ރިޕޯޓް މާއްދިއްޔަތާއި ރޫޙާނިއްޔަތާ ދެމެދު

މާއްދިއްޔަތާއި ރޫޙާނިއްޔަތާ ދެމެދު

ކިޔާލަން ހޭދަވާނީ 3 މިނިޓް

ފޮންޓް ސައިޒް

ލިޔުނީ: އަފޫ

މިއަދު އަހަރެންގެ ލޯ ކުރިމަތީގައި، ޞާލިޙު އަޅެއްގެ ފުރާނަ ނެތް މަސްގަނޑު ވަޅުލެވިއްޖެއެވެ.  ޖަނާޒާގެ ކަންކަން ނިންމުމަށްފަހު ކާރަށް އަރާ، އަހަރެން ގެއާއި ދިމާއަށް މިސްރާބުޖެހީމެވެ. މިހާރު އަހަރެން މިދަތުރުކުރަނީ ޙަޔާތުގެ ސަވާރީގައެވެ. ސަހަރާ ދޫކޮށް އަހަރެން އެނބުރި މިދަނީ އަހަރެންގެ އަރާމު "ދިރިއުޅުމާއި" ދިމާއަށެވެ. އަހަރެންގެ އާއިލާ އާއި، އެކުވެރިންގެ ގާތަށެވެ. ދެންމެ އަހަރެން ދުނިޔެއާމެދު ދެކެމުން ދިޔަ ގޮތް ހަނދާނުން ފޮހެލާ، ޒީނަތާއި ދަޅަތަކުގެ ދަންތުރައިގައި އަހަރެންގެ ގުނަވަންތަކާއި ޒަމީރު ހައްޔަރުކުރުމަށް ތައްޔާރުވަމުންދާ ދުނިޔެއާއި ދިމާއަށެވެ. ނޫނެކެވެ! އެއީ އަހަންނަށް ހީވާހީވުމެކެވެ. ހަޤީޤަތަކީ އަހަންނަށް މިދަތުރުކުރެވެނީ، އެތަނަކަށް އަހަރެންގެ ދާއިމްވުން ނިސްބަތްވާ، އަހަރެންގެ މަޤާމާއި ދިމާއަށްކަމެވެ. އެއީ މީގެ ކުޑަ ހިނދުކޮޅެއްގެ ކުރިން އަހަރެންގެ އަޚާ ދަތުރު ކުރި މަންޒިލެވެ. އަހަންނަށް ހަމައެކަނި ނޭނގެނީ، މިދަތުރުގެ ދިގުމިނެވެ.

އަހަރެންގެ ޙަޤީޤީ ދަތުރުގެ ސަވާރީ އަކީ އަހަރެންގެ ހަށިގަނޑެވެ. މަންޒިލާއި ހަމައަށް އަހަރެން ގެންގޮސްދިނުމަށްފަހު، އެހަށިގަނޑު އަހަންނާއި ވަކިވާނެއެވެ. އޭގެ ވާޖިބު ފުރިހަމަ ކުރުމަށްފަހުގައި، މަށިން އުފެދުނު ހަށިގަނޑު ހަމަ އެ ބިންގަނޑުގެ ތެރެއަށް ވީރާނާވެގެންދާނެއެވެ. މިއަދު އަހަރެން އެއެއްޗަކާއި މެދު ފަޚުރުވެރިވާ، ޒުވާންކަމުން ފަރިވެ ތާޒާވެފައިވާ މިޗާލޫކީ ސޫރައަކީ ހަމައެކަނި ތޮށިގަނޑެކެވެ. އެއީ އަހަރެންގެ ފުރާނައިގެ ދާގީނާއެވެ. އެއީ އަހަންނަށްޓަކައި ކުޑަ ހިނދުކޮޅެއްގެ މިތުރެކެވެ. އެކަލާނގެ މިފަދައިން ވަޙީ ކުރެއްވީ ވިސްނަވާގޮތުގައި ކޮން ޙިކުމަތަކަށްޓަކައިތޯއެވެ. "ارْجِعِي إِلَىٰ رَبِّكِ رَاضِيَةً مَّرْضِيَّةً." މާނައީ، " ރުހިގެންހުރެ، ރުހުން ލިބިގެންވާ حال، ތިބާގެ ވެރިރަސްކަލާނގެ حضرة އަށް އެނބުރިދާށެވެ!" އަހަންނަށް ހަމައެކަނި ނޭނގެނީ، މިއެނބުރިދިއުމާ ކުރިމަތިލާންޖެހޭނީ ކޮންއިރަކުންކަމެވެ.

މިއަދު ވަޅުލެވުނު އަހަރެންގެ އަޚާގެ ސާފު ތާހިރު، ޞާލިޙު، އަދި މާތް ފުރާނަ ނެތުމުގެ ތެރެއަށް ދިޔައީއެއްނޫނެވެ. ނަމަވެސް މާތްﷲގެ އިރާދަފުޅާއި އެކު އެއަށްވުރެ މަތިވެރި ދަރަޖައަކަށް އެ ފުރާނަ ވާސިލްވީއެވެ. އޭނާ އެނބުރި އެދިޔައީ އޭނާގެ އަމިއްލަ ގޮވައްޗަށެވެ. މާއްދީ ދުނިޔެއަށް ނިސްބަތްވާ އޭނާގެ ހަށިގަނޑާއި ވަކިވާން ޖެހުނީ، މާތްﷲ އޭނާ އަށްޓަކައި ވަޢުދުވެވޮޑިގެންވީ މަތިވެރި ޢާލަމަށް ވަނުމަށްޓަކައެވެ. އެޢާލަމްގައި މިހަށިގަނޑަކީ އެ ނަފްސާއި އެކަށީގެންވާވަރަށް ވުރެ މާ ނިކަމެތިއެއްޗެކެވެ. އެއީ އެ ހަށިގަނޑުގެ ބޭނުންތަކަށްޓަކައި ކާނާ އާއި ބޯފެނާއި، ނިންޖާއި އަރާމާއި ހިތްހަމަޖެހުމަށް ބޭނުންވާ ނިކަމެތި އެދުންވެރި ދަހިވެތި، ހަށިގަނޑެވެ. އެ ދާއިމީ ފުރާނައިގެ އަޖަލުޖެހުމާއެކު މި ވަގުތީ ހަށިގަނޑު ދޫކޮށްލައެވެ. ދާއިމީ ދުނިޔެއަށް ނިސްބަތްވާ ޠާހިރު ފުރާނައިގެ ހަމައެކަނި އެދުމަކީ މަތިވެރި، މާތްﷲގެ ޙަޟްރަތުގައި ދެމިއޮތުމެވެ. އަހަންނަށް ހަމައެކަނި ނޭނގެނީ، އަހަރެންގެ ފުރާނައިގެ ޠާހިރުކަމެވެ.

މި ދުނިޔޭގައި ހަށިގަނޑަށް ގެއްލުންވެ، ތަދާއި ވޭން އިޙްސާސްކުރެވި، ގިސްލާ ރޮމުން ދާއިރު، އެހަށިގަނޑުގެ އެތެރޭގައި ވާ ފުރާނަ އަށް މިއިން އެއްވެސް ކަމެއްގެ އަސަރެއް ނުފޯރައެވެ. ފުރާނައަށް އުނިކަން އައިސް، އެފުރާނަ އަށް ޙަޤީޤީ ގެއްލުންދީ، ނެތިކޮށްލަނީ އެފުރާނައިގެ ޚާލިޤުވަންތަ އިލާހާއި ކުއްތަންވުމުން ދުރުކުރުވުމެވެ. ފުރާނަ ދިރިގެންވާ ހާލު، މީހެއްގެ ހަށިގަނޑު މަރުވުމަކުން އެހަށިގަނޑަށްޓަކައި އަހަރުމެން ހިތާމަކުރަންވީ އެއްވެސް ސަބަބެއްނެތެވެ. ނަމަވެސް އަހަރުމެން އެބަޔަކަށްޓަކައި ހިތާމަކޮށް ރޯންވީ، އެބައެއްގެ ހަށިގަނޑު ދިރިހުރެ، ފުރާނައިގައި ދިރުމެއްނުވާ މީހުންނަށްޓަކައެވެ. އަހަރެން ޖެހިލުންވަނީ އަހަރެންގެ ފުރާނައިގައި ދިރުންހުރިކަމާއިމެދުގައެވެ.

އީމާންވެގެންވާ ފުރާނަ އޭގެ މަންޒިލާއި ހަމައަށް ދަތުރުކުރަނީ އުފާވެރިކަމާގެން ހިތްފުރިގެންވާ ހާލު އުފާވެރިކަމާއި އެކުގައެވެ. މާތް ﷲ އަަޅަމެންގެ ފުރާނައަކީ އަޅަމެންނަށްޓަކައި ރައްކާތެރިކަން ލިބިގެންވާ މިޙްރާބެއް ކަމުގައި ލައްވާނދޭވެ! ރޫހާނިއްޔަތާއި ދުރުކުރަނިވި އެންމެހާ ދަތިކަމަކާއި ނުރައްކަލަކުން އެފުރާނަ އަށް ސަލާމަތްތެރިކަން ދެއްވާނދޭވެ! އަދި އެފުރާނައަކީ އަޅަމެންނަށްޓަކާ މަޑުމައިތިރިކަމާއި، މުޤައްދަސްކަން ލިބިގެންވާ، އެއްޗެއްކަމުގައި ލައްވާނދޭވެ! އެފުރާނަ އަކާ މުޚާތަބް ކުރައްވާ އެކަލާނގެ ސޫރަތުލްފަޖްރުގައި މިފަދައިން ގޮވާލައްވާފައިވާ ފުރާނަކަމުގައި އަޅަމެންގެ ފުރާނަތައް ލައްވާންދޭވެ! "يَا أَيَّتُهَا النَّفْسُ الْمُطْمَئِنَّةُ ﴿٢٧﴾ ارْجِعِي إِلَىٰ رَبِّكِ رَاضِيَةً مَّرْضِيَّةً ﴿٢٨﴾ فَادْخُلِي فِي عِبَادِي ﴿٢٩﴾ وَادْخُلِي جَنَّتِي ﴿٣٠﴾"  މާނައީ، " އޭ ހިތްހަމަޖެހިގެންވާ ފުރާނަޔާއެވެ! ރުހިގެންހުރެ، ރުހުން ލިބިގެންވާ حال، ތިބާގެ ވެރިރަސްކަލާނގެ حضرة އަށް އެނބުރިދާށެވެ! ފަހެ، ތިމަންރަސްކަލާނގެ އަޅުންގެ ތެރެޔަށް ވަންނާށެވެ! އަދި ތިމަންރަސްކަލާނގެ ސުވަރުގެޔަށް ވަންނާށެވެ!" އާމީން!

ޓެގް

ދީން ދިރާސާ މަރު

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.