އެހީ! ކުޑަކުޑަ ޙާއިޝްއަށް އެހީތެރިވެދެއްވާ!

ކުޑަކުޑަ ޙާއިޝްއަށް އެހީތެރިވެދެއްވާ!

ކުޑަކުޑަ ޙާއިޝްއަށް އެހީތެރިވެދެއްވާ!

ކިޔާލަން ހޭދަވާނީ 4 މިނިޓް

ފޮންޓް ސައިޒް

މުޙައްމަދު ޙާއިޝް ޙުސައިންނަކީ އުމުރުން 2 އަހަރުގެ ކުޑަ ކުއްޖެކެވެ. ނަމަވެސް ބަލާބެލުމަށް އެއީ އުމުރުން ދެމަހުގެ ކުއްޖެކެވެ. ޙާއިޝްގެ މަންމަ އައިޝަތު ސުދާ އޭނާގެ ދަރިފުޅު އުރައިގެން އިންއިރުވެސް އެދަރިފުޅުގެ ހަށިގަނޑުގެ ނިކަމެތިކަން ހާމަވެއެވެ.  އެކުޑަ ކުޑަ މައުސޫމް ކުއްޖާގެ ތަޙައްމަލު ކުރަން ޖެހިފައިވާ ބަލީގެ ސަބަބުން އޭނާގެ ހަށިގަނޑު 2 މަހުގެ ކުއްޖަކާ އެއްވަރެވެ. ޙާއިޝްގެ އެބައްޔަށް ފަރުވާއެއް އޮތީ ލިވާރ ޓްރާންސްޕްލާންޓް އޮޕަރޭޝަން ކުރެވިގެންނެވެ.

ދިއިސްލާމް.ކޮމް ގެ ފަރާތުން ޙާއިޝްގެ ޢާއިލާއާއި ބައްދަލުކޮށްލަން އަޅުގަނޑު ދިޔައީ ރައްޓެއްސެއްގެ ފަރާތުން ލިބުނު މައުލޫމާތަކާއި ގުޅިގެންނެވެ. ޙާއިޝް އާއި އެކުޑަ ކުއްޖާގެ ޢާއިލާ ދިރިއުޅެނީ މ. ކަރަންފޫގޭގައި ހުންނަ 8 ފޫޓް 8 ފޫޓްގެ ކުޑަ ކޮޓަރިއެއްގައެވެ. ކޮޓަރި ކުޑަވުމުގެ އިތުރުން އެކޮޓަރި ހޫނު ކަމަކީވެސް ޙާއިޝްގެ ބައްޔަށް ކުރިމަތިވާނެ އަނެއް މައްސަލައެވެ.
2009 ގައި އުފަންވި މުޙައްމަދު ޙާއިޝް، ވިހައިގެން 20 ދުވަސް ވީއިރުވެސް އޭނާ ހޮސްޕިޓަލުން ދޫކޮށެއް ނުލައެވެ. އެއީ ވިހައިގެން ހުންނަންޖެހޭ ވަރަށް ޙާއިޝްގެ ބަރުދަން ހަމަނުވާތީއެވެ. އެހެން ކަމުން ޙާއިޝް އޮތީ އައި.ޖީ.އެމް.އެޗްގެ ނާސަރީގައެވެ.

ޙާއިޝް ވިހޭއިރު، ޙާއިޝްގެ ބޮޑު ކަމުދާ ތަކެތި ހުންނަނީ މަޑު އަޅި ކުލަޔަކަށެވެ. މިކަމާއި ގުޅިގެން ކުޑަ ކުދިންގެ ޚާއްޞަ ޑޮކްޓަރު، ޑރ. އަފީފަށް ދެއްކުމުން ޑރ. އަފީފް ލަފާދެއްވާފައިވަނީ ޙާއިޝް ވަރަށް އިމަޖެންސީ ކަމަށާއި ވީއެންމެ އަވަހަކަށް ރާއްޖެއިން ބޭރަށް ދިއުމަށެވެ. ވިހައިގެން 2 މަސް ނުވަނީސް 2009 ވަނަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައި، އެކުޑަ ކުއްޖާވަނީ އިންޑިޔާގެ ކިމްސް ހޮސްޕިޓަލު އޮޕަރޭޝަން ކޮށްފައެވެ. ނަމަވެސް އެއޮޕަރޭޝަން ކުރުމުންވެސް ޙާއިޝްގެ ބައްޔަށް ފަރުވާއެއް ނުލިބުމުން އަދިވެސް އިތުރަށް އޮޕަރޭޝަން ކުރަންޖެހޭ ކަމަށް ޑޮކުޓަރުން ލަފާދެއްވާފައިވާ ކަމަށް ޙާއިޝްގެ މަންމަ ސުދާ ބުންޏެވެ.

ޙާއިޝްގެ ޢާއިލާއިންވަނީ އޭނާގެ ކުޑަ ދަރިފުޅުގެ ޑޮކުޓަރީ ރިޕޯޓްތައް ބެންކޮކްގެ ބުމްރުމުގްރާޑް ހޮސްޕިޓަލަށް ފޮނުވާފައެވެ. އެހޮސްޕިޓަލުންވެސް ލަފާދީފައިވަނީ ޙާއިޝްގެ ބައްޔަށް އޮތް ހަމައެކަނި ޙައްލަކީ ލިވާރ ޓްރާންސްޕްލާންޓް އޮޕަރޭޝަން ކުރުން ކަމަށެވެ. އެކުޑަ ކުޑަ މައުސޫމު ކުއްޖާގެ ބައްޔަށް ފަރުވާއެއް ހޯދުމަށްޓަކައި ކުރަންޖެހޭ އޮޕަރޭޝަނަކީ، ރާއްޖެއިން ބޭރުން ކުރެވޭ އޮޕަރޭޝަނަކަށްވެފައި، އެއޮޕަރޭޝަން ކުރުމަށް ހޭދަވާ ޚަރަދާއި ވާޞިލްވާންޖެހޭ މިސްރާބަކީވެސް އެކަމަށް އަގު ނުކުރެވޭ ޚަރަދުތަކަކާއި، ވަގުތުތަކެއް ހޭދަވާ ކަމެކެވެ. ލަންކާގެ އެއްވެސް ހޮސްޕިޓަލަކުން އެކުޑަކުއްޖާގެ އޮޕަރޭޝަން ނުކުރެވޭއިރު، އެއޮޕަރޭޝަން އެންމެ ކައިރިންވެސް ކުރެވެން ހުރި ހޮސްޕިޓަލަކީ ބެންގަލޫރުގެ ކޮލަމްބިއާ އޭޝިއާ ހޮސްޕިޓަލެވެ. އެހޮސްޕިޓަލަކީ ދިވެހިން ޢާއްމުކޮށް ބޭސްފަރުވާ ކުރުމަށް ގޮސް އުޅޭ ހޮސްޕިޓަލެއް ނޫނެވެ.  އެހެންކަމުން އެހޮސްޕިޓަލާއިބެހޭ އެކަށީގެންވާ މަޢުލޫމާތެއް ޙާއިޝްގެ ޢާއިލާއަށް ލިބިފައެއް ނުވެއެވެ.

އުފަންވިއިރުވެސް ބަލިމަޑު ކަމެއްގެ ތެރޭގައި ދުވަސްތައް ގުނަމުންދާ އެމައުސޫމް ނިކަމެތި ދަރިފުޅަށް، ކާއެއްޗެހި ހަޖަމް ކުރުމުގައި ދިމާވާ މައްސަލައަކީވެސް ކަންބޮޑުވާންޖެހޭ މައްސަލައެކެވެ. އުމުރުން ދެ އަހަރުވީއިރުވެސް އެކުޑަ ކުއްޖާއަށް ކާންދޭންޖެހޭނީ ބޭބީ ފުޑްސް ނުވަތަ ކުޑަ ކުދިންނަށް ތައްޔާރު ކޮށްފައި ހުންނަ ތައްޔާރީ ކާނާއެވެ. އަދި ޙާއިޝްއަށް ހަޖަމްކުރުމަށް ކުރިމަތިވާ މައްސަލައިގެ ސަބަބުން އޭނާ އަށް ކާންދިނުމަށްޓަކައި ކުރަންޖެހޭ މަސައްކަތަކީވެސް ބުރަ މަސައްކަތެކެވެ.

ޙާއިޝް އަށް ކުރިމަތިވެފައިވާ ބަލީގެ ސަބަބުން ޢާއްމުކޮށް ޖެހޭ އާދައިގެ ހުމުގެ ރޯގާވެސް ވެފައިވަނީ ބަލިމަޑު ކަމަކަށެވެ. ދޭތެރެ ދޭތެރެއިން އަވަހަށް ބަލިވުމާއި، އާދައިގެ ކަންތައްތަކުންވެސް ޙާއިޝް އަށް ކުރިމަތިވާ މައްސަލަތައްވެސް ސީރިއަސްއެވެ. އެކަމުގެ ސަބަބުން އަވަސް އަވަހަށް ޙާއިޝް ހޮސްޕިޓަލުގައި އެޑްމިޓް ކުރުމަކީވެސް، އެކުޑަ ދަރިފުޅަށްޓަކައި ޤުރުބާންވާން ތައްޔާރުވެންގެން ތިބި މަންމަޔާއި ބައްޕަ އުފުލަންޖެހޭ ބުރަޔާއި ވޭނަކީވި ލޮލުން ކަރުނަ އޮހރިގެންދާ ފަދަ މަންޒަރުތަކެކެވެ.

އެއްވެސް ކަމަކާއި ނުލައި މޫނާއި ގައިގެ އެކިއެކި ތަންނަތަނުގައި ނަގާ ބިހި ގިނަ ދުވަސްވާއިރުވެސް ފަސޭހަ ނުވުމަކީވެސް، އެދަރިފުޅު ފެނުމުން ލޮލުން ކަރުނަ އޮހޮރިގެންދާ ކަމެކެވެ.

އަޅުގަނޑުމެން ފުރިހަމަ ޞިއްޙަތުގައި ސަލާމަތުން ތިބުމަކުން ބަލިމަޑު ކަމުގެ ސަބަބުން އުފުލަންޖެހޭ ވޭނާއި އުނދަގޫ ތަކަކީ އަޅުގަނޑުމެންނަށް އިޙްސާސް ކުރެވޭނެ ކަންތައްތަކެއް ނޫނެވެ. ބަލިމަޑު ކަމަކުން ކުރިމަތި ލާންޖެހޭ އުނދަގޫ އިޙްސާސް ކުރެވޭނީ އެބަލި މަޑު ކަމެއް ތަޖުރިބާ ކުރަންޖެހޭ މީހަކަށެވެ.

ޙާއިޝްގެ ނުރައްކާތެރި ޙާލަތަކަށް ގޮސްފައިވާ ބަލީގެ ސަބަބުން އޭނާގެ ޢާއިލާ ބަރުދާސްތު ކުރަންޖެހޭ ވޭނާއި އުދާސްތައް އިޙްސާސް ކުރެވޭނީ އޭނާގެ ޢާއިލާ އުފުލަންޖެހޭ ހިތާމަ ލޮލުން ފެނުނު މީހަކަށެވެ. ޙާއިޝްގެ މަންމަ އައިޝަތު ސުދާ ވަޒީފާއަދާ ކުރަނީ މާލޭ ސިޓީ ކައުންސިލްގެ އިދާރާގައެވެ. އެވަޒީފާއިން ލިބޭ 5000 ރުފިޔާގެ މުސާރަ ހޭދަ ކުރަންޖެހޭނީ ޙާއިޝްގެ ބައްޔައް ފަރުވާ ކުރުމަށެވެ. އަދި ގަންނަން ޖެހޭ ބޭހާއި އެހެން ޚަރަދުތައް ކުރެވެނީ ސުދާގެ ދެމަފިރިންވެސް ވަޒީފާ އަދާކުރާތީއެވެ. ޙާއިޝްގެ ބައްޕަ ޙުސައިން އަޙްމަދަކީ ބަސް ޑްރައިވަރެކެވެ. އެދެމަފިރިންގެ ތުއްތު އެހެން ކުއްޖަކުވެސް އޮވެއެވެ. އެހެންކަމުން އެދެމަފިރިންނަށް ލިބޭ ޢާމްދަނީގެ ބޮޑު ބައެއް ހޭދަވަނީ ޙާއިޝްގެ ބައްޔަށް ފަރުވާ ކުރުމަށެވެ. މިދެމަފިރިންނަށް ލިބޭ ޢާމްދަނީ އިން އެއްޗެއް ރާއްކާ ކުރެވެނީ ވަރަށް މަދު ޢަދަދަކަށެވެ.

ޙާއިޝްގެ ބަލި ވަނީ ނުރައްކާތެރި ހާލަތަކަށް ގޮސްފައެވެ. އަވަސް ފަރުވާ އަށް ބޭނުންވެފައެވެ. ނަމަވެސް އޭނާގެ ޢާއިލާއަކީ، އެބައްޔަށް ކުރަންޖެހޭ އޮޕަރޭޝަން ކުރުމުގެ ތަނަވަސްކަން ލިބިފައިވާ ބައެއް ނޫނެވެ. އެހެންކަމުން ހިތްދަތިކަމާއެކު ދުވަސްތައް ގުނަމުންދާ ޙާއިޝްގެ ބައްޔަށް ފަރުވާ ކުރުމަށްޓަކައި، އަޅުގަނޑުމެންގެ އެހީއަށް ވަނީ ބޭނުންވެފައެވެ.

ޙާއިޝްގެ ބައްޔަށް ލިވާރ ޓްރާންސްޕްލާންޓް ހެއްދުމަށް ދާންޖެހޭ ހޮސްޕިޓަލަކީ، ސަރުކާރުގެ ހެލްތް ސްކީމް ޕްރޮގުރާމް މަދަނައިގެ ދަށުން ފަރުވާ ކުރެވޭ ހޮސްޕިޓަލެއް ނޫނެވެ. އަދި މަދަނައިގެ ދަށުން ކުރެވޭ ބޭސް ފަރުވާގެ އަގަށްވުރެ ޙާއިޝްގެ ބައްޔަށް ފަރުވާ ހޯދުމަށްޓަކައި، ކުރަންޖެހޭ ލިވާރ ޓްރާންސްޕްލާންޓް އޮޕަރޭޝަނަކީ އެކަމަށް ބޮޑެތި ޚަރަދުތަކެއް ހިނގާ ކަމެކެވެ.

ޙާއިޝްގެ ބައްޔަށް ލިވާރ ޓްރާންސްޕްލާންޓް އޮޕަރޭޝަން ކޮށްގެން ނޫނީ ފަރުވާއެއް ހޯދެން ނެތް މި އޮޕަރޭޝަނަށް ވަރަށް ބޮޑެތި ޙަރަދުތަކެއް ކުރަންޖެހެއެވެ. ބެންގަލޫރުގެ ކޮލަމްބިއާ އޭޝިއާ ހޮސްޕިޓަލުން ހަމައެކަނި މިއޮޕަރޭޝަނަށް 35،366.00 ޔޫއެސް ޑޮލަރު ހޭދަވެއެވެ. އެއީ 1،450،000.00 އިންޑިޔާ ރުޕީސްއެވެ. ދިވެހި ރުފިޔާއިންނަމަ 454،452.00 ރުފިޔާއެވެ.

މިއޮޕަރޭޝަނަށް ކުރަންޖެހޭ ޚަރަދަކީ ޙާއިޝްގެ ޢާއިލާއަށް އުފުލޭ ވަރަށްވުރެ ބޮޑު އގުތަކެކެވެ. އެހެންކަމުން އެމައުސޫމް ކުޑަ ކުއްޖާއަށް ވަނީ އަޅުގަނޑުމެންގެ އެހީތެރިކަމަށް ބޭނުންވެފައެވެ.

ހިތް ދަތިކަމާއެކު ވަގުތުތައް ގުނަމުންދާ ޙާއިޝްއަށް އެހީތެރިވާން ބޭނުންވާ ފަރާތްކުން މުޙައްމަދު ޙާއިޝް ޙުސައިންގެ ބައްޕަ އަޙްމަދު ޙުސައިންނަށް ގުޅުން އެދެމެވެ.

ފައިސާގެ އެހީ ދެއްވުމަށް 101 11 1214 7701 ( އައިޝަތު ސުދާ ) އެކައުންޓަށް ޖަމާކޮށްދެއްވާ!
ހދ ކުޅުދުއްފުށީ  ޙުސައިން އަޙްމަދު  (ބައްޕަ) 7620101

ޓެގް

އެހީ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.