ކޮލަމިސްޓް

ޝުކުރުވެރިވާކަށް ނުވޭތަ؟

މާތްﷲއީ ކިހާ އޯގާވަންތަ ކަލެއްތޯއެވެ. އެކަލާނގެ އަޅުތަކުންނަށް ދެއްވާފައިވާ ގުނާ އަދަދު ނުކުރެވޭހާ ނިޢުމަތްތައް ތިބާ ދެކިބަލާށެވެ. އެއިން އެއްވެސް ނިޢުމަތެއް އެކަލާނގެ ދެއްވާފައިވަނީ ބަދަލެއް ހޯއްދުމަކަށް ނޫނެވެ. އަދި ލިބޭނެކަމަކަށްވެސް ނޫނެވެ. ތިބާގެ އަތުން މިސްޤާލެއްގެ މިންވަރުވެސް އެކަލާނގެ ބޭނުންވެ ވޮޑިއެއް ނުގަންނަވަތެވެ. ތިބާ ވިސްނާލަބަލާށެވެ. އެކަލާނގެ ގިނަގުނަވެގެންވާ ނިޢުމަތްތަކާއި ރިޒުޤު ދެއްވަނީ ހަމައެކަނި އެކަލާނގެއަށް އަޅުކަންކުރާ ފަރާތްތަކަށް އެކަންޏެއްނޫނެވެ. މާތްﷲ އަށް އުރެދި އެކަލާނގެ ދީން މުގުރާލުމަށް ރެއާދުވާލު މަސައްކަތްކުރާ ކާފިރު އަޅުތަކުންނަށްވެސް ގުނާއަދަދު ނުކުރެވޭހާ ނިޢުމަތްތައް އެކަލާނގެވަނީ ދެއްވާފައެވެ.

سورة هود 6 ވަނަ އާޔަތުގައި މާތްﷲ ވަޙީކުރައްވާފައިވެއެވެ. وَمَا مِن دَابَّةٍ فِي الْأَرْضِ إِلَّا عَلَى اللَّـهِ رِزْقُهَا މާނައީ: "ބިމުގައި ހިނގާބިނގާ އުޅޭ ދިރޭ އެއްޗެހީގެ ތެރެއިން، އެ އެއްޗަކަށް اللَّه رزق ނުދެއްވާ އެއްވެސް އެއްޗެއް ނުވެތެވެ."

މިއީ ކިހާބޮޑު ހަޤީޤަތެއް ތޯއެވެ. އެކަލާނގެއަށް އުރެދި، ދުވަހަކު ސަޖިދައެއް ނުޖަހާ ކިތަން މީހުން މި ބިންމަތީ އުޅޭތޯއެވެ. މާތްﷲގެ ދީން މި ބިންމަތިން ފުހެލުމަށްޓަކައި ރެއާދުވާލު މަސައްކަތްކުރާ ކިތަށް މީހުން އެބައުޅޭތޯއެވެ. އެކަލާނގެ ދެއްވި ރިޤުޒުން ކައިގެންނެވެ. އެކަލާނގެ ދެއްވި ނިޢުމަތުން ނޭވާލަމުންނެވެ. އެކާލާނގެ ދެއްވި ވިސްނުމާއި އިވުމާއި ފެނުމުގެ ހިއްސުން ބޭނުން ހިފަމުންނެވެ. މީން އެއްވެސް ފަރާތަކަށް އެކަލާނގެ ނިޢުމަތުން ޒައްރެއްގެ މިންވަރުވެސް އުނި ކުރައްވާތޯއެވެ؟

ތިބާ އަޅެބުނެބަލާށެވެ. މިއީ ހަޤީޤަތްނޫންތޯއެވެ. މާތްﷲ މި ބިންމަތީ އިންސާނާ ޚަލީފާވެރިކުރެއްވީ އެކަލާނގެއަށް އަޅުކަންކުރުމަށެވެ. އެހެންނަމަވެސް އެ މަޤުޞަދު ހަނދާން ނައްތާލާ މި ބިން ފަސާދަކުރުމުގައި އުޅެނީ ކިތައްމީހުންތޯއެވެ. سورة النحل 73 ވަނަ އާޔަތުގައި މާތްﷲ ވަޙީކުރައްވާފައިވެއެވެ. وَيَعْبُدُونَ مِن دُونِ اللَّـهِ مَا لَا يَمْلِكُ لَهُمْ رِزْقًا مِّنَ السَّمَاوَاتِ وَالْأَرْضِ شَيْئًا وَلَا يَسْتَطِيعُونَ މާނައީ: "اللَّه ފިޔަވައި، އެހެންފަރާތަކަށް، އެއުރެން އަޅުކަންކުރެތެވެ. (އެއީ) އުޑުތަކާއި، ބިމުން، އެއްވެސް އެއްޗަކުން އެއުރެންނަށް رزق ދިނުން މިލްކުވެގެން ނުވާ ތަކެއްޗެވެ. އަދި އެ ތަކެއްޗަށް، އެކަމަކަށް ކުޅަދާނަވެގެނެއް ނުމެވޭމެއެވެ." މިއީ ތެދެއްނޫންތޯއެވެ. މާތްﷲފިޔަވައި އެހެން ފަރާތްތަކަށް އަޅުކަންކުރަމުންދާ ފަރާތްތަކަށްވެސް ރިޒުޤުދެއްވަނީ ހަމަ އެކަލާނގެއެވެ. އެބައިމީހުން އަޅުކަންކުރަމުންދާ އެއްވެސް އެއްޗަކީ އެއިން އެކަކަށްވެސް އެއްވެސްކަމެއްކޮށްދެވޭނެ އެއްޗެއްނޫނެވެ. އެންމެ ކުޑަމިނުން ހިނިތުންވުމެއްވެސް ދެވޭނެ އެއްޗިއްސެއް ނޫނެވެ.

ހަޤީޤަތުގައިވެސް އެއީ އޯގާވަންތަ ކަލެއްނޫންތޯއެވެ. އެކަލާނގެ ދެއްވި ނިޢުމަތުން އެންމެވެސް ތިބެނީ ކައިގެނެވެ. ކަނޑުގެ ރިޒުގާއި އެނޫން ނިޢުމަތްތައް އިންސާނުން އެދޭ މިންވަރަށް ވުރެ އިތުރަށްވެސް އެކަލާނގެ އިންސާނާއަށް ދެއްވައެވެ. ތާޒާ މަހާއި މޭވާއެވެ. ސާފު ވާރޭފެނާއި ތާޒާ ވައެވެ. އެހެންނަމަވެސް އެ ރިޒުޤު ދެއްވި ފަރާތުގެ މަތިން ހަނދާންވަނީ ކިތަންމީހުންތޯއެވެ. އެއީ ކާކުދެއްވި އެއްޗެއްތޯ އެންމެ ފަހަރަކު ނަމަވެސް ވިސްނާލެވޭތޯއެވެ. އެފަރާތުގެ މަތިން ހަނދާންކޮށް ކިޔަމަންތެރިވެ ސަޖިދަކުރެވޭތޯއެވެ. އެންމެ ފަހަރަކުނަމަވެސް އެރިޒުޤު މިންވަރުކުރެއްވި ފަރާތަކީ މާތްﷲކަން ހަނދާންވޭތޯއެވެ. އެކަލާނގެ ދެއްވި މަތިވެރި ނިޢުމަތަށްޓަކައި ޝުކުރުވެރިވެވޭތޯއެވެ. ނިޢުމަތުގެ ވެރިފަރާތް ހަނދާންކޮށް ތަސްބީހަ ކިޔޭތޯއެވެ.

މިއީ ދޮގެއްތޯއެވެ! ފުޓްބޯޅަ މެޗަކުން މޮޅުވުމުން މުޅިޓީމާއި ސަޕޯޓަރުން ކޯޗަށް ޝުކުރުއަދާކުރު އަދާނުކުރޭތޯއެވެ. މުބާތާތަކުން ވަނައެއް ލިބުމުން އެކަމުގައި އެހީތެރިވި ފަރާތްތަކަށް ޝުކުރުވެރި ނުވޭތޯއެވެ. ވަރަށް ބޭނުންވެފައިވާ ކަމެއްފުދުމުން އެކަމުގައި އެހީތެރިވި ހުރިހާ ފަރާތްތަކަށް އިޚްލާސްތެރިކަމާއެކު ޝުކުރު ވެދުން ނުކުރޭތޯއެވެ. މިއީ ދޮގެއްތޯއެވެ. އެހެންނަމަވެސް އިންސާނާ ދިރިހުރުމަށްޓަކައި ބޭނުންވާ ކާނާއާއި ބޯފެން ދެއްވާ ފަރާތްތަށް ޝުކުރުވެރި ވެވޭތޯއެވެ. ފުރިހަމަ ޞިއްހަތެއް ދެއްވައި ހިގާބިނާގެވެ އުޅުމުގެ މަތިވެރި ނިޢުމަތްދެއްވި ކަމަށްޓަކައި އެފަރާތަށް ޝުކުރުވެރި ވެވޭތޯއެވެ. އިވުމާ ފެނުމުގެ ހިއްސުދެއްވައި އެ ނިޢުމަތުން ތިބާގެ ދިރިއުޅުން އާރަސްތުކޮށްދެއްވިކަމަށްޓަކައި އެފަރާތަށް ތިބާއަށް ޝުކުރުވެރި ވެވޭތޯއެވެ. ނިކަން ބުނެބަލާށެވެ. މިއީ އިންސާނީ ހަޤީޤަތް ނޫންތޯއެވެ. ދިރިއުޅުމުގެ ޙަޔާތުން ފެންނަމުންދާ ހަޤީޤަތް ނޫންތޯއެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *