އަރަބިދުނިޔެދުނިޔެ

ފަލަސްޠީނުގެ 4 އަހަރުގެ އަންހެން ކުއްޖެއް ކާން އިންދާ ޖެހި ބަޑިއަކުން ޝަހީދުވެއްޖެ

Falastheenuge 9 Aharuge Kuhjeh Kaan Indha Jehi Badiakun Shaheedhu Vejje

ފަލަސްޠީނުގެ 4 އަހަރުގެ އަންހެން ކުއްޖަކު އިސްރާއީލު ސިފައިން ޖެހި ބަޑިއަކުން ޝަހީދުވެއްޖެއެވެ.

މިދިޔަ ހޯމަ ދުވަހު ޢުމުރުން 4 އަހަރުގެ ރަފީފް މުޙައްމަދު ޤަރާޢީނު ޝަހީދުވެފައިވަނީ ފަލަސްޠިނުގެ ޢައިނު ކާރިމު ހޮސްޕިޓަލުގައެވެ. ހޮސްޕިޓަލުން ފަލަސްޠިނުގެ މީޑިޔާއަށް ޚަބަރު ދެއްވާ ގޮތުގައި ރަފީފް ހޮސްޕިޓަލަށް ގެނައި އިރުވެސް ވަނީ ހޭނެތިފައެވެ. ރަފީފް ހޮސްޕިޓަލަށް ގެންދެވުމުން ހޮސްޕިޓަލުގެ ކުޑަކުދިންނަށް ޚާއްޞަ ނިޔުރޯސާރޖަނުންވަނީ އޭނާ އޮޕަރޭޝަން ކޮށްފައެވެ. އެހެނަސް ހޮސްޕިޓަލުން މަޢުލޫމާތުދޭ ގޮތުގައި ރަފީފް ހޮސްޕިޓަލަށް ގެނައި އިރުވެސް އޭނާގެ ސިކުނޑިއަށްވަނީ ބޮޑެތި ގެއްލުންވެފައެވެ.

ރަފީފް ހޮސްޕިޓަލަށް ގެންދެވުނީ މިދިޔަ މެއި މަހުގެ 21 ވަނަ ދުވަހުގެ ރޭ އޭނާގެ ރަށްކަމުގައިވާ ޢީސާވިއްޔާގައި، އޭނާގެ ޢާއިލާއާއިއެކު ރޯދަ ވީއްލާ ގަޑީ ކާން އިންދާ، އޭނާގެ ބޮލަށް ވަޒަން އެރުމުންނެވެ. އިސްރާއީލުގެ ފުލުހުން ތުހުމަތު ކުރާ ގޮތުގައި ރަފީފްގެ ބޮލަށް ވަޒަން އަރާފައިވަނީ ޤުދުސާއި ހުޅަނގު އައްސޭރީގެ ދެމެދުގައި ހުރި ފާރުގެ އަނެއްފާރާތުންނެވެ. އެސަރަޙައްދަކީ ފަލަސްޠީނުގެ ޕީއެލްއޭގެ ބާރުގެ ދަށުގައިވާ ސަރަހައްދެކެވެ. އެހެނަސް ރަފީފްގެ ގެ ހުންނަނީ ރަށޫގެ މެދުގައި، ފާރުން އަންނަ ވަޒަންތައް އަރާ ހިސާބެއްގައެއް ނޫނެވެ. މިހެންކަމުން ޢީސާވިއްޔާގެ ރައްޔިތުން ބުނާ ގޮތުގައި ފާރުގެ އެފަރާތުން އަންނަ ވަޒަނަކުން އެތުއްތު ކުއްޖާ ޝަހީދުވުމަކީ ބުއްދި ޤަބޫލުކުރާ ވާހަކައެއްނޫނެވެ.

ރަފީފްގެ ކާފަ މަޙްމޫދު އަބޫ ރިޔާލާ ޕަލަސްޠީނުގެ މީޑިޔާއާއި ވާހަކަފުޅު ދައްކަވަމުން ވިދާޅުވެފައިވާ ގޮތުގައި މުޅި ޢާއިލާއަށްވެސް ވަނީ ރަފީފް މިހާރު ދުނިޔޭގައި ނެތްކަން ޤަބޫލުކުރަން ދަތިވެފައެވެ. ރަފީފް ޝަހީދު ކޮށްލުމާިއ ގުޅިގެން އަދި އެއްވެސް މީހަކު ހައްޔަރު ކުރެވިފައެއް ނުވެއެވެ.

އިސްރާއީލުން ދިފާޢީ ބާރުތަކުން ފަލަސްޠީނުގެ ކުޑަކުދިންނަށް ކޮންމެ ދުވަހަކު ދަނީ އެތަކެއް އަނިޔާތަކެއް ކުރަމުންނެވެ. މިގޮތުން މިދިޔަ އަހަރު ފަލަސްޠިނުގެ 4 އަހަރުގެ ކުއްޖެއްކަމަށްވާ މުޙައްމަދު ރަބީޢު ޢަލަޔާންވަނީ އިސްރާއީލީ ފުލުހުންގެ އުޅަނދަކަށް ގާއުކި ކަމުގެ ތުހުމަތުގައި ތަޙްޤީޤީ މަރްޙަލާއަށް ފުލުހުންގެ އޮފީހަށް ޙާޟިރުކޮށްފައެވެ. މިދިޔަ އަހަރުގެ ޖުލައިއާއި ހަމައަށް އިސްވެދިޔަ 3 އަހަރުގެ ރިޕޯޓުތަކަށް ބަލަންޏާ އިސްރާއީލުގެ ބާރުތަކުން ފަލަސްޠިނުގެ 20 ކުޑަ ކުދިންގެ މައްޗަށް ޙުކުމް އިއްވާފައިވެއެވެ. މިގޮތުން އަޙްމަދު މުނާޞަރާވަނީ ޢުމުރުން 16 އަހަރުގައި 12 އަހަރަށް ޖަލަށް ލުމަށް ޙުކުމް ކޮށްފައެވެ. އަދި 2019 ވަނަ އަހަރުގައި ޢުމުރުން 7 އަހަރުގެ ޠާރިޤު ޒަބާނިޔާގެ ގައިގައި އިސްރާއީލުގެ ރައްޔިތަކުވަނީ އެނާގެ ކާރަކުން ޖައްސާ މަރާލާފައެވެ. މިޙާދިޘާއާއި ގުޅިގެންވެސް އިސްރާއީލުގެ ފުލުހުން އެކުއްޖާ މަރާލި ޑްރައިވަރަށް އެއްވެސް ފިޔަވަޅެއް އަޅާފައެއްނުވެއެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *