ކޮލަމިސްޓް

ޙާފިޡުންގެ ބަގީޗާއިން އަލްޙާފިޡާ މާޢިޝާ ޢަބްދުއްރަޙީމް

ނ ލަންދޫ ކިނާރާގޭ، ޢުމުރުން 23އަހަރުގެ އަލްޙާފިޡާ މާޢިޝާ ޢަބްދުއްރަޙީމަކީ އޭނާގެ މަންމަ ޝަމީމާ މޫސާ އާއި ޢަބްދުއްރަޙީމް ޢަބްދުﷲގެ 8ކުދިންގެ ތެރެއިން 5ވަނަ ކުއްޖާއެވެ.

މާޢިޝާ އަކީ 2019ވަނަ އަހަރު ޙާފިޡް ކަމުގެ ސަނަދު ޙާސިލްކޮށްފައިވާ ޙާފިޡާއެކެވެ. ޢުމުރުން 18އަހަރުގައި ޤުރުއާން ހިތުދަސްކުރަން ފެށި މާޢިޝާ، 2އަހަރާއި ހަތަރުމަސް ދުވަހުން ޤުރުއާން ހިތުދަސްކޮށް ނިންމައިލައިފިއެވެ.

މާޢިޝާ ޤުރުއާން ހިތުދަސް ކުރަން ޝައުޤުވެރިކަން އުފެދުނީ މަދަރުސީ ދައުރުއްސުރެ ޤުރުއާންގެ ކިޔެވުމާއި ހިތުދަސްކުރުމުގެ ތެރޭގައި އުޅެވިފައި ހުރުމުން ކަމަށް މާޢިޝާ ބުނެއެވެ.

މަދަރުސީ ދައުރު ނިންމުމަށް ފަހު ޤުރުއާން ހިތުދަސް ކުރުމުގެ މަސައްކަތް ފެށުމުން އިތުރު ދަތިކަމެއް ދިމާނުވިޔަސް ޙިފްޡް ކުރުމުގެ ވަކި ހިސާބަކުން އަލަތު ދަރިފުޅަށް ބަލިވެ އިނދެ މާބަނޑު ދުވަސް ވަރު ގުނަން ޖެހުމުން ދަތިކަމެއް ދިމާވިޔަސް މާޢިޝާ ވަނީ ކާމިޔާބު ކަމާއިއެކު އެކަން ނިންމައިލައިފައެވެ.

މި މަތިވެރި މަސައްކަތުގައި މާޢިޝާ އަށް އެންމެ ބޮޑު އެހީތެރިކަމެއް ދިނީ އޭނާގެ މަންމަކަމުގައި އޭނާ ބުނެއެވެ. ބައްޕައާއި ޢާއިލާގެ އެންމެހާ މެންބަރުންގެ އެހީތެރިކަން މާޢިޝާ ފާހަގަ ކުރީ ހިތުގެ ފުންމިނުނެވެ.

ޤުރުއާން ހިތުދަސް ޙާފިޡަކަށް ވެވުމަކީ ޙަޔާތުގައި ޙާސިލް ކުރެވުނު އެންމެ ބޮޑު ކާމިޔާބު

އަދި ކިޔަވައި ދެއްވި މުދައްރިސުންގެ އެހީތެރިކަމާއި އެއްބާރުލުން މާޢިޝާ ފާހަގަ ކުރީ އުފަލާއި އެކުއެވެ.

ޤުރުއާނުގެ ދާއިރާއިން އިތުރަށް ޙާސިލް ކުރަން ބޭނުންވާ ކަމަކީ ޢިޖާޒާ ޙާސިލް ކުރުންކަމަށް މާޢިޝާ ބުނެއެވެ.

މުސްތަޤްބަލުގައި މެޑިކަލް ޑޮކްޓަރެއްގެ ހައިސިއްޔަތުން ޤައުމަށް ޚިދްމަތް ކުރަން ބޭނުންވާ މާޢިޝާ ބުނާގޮތުން ޤުރުއާން ހިތުދަސް ޙާފިޡަކަށް ވެވުމަކީ ޙަޔާތުގައި ޙާސިލް ކުރެވުނު އެންމެ ބޮޑު ކާމިޔާބެވެ.

މިވަގުތު މިޞްރުގެ އަލްއަޒްހަރް ޔުނިވަރސިޓީގައި އެމްބީބީއެސް ކިޔަވަމުން އަންނަ މާޢިޝާއަކީ މަދަރުސީ ދައުރުގައި ޤުރުއާން ކިޔެވުމުގެ ޤައުމީ މުބާރާތުންނާއި ފަލާޙް މުބާރާތުން ވެސް ވަނަވަނަ ހޯދައިފައިވާ ކާމިޔާބު ޙާފިޡާއެކެވެ.

ތަޢުލީމީ ގޮތުން ކާމިޔާބު މީހަކަށްވެ ޤައުމަށް ޙިދްމަތް ތެރި ދަރިއަކަށް ބޭނުންވާ މާޢިޝާ އަކީ އަލްމަދްރަސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާއިން ޝަހާދާ ޘާނަވިއްޔާ ޙާސިލް ކޮށްފައިވާ ދަރިވަރެކެވެ. އަދި މާޢިޝާ ވަނީ އެމަދަރުސާގެ ކެޕްޓަން ކަންވެސް ކޮށްފައިވެއެވެ. އަދި 2015ވަނަ އަހަރު މުޅި މަދަރުސާއިން ހުރިހާ ގޮތަކުން އެންމެ ރަނގަޅު ދަރުވަރުގެ ޝަރަފުވެރި މަޤާމުވެސް މާޢިޝާ ހޯދައިފައިވެއެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *