އޮރިޔާންކަން(pornography) އަކީ ފޮތެއް ނުވަތަ ފިލްމެއް އަދި އެނޫން ވެސްގޮތަކަށް, ހެދުން ނުލައި ތިބޭމީހުނާއި ޖިންސީގުޅުމުގެ ހަރަކާތްތައް ސިފަކޮށްދީ ބަޔާން ކޮށްދިނުމެވެ. މީގެ މަޤުޞަދަކީ ޖިންސީ ޖަޒުބާތުގެ ހުޅުފެޅުވުމެވެ. ދުނިޔޭގެ ހުރިހާ ޤައުމްތަކަށްވެސް މިއަދު ވަނީ މި ވަބާގެ ނުރައްކާތެރިކަން ކުރިމަތިވެފައެވެ. މިތަކެތީގެ ސަބަބުން ޤައުމުތަކުގެ ކުޑަކުދިންނާއި ޒުވާނުންގެ އިތުރުން ބޮޑެތިމީހުންގެ އަޚުލާގު މިއަދުވަނީ ހަލާކުވެފައެވެ. އަދި ޖިންސީ ޖަރީމާތައް އުފެދުމުގެ އެންމެ ބޮޑު ސަބަބެއްކަމުގައި ވެފައިވާނީވެސް މި އޮރިޔާންކަމުގެ އެއްޗެހި ބޭނުން ކުރުމެވެ. އެހެންކަމުން ދުނިޔޭގެ ގިނަ ޤައުމުތަކުގައި އޮރިޔާން އެއްޗެހިތަކަކީ ޤާނޫންގައި މަނާ އެއްޗެހިތަކެއް ކަމުގައި ވަމުން އެބަދެއެވެ.
އޮރިޔާން އިންޑަސްޓްރީ
މިއަދު ދުނިޔޭގާ އޮރިޔާންކަން ޢާއްމުވެގެންގޮސް، އެކަންވަނީ ބިލިއަން ޑޮލަރުގެ ބޮޑު އިންޑަސްޓްރީއަކަށް ވެފައެވެ. 2006 ވަނަ އަހަރު Family Safe Media އިން ހާމަކޮށްފައިވާ އޮރިޔާންކަމުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުން އަހަރެއްގެ މައްޗަށް މިއިންޑަސްޓްރީއަށް ރެވެނިޔުގެ ގޮތުގައި 97.06 ބިލިއަން ޑޮލަރ ލިބެއެވެ. މިއީ ދުނިޔޭގެ އެންމެ ކުރިއަރާފައިވާ ޓެކްނޮލޮޖީ ކުންފުނިތައްކަމަށްވާ މައިކްރޯ ސޮފްޓް، ގޫގަލް ފަދަ ތަންތަނުގެ ރެވެނިޔުއަށްވުރެ އެތައް ބިލިއަން ޑޮލާރގެ ބޮޑު އަދަދެކެވެ. މަހެއްގެ ތެރޭގައި އޮރިޔާން ވެބް ސައިޓް ތަކަށް 72 މިލިއަން މީހުން ވަންނަ ކަމުގައިވެއެވެ. އަދި ހިތާމަޔާއިއެކު ފާހަގަކުރަން ޖެހޭކަމަކީ މިއިންޑަސްޓްރީގެ ޚިދުމަތް އެންމެ ގިނައިން ހޯދަމުން އަންނަނީ އުމުރުން 12 އަހަރާއި 17 އަހަރާ ދެމެދުގެ ކުދިންކަމެވެ. އެހެންކަމުން ދުނިޔޭގައި މިހާރު އެންމެ ގިނައިން ފެތުރެމުން ދަނީ ކުޑަކުދިން ނާއި ގުޅުންހުރި އޮރިޔާން ތަކެއްޗެވެ. ކޮންމެ ދުވަހަކުވެސް ފުރައިވަރު އުމުރުގެ 11 މިލިއަނަށްވުރެ ގިނަކުދިން ޤަވައިދުން އޮންލައިންކޮށް އޮރިޔާން އެއްޗެހިބަލައެވެ. އޮރިޔާން އެއްޗެހި ފެތުރުމަށްޓަކާ އިންޓަރނެޓްގައި އެތައް ވެބް ސަޓްތަކެއް ވަނީ ތައްޔާރު ކޮށްފައެވެ. Internet Filter Software Review އިން ހަދައިފައިވާ ތަފާސްހިސާބުތަކުން ދައްކާގޮތުން 4.2 މިލިއަން ވެބްސައިޓްގައި އޮރިޔާން އެއްޗެހިވެއެވެ.
އަޅުގަނޑުމެންގެ ތެރެއިން ބައެއް މީހުންނަށް މިހާރު މި އިންޑަސްޓްރީއަކީ ވަރަށް ފައިދާލިބޭ ކާމިޔާބު އިންޑަސްޓްރީއެކޭ ހީވެދާނެއެވެ. ނޫނެކެވެ. ތިޔަހީކުރެވުނީ މުޅިން ގޯސްކޮށެވެ. މިއިންޑަސްޓްރީގެ ސަބަބުން ކިތައްމެ ޑޮލަރެއް ލިބުނަސް، މިއިންޑަސްޓްރީގެ ސަބަބުން މިއަދު ކުރިމަތިލާން ޖެހިފައިވާ ގެއްލުންތައް ގުނާ އަދަދު ނުކުރެވޭހާ ބޮޑެވެ. ދުނިޔެއަށް މިއަދު ކުރިމަތިވެފައިވާ އެންމެ ނުރައްކާތެރި ޞިއްޙީ، އިޖުތިމާ އަދި ނަފްސާނީ ބަލިތަކުގެ އެންމެ ބޮޑު އެއް އަސްލަކީ މި އިންޑަސްޓްރީއެވެ. ޖިންސީގުޅުމުގެ ޒަރިއްޔާއިން އަރާ ބަލިތައް އެންމެ ހަލުވިކާމައެކު ފެތުރެނީ އޮރިޔާން އެއްޗެހި ކުޅޭމިހުންގެ ތެރޭގައެވެ. އަދި މިއިޑަސްޓްރީގައި މަސައްކަތް ކޮށްގެން އާމްދަނީ ހޯދާމީހުން ދިރިއުޅެމުން ދަނީ ބިރުވެރި ކަމާއި ހިތާމައިން ފުރިގެންވާ ދިރިއުޅުމެކެވެ. ކުރީގެ އޮރިޔާން ފިލްމް ކުޅުން ތެރިޔެއް ކަމަށްވާ Shelley Lubben އޭނަގެ ފޮތް Truth Behind The Fantasy of Porn ގައި ހާމަކޮށްފައި ވެއެވެ.
“Out of about 1,500 performers in California, 37 people that we know of died from AIDS, suicide, homicide and drug related deaths between 2007 and 2010. 66% of porn performers have Herpes, a non-curable disease. 2,396 cases of Chlamydia and 1,389 cases of Gonorrhea reported among performers since 2004”
"2007 އާއި 2010 ދެމެދު ގައި އެޗް.އައި.ވީ އާއި، އަމިއްލަޔަށް މަރުވުމާއި، މަރާލެވުމާއި އަދި ޑުރަގުގެ ސަބަނުން ގާތްގަނޑަކަށް ކެލިފޯނިއަރ ގައިއުޅޭ 1500 އޮރިޔާން ހަރަކާތްތެރިންގެ ތެރެއިން އަހަރުމެން ދަންނަ 36 އޮރިޔާން ތަރިން ވަނީ މަރުވެފައެވެ. އޮރިޔާން އެއްޗެހީގައި ހަރަކާތްތެރިވާ %66 މީހުންގެ ހަށިގަނޑުގައި ފަރުވާއެއް ނުވާ ބައްޔެއް ކަމަށްވާ ހާރޕެސް ހުރެއެވެ. 2004 އާ ހަމައަށް އޮރިޔާން ހަރަކާތްތެރިންގެ 2396 ކްލަމީޑިއާ ގެ މައްސަލަ އަދި ގޮނޯރިއަރގެ 1389 މައްސަލައެއް ރިޕޯޓްކުރެވިފައިވެއެވެ. "
އޮރިޔާން އެއްޗެހީގެ ސަބަބުން ފަރުދަށް ކުރާ އަސަރުު
ބަނޑުހައިވެފައިވާ މީހަކަށް ކާތަކެތި ވިއްކާ ތަނެއްގައި ހުރި ޝޯކޭސްއެއް ފެނުނީމާ ބަނޑުހައިކަން އިތުރުވާފަދައިން ނޫން ނަމަ ކަރުހިއްކަގެންފައިވާ މީހަކަށް ފެންފޮދެއް ފެނުމުން ކަރުހިއްކުން އިތުރުކުރުވާފަދައިން، އޮރިޔާންތަކެތި ބެލުމުން މީހާގެ ޝަޙުވަތްތެރިކަމުގެ ހުޅުގަނޑު އިތުރަށް ރޯވެ ވަރުގަދަވުން ފިޔަވާ އިތުރު އެއްވެސްކަމެއްނުވާނެއެވެ. މިކަމުގެ ސަބަބުން އޭނާގެ ވިސްނުމާއި ފިކުރަށް ވަރަށް ނޭދެވޭ އަސަރުތައްކުރެއެވެ.
"އޮރިޔާން އެއްޗެހި ބޭނުންކުރާ ފިރިހެނުންގެ ވިސްނުމާ އަދި އުޅުމަށް ޖިންސީގޮތުން ވަރަށް ނޭދެވޭ އަސަރުކުރެއެވެ، އަންހެނުނާމެދު އެމީހުން ދެކި އަދި ކަންތައްކުރަނީ ޖިންސީ އެދުންފުއްދުމަށް ގެންގުޅޭ އެއްޗެއްގެ ގޮތުގައެވެ."
[Mary Anne Layden, PhD, co-director of a sexual trauma program at the University of Pennsylvania ]
އިންސާނުން ހިރޮއިންނާއި، ކޮކެއިން ފަދަ މަސްތުވާ ތަކެއްޗަށް ދެވިހިިފާފަދައިން، އޮރިޔާން އެއްޗެހި ބޭނުންކުރާ މީހާ އެއަށް ދެވިހިފައެވެ. އަދި އޮރިޔާންކަމަށް ދެވިހިފާފައިވާ މީހުންގެ އަދަދު ހިރޮއިން ފަދަ ތަކެއްޗައް ދެވިހިފާފައިވާ މިހުންނަށް ވުރެ ގިނައެވެ. ކޮންމެ ދުވަހަކުވެސް އެތައް ގަޑިއިރެއް މި މީހުން މިތަކެތި ބެލުމާއި ކިޔުމުގައި ހޭދަކުރެއެވެ. ސިކުނޑީގައި ކަންކަން ރޭވުމާއި، އިންތިޒާމް ކުރުމާއި، އަދި ނަފްސު ކޮންޓުރޯލް ކުރުމަށް ހިސާބުކުރުމާއި، ކަންކަމުގައި ގޮތްނިންމުމާއި އަދި ތަހުލީލް ކުރުމުގެ މަސައްކަތްކުރާ ބައިކަމުގައިވާ Pre-frontal cortex އޮރިޔާންތަކެތި ބަލައި އަދި ކިޔައިހަދާއިރު މަސައްކަތް ނުކުރެއެވެ. އަދި ދިގުމުއްދަތަކަށް މިކަންކުރާނަމަ ސިކުނޑީގެ މިބައި ތަރައްޤީވުން ދަށްވެއެވެ. ނަތީޖާއެއްގެ ގޮތުން މި މީހުންގެ ސިކުނޑި ބަލިކަށިވެ ވިސްނުން ކޮށިވެއެވެ. އަދި ގިނަވަގުތު އޮރިޔާން ތަކެތި ބަލާމީހުންގެ އީމާންތެރިކަމަށް ވަރަށް ބޮޑެތި ގެއްލުންތައް ލިބެއެވެ. މިކަމުގެ ސަބަބުން އޭނާގެ އުޅުމަށް ވަރަށް ނޭދެވޭ އަސަރުތައްކުރެެއެވެ. އެމީހަކު ބެލި އެއްޗެއް ސިކުނޑިން ފުހެލުމަކީ ވަރަށް އުނދަގޫކަމެވެ. އެއީ އޭނާގެ ހިތާއި ސިކުނޑީގައި ޝަޢިތާނީ މިއޮށްތައް ހަރުލާފައި ހުރުމުގެ ސަބަބުން އަބަދާއި އަބަދު އެކަމާއިދެކޮޅަށް ހަނގުރާމަ ކުރަން ޖެހިފައިވުމެވެ.
އޮރިޔާންކަމުން މުޖުތަމައަށް ކުރާ އަސަރު
ކުރިން މިބަޔާން ކުރިފަދަ ގެއްލުން ތަކެއް މީހަކަށް ކުރިމަތިވުމުން އެކަމުގެ އަސަރު އޭނާ ދިރިއުޅޭ މުޖުތަމައަކުން ނުފެނި ނުދާނެއެވެ. އޮރިޔާންކަމުން މުޖުތަމައުތަކަށް ކުރާ އަސަރު މިއަދު އަޅުގަނޑުމެންގެ މި ދިވެހި މުޖުތަމައުން ވަރަށް ރަނގަޅަށް ފެންނަން އެބަހުއްޓެވެ. އެހެން ކަމުން އަޅުގަނޑުމެންގެ މުޖުތަމައަށް ކުރިމަތިވެފައިވާ އެންމެ ނުރައްކާތެރި އިޖުތިމާޢީ މައްސަލަތަކާއި އޮރިޔާންކަމާ ގުޅުންހުރީ ކިހާވަރަކަށް ތޯ ބަލައިލަމާ ހެއްޔެވެ.
1. މީހުން މެރުން: މިއަދު މީހުން މެރުން އާންމުވެފައިވާ މިންވަރު ހުރިޙާ ބޭފުޅުންނަށްވެސް ވަރަށް ރަނގަޅަށް އެނގިވަޑައި ގަންނަވާނެއެވެ. ތަފާތު ދިރާސާތަކުންނާއި އަދި އެތައްބަޔަކު މަރައިފައިވާ މީހުންގެ ވާހަކަތަކުން އެނގޭގޮތުގައި އޮރިޔާންކަމާއި އެމީހުންގެ އެ އަމަލުކުރުމާއި ވަރަށް ބޮޑު ގުޅުމެއްވެއެވެ. Dr. Phil ގެ ވެބްސައިޓް ގައި ގިނައަދަދެއްގެ މީހުންމަރާ މީހުންގެ ސިފަތަކުތެރޭގައި ބަޔާންކޮށްފައިވެއެވެ.
“From an early age, many are intensely interested in voyeurism, fetishism, and sadomasochistic pornography.”
" އުމުރުގެ ކުރީކޮޅުން ފެށިގެން، (އޭގެ) ގިނަމީހުންނަކީ އެހެންމީހުންގެ އޮރިޔާންބެލުމާއި، އެއްޗަކުން ޝަޙުވާނީ އުފާ ލިބިގަތުމާއި އަދި ހިތްދަތިކާމާއެކު ޖިންސީ އުފާ ހޯދުމާއި އޮރިޔާންކަމަށް ވަރަށް ގަދަޔަށް ޝައުޤުވެރިވާ ބަޔެކެވެ."
ގިނައަދަދެއްގެ މީހުން މަރައިފައިވާ މަޝްހޫރު ސީރިއަލް ކިލަރ އިންކަމުގައިވާ Ted Bundy އާއި Gary Bishop އަދި Jeffrey Dahmer އެމީހުންނާއި ކުރެވުނު އިންޓަރވިއުތަކު ގައި އެއްބަސް ވެފައިވާ ގޮތުގައި އެމީހުންނަށް ގަދަކަމުން ޖިންސީއެދުން ފުއްދުމަށާއި އަދި މީހުން މެރުމަށް އޮރިޔާން ތަކެތީގެ ސަބަބުން ވަރަށް ބޮޑު ބާރެއް ލިބިގެންދިޔައެވެ. Ted Bundy މަރައިލާން އޮތްދުވަހުDr. James Dobson އޭނާއާ ކުރި އިންޓަރވިއު ގައި ބުނެފައިވެއެވެ.
“But I've lived in prison for a long time now. And I've met a lot of men who were motivated to commit violence like me. And without exception, every one of them was deeply involved in pornography and consumed by an addiction to pornography.”
" ނަމަވެސް އަހަރެން ޖަލުގައި އުޅޭތާ މިހާރު ދިގު މުއްދަތެއް ވެއްޖެއެވެ. އަދި އަހަރެންނާއި ބައިވަރު މީހުން ބައްދަލުވިއެވެ. އެމީހުންނަކީ ވެސް ހަމަ އަހަރެންނާއި އެއްފަދައިން ޖަރީމާތަށް ހިންގުމަށް ހިތްވަރު ލިބިފައިވާ މީހުންނެވެ. އަދި އެކަކުވެސް އިސްތިސްނާ ނުވާނޭހެން އެންމެންނަކީ އޮރިޔާންކަމުގެ ތެރެއަށް ވަދެފައިވާ އަދި އެއަށް ދެވިހިފުމުގެ ސަބަބުން ހުރިހާކަމަކަށް އޭގެ އަސަރު ކޮށްފައިވާ މީހުންނެވެ."
2. ޖިންސީ ޖަރީމާތައް: އަޅުގަނޑުމެންގެ ތެރޭގައި ޖިންސީ ޖަރީމާތައް އާންމުވެގެން ގޮސް ކުޑަކުދިންނާއި، މުސްކުޅިންނާއި، އަންހެނުންނާއި އަދި ކިއެއްތަ ޖަނަވާރުންނާއިވެސް މިހާރުވަނީ ގަދަކަމުން ޖިންސީ ގުޅުން ހިންގަން ފަށާފައެވެ. ފުރައިވަރު އުމުރުފުރައިން ފެށިގެން ގޮސް މުސްކުޅި އުމުރުގެ މީހުނާހަމައަށް ޒިނޭކުރުމާއި، އެއް ޖިންސުންގުޅުން ހިންގުން އަދި ހަށިވިއްކުމުގެ ކަންތައްތައް ވަނީ ކުރަންފަށައިފައެވެ. މިކަންތައްތައް ކުރާ އެންމެން ކަހަލަ ގޮތަކަށް އޮރިޔާންކަމުގެ ތަކެތިބޭނުންކުރެއެވެ.
Citizens for Decency Through Law އިން ހާމަކޮށްފައިވާ ދިރާސާއެއްގައި ވާގޮތުން ކުޑަ ފިރިހެން ކުދިންނަށް ޖިންސީގޯނާކުރާ މީހުންގެ ތެރެއިން %77 މީހުންނާއި އަދި ކުޑަ އަންހެންކުދިނަށް ޖިންސީގޯނާކުރާ %87 މީހުން ބުނެފައިވަނީ އެމިހުން އެ ޖިންސީ ޖަރީމާ ހިންގުމަށް އޮރިޔާންތަކެތި ބަލާކަމަށެވެ. އަދި ތަފާތު ދިރާސާތަކުން ދައްކާގޮތުން އޮރިޔާންކަމުގެ އެއްޗެހީގެ ވިޔަފާރިކުރުން ހުއްދަ ޤައުމުތަކުގައި ޖިންސީ ޖަރީމާތައް ހިނގާމިންވަރު އެތައް ގުނައެއް އިތުރެވެ. މިކަމުގެ މިސާލަކަށް ނަގަން އެންމެ ރަނގަޅުގައުމަކަށް ހަމަފެނުނީ ޑިމޮކްރަސީގެ ބައްޕަކަމަށްވާ އެމެރިކާއެވެ.
Family Safe Media ގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މުޅި އިންޓަރނެޓް ގައިވާ އޮރިޔާން ވެބް ޕޭޖް ތަކުގެ %89 ވެބް ޕޭޖަކީ އަޅުގަނޑުމެން ތަރައްޤީގެ މާރީތި ނަމޫނާއެއް ކަމަށް މިކިޔާ އެމެރިކާގެ ޕޭޖްތަކެވެ. މިކަމުގެ ސަބަބުން އެމެރިކާގައި ޖިންސީ ޖަރީމާތައް ހިންގާ މީހުންގެ އަދަދު އިންތިހާޔަށް ގިނައެވެ. އެމެރިކާގެ Department of Justice އިން ހާމަކުރާ ގޮތުގައި 2005 ވަނަ އަހަރު ގަދަކަމުން ޖިންސީގުޅުން ހިންގުމުގެ 191,670 މައްސަލައެއް އަދި 2006 ވަނަ އަހަރު ދޮންމީހުންގެ 194,270 މައްސަލަޔާ އަދި ކަޅުމީހުންގެ 17,920 މައްސަލަވަނީ ހުށައެޅިފައެވެ. އެމެރިކާގެ ކައިވެނިކޮށްގެންތިބި %26-50 ފިރިހެނުން އަދި %21-38 އަންހެނުން ދިރިއުޅުމުގެ ކޮންމެވެސް ހިސާބެއެއްގައި ޒިނޭކުރެއެވެ. އަދި ރައްޓެހިވެގެން އުޅޭ ދެމީހުން މިކަންކުރުމަކީ ހުއްދަކަމެކެވެ. Los Angeles Time އިން 12 އޭޕްރިލް 2011 ގައި ހާމަކޮށްފައިވާ ގޮތުގައި އެމެރިކާގެ 9 މިލިއަން މީހުންނަކީ އެއްޖިންސުން ގުޅުން ހިންގާމީހުންނެވެ. އަދި އޮރިޔާން ތަކެތި އާލާވުގެ ސަބަބުން ދުނިޔޭގެ ޤައުމުތަކުގައި ޖަނަވާރުންނާއި ގުޅުންހިންގުން އިތުރުވެފައި ވާކަމަށް ދިރާސާތައް ބުނެއެވެ.
3. އާޢިލާ ރޫޅުން: އާޢިލާއާއި ބެހޭކޯޓުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ދިވެހި ރާއްޖޭގައި 2008 ވަނަ އަހަރު 5821 ކައިވެނި ވަނީ ރަޖިސްޓްރީ ކޮށްފައެވެ. އަދި 2345 ވަރިވަނީ ރަޖިސްޓްރީ ކޮށްފައެވެ. މީގެއިތުރުން 2009 ވަނަ އަހަރު 6569 ކައިވެނި ރަޖިސްޓްރީ ކުރެވިފައި ވާއިރު 2680 ވަރި ރަޖިސްޓްރީ ކުރެވިފައިވެއެވެ. އެހެންކަމުން މި 2 އަހަރުވެސް ކުރެވުނު ކައިވެނީގެ ގާތަގަނޑަކަށް %40 މިވަނީ ވަރިވެފައެވެ. މިގޮތަށް ވަރި ގިނަވުމުގެ ސަބަބުތަކުގެ ތެރޭގައި އޮރިޔާންކަން ވަރަށް ބޮޑު ދައުރެއް އަދާކުރާކަމުގައި ބުނެވިދާނެ އެވެ. ރާއްޖޭގައި މި އޮރިޔާންކަމާ ބެހޭ ދިރާސާއެއް ކުރެވިފައި ނެތުމުން އަނެއްކާވެސް ދާން މިޖެހެނީ ވަރީގެ ކަންތަކުގައި ރާއްޖެއާއި އެންމެވާދަކުރާ ޤައުމު ކަމުގައިވާ އެމެރިކާގެ ދިރާސާއަކަށެވެ. އެމެރިކާ ގައިވެސް 2008 ވަނަ އަހަރު ކުރެވުނެ ކައިވެނީގެ ގާތްގަނޑަކަށް %40 ވަނީ ވަރިއަށް ބަދަލުވެފައެވެ.
އެމެރިކާގެ American Academy of Matrimonial Lawyers އިން 2003 ވަނަ އަހަރު ބޭއްވި ބައްދަލުވުމުގައި ބައިވެރިވި 350 ވަރީގެ ވަކީލުންގެ ތެރެއިން 2/3 މީހުން ބުނެފައިވަނީ ވޭތުވެ ދިޔަ އަހަރުތަކު ތެރޭގައި ވަރިވުމުގެ ވަރަށް މުހިންމު ދައުރެއް އިންޓަރނެޓް ވަނީ އަދާ ކޮށްފައެވެ. މިގޮތުން ވަރީގެ ދެބައިކުޅަ އެއްބަޔަށް ވުރެ ގިނަ މައްސަލަ ކުރިމަތި ވެފައިވަނީ އާދަޔާއި ހިލާފު ޝަޢުޤުވެރިކަމާ އެކު އޮންލައިންކޮށް އޮރިޔާން ބެލުމުންނެވެ.
އޮރިޔާންކަމުގެ ވަބާއިން ސަލާމަތްވާން ބޭނުންވާ މީހާއަށް
އޮރިޔާން ތަކެތި ކިޔައި އަދި ބަލައި ހެދުމަކީ ހުއްދަކަމެއް ނޫނެވެ. އެއީ އިންޓަރނެޓުން ނުވަތަ ނޫހަކުން ނުވަތަ މަޖައްލާއެއް އަދި އެނޫން އެއްޗަކުން ކަމުގައި ވިޔަސްމެއެވެ. ސަބަބަކީ މިތަކެއްޗަކީ ޙަރާމް ކަންކަމަށް މަގުފަހި ކުރުވާ އެއްޗެހިކަމުގައިވުމެވެ. ޙަރާމްކަންކަމަށް މަގުފަހިކުރާ ކޮންމެއެއްޗަކީ ޙަރާމް އެއްޗެކެވެ. ބުއްދިވެރިޔަކު މިތަކެތިއެއްޗާމެދު ވިސްނާލައިފިއްޔާ އޭނާއަށް އެނގިގެން ދާނެ ހަޤީގަތަކީ މިތަކެތީގެ ފަހަތުގައި ގެއްލުމާއި ހިތްދަތިކަމާ އަދި ހިތާމަ ފިޔަވާ އިތުރުއެއްޗެއް ނުވާކަމެވެ.
ޅެންވެރިޔާ ބުނެފައިވަނީ ތެދެކެވެ:
" ކަލޭ ކަލޭގެ ލޮލަށް ލަގަން ދޫކޮށް ލުމުން، އެކަމުގެ ސަބަބުން ވަރަށް ވޭން ހިތަށް އަޅާނެއެވެ.
ކަލެއަށް ފެންނާނީ ކަލެއަށް ނުލިބޭނެ އެއްޗެއްސެވެ. އަދި ކަލެއަށް މާޔޫސްކަން އިހުސާސް ކުރެވޭނެއެވެ. ސަބަބަކީ ކަލެއަށް ފެންނަ ބައެއް ތަކެތި ކަލޭގެ އަތުގައި ނެތީމައެވެ."
އެހެންކަމުން ވަރަށް ސާފުކޮށް އެނގިގެން މިދިޔައީ މި ފޮޓޯތަކުން އެއްވެސް އެއްޗެއް ލިބިގެން ނުދާނޭކަމެވެ. އެއީ ﷲ ގެ ކޯފާ މެނުވީއެވެ. އަދި ވަގުތު ބޭކާރުކުރުމާއި، އަދި ﷲ ނުރުހޭ ގޮތުގައި ފައިސާ ހޭދަކުރުމާއި، އަދި އަމިއްލަ ނަފްސަށް އަނިޔާރުމާއެވެ. ވީމާ މިތަކެއްޗާ ދުރަށް ދިއުމަށް ގަދައަޅާ މަސައްކަތް ކުރަންވާނެއެވެ. އަދި މިތަކެއްޗާ ދުރަށް ދިއުމަކީ ވާޖިބެކެވެ. މި އޮރިޔާންކަމުން ސަލާމަތް ވެވިދާނެ ވަރަށް ގިނަ ގޮތް އެބަހުއްޓެވެ.
1. ﷲ ގެ ޙަޟްރަތުން މަދަދަށް އެދުމުގައި ދެމިހުރެ އެކަލާނގެއަށް ދުޢާ ދަންނަވާށެވެ. އަދި ދުޢާ އިޖާބަވުން އެންމެ އެދެވިގެންވާ ވަގުތުތައް ހޯދާށެވެ. އެއީ ސަޖިދާގައާއި، ނަމާދަށް ފަހާއި، ހުކުރު ދުވަހުގެ ފަހު ވަގުތާއި، އަދި ރޭގަނޑުގެ ތިންބައިކުޅަ އެއްބައިގައި އަޅަމެންގެ ވެރިރަސްކަލާނގެ ދުނިޔޭގެ އުޑަށް ތަޖައްލީވެ ވޮޑިގެން ވަޙީކުރައްވާ ހިނދެވެ. "ތިމަން ރަސްކަލާނގެއަށް އެދިގޮވާ މީހާ ވީކޮންތާކު ހެއްޔެވެ؟ ފަހެ އެމީހަކަށް ތިމަން ރަސްކަލާނގެ އިޖާބަ ކުރެއްވުމަށެވެ. ތިމަން ރަސްކަލާނގެ ޙަޟްރަތުން ފާފަފުއްސެވުމަށް އެދިގޮވާ މީހާ ވީކޮންތާކު ހެއްޔެވެ؟ ފަަހެ އެމީހަކަށް ތިމަން ރަސްކަލާނގެ ފުއްސެވުމަަށެވެ." ހަމަކަށަވަރުންވެސް އަހަރުމެންގެ ދުޢާ އިޖާބަ ކުރައްވަނީ ﷲ އެވެ.
2. ކޮންމެ މީހަކުވެސް ހެޔޮޢަމަލުކުރުމަށް ގަދައަޅާ މަސައްކަތް ކުރަންވާނެއެވެ. ﷲ ވަޙީކުރައްވާފައިވާ ބަސްފުޅުގެ މާނާގައި ވެއެވެ.
"ހަމަކަށަވަރުން، ހެޔޮކަންތައް، ނުބައިކަންތައް ނެތިކޮށްލަތެވެ." [سورة هود 11:114 ]
އަދި ނަމާދު އޭގެ ވަގުތުގައި އަދާ ކުރުމަށް ސަމާލުކަން ދޭންވާނެއެވެ. ﷲ ވަޙީކުރައްވާފައިވާ ބަސްފުޅުގެ މާނާގައި ވަނީ
"ހަމަކަށަވަރުން، ނަމާދަކީ ހުތުރުކަންބޮޑު ފާފަތަކާއި، منكرات ތައް ނަހީކުރާ ކަމެކެވެ. އަދި ހަމަކަށަވަރުން، اللَّه ހަނދުމަ ކުޅައުމަކީ، އެންމެ ބޮޑު ކަންތަކެވެ. އަދި ތިޔަބައިމީހުން ކުރާ ކަންތައް اللَّه ދެނެވޮޑިގެންވެތެވެ." [سورة العنكبوت 29:45 ]
.
3. ﷲ އާއި މެދު ތިބާގެ ޢިލްމު އިތުރުކުރުމަށް މަސައްކަތް ކުރާށެވެ. އެއީ އެއިލާހުގެ އިސްމުފުޅުތަކާއި އަދި ސިފަފުޅުތައް ދަސްކޮށްގެންނެވެ. އަދި އެއިލާހު އުޑާއި ބިން އުފައްދަވާފައިވާ ގޮތާއި މެދު ވިސްނާ ފިކުރުކޮށްގެންނެވެ. އެހެންކަމުން ދެން ތިބާ ފާފަކުރުމުގެ ކުރިން ﷲ އަށް ލަދުވެތިވާނެއެވެ. ސަލަފުންގެ ބޭކަލަކު ވިދާޅުވެފައި ވާފަދައިންނެވެ. "ފާފައިގެ ކުޑަމިނަށް ނުބަލާށެވެ. ނަމަވެސް ތިބާ ނުކިޔަމަންތެރިވީ ފަރާތުގެ ބޮޑުކަމާއި މަތިވެރިކަމަށް ބަލާށެވެ."
4. ތިބާގެ ބެލުން ތިރިކުރުމުގެ ފައިދާއާއިމެދު ވިސްނައިބަލާށެވެ. އަދި މިކަން ތިބާގެ އުޅުން ރަނގަޅުކުރުމަށް ބާރުއަޅައިދޭނެއެވެ. އަދި ތިބާގެ ސިކުނޑީގެ ތެރެއިން ދަތުރުކުރާ ނުބައި ޚިޔާލުތަކާއި އަދި ޝަޢިތާނީ ވަސްވާސްތަކާ ދުރަށް ދިއުމަށް އެހީތެރިވެދޭނެއެވެ. އެހެންކަމުން ﷲ ގެ ރަޙްމަތްފުޅާއެކު ތިބާޔަށް ފައިދާކުރާނެ ކަމުގެ އުއްމީދުގައި ބައެއް ފައިދާތައް ބަޔާންކޮށް ދޭނެމެވެ.
1. ބެލުން ތިރިކުރުމަކީ ﷲގެ އަމުރުފުޅަކަށް ކިޔަމަންތެރިވެވުމެކެވެ. އަދި ﷲ ގެ އަމުރަށް ކިޔަމަންވެވުމުން މީހާއަށް އިންތިހާޔަށް އުފާވެރިކަން ދުނިޔެއާއި އާޚިރަތުގައި ލިބިގެންދާނެއެވެ.
2. އެކަމުން ހިތާއި އަދި ނަފުސާއި އަދި ޢަމަލުތައް ޠާހިރުކޮށްދެއެވެ.
3. އެކަން ތިބާގެ ގަޔަށް އަންނަ ވިހަ ތީރު ތަކުން ރައްކާތެރިކޮށްދެއެވެ. ބެލުމަކީ އިބިލީހުގެ ވިހަތީރުތަކުގެ ތެރެއިން ވާ އެއްޗެކެވެ.
4. ބެލުންތިރި ކުޜާމީހާއަށް އީމާންތެރިކަމުގެ ފޮނި ރަހަ އިހުސާސްކުރެވޭނެއެވެ.
5. ހައްޤާއި ބާތިލުގެ ތަފާތު އޭނާއަށް ފުރިހަމައަށް ދެނެގަނެވޭވެއެވެ.
6. ކަމެއް އުނިވާކަމުގެ ވޭނުން އޭނާގެ ހިތް މިންޖުވާނެއެވެ. ހިފެހެއްޓުމެއްނެތި ބެލުންތައް ދޫކޮށްފައި ވާމީހާއަށް އަބަދުވެސް ކަމެއް އުނިވާކަން އިހުސާސްކުރެވޭނެއެވެ.
7. އޭނާގެ ހިތްވާނީ އުފާވެރިކަމާއި ހިތްހަމަޖެހުމާއި އަދި ބެލުމުގެ ސަބަބުން ލިބޭ އެއްވެސް އަރާމަކަށްވުރެ ވަރުގަދަ ނޫރަކުން ފުރިފައެވެ.
8. އޭނާގެ ހިތްވާނީ އެދުންތަކުގެ ކޮންޓުރޯލުން ސަލާމަތްވެފައެވެ. އޭނަގެ އެދުންތަކާއި އަދި އުނި ޚިޔާލުތަކުގެ ބާރުގެދަށުގައިވާ މީހާއަކީ ހަމަކަށަވަރުންވެސް ޖަލެއްގައިވާ މީހެކެވެ.
9. ބެލުންތިރިކުރުމުން ވިސްނުމުގެ ބާރުގަދަވެ އަދި ޙިކުމަތް އިތުރުވެއެެވެ. މިއާއި ޚިލާފަށް އެއްވެސް މިންވަރެއް ނެތި ބެލުންތައް ދޫކޮށްލުމުން ސޭކުވުމާއި އަދި ފަރުވާކުޑަކަމުގެ އަސަރުކުރާނެއެވެ.
މިބަޔާންކުރި ކަންކަމުގެ އިތުރުންވެސް އޮރިޔާންކަމާ ދުރަށް ދިއުމަށް ޓަކައި ކުރެވި ދާނެ ކަންކަން އެބަހުއްޓެވެ. އޭގެ ތެރޭގައި މިހިމެނެނީ ކޮންމެ ތަނެއްގައިވެސް ﷲ އަށް ތަޤުވާވެރިވުމެވެ. އަދި ގޭގައިއުޅޭ އެހެން މީހުންނަށް ފެންނާނެފަދަ ތަނެއްގައި އިދެގެން ޓީވީ ބެލުމާއި އަދި އިންޓަރނެޓު ބޭނުން ކުރުމުން އޮރިޔާންކަމުން ސަލާމަތް ވުމަށް ވަރަށް އެހީތެރިވެދޭނެއެވެ.
އަޅުގަނޑުގެ ދުޢާއަކީ އޮރިޔާންކަމުގެ ޝިކާރަޔަކަށް ވެފައިވާމީހުންނަށް މިލިޔުމުގެ ސަބަބުން ނުވަތަ އެނޫންވެސް ގޮތަކުން އެކަމާދުރަށް ދިއުމުގެ ހެޔޮ ތަޢުފީޤު މިންވަރުކުރެއްވުމެވެ. އަދި މިކުޑަކުޑަ ދިވެހިރާއްޖޭގައި ފެތުރެމުންދާ މިނުބައި ވަބާއިން މިޤައުމު ސަލާމަތް ކޮށްދެއްވުމެވެ. މީގެ އިތުރުން އޮރިޔާންކަން އެންމެ ވަރުގަދަޔަށް ފެތުރިފައިވަނީ އިންޓަރނެޓްގައެވެ. އެހެންކަމުން ރާއްޖޭގެ އިންޓަރނެޓް ކޮންޓްރޯލް ކުރާ ދިރާގު، އާރް.އޯ.އެލް އަދި ވަތަނިއްޔާއިން، ދުނިޔޭގެ ބައެއް ޤައުމުތަކެކޭވެސް އެއްފަދައިން މިތަކެތި ބަންދުކުރެވޭނެ ސިސްޓަމެއް މިއަދު އެކުލަވާލުމަކީ މަޖުބޫރުކަމެކެވެ. އަދި ދިވެހި ސަރުކާރުން މިކަން ހުއްޓުވުމަށް ޙާއްޞަ ސަމާލުކަމެއް ދިނުމަށް އިލްތިމާސް ކުރަމެވެ.
މިއީ ދައްކަންވެފަ އޮންނަތާ ވަރަށް ގިނަދުވަސްވެއްޖެ ވާހަކަ އެއް، ވަރަށް ބޭނުންތެރި، އެހާމެ މައުލޫމާތުހުރި ލިޔުމެއް،، ލިޔުންތެރިޔާ އަށް ހެސްކިޔާފަ ޝުކުރިއްޔާ
ވަރަށް މުހިންމު މައުލޫމާތު ތަކެއް ތި ލިޔުއްވީ
ވަރަށް ފުރިހަމަ ވަރަށް ބޭނުންތެރި ލިޔުމެއް. ޚާއްސަކޮށް ލިޔުމުގެ ނިންމާލުން ވަރަށް ފުރިހަމަ. މިފަދަ ލިޔުންތަކުގެ ސަބަބުން އަޅުގަނޑުމެންގެ އަމަލުތައް އިސްލާހު ކުރައްވާށި.
އަދި މިލިޔުން ލިޔުނު ލިޔުންތެރިޔާއަށް ދެދުނިޔޭގެ ބާއްޖަވެރިކަން ދެއްޥާށި..
އާމީން
މާޝާ ﷲ! މި ލިޔުން ލިޔުމަށް ކުރައްވާފައިވާ ދިރާސާތަކަށް ޝުކުރު ޙައްޤު! ލިޔުން ވަރަށް ފުރިހަމަ. އިތުރު ލިޔުންތަކަށް އިންތިޒާރު ކުރަމެވެ.
އަޅުގަނޑު ތާޢީދު. މިފަދަ ޢިޖްތިމާޢީ މައްސަލަތަކުގެ މައްޗަށް އަލިއަޅުވާލާ ޝާޢިރު ކުރެވޭ ލިޔުން ތައް ވަރަށް އާއްމު ކުރަން މިހާރު ޖެހިފައި މިވަނީ!
އަލް ޙަމްދު ލިއްލާހި.. މިފަދަ ލިޔުމެއް ފެނުނުނު ކަމަށްޓަކާ ވަރަށް ބޮޑަށް އުފާކުރަން.. މާތް ﷲ ލިޔުންތެރިޔާއަށް ހެޔޮޖަޒާދެއްވާށި.. ޖަޒާކަﷲ ޚައިރަން..
ލިޔުމުގެ ފުރިހަމަކަމާއި، މައުލޫމާތުގެ މުއްސަނދިކަން ކޮޅުނެތްކޮޅަށް އެކުލެވިގެން ވާ ލިޔުމެއް. މިއީ ދިވެހި ޒުވާނުންނެކޭ އެއްވަރަށް ހަރު ކުލައިގެ މީހުންވެސް ވާވަދެފައިވާ ދާއިރާ އެއްކަން އެނގުނީ އެންޖަލިކް ޝެރޯން ކިޔާ ފޭސްބުކް އެކައުންޓަކުން މީހުން ބްލެކް މެއިލް ކުރުމުން. މަޖްލީހުގެ ކޮންމެ މެންބަރަކަށާއި، ސިޔާސީ މަޤާމުތަުގައި ތިބި ކޮންމެ ބޭފުޅަކަށާއި، މިނިވަން މުއަށްސަސާ ތަކުގެ އިސްވެރިންނަށް މި ލިޔުމުގެ ކޮޕީ އެއް ދި އިސްލާމް ފަރާތުން ފޮނުވަން ޚިޔާލު ހުށައަޅަން
މިކަހަލަ ހަޤީޤީ އިޝޫތަކަށް ގިނަގިނައިން އެޑްރެސްކުރުން އިތުރުކުރާނެކަމަށް އުއްމީދު ކުރަން. މި ލިޔުން ލިޔުނު އަޚާއަށް ﷲ ހެޔޮޖަޒާ މިިންވަރުކުރައްވާށި..
ވަރަށް ފުރިހަމަ ލިޔުމެއް. ޝެއައިބް ގެ މިލިޔުމަށް ސާބަސް ދެން. މިލިޔުމުން ގިނަ ބަޔަކަށް ފައިދާ ކުރާނެ ނަމަ ވަރަށް ރަނގަޅު. ވީހާވެސް ގިނަ ބަޔަކަށް ‘ހަދިޔާ’އެއްގެ ގޮތުގައި މިލިޔުމުގެ ލިންކް ފޮނުވުން ކިހިނެއްވާނެބާ؟
މާޝާ ﷲ . ވަރަށް ކޮލިޓީ ރަނަގަޅު ލިޔުމެއް. ޝުޢައިބް ގެ މިފަދަ އިތުރު ލިޔުންތައްް ދިއިސްލާމް އިން ފެންނާނެ ކަމަށް އުންމީދުކުރަން.
ރާއްޖޭގައި އިންޓަނެޓް ރެގިއުލޭޓް ކުރުމުގެ ޤާނޫނެއް އެކުލަވާލައިގެން ނަމަވެސް، އޮރިޔާން ސައިޓްތަކަށާއި އެންމެހާ ފަސާދައިގެ ނުރައްކާތެރި ސައިޓްތަކަށް ނުވަދެވޭ ގޮތް ހަދަން އެބަ ޖެހޭ. މިކުޑަކުޑަ ރާއްޖޭގައި މިކަން ނުކުރެވެންވީ ކީއްވެ ؟ އޮސްޓްރޭލިޔާ ފަދަ ދުނިޔޭގެ ބޮޑެތި ޤައުމުތަކުގައިވެސް އިންޓަނެޓް ވަކި ހައްދެއްގެ ތެރޭ ހިފަހައްޓާފައިވަނީ.
ކިތަންމެހާ ވެސް ރަނގަޅު ލިޔުމެއް. އެކަމަކު ސުވާލަކީ ކިތައް މީހުން ބާއޭ މި ކިޔާފަ މިއާ މެދު ވިސްނާނީ.. ރާއްޖޭގެ ފުރާވަރަށް އަޅަމުން އަންނަ ކުދީންނަށް މި މަޢުލޫމާތުތަކަކީ މުހިންމު އެއްޗެއް. އެޑިއުކޭޝަން މިނިސްޓްރީ، އިސްލާމިކް މިނިސްޓްރީ، މީޑިއާ އަދި ހެލްތް މިނިސްޓްރީ ގުޅިގެން މަހަކު އެއްފަހަރު ނަމަވެސް ސްކޫލް ތަކުގެ ކުދީންނަށް މި މަފަދަ މަޢުލޫމާތު ދެވޭނެ ގޮތް ހައްދައްވާނެ ނަމަ މި މުޖުތަމަޢު ވެސް މިހާރު ކުރިމަތިވަމުން މިދާ ޖިންސީ ވަބާއިން ސަލާމަތް ވާނެ ކަން ޔަގީން. މާތްﷲ މިދިވެހި އުއްމަތް ސަލާމަތް ކުރައްވާ ފާނދޭވެ. އާމީން. “ދަރިންގެ މުސްތަގުބަލާ މެދު ވިސްނާ އަދި ހާސްވާ މަންމަ އެއް”
މާޝާﷲ! މިލިޔުން ލިޔުއްވިބޭފުޅާއަށް މާތްﷲ ބަރަކާތް ލައްވާށި! އަދި މިލިޔުމުގެސަބަބުން ގިނަބަޔަކަށް ތެދުމަގު ދައްކަވާށި! އާމީން!
ވަރަށްވެސް މުހިއްމު ލިޔުމެއް. ޙަޤީޤަތުގައިވެސް ދިވެހިރާއްޖޭގައި އޮރިޔާންކަން މިވަނީ ވަރަށް ބޮޑަށް ފެތުރި ޢާންމުވެފައެވެ. އަޅުގަނޑުމެންގެ މުޖުތަމަޢުގައި މިހާރު ހިނގަމުންދާ ޖިންސީ ޖަރީމާތަކަކުގެ އެންމެ ބޮޑު ސަބަބަކީ މިއީއެވެ.
ވަރަށްވެސް މުހިއްމު ލިޔުމެއް އެކަމަކު ތިކަންކަން ބަލާ ހުއްޓުވާނެކަމަށާއި އިސްލާމްދީން ހިމާޔަތް ކުރާނެކަމަން ބުނެ ހުވާކޮއްގެން ތިބި ދިވެހި ސިފައިންނާ ފުލުހުންގެ ތޭގައި ތިއީ ޢައިރުމުސްލިމް ގައުމުތަކެކޭ އެއްފަދައިން އާންމުކަމެއް ‘ މާޝާﷲ! މިލިޔުން ލިޔުއްވިބޭފުޅާއަށް މާތްﷲ ބަރަކާތް ލައްވާށި! އަދި މިލިޔުމުގެސަބަބުން މިދެމުއައްސަސާގެ ހުރިހާއެއްމެން ނަށާއި ހުރިހާ މުސްލިމް ދިވެހި އަޚުންނާއި އުޚުތުންނައް ތެދުމަގު ދައްކަވާށި! އާމީން!
ވަރަށް ފުރިހަމަ ލިއުމެއް. ލިއުން ތަރުތީބު ކުރެވިފައިވާގޮތް ވަރަށް ފުރިހަމަ. ލިއުމުގައި ހިމާނާފައިވާ މައުލޫމާތު ތަކަކީ ސައްޙަ މައުލޫމާތު ކަން ޔަގީންކަން ދީފައިވާގޮތްވެސް ހަމަ ފުރިހަމަ. ބުނެވޭނީ އަހަރެންގެ މުޅި ހަޔާތުގައިވެސް ފެނުނު އެއްމެ އެނެލެޓިކަލް ދިވެހި ލިއުމޭ މީ.. ލިއުން އިތުރަށް ފުރިހަމަކޮށް ކުޑަ ދިރާސާއަކަށް ހައްދަވައިދިނުމަށް އެދި ލިއުންތެރިޔާގެ ކިބައިން އެދެން. ﷲ ތިބާއަށް ހެޔޮދަރުމަ ދެއްވާށި. އަދި ކިއުންތެރިންނަށް ސާބިތުކަން ދެއްވާށި. އާމީން
ާ
މިފަދަ ލިޔުންތައް ދިވެހި މުޖުތަމައަށް ވަރަށް ބޭނުން…. ލިޔުންތެރިޔާއަށް ހެޔޮގޮތް މިންވަރުކުރައްވާށި.