އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) އިން އެކުލަވައިލާ އިސްލާމިކް އެންސައިކްލޮޕީޑިއާ އޮފް ޓޮލަރެންސްގެ މަސައްކަތް ނިންމަވައި މިއަދު އޯއައިސީގެ ދެކެރެޓޭރިއޭޓާ، ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ކުރީގެ ޗާންސެލާ ޑރ.މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ހަވާލުކުރައްވައިފިއެވެ.
ޑރ.ޝަހީމު ވިދާޅުވީ އެމަނިކުފާނުގެ ބެއްލެވުމުގެ ދަށުން ފުރިހަމަކުރެވިގެން ދިޔަ މިމަސައްކަތުގައި ދުނިޔޭގެ އެކި ޤައުމަތަކުން 60 ޢިލްމުވެރިން ބައިވެރިވެވަޑައިގެންނެވި ކަމަށާއި މަސައްކަތުގެ އިލްމީ ފެންވަރު ހިފަހެއްޓުމަށްޓަކައި މަތީ ފެންވަރުގެ ޢިލްމުވެރިންގެ މައްޗަށް އެކުލެވޭ ޝަރީޢާ އިސްތިޝާރީ މަޖުލީހެއް އޮތް ކަމުގައިވެސް ވިދާޅުވިއެވެ. އެއީ 6 ބޭފުޅުންގެ މައްޗަށް އެކުލެވޭ ކައުންސިލެކެވެ.
ދެ އަހަރުން ނިންމަން ކަނޑައެޅި މި މަސައްކަތްވަނީ، އިސްލާމީ ދުނިޔޭގެ އެކި ޤައުމުގެ ތަކުގެ ޢާލިމުންގެ ފުރިހަމަ ޙިއްސާއާއެކު، އެއް އަހަރާއި ދެ މަސް ދުވަހުން ނިންމާލެވިފައެވެ. އެއީﷲ ގެ ފަޟުލުވަންތަކަމާއި ރަޙުމަތެވެ.
މި މަސައްކަތަކީ ރާއްޖެއަށް ލިބިގެންދާ ރީތި ނަމެއް ކަމުގައި ފާހަގަ ކުރައްވަމުން ޑރ ޝަހީމް ވިދާޅުވެފައިވެއެވެ.
އެގޮތުން މުޅި މަސައްކަތް ވިލަރެސްކުރެއްވުމާއި އެޑިޓިން ކޮމިޓީގައި އެމަނިކުފާނު ހިމެނިވަޑައިގަތުމުގެ އިތުރަށް މިއެންސައިކްލޮޕީޑިއާގައި ދިވެހި ޢިލްމުވެރިއެއް ލިޔުއްވާފައިވާކަން ޑރ.ޝަހީމް ފާހަގަކުރެއްވިއެވެ. އެއީ ރާއްޖޭގެ މަޝްހޫރު ޢިލްމުވެރިޔާ ޑރ.މުޙައްމަދު ޤުބާދު އަބޫބަކުރެވެ.
ޑރ.ޤުބާދު ލިޔުއްވާފައިވަނީ އިސްލާމްދީނުގައިވާ އަމާންކަމާއި ޞުލްޙަވެރިކަމުގެ ފަލްސަފާއާ ގުޅޭ ގޮތުންނެވެ. އޭނާ ލިޔުއްވި ލިޔުއްވުމަށް ޝަރީޢާ އެޑްވައިޒަރީ ކައުންސިލުގެ ތަޢުރީފު ލިބިފައިވާ ކަމަށާއި، އެގޮތުން ޤުބާދަކީ ޢަޖަމީއެއް ނަމަވެސް ޢަރަބި ބަހުން ވަރަށް ފުރިހަމަކަމާއެކު ބަލާޣާތްތެރި ގޮތެއްގައި ލިޔުއްވާފައިވާތީ ވަރަށް ބޮޑަށް ތަޢުރީފު ލިބިވަޑައިގެންފައިވާ ކަމުގައި ފާހަގަކުރެއްވިއެވެ.
އޯއައިސީން ހަވާލުކޮށްގެން ޑރ.ޝަހީމް ނިންނެވި 3 ވޮލިއުމުގެ އެންސައިކްލޮޕީޑިއާ ވަރަށް އަވަހަށް ޝާއިޢުކުރެވިގެންދާނެ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ. އަދި އޯއައިސީން އެމަނިކުފާނާ ޙަވާލުކުރި ބޮޑު 2 މަސައްކަތް ނިންމަވައިލެއްވިއްޖެ ކަމުގައި ވިދާޅުވިއެވެ.
އެގޮތުން އޯއައިސީގެ މި އެންސައިކްލޮޕީޑިޔާގެ މަސައްކަތުގެ އިތުރަށް އޯއައިސީގެ މަރުޒު ޞައުތުލް ޙިކްމާ ނުވަތަ ވޮއިސް އޮފް ވިޒްޑަމް ސެންޓާ ތަރައްޤީކުރުމުގެ މަސައްކަތުގައިވެސް ޑރ.ޝަހީމް އިސްކޮށް ހުންނެވިއެވެ. އެސެންޓަރަކީ އިނގިރޭސި، ޢަރަބި އަދި ފަރަންސޭސި ބަހުން އިސްލާމްދީނުގެ ސަމާހާތްތެރިކަން ދުނިޔެއަށް ފޯރުކޮށްދޭ މަރުކަޒެއް ކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި އެ މަރުކަޒުގެ އެކި މަންސަތަކަށް އެއް މިލިއަން މީހުން ފޮލޯކުރާ ކަމުގައިވެސް ޝަހީމް ވިދާޅުވިއެވެ.
ޚިޔާލު