އަލީ އަބްދުﷲ ޞާލިޙުގެ ސަރުކާރާ އިދިކޮޅު ފަރާތްތަކުން އަނެއްކާވެސް ސަރުކާރާ އިދިކޮޅަށް ޔަމަނުގެ މަގުތަކުގައި މުޒާހަރާ ކޮށްފިއެވެ. މި މުޒާހަރާގައި ޓުރާންސިޝަނަލް ކައުންސިލެއް އެކުލަވާލައި ރައްޔިތުންނަށް ބާރު ދިނުމަށް މުޒާހަރާގެ ބައިވެރިން ގޮވާލައިފައިވާކަމަށް ރޮޔެޓަރސް އިން ރިޕޯޓްކޮށްފައިވެއެވެ.
ހަބަރު ފަތުރާ ވަސީލަތްތަކުން ހާމަކުރާގޮތުގައި މުޒާހަރައިގެ ބައިވެރިން ކޮރަޕްޝަން ހުއްޓުވުމަށް އަދި ވަޒީފާނެތް މީހުންގެ ނިސްބަތް މަދުކުރުމަށް ގޮވާލައިފައިވެއެވެ. އަދި އިދިކޮޅު ފަރާތްތަކުން ޞާލިހުގެ ވެރިކަން ނިމުމަކަށް ގެނެއުމަށް ކުރެވެން ހުރި ކަމެއް ކުރާނެކަމަށް ބުނަމުންދެއެވެ.
69 އަހަރުގެ އަލީ އަބްދުﷲ ޞާލިޙް މިހާރު ހުންނެވީ ސައުދީ އަރަބިޔާގައި ޞާލިހު ހުންނަވާ ގަނޑުވަރަށް ދިން ހަމަލައިގައި ލިބުނު ޒަހަމްތަކަށް ފަރުވާ ހޯދުމަށެވެ.އަލީ އަބްދުﷲ ޞާލިޙްގެ ގަނޑުވަރަށް ދިން ރޮކެޓް ހަމަލައިގައި ޞާލިހު ހަށިގަނޑުގެ 40 ޕާސެންޓް ފިހިފަވާކަމަށް އެމެރިކާއިން އަދި ޔަމަނުގެ އޮފިސަލުން ހާމަކުރެއެވެ. އެހެންނަމަވެސް ޞާލިޙަށް ލިބިފައިވަނީ ކުޑަ ޒަހަމްތަކެއްކަމަށް ދައުލަތުގެ ވެބްސައިޓްގައި ވަނީ ހާމަކޮށްފައިވެއެވެ.
ޔަމަނުގައި 30 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ 69 އަހަރު ޞާލިހްގެ ވެރިކަން ވައްޓާލުމަށް މުޒާހަރާކުރަން ފަށައިފައިވަނީ މިއަހަރުގެ ޖެނުއަރީ މަހުންފެށިގެންނެވެ. އަދި ޔަމަނުގައި އަންނަނީ ޞާލިޙްގެ ވެރިކަމާދެކޮޅަށް ސިލްސިލާކޮށް މުޒާހަރާ ކުރަމުންނެވެ. މީގެއިތުރުން ވެރިކަން ވައްޓާލާނެކަމަށް އިދިކޮޅު ފަރާތްތަކުން އަންނަނީ ބުނަމުންނެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...