަށް ބަދަލު ކުރިކަމެވެ. އެއީ ބައްޕަގެ ދިރިއުޅުމަށް އައި އެހެން އަންހެނަކާއި އެކުގައެވެ. އެދުވަހުގެ ފަހުން އަހަރެންނަކަށް ބައްޕަގެ އެއްވެސް ޚަބަރެއް ނުވެއެވެ. ދެން އަހަރެންގެ ދިރިއުޅުން ކުރިޔަށް ދިޔައީ ހަމައެކަނި މަންމައާއި އެކުގައެވެ. އަހަރެމެން އުޅެމުން ދިޔައީ ކުއްޔަށްކަމުން މާގިނަ ދުވަސްތަކެއްނުވެ މަންމަ ވަޒީފާއަކަށް ދާން ފެށިއެވެ. ވަޒީފާގައި ބުރަވުމުން އަހަރެން ބަލައި ސްކޫލަށް އައުމަށް ގަޑިޖެހުން މަންމަގެ އާދައަކަށް ވެގެންދިޔައެވެ. ސްކޫލްގެ ހުރިހައި ކުދިން ނިމި ގެއަށްދާއިރަށް މަންމަ އަންނަ ދުވަސްވެސް މަދެއްނުވާނެއެވެ. އެކަމާ އަހަރެން މަޑުމަޑުން މަންމަ ދެކެ ރުޅި އަންނަން ފެށިއެވެ. ގޭގައި އަހަރެން ކާހިތްވާ ކަހަލަ ކާއެއްޗެއް ނުހުންނަ ދުވަސްވެސް ގިނައެވެ. މަންމަ ބުނާގޮތުންނަމަ ލިބޭ މުސާރައިން ކުލި ދައްކާފައި އިތުރު ކަމަކަށް ޚަރަދެއް ކުރާނެ އެއްޗެއް ނޯވެއެވެ. ހެނދުނުގެ ސަޔަށް އަބަދު އެކައްޗެއް ހުންނާތީ އަހަރެން ރުޅިއައިސްގެން މަންމަ އާއި ދިމާއަށް ވަރަށް ހަޑިކޮށް އެއްޗެހި ކިޔެން ފެށުނެވެ. ސްކޫލުން އައިސް ފިލާވަޅު ހަދަން ބުނުމުންވެސް އަހަރެން މަންމަ ބުނާ އެއްޗަކަށް މާ ބޮޑު އިސްކަމެއް ނުދެމެވެ. މަންމަވެސް އަހަރެންގެ ބޭނުން ތަކަކަށް މާބޮޑު އިސްކަމެއް ނުދޭހެން ހީވީމަ އެވެ. މަންމަ އާއި ބައްޕަ އެކުގައި އުޅުނުއިރު ބައްފަ އެކަނި ލިބޭ މުސާރައިން އަހަރެން ހިތްހަމަ ޖެހޭ ގޮތަށް ދިރި އުޅުން ކުރިޔަށް ދިޔަފަދައިން މަންމައަށް ލިބޭ މުސާރައިންވެސް އެހެން ވާންޖެހޭނެ ކަމުގެ ޝަކުވާ އަހަރެން ތަކުރާރު ކުރީމެވެ. އަހަރެން ބުނާ ގިނަ އެއްޗެއްސަށް މަންމަ ރައްދު ދޭކަށް ނުހަދަ އެވެ. އަހަރެންގެ ޝަކުވާތަކަށް މަންމަ އިސްޖަހައިގެން ހުރެ ބޯލަނބާ ކަހަލައެވެ. ގިނަ ފަހަރަށް އަހަންނާ ދިމާއަށް ބާރަށް އެއްޗެކޭ ބުނެވުނަސް އަމިއްލައަށް އައިސް މާފަށް އެދި ރޯނެއެވެ. ކޮންމެ ގޮތެއްވިޔަސް އަހަރެން ދެކެ މަންމަ ލޯބިވާކަން އަހަންނަށްވެސް އެނގެއެވެ.
ދުވަސްތަކުގެ ތެރެއިން ދުވަހެކެވެ. އަހަރެން ހެނދުނު ސައިބޯން އިށީން އިރު ސަޔަށް ހުރީ އެ ހަފުތާގެ އެހެން ދުވަސް ތަކެކޭވެސް އެއް ފަދައިން ސަޔާ ބިސްކޯދެވެ. އަހަރެން އެ ކަމާ މަންމައާއި ދިމާއަށް އެއްޗެހި ކިޔުމުން، އެދުވަހު މަންމައަށް މުސާރަލިބޭނެކަމަށް ބުންޏެވެ. އަދި ސްކޫލުން އަންނަމުން އަހަރެން ބޭނުން އެއްޗެއް ގެނެސްދޭނެ ކަމަށް ބުންޏެވެ. އޭގެ ރައްދުގައި އަހަރެންނަށް ހުށަހެޅުނީ އެހެން ޝަކުވާ އެކެވެ. އެއީ ކޮންމެ މަހަކު މުސާރަ ލިބުމުން އަހަންނަށް ގަނެދޭން ބުނެފައި އޮންނަ ބައިސްކަލުގެ ވާހަކައެވެ. އެވަރު ކަމެއް މަންމަ އަށް ނުކޮށްދެވޭ ވާހަކައެވެ. އެދުވަހުވެސް އަހަރެން ސްކޫލަށް ދިޔައީ މަންމަ ރޮއްވާލައިފައެވެ. ހިތްހަމަވެސް ޖެހުނެވެ. ހިތުގަ ހުރި އެއްޗެހި ކިޔުނީމައެވެ. އެކަމަކު މަންމަ ރޯތަން ފެނުނީމާ ދެރަވެސް ވެއެވެ. މަންމައަށް ލިބޭ މުސާރައިން ނުވަނީއޭވެސް ހިތަށް އަރައެވެ. އެހެން ކުދިންހެން އަހަރެންވެސް އެހުރިހައި އުފަލެއްވެސް ބޭނުންވާތީ އެ ޝަކުވާ ކުރެވެމުން ދިޔައީއެވެ.

އެދުވަހު ސްކޫލް ނިމިގެން 15 މިނެޓް ވެގެންދިޔަ އިރުވެސް މަންމަ އަހަރެން ބަލައެއް ނާދެއެވެ. އަހަރެން އެކަނި ގެއަށް ދިއުމަށް ނިންމާ ހިނގައިގަތް ތަނާ މަންމަ އަހަރެން ބަލާ އައެވެ. މަންމަ އައިސް އަހަންނާ އަރާ ހަމަވުމުން އަހަރެން ބަލާ ދެން ނާންނާށޭ، އަދި އަހަންނަށްވެސް އެހެން ކުދިންހެން އެކަނި ގެޔަށް ދާން އެނގޭކަމަށް ބުނެ އެންމެންގެ ތެރޭގައި ހަޅޭލަވައިގަނެވުނެވެ. މަންމައަށް އިތުރުބަހެން ބުނުމުގެ ފުރުސަތު ނުދީ އަހަރެން ހިނގައިގަތް ތަނާ މަންމަ އަހަރެންގެ ބުރަކަށީގައި އަތްއަޅާ ކޮއްޕާލިއެވެ. ކާރެއްގެ ބުރަކީގެ އަޑާއިއެކު މަންމަގެ ހަޅޭއްލެވުމުގެ އަޑުއަހަންނަށް އިވުނެވެ. އަހަރެން ފަސް އެނބުރި ބަލައިލީމެވެ. ކުރިމަތީ އޮތް ކާރުގެ ދަށުވެފައި އޮތީ އަހަރެންގެ މަންމަ އެވެ. ވަށައިގެން މީހުން އެއްވިއެވެ. އަހަރެންނަށް ހަދާނެގޮތް ނޭނގިފައި ކާރުގެ ދަށުވެފައި އޮތް މަންމައަށް ބަލަން އިނދެވުނެވެ. އަނގައިން ބަހެއް ނުބުނެވުނުތާނގައި، މީހާއަށް ގުޑުމެއްވެސް ގެންނަން ނޭނގިފައެވެ.
މަންމަ އަހަންނާ ވަކިވެގެން ދިޔައީ އަހަރެންގެ ފުރާނަ ސަލާމަތްކުރުމުގެ ގޮތުންނެވެ. މަންމަގެ ކަށުނަމާދަށްފަހު އަހަރެން ގެއަށް އައީ ބޮޑުދައިތައާއި ބޭބެއާ އެކު އެމީހުންގެ ގެއަށް ބަދަލު ވުމަށް އަހަރެންގެ އެއްޗެހި ބަލައެވެ. އެއީ މަންމަ ނިޔާވިތާ 2 ދުވަސް ފަހެވެ. އަހަރެންގެ ކޮޓަރިއަށް ވަތްއިރު އަހަރެންނަށް ލިބިގެން ދިޔައީ އަހަރެންގެ މަންމަގެ ފަރާތުން އެންމެ ފަހު ހަދިޔާ އެވެ. އަހަރެން ބޭނުންވެގެން އުޅުނު ބައިސްކަލް އަހަރެންގެ ކޮޓަރިތެރޭގައި ހުއްޓެވެ. އަހަރެންނަށް އެ ފެނުމުން ވީ އުފަލަށްވުރެ ވެވުނީ ދެރައެވެ. ލޮލުން އޮހޮރުނީ ކަރުނައެވެ. އޭގައި ކުޑަ ނޯޓްކޮޅެއް ހަރުކޮށްފައި އިނެވެ. މާބޮޑު އެއްޗެއް ލިޔެފައި ނެތަސް މަންމަ ބުނަން ބޭނުންވެފައި ހުރި ހުރިހައި ވާހަކައެއް އެބަސްތަކުން ހާމަވެގެން ދިޔައެވެ. އޭގައި އޮތީ މަންމައަށް އަހަރެންގެ ހުރިހައި ބޭނުމެއް އެންމެ ފުރިހަމައަށް ފުއްދައި ނުދެވުނަސް މަންމަގެ ހުރިހައިވެސް މީހަކީ އަހަރެން ކަމަށާއި އަހަރެންގެ އުފަލަށްޓަކައި މަންމަ ކޮންމެފަދަ ކަމެއްވެސް ކޮށްފާނެ ކަމަށެވެ. އެކަން އަހަންނަށް ވަރަށް ރަނގަޅަށް އެނގިގެން ހިނގައްޖެއެވެ.

މަންމައާއި ވަކިވުމަށްފަހު ދެން އަހަރެން ދިރިއުޅެންފެށީ ބޮޑުދައިތަ އާއި ބޭބެއާ އެކުގައެވެ. އަހަރެންގެ ބައްޕަގެ ފަރާތުން ލިބެމުން ދިޔައީ ހަމައެކަނި އަހަރެންނަށް ކުރަންޖެހޭ ރަސްމީ ޚަރަދުގެ ފައިސާއެވެ. އަހަރެން އުޅޭ ހާލެއް ބަލައިލަން އަހަންނަށް ގުޅައިވެސް ނުލައެވެ. ބޮޑުދައިތަމެން ގެއަށް ދިރިއުޅުން ބަދަލުކުރުމަށްފަހު ސްކޫލަށް ދިއުމާއި ގެއަށް އަންނަން ޖެހެނީ އެކަނިމާ އެކަންޏެވެ. އަހަރެން ކިޔަވާތޯ ފިލާވަޅެއްހަދައިތޯ ބަލައިލާނެ މީހަކު އެ ގެއަކު ނުހުރެއެވެ. ބައްޕަ ފޮނުވާ ފައިސާއިން އަހަރެންގެ ބޭނުމަކަށް އެއްވެސް އެއްޗެއް ނުލިބެއެވެ.

އެކަމުގެ ޝަކުވާއެއް ކުރާނެ މީހަކު ނުހުރެއެވެ. ކުޑަކޮށްވެސް ކަމަކާ ހިތްހަމަ ނުޖެހުނަސް ބޮޑުދައިތަގެ ފަރާތުން އިވެނީ ރުޅިވެރިކަމުގެ ބަސްތަކެވެ. މުޅި މަސްދުވަސް އެކަށްޗެއް ކާން ހުއްޓަސް ޝަކުވާއެއް ނުކުރަމެވެ. މަންމަ ނަމަ އެ ޝަކުވާ އަޑުއަހައި ދެރަވާނެއެވެ. އެކަމަކު މިހާރު އެ ހުރިހައި ކަމެއް ބަދަލުވެއްޖެއެވެ. ކޮންމެ ރެޔަކު ފިލާވަޅު ހެދުމަށް އިންނަ އިރު އެހީވެދޭން މަންމަ ނެތުމުން އެކަމުގެ އިޙްސާސް ކުރެވި ލޮލުން ކަރުނަ އާދެއެވެ. ކާން ހަދަންޖެހެނީ ގިނަ ފަހަރަށް އެކަންޏެވެ. ކުރިން ނަމަ އަހަރެން ކައިނިމި ނިދަންދެން އަހަރެން ކޮބައިތޯ މަންމަ ބަލާނެއެވެ. އޭރު ކިތަންމެ ރުޅި އަޔަސް މިހާރު އިންތިހާއަށް އެކަމާ ހިތާމަ ކުރަމެވެ. ސްކޫލް ނިމޭ ގަޑީގައި އެކަނި ގެއަށް އަންނަން ޖެހުމުން އެ އެކަނިވެރިކަމާ ބާކީ ކަން އިޙްސާސް ކުރެވެއެވެ. ކުޑަ އިރުކޮޅެއް ލަސްވިޔަސް އޭރު މަންމައާއި ދިމާއަށް ކިޔުނު އެއްޗެހި އަހަރެން ކަންފަތުގައި މިހާރުވެސް ހަރުލާފައި ހުންނަކަހަލަ އެވެ. އެ ބަސްތަކަށް އެ އަމަލުތަކަށް މާފަށް އެދެން ބޭނުންވެއެވެ. އެކަމަކު ދެނެއް އެދުވަހެއް ނާންނާނެއެވެ.

މިއީ، އޭގެ 20 އަހަރު ފަހެވެ. މިހާރު އަހަންނަކީ ރާއްޖޭގެ ބޮޑު ކުންފުންޏެއްގެ ވެރިއެކެވެ. ޒިންމާދާރު ފިރިއެކެވެ. ދެ ކުދިންގެ ބައްޕައެކެވެ. މަންމަ އަހަންނަށް ކޮށްދިނީ ދަރިޔަކަށް މަޔަކު ނޫނީ ބައްޕައަކަށް ކަންތައް ކޮށްދޭނެ އެންމެ ފުރިހަމަޔަށްކަމަށް މިއަދު އަހަންނަށް އިޙްސާސް ކުރެވެއެވެ. އަމިއްލަ ކާރު އޮންނައިރުވެސް އަހަންނަށް ދަރިންބަލާ ސްކޫލް ދޮށަށް ދެވެނީ ގަޑިޖެހިގެންނެވެ. ބޮޑު މުސާރަ ލިބޭއިރުވެސް ޢާއިލާގެ ކަންތައްތައް ދެކޮޅުޖެއްސެނީ ކިރިޔާއެވެ. އޭރު މަންމަ އެކަނި އަހަރެންގެ ކަންތައްތައް ބެލެހެއްޓުމުގައި އިންތިހާއަށް ދަތިވާނޭކަން މިއަދު ޔަޤީންކުރެވެއެވެ. އެކަން ވިސްނެނީ މިހާރެވެ. މިހާރުވެސް ވަރަށް ގިނައިން އަހަރެން މަންމަގެ މަހާނަ ކައިރިޔަށް ގޮސް ރޮއި ހަދަމެވެ. މައާފަށް އެދެމެވެ. އެއްފަހަރު ނަމަވެސް މަންމަ އަހަންނަށް މާފު ކޮށްފީމޭބުނެ އަހަރެން ގައިގައި ބައްދައިލުމަށް ތެދުވާނެކަމުގެ އުންމީދެއް ހިތުތެރޭގައި އޮވެއެވެ. އުމުރުން ދުވަސް ވިޔަކަސް ގިނަ ތަޖުރިބާތަކެއް ކުރެވުނަސް މިއަދުވެސް އަބަދުވެސް އަހަރެންގެ ކޮންމެ ފިޔަވަޅެއްގައި މަންމަގެ އެހީތެރިކަމުގެ އިޙްސާސް ކުރެވެއެވެ.

މި ދުނިޔޭގައި މަންމައެން ބައްޕައެއް ނެތް ޔަތީމު އެތައް ކުދިންނެއް ވާނެއެވެ. އަހަރެން ފަދައިން މަންމައާއި ބައްޕަ ގެއްލިގެން ގޮސްފައިވާ އެތައް ބަޔަކު އުޅޭނެއެވެ. އަހަރެން ބުނެލަން ބޭނުމީ މަންމަ އާއި ބައްޕައާއިއެކު އުޅުމުގެ ނަސީބުލިބިފައިވާ މީހުން އެ މީހުން ވަކިވެ ނުދަނީސް އެމީހުންގެ އަގު އެންމެ ފުރިހަމަ ގޮތުގައި ވަޒަން ކުރާށެވެ. ފާއިތުވެގެންދާ ވަގުތަކީ އެނބުރި އަންނާނެ ވަގުތެއްނޫނެވެ. ލޯބިވާ މީހުންގެ ކައިރީގައި ލޯބިވެޔޭ ބުނާށެވެ. މާފަށް އެދެން ޖެހޭނަމަ މާފަށް އެދޭށެވެ.

“މަންމަ އާއި ބައްޕަ އާއެކު އުޅުމުގެ ނަސީބުލިބިފައިވާ މީހުން އެ މީހުން ވަކިވެ ނުދަނީސް އެމީހުންގެ އަގު އެންމެ ފުރިހަމަ ގޮތުގައި ވަޒަން ކުރާށެވެ.”

ގުޅުންހުރި

3 ޚިޔާލު

  1. ރޮވުން ހަމަ….ވަރަށް ރީތި

  2. ވަރަށް ރީތި

  3. ވ.ރީތި

Your email address will not be published. Required fields are marked *

More in ވާހަކަ