އެންމެހާ ޙަމްދު ޘަނާ ޙައްޤުވެގެންވަނީ ގަދަ ކީރިތި ވަންތަ މާތް ﷲ ޞުބުހާނަހޫ ވަތަޢާލާއަށެވެ. އަދި ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަނީ މިއުއްމަތައް ރަޙުމަތެއްކަމުގައި ފޮނުއްވެވި އަޅުގަނޑުމެންގެ ލޮބުވެތި މާތް ނަބިއްޔާ މުޙައްމަދުގެފާނަށެވެ. އަދި މި ޞަލަވާތާއި ސަލާމުގައި އެކަލޭގެފާނުގެ އެންމެހާ އާލުންނާއި މިތުރު ޞަޙާބީން ޝާމިލްކުރަމެވެ.
އަޅުގަނޑުމެން ދުނިޔޭގައި ހޭދަކުރާ ކޮންމެ ދުވަހަކީ ކޮންމެ ވަގުތަކީ ފާއިތުވުމަށްފަހު އެނބުރި ނުލިބޭނޭ ގޮތަށް ފާއިތުވެގެންދާ އެއްޗެކެވެ. ޖާހިލުކަމުގެ ގަދަ ނިދީގައި ނިދާފައި ތިބިކަމުގައިވީނަމަވެސް ނުވަތަ ދުވާލުދާ ހަތަރުދަމު އަޅުކަމުގައި އުޅުންކަމުގައިވީ ނަމަވެސް އެމީހެއްގެ އަޖަލު ފުރިހަމަކުރުމަށްފަހު ކޮންމެ މީހަކީވެސް އެމީހެއްގެ ވެރިރަސްކަލާނގެ ޙަޟްރަތައް އެނބުރި ރުޖޫޢަވާނޭ މީހެކެވެ. ހަމަ ތިޔައިގެ ތެރެއިން ކޮންމެ ބޭފުޅަކީވެސް ރުހުނަސް ނުރުހުނަސް ނަރަކައިގެ އަޒާބު ނުވަތަ ސުވަރުގޭގެ އުފާ ހާސިލްކުރާނޭ މީހެކެވެ.
އަޅުގަނޑު މިތާގައި ކުރު ޢިބްރަތްތެރި ވާހަކަ އެއް ހިމަނާލާނަމެވެ. މަގުސަދަކީ މީހެއްގެ ވާހަކަ ދެއްކުމެއް ނޫނެވެ. ނަމަވެސް މީގެން ބަޔަކަށް ޢިބްރަތެއް ހާސިލް ކުރުމެވެ. އަޅުގަނޑު ދަންނަ މީހެކެވެ. ހަސަންއަކީ (އަސްލު ނަމެއް ނޫން) ވިޔަފާރި ވެރިޔެކެވެ. ދުނިޔޭގެ ހުރިޙާ އުފަލަކާ ނިޢުމަތްތަކެއް ލިބިގެންވެއެވެ. އެއްއަހަރެއްގެ ހައްޖު މޫސުމެވެ. ހަސަނު ވެސް ހައްޖާއި ޢުމްރާއަށް ދާން ފުރިއެވެ. އެތަނުން އޭނާ އަށް ރަޙުމަތްތެރިޔަކާއި ދިމަވިއެވެ. ރަޙުމަތްތެރިޔާ ސަލާމް ކޮށް ހަސަނުގެ ހާލު އަހުވާލު އެހި އެވެ. އަދި ހަސަނު އެފަދަ މާތް ބިމަކުން ދިމާވީތި ވަރަށް އުފާ ކުރާކަމަށް ވެސް ބުންޏެވެ. ހަސަނު ޖަވާބު ގަ ބުނީ "މީކީ އެހެން އައި ދަތުރެއް ނޫން ކަމަށާ ދަރިން ކިޔާވަރުން އައީ ކަމަށެވެ،" سبحان اللہ . ހައްޖު ދަތުރު ނިންމާލައި ހަސަނު މާލެ އައި ތާ މަސް ދުވަހު ތެރޭގައި ވަރަށް ބޮޑަށް ބަލިވެ އެދުން ނުތެދުވޭ ވަރު ވައްޖެ އެވެ. އަދި މިބަލީ ގައި ހަށިގަނޑުގެ އެއް ފަޅިން ވާގި ދޫވިއެވެ. މިއަދު ހަސަނު ވަނީ ނުކުޅޭދޭ މީހަކަށް ވެ އެހެން މީހުންގެ އެހީ ތެރިކަމަށް ބޭނުން ވެފައެވެ. ސިއްޙަތު ސަލާމަތުން ހުރި ދުވަހު ޙަޔާތު ގެ ފައިދާ ނުނެގުނީ ތީ މިއަދު ހަސަނު ވަރަށް ހިތާމަ ކުރެއެވެ. ނަމަވެސް ވަގުތު ފާއިތު ވީ އެވެ.
މިއީ މާތް ﷲ ފިޔަވައި އެހެން މީހުނަށް އެނގިގެންވާ ކަންކަންކަމެއް ނޫނެވެ. ވީމާ އަޅުގަނޑުމެން ކަމެއްވުމުން މިވެނި މީހަކު ހާދަ އުފަލެއްގައޭ އުޅެނީ ބުނާއިރު އެމީހެއްގެ ހާލު އެންމެ ރަނގަޅަށް ދެނެވޮޑިގެންވާނީ މާތް ﷲ އެވެ. އަޅުގަނޑުމެންނަށް އެތައް ނިޢުމަތްތަކެއް ދެއްވާފައި ވެއެވެ. އަދި އަޅުގަނޑުމެންނަށް ދެއްވާފައިވާ އެތައް ނިޢުމަތަކުން މަޙުރޫމްވެފައިވާ އެތައް ބަޔަކު ދުނިޔޭގައިއުޅެއެވެ. އެހެނަސް އަޅުގަނޑުމެން އެއިން ނިޢުމަތަކަށް ޝުކުރުވެރިވީ ކިހާވަރަކަށްތޯއެވެ؟
އަޅުގަނޑުމެން މިހުރިހާކަމެއް ދަންނަމުއެވެ. މަރަށް ފިލަން ނުދެވޭނެކަން ދަންނަމުއެވެ. އެހެނަސް އެއަށްޓަކައި ތައްޔާރުވަނީ މަދުބައެކެވެ. ވަގުތުގެ ބޭނުން ހެޔޮގޮތުގައި ހިފަނީ މަދު ބައެކެވެ.
މާތް ﷲ ކީރިތި ޤުރުއާނުގައި އަލް-ބަޤަރާ ސޫރަތުގެ 172 ވަނަ އާޔަތުގައި ވަޙީ ކުރައްވަނީ:
يَا أَيُّهَا الَّذِينَ آَمَنُوا كُلُوا مِنْ طَيِّبَاتِ مَا رَزَقْنَاكُمْ وَاشْكُرُوا لِلَّهِ إِنْ كُنْتُمْ إِيَّاهُ تَعْبُدُونَ
"އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިމަންރަސްކަލާނގެ ތިޔަބައިމީހުންނަށް ދެއްވި ރަނގަޅު ތަކެތިން ތިޔަބައިމީހުން ކައިއުޅޭށެވެ! އަދި ތިޔަބައިމީހުން ހަމައެކަނި ﷲ އަށް އަޅުކަންކުރާ ކަމުގައިވާނަމަ، އެކަލާނގެއަށް ޝުކުރުވެރިވާށެވެ!"
މިއީ މާތް ﷲ އަށް އަޅުގަނޑުމެން ޝުކުރުކުރަން ޖެހޭކަން އަންގަވާ ބަޔާން ކޮއްދީފައިވާ އާޔަތެކެވެ. އެހެނަސް އަޅުގަނޑުމެންނަށް ޝުކުރުކުރެވެނީ ކިހާ ވަރަކަށްތޯއެވެ. ކަމެއް ދިމާވުމުން އަޅުގަނޑުމެން އަޅުގަނޑުމެންގެ ބަދު ނަސީބުކަމާއިމެދު ވިސްނާ އެކަމާއި ރޮއެ ހަދަމުއެވެ. އެކަމަކު އަޅުގަނޑުމެން އަޅުގަނޑުމެންނަށް ދެއްވައިފައިވާ ނިޢުމަތްތަކާއިމެދު ޣާފިލުވެފައިވާ މިންވަރު ހިތައް ތަސައްވަރުވެސް ނުކުރެވެއެވެ. އެނިޢުމަތްތަކަށް ފުރަގަސްދެނީ އަޅުގަނޑުމެންގެ ތެރެއިން ކިތައް ކިތައް މީހުންތޯއެވެ؟
މާތް ﷲ އެކަލާނގެ ނިޢުމަތްތަކަށް ޝުކުރުކުރާމީހާއަށް ހުރިހެވާއި އަދި އެ ނިޢުމަތްތަކަށް ކާފިރުވީމީހުންނަށް އަޒާބުގެ އިންޒާރު ދެއްވައި ހަތް އުޑުމަތިން ބާއްވާލެއްވި ކީރިތި ޤުރުއާނުގެ އިބުރާހީމް ސޫރަތުގެ 7 ވަނަ އާޔަތުގައި ވަޙީކުރައްވަނީ:
وَإِذْ تَأَذَّنَ رَبُّكُمْ لَئِنْ شَكَرْتُمْ لَأَزِيدَنَّكُمْ وَلَئِنْ كَفَرْتُمْ إِنَّ عَذَابِي لَشَدِيدٌ
"އަދި ތިޔަބައިމީހުންގެ ވެރިރަސްކަލާންގެ އެންގެވި ހިނދު ހަނދުމަކުރާށެވެ! ހަމަކަށަވަރުން، ތިޔަބައިމީހުން ޝުކުރުކޮއްފިނަމަ، ހަމަކަށަވަރުން ތިމަންރަސްކަލާންގެ ތިޔަބައިމީހުންނަށް އިތުރުކޮއްދެއްވާ ހުށީމެވެ. އަދި ތިޔަބައިމީހުން (ޝުކުރު ނުކޮށް) ކާފިރުވެއްޖެނަމަ (ދަންނާށެވެ!) ހަމަކަށަވަރުން، ތިމަންރަސްކަލާނގެ އަޒާބު ގަދަފަދަވެގެންވާކަން ކަށަވަރެވެ."
މާތް ﷲ އަޅަމެންނަކީ އެކަލާނގެ ދެއްވި ނިޢުމަތްތަކަށް ޝުކުރުކުރާ ބަޔަކުކަމުގައި ލައްވާ އަޅަމެންގެ ނިޢުމަތްތައް އިތުރުކުރައްވައި ރާއްޖޭގެ ކުރިމަގު އަމާންކުރައްވައި އިސްލާމްދީނުގެ ލޯބި ދިވެހިންގެ ހިތްތަކުގައި ޖައްސަވާފާންދޭވެ. އާމީން

















advertisment
ޚިޔާލު