ރިޕޯޓް ދިވެހިރާއްޖޭގެ ޤާނޫނީ މަސްދަރެއްގެ ގޮތުގައި އިސްލާމީ ޝަރީއަތަކީ ކިހާ މުހިއްމު އެއްޗެއްތޯ….

ދިވެހިރާއްޖޭގެ ޤާނޫނީ މަސްދަރެއްގެ ގޮތުގައި އިސްލާމީ ޝަރީއަތަކީ ކިހާ މުހިއްމު އެއްޗެއްތޯ….

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ލިޔުނީ: އިބްރާހިމް ޝިފާއު

ދިވެހިރާއްޖެއަށް އިސްލާމްދީނުގެ އަލިވިލުނު ހިސާބުން ފެށިގެން ދިވެހިރާއްޖޭގައި ކަންކަން ކުރަމުން އައިސްފައިވަނީ އިސްލާމީ ޝަރީއަތާއި އެއްގޮތަށްށެވެ. އެގޮތުން ފަނޑިޔާރުންނާއި ނާއިބުން މައްސަލަ ނިންމެވުމުގައި ބައްލަވަމުން ގެންދެވި އެންމެ އިސް އެއް މަސްދަރަކީ އިސްލާމީ ޝަރީއަތެވެ.

ފަނޑިޔާރުންގެ ގޮތުގައި އައްޔަން ކުރެވެމުން ދިޔައީވެސް އިސްލާމީ ޝަރީއާ އުގެނިވަޑައިގެން ތިއްބެވި ދީނުގެ އިލްމަށް އަރާތިއްބެވި އާލިމުންނެވެ. ދިވެހިރާއްޖެގައި އެންމެ ފުރަތަމަ އުފެދުނު ޤާނޫނު އަސާސީން ފެށިގެން މިއަދާ ހަމައަށް އައި އިރު އުފެދުނު ކޮންމެ ޤާނޫނު އަސާސީ އެއްވެސް ހެދިފައިވަނީ އިސްލާމީ ޝަރީޢަތާއި ޚިލާފް ނުވާ ގޮތަށެެވެ. އަދި އިސްލާމީ ޝަރީޢަތާއި ޚިލާފަށް އެއްވެސް ޤާނޫނެއް އެއްވެސް ޤަވައިދެއް ހެދުމަކީ ޤާނޫނު އަސާސީންވެސް މަނާކުރާ އަދި ބާޠިލްކުރާކަމެކެވެ. ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 10 ވަނަ މާއްދާގެ (ހ) ގައި ވަނީ “ދިވެހި ދަޢުލަތުގެ ދީނަކީ އިސްލާމްދީނެވެ. އަދި އިސްލާމްދީނަކީ ދިވެހިރާއްޖޭގެ ޤާނޫނުގެ މައިގަނޑު މަސްދަރެވެ.” މީގެ މުރާދަކީ ދިވެހިރާއްޖޭގައި ހެދޭ އެންމެހައި ޤާނޫނުތަކަކީ އިސްލާމްދީނުގެ އެއްވެސް އަސްލަކާ އަދި އިސްލާމްދީނުގެ އެއްވެސް ޙުކުމަކާއި ޚިލާފުނުވާގޮތަށް އިސްލާމީ ޝަރީޢަތަށް ރިޢާޔަތްކުރުމަށްފަހު ހެދޭނެ ޤާނޫނުތަކެކެވެ. އަދި މިމާއްދާގެ (ށ) ގައި ވަނީ “ދިވެހިރާއްޖޭގައި އިސްލާމްދިނުގެ އަސްލަކާއި ޚިލާފް އެއްވެސް ޤާނޫނެއް ނުހެދޭނެއެވެ.” މިހެންނެވެ. މިމާއްދާގައި މިގޮތަށް ބަޔާންކޮށްފައި އޮތުމުން ދޭހަކޮށްދެނީ ދިވެހިރާއްޖޭގައި ހެދޭ ކޮންމެ ޤާނޫނެއްވެސް ބަރޯސާވެފައި އޮންނަންވާނީ އިސްލާމީ ޝަރިޢަތައްކަމުގައެވެ. ޤާނޫނު އަސާސީއަކީ މިހާރު ދިވެހިރާއްޖޭގެ ޤާނޫނުގެ އެންމެ އިސް މަސްދަރުކަމުގައި ވީނަމަވެސް މިހާރުވެސް އިސްލާމީ ޝަރީޢާ ވަރަށް އިސް ރޯލެއް އަދާކުރެއެވެ. މިކަން ޤާނޫނު އަސާސީގެ 19 ވަނަ މާއްދާއިން ވަރަށް ސާފްކޮށް އެގެން އެބައޮތެވެ. މި މާއްދާގައި ވަނީ “އިސްލާމީ ޝަރީޢަތުގައި ނުވަތަ ޤާނޫނުގައި ކަނޑައެޅިގެން މަނަކޮށްފައިނުވާ ކޮންމެ ކަމެއް ކުރުމުގެ މިނިވަންކަން ކޮންމެ ރައްޔިތަކަށްމެ ލިބިގެންވެއެވެ. އަދި ޤާނޫނަކުން ހުއްދަ ލިބިގެންމެނުވީ އެއްވެސް މީހަކު ކުރާ އެއްވެސް ކަމަކަށް ހަމަ އެކަކުވިޔަސް ހުރަސްއަޅައި ހުއްޓުވައިގެނެއް ނުވާނެއެވެ.” މިހެންނެވެ. މިއިން އެނގޭ ގޮތުގައި އިސްލާމީ ޝަރީޢަތާއި ޚިލާފް ނުވާ ކޮންމެ ކަމެއް ކުރުމުގެ މިނިވަންކަން ރައްޔިތުންނަށް ލިބިގެންވެއެވެ. މި ލިބިފައިވާ މިނިވަންކަންވެސް އިސްލާމީ ޝަރީޢަތާއި ޤާނޫނުތަކާއި ޚިލާފް ނުވާހާ ހިނދެއްގައި އެއްވެސް މީހަކަށް ހަނިކުރުމުގެ ބާރެއް ލިބިގެނެއް ނުވެއެވެ. މިކަން ޤާނޫނު އަސާސީގެ 16 ވަނަ މާއްދާގައި ވަރަށް ސަރީހަކޮށް ބަޔާންކޮށްފައިވެއެވެ. މިހުރިހާ ކަންކަމަކަށް ނަޒަރު ހިންގާލުމުންވެސް އެގިގެން ދަނީ އިސްލާމީ ޝަރީއަތަކީ ޤާނޫނުގެ އެންމެ މުހިންމު މަސްދަރުކަމެވެ.

އަސްލު: ވީއެލް

ޓެގް

ދީން

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.