ފަލަސްޠީނުގެ އަމިއްލަ ބިންތަކުގައި ޔަހޫދީން ވަޒަންވެރިކޮށް، އާބާދުކުރެވޭ ޤާނޫނެއް އިސްރާއީލުގެ ސުޕްރީމު ކޯޓުން އުވާލައިފިއެވެ.
2017 ވަނަ އަހަރުން ފެށިގެން އިސްރާއީލުން ޢަމަލު ކުރަމުންދާ މިޤާނޫނުގައިވާ ގޮތުން، އިސްރާއީލު ސަރުކާރުގެ ހުއްދައާއި އެންގުމާއިއެކު ބިނާކުރެވިފައިވާ، ނުވަތަ އެބިމަކީ ފަލަސްޠީނުގެ ވެރިއެއްވާ ބިމެއްކަމަށް ނޭނގި ބިނާކުރެވި ވަޒަންވެރި ވެފައިވާ އެންމެހާ ބިނާތަކާއި ގެތަކަކީ، ޤާނޫނީ އިމުގެ ތެރެއިން ބިނާ ކުރެވޭ، ޔަހޫދީންނަށް މިލްކުވެގެންވާ ބިންތަކެކެވެ. މިޤާނޫނުގެ ދަށުން މިހާތަނަށް ފަލަސްޠިނުގެ ރައްޔިތުންގެ އަމިއްލަ ބިންތަކުން ފޭރި ގަނެވިގެން 4000 އިސްރާއީލީންގެ ގެ އަޅާފައިވެއެވެ.
އިސްރާއީލުގެ ސުޕްރީމު ކޯޓުން މިޤާނޫނު އުވާލުމަށް ފާސްކޮށްފައިވަނީ 9 ޤާޟީންގެ ޕޭނަލެއްގައި 8 ޤާޟީންގެ އަޣުލަބިއްޔަތުންނެވެ. މިކަމާއި ވިދިގެން މިހާރުގެ އިސްރާއީލުގެ ބޮޑު ވަޒީރު ބެންޖަމިން ނަތެންޔާހޫ ބުނެފައިވާ ގޮތުގައި އިސްރާއީލުގެ ކޯޓުން ހުރަސްއާޅާފައި މިވަނީ އިސްރާއީލު ރައްޔިތުންގެ އާބާދުވުންތަކަށް މުހިއްމު ޤާނޫނަކަށް ކަމަށެވެ. އަދި އޭނާގެ ލިކުޑް ޕާޓީއިން މިޤާނޫނު އަލުން އިޢާދަ ކުރުމަށް މަސައްކަތް ކުރާނޭކަމަށްވެސް ބުނެފައިވެއެވެ. އެހެނަސް މިހާރު މިޕާޓީއާއި ވަގުތީ ގޮތުން ގުޅިފައިވާ ،އިދިކޮޅު ބްލޫ އެންޑް ވައިޓު ޕާޓީއިން ބުނާ ގޮތުގައި މިޤާނޫނަކީ އިސްރާއީލުގެ ޤާނޫނީ ދުސްތޫރުގެ ރޫޙާއި ޚިލާފު ޤާނޫނެއް ކަމަށެވެ.
ސުޕްރީމް ކޯޓުން މިއަމުރު ނެރެފައި މިވަނީ ނަތެންޔާހޫ ފަލަސްޠީނުގެ ސަރަޙައްދުތައް އިސްރާއީލުގެ ބިންކަމަށް ނިންމާ، އެޤައުމު ފުޅާކޮށް، އެތަނުގައި ޔަހޫދީން ވަޒަންވެރިކުރަން ނިންމާފައި ވަނިކޮށެވެ. މިނިންމުމާއި އިދިކޮޅަށް ޢަރަބި ލީގުން ބަޔާނެއް ނެރެފައިވާ އިރު، ޖަރުމަނުގެ ޚާރިޖީ ވަޒީރާއި، އެމެރިކާގެ ކުރީގެ ރިޔާސީ ކެންޑިޑެޓު ބާރނީ ސޭންޑާރޒް ވަނީ މިފުޅާ ކުރުމާއި އިދިކޮޅަށް ވާހަކަދައްކާފައެވެ. ނަތެންޔާހޫގެ މިނިންމުމާއި އެކު، ފަލަސްޠިނުގެ ރައީސް މަޙްމޫދު ޢައްބާސްވަނީ އިސްރާއީލާއި އެކުވެފައިވާ ޞުލްޙައިގެ އެއްބަސްވުންތައް އުވާލައްވާފައެވެ.
ޚިޔާލު