ހުކުރު ދުވަހު ޔަމަނުގައި ބޮޑު މުޒާހަރާއެއް ކުރިޔަށް ގެންދާނެކަމަށް އަލީ އަބްދުﷲ ޞާލިޙްގެ ސަރުކާރާ އިދިކޮޅު ފަރާތްތަކުން ބުނެފިއެވެ.
އިދިކޮޅު ފަރާތްތަކުން މިކަން ހާމަކުރީ ޔަމަނުގެ ރައީސް އަލީ އަބްދުﷲ ޞާލިޙް ހުންނަވާ ގަނޑުވަރަށް ދިން ރޮކެޓް ނުވަތަ ބޮމުގެ ހަމަލައެއްގައި ލިބުނު ޒަހަމްތަކަށް ފަރުވާ ހޯދުމަށްފަހު ވަރަށް އަވަހަށް ރައީސް ޞާލިޙް ޔަމަނަށް އަންނާނެކަމަށް ދައުލަތުގެ މީޑިއާއިން ހާމަކުރުމާ ގުޅިގެންނެވެ. މި ބޮޑު އެއްވުން އޮންނާނީ ހުކުރުދުވަހު ޔަމަނުގެ ވެރިރަށް ސަންޢާގައެވެ..
އަލީ އަބްދުﷲ ޞާލިޙްގެ ގަނޑުވަރަށް ދިން ރޮކެޓް ހަމަލައިގައި ޞާލިހު ހަށިގަނޑުގެ 40 ޕާސެންޓް ފިހިފަވާކަމަށް އެމެރިކާއިން އަދި ޔަމަނުގެ އޮފިސަލުން ހާމަކުރެއެވެ. އެހެންނަމަވެސް ޞާލިޙަށް ލިބިފައިވަނީ ކުޑަ ޒަހަމްތަކެއްކަމަށް ދައުލަތުގެ ވެބްސައިޓްގައި ވަނީ ހާމަކޮށްފައިވެއެވެ.
ޞާލިޙްގެ ހާލުކޮޅު ރަނގަޅުކަމަށާ އަދި ވަރަށް އަވަހަށް ޔަމަނަށް އެނބުރި އަންނާނެކަމަށް ނައިބް ރައީސް އަބްދުރަބުހް މަންސޫރް ހާދީ ހާމަކުރައްވައެވެ.
ޔަމަނުގައި 30 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ 69 އަހަރު ޞާލިހްގެ ވެރިކަން ވައްޓާލުމަށް މުޒާހަރާކުރަން ފަށައިފައިވަނީ މިއަހަރުގެ ޖެނުއަރީ މަހުންފެށިގެންނެވެ. އަދި ޔަމަނުގައި އަންނަނީ ޞާލިޙްގެ ވެރިކަމާދެކޮޅަށް ސިލްސިލާކޮށް މުޒާހަރާ ކުރަމުންނެވެ. މީގެއިތުރުން ވެރިކަން ވައްޓާލާނެކަމަށް އިދިކޮޅު ފަރާތްތަކުން އަންނަނީ ބުނަމުންނެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...