ގދ ތިނަދުއަށް ނިސްބަތްވާ ޢަލީ ރަޝީދާއި އައިމިނަތު ޝަފީޤާގެ ތިން ދަރިންގެ ތެރެއިން ހަގު ދަރިފުޅު، ޢުމުރުން 19އަހަރުގެ ރަހުވާ ރަޝީދަކީ 2015ވަނަ އަހަރު ޙާފިޡް ކަމުގެ ސަނަދު ޙާޞިލް ކޮށްފައިވާ ޙާފިޡާއެކެވެ.
ތުއްތު އިރުއްސުރެ ޤުރްއާން މުބާރާތް ތަކުގައި ބައިވެރިވާ ރަހުވާ ޤުރުއާން ހިތުދަސް ކުރަން ޝައުޤުވެރިކަން އުފެދުނީ ޤުރުއާން މުބާރާތް ތަކުގައި ބައިވެރިވެ ވަނަތަށް ލިބެން ފެށިހިސާބުންނެވެ. އެގޮތުން ޢުމުރުން ހަތް އަހަރުގައި ރަހުވާ ޤުރުއާން ހިތުދަސް ކުރަން ފެށިއެވެ.
ޙާފިޡާއަކަށް ވުމުގެ އަޒުމު ކަނޑައަޅައިގެން މަސައްކަތް ފެއްޓިތާ ފަސްއަހަރު ތެރޭގައި ﷲގެ ރަޙްމަތުން މުޅި ޤުރުއާން ހިތުދަސްކޮށް ނިންމައިލެވުނެވެ.
މުޅި ޤުރުއާން ހިތުދަސް ކުރުމުގެ ބުރަ މަސައްކަތް ރަހުވާ ނިންމައިލީ ބައެއް ދަތިތަކާއި ވެސް ކުރިމަތިލައިގެނެވެ. އަލްމަދްރަސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާއން ޝަހާދާ ޘާނަވިއްޔާ ޙާސިލް ކޮށްފައިވާ އަލްޙާފިޡާ ރަހުވާ ބުނާ ގޮތުގައި ސްކޫލުގައި ކިޔަވަމުން އަދި ސްކޫލުގައި ބޭއްވޭ އިތުރު ޙަރަކާތް ތަކުގައި ބައިވެރިވެ އުޅެން ޖެހޭތީ ޤުރުއާން ހިތުދަސް ކުރުމަށް ވަގުތު ދިނުމަށް ދަތިވެގެން ދިޔައެވެ. ތަޢުލީމީ ގޮތުން ފާހަގަ ކުރެވޭ ރަން ވަނަ ތަކެއް ޙާސިލް ކޮށްފައިވާ ރަޙުވާ އަކީ ސްކައުޓް ޙަރަކާތް ތަކުގައިވެސް ވަރަށް ފާހަގަ ކުރެވޭ ދަރިވަރެކެވެ. އަދި އެކަމަކީ ޒަހުވާ ނިކަން ކުރާ ހިތުން ކޮށް އުޅުނު ކަމެކެވެ.
ކީރިތި ޤުރުއާން ހިތުދަސް ކުރުމަކީ ދުނިޔެއާއި އާޚިރަތުގެ އުފާ ހޯދުމަށް ކުރެވޭނެ އެންމެ މާތް ކަންތަށް ކަމުގައި އަލް ޙާފިޡާ ރަހުވާ ބުނޭ
ނަމަވެސް ޤުރުއާން ހިތުދަސް ކޮށް ޙާފިޡަކަށް ވުމުގެ އުންމީދު އޮތުމާއި އެކު ރަޙުވާ ސްކައުޓް ޙަރަކާތް ތަކުން ދުރަށް ޖެހިލިއެވެ. އަދި ޤުރުއާން ހިތުދަސް ކުރުމަށް ވަގުތު ދީ، ވަގުތު ހޯދުމަށް ފަތިހުގެ ނަމާދުގެ ކުރިން ތެދުވެ ޤުރުއާން ފިލާވަޅުތަށް ދަސްކޮށް މުރާޖަޢަ ކުރެއެވެ.
މުސްތަޤްލުގައި ޤުރުއާންގެ ދާއިރާއިން އިޖާޒާ ޙާސިލް ކުރަން ރަހުވާ ބޭނުން ވެއެވެ. އަދި ބައިނަލް އަޤްވާމީ ޤުރުއާން މުބާރާތަކުން ވަނައެއް ހޯދުމަކީ އޭނާ ދެކޭ ހުވަފެނެކެވެ.
ކީރިތި ޤުރުއާން ހިތުދަސް ކުރުމަކީ ދުނިޔެއާއި އާޚިރަތުގެ އުފާ ހޯދުމަށް ކުރެވޭނެ އެންމެ މާތް ކަންތަށް ކަމުގައި އަލް ޙާފިޡާ ރަހުވާ ބުނެއެވެ. އަދި އޭނާގެ ޢާއިލާއާއި އަދި މަންމަ އާއި ބައްޕަ އަދި އަމިއްލަ ނަފްސަށް ޓަކައި ކުރެވުނު އެންމެ ރަނގަޅު ކަންތައްކަމުގައި ރަހުވާ ބުނެއެވެ.
އަލްޙާފިޡާ ރަހުވާ އަކީ ޤުރުއާން މުބާރާތް ތަކުން ތަފާތު ވަނަތައް ޙާސިލް ކޮށްފައިވާ ދަރިވަރެކެވެ. ސްކޫލް ފެންވަރުގެ މުބާރާތް ތަކާއި ޤައުމީ ފެންވަރުގެ މުބާރާތް ތަކުން ތަފާތު ވަނަތަށް ވަނީ ހޯދައިފައެވެ. އަދި ބައިނަލް އަޤްވާމި 4މުބާރާތެއް ގައި ބައިވެރިވެ ރާއްޖެ ތަމްސީލު ކޮށްފައިވެ. އެގޮތުން އަލްޖަޒާއިރު، މިސްރު، މެލޭޝިޔާ އަދި ދުބާއީ ގައި ބޭއްވުނު މުބާރާތް ތަކެއްގައި ރަހުވާ ވަނީ ބައިވެރިވެފަވެ. އަދި ޤުރުއާނުގެ ދާއިރާއިން ޤައުމަށް ރީތި ނަމެއް ހޯދައިދިނުމަކީ ރަހުވާގެ އުއްމީދެކެވެ.
ސްކޫލް ދައުރުގައި އެކި އެކި އިސްމަޤާމުތަށް ފުރަފައިވާ ރަހުވާ މިއަދު ކެތްތެރިކަމާއި އެކު އިންތިޒާރު ކުރަމުން ދަނީ، އޭނާ ކިޔަވައި ޙިދްމަތްކުރަން ބޭނުންވާ ދާއިރާގެ ކިޔެވުން ފެށޭނެ އިރަކަށެވެ. ޢަރަބިއްޔާ ސްކޫލްގެ ކެޕްޓަން ކޮށްފައިވާ ރަހުވާ މުސްތަޤްބަލުގައި،
ﷲގެ ރަޙްމަތުން ފެނިގެން ދާނީ އެއަރ ކްރާފްޓް އިންޖިނިއަރ އެއްގެ ގޮތުގައެވެ.
2015ވަނަ އަހަރު ޙާފިޡް ކަމުގެ ސަނަދު ޙާސިލް ކޮށްފައިވާ ރަޙުވާ މުސްތަޤްބަލުގައިވެސް ޤުރުއާން ޙިފްޡު ކުރާ ކުދިންނަށް އެހީތެރިވާން ބޭނުންވާކަމަށް ރަހުވާ ބުނެއެވެ.
ޤުރުއާން ހިތުދަސް ކުރާ ކުދިންނަށް ރަހުވާ ދިން ނަޞޭހަތަކީ މަންމަ ނުވަތަ ބައްޕަ ބުނީތީ ޙިފްޡު ކުރަން ހިތުނުލައި، އަމިއްލައަށް މިކަމަށް ލޯބިޖެހިގެން މިކަން ކުރަން ބޭނުންވެގެން މިކަމުގެ މާތްކަން ދަނެގެން އަމިއްލަ އަށްމިކަން ކުރަންބޭނުން ވެގެން މިކަން ކުރާށެވެ. އަދި މިކަމަށް ލޯބި ޖެހި ގަދައަޅައި މަސައްކަތް ކޮށްގެން މިކަން ކުރާ ކުއްޖަކަށް ﷲގެ ރަޙްމަތުން މިކަން ކާމިޔާބު ނުވެ ނުދާނެއެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...