ކޮލަމިސްޓް

ފަހަރުގައި މިއީ ފަހު ފުރުޞަތުކަމަށްވެސް ވެދާނެ!

ނަޞީބުގެ މޫސުން ފެށުނީއެވެ. ލިބިގަތުމަށް އަވަސްވެގަންނާށެވެ. މިއީ ފުރުޞަތުގެ ފުރުޞަތެވެ. ދަނޑިވަޅުގެ ބޭނުންހިފުމަށް ފޫގަޅާލާށެވެ. ތިބާ ބޭނުންވަނީ ކޮންގޮތެއް ތޯއެވެ! ޙަޔާތުގައި ކުރެވިފައިވާ ކުށްފާފަތައް ފޮހެލަންތޯއެވެ! ތަޢުބާވެ މާތްﷲގެ މަގަށް އެބުރި ރުޖޫއަވާންތޯއެވެ! ކުރިމަތި މިލެވުނީ އެދުވަސްތަކާއެވެ. ފުރުޞަތުތައް ބައިވަރެވެ. ތިބާގެ ހިތްވަރާއި ކެރުންހުރި މިންވަރަކުން ލިބިގަތުމަށް އަވަސްވެގަންނާށެވެ. ތިބާ ހޯދަށް އެނދުނު މިންވަރަކަށް ލިބޭނެއެވެ. ބޭނުންވަނީ ތިބާގެ ހިތްވަރެވެ.

ބޭނުންވަނީ ކޮންކަމެއްތޯއެވެ! ނަރަކައިގެ ހޫނުން ތިބާގެ މޫނު 70 އަހަރުގެ ދުރުމިނަން ގެންދަންތޯއެވެ. އެފުރުޞަތުވެސް އެބައޮތެވެ. އެކަމަށް ތިބާ އެދޭނަމަ މި ބަރާކާތުގެ މޫސުން ރަނގަޅަށް ލިބިގެންނާށެވެ. ރޯދައިގެ ފައިދާ ހެޔޮގޮތުގައި ހޯދުމަށް ފޫގަޅާލާށެވެ. ރަމަޟާން މަހުގެ ހުރިހާ އަޅުކަމެއް އިޚްލާސްތެރިކަމާއެކު އަދާކުރާށެވެ. ހޭދަކުރުން އިތުރުކޮށް ދުލުން ހެޔޮބަސްބުނާށެވެ. ރޭއަޅުކަމާއި ޤުރުއާން ކިޔެވުން ގިނަކުރާށެވެ. އެގޮތުގައި އިޚްލާސްތެރިކަމާއެކު ރޯދަ ފުރިހަމަކުރާށެވެ. އޭރުން އެއީ މާބޮޑުކަމެއްނޫނެވެ. ތިބާގެ މޫނު ނަރަކަޔާ 70 އަހަރުގެ ދުރުމިނަށް ގެންދެވިދާނެއެވެ. ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރައްވާފައިވެއެވެ. “ مَنْ صَامَ يَوْمًا فِى سَبِيْلِ اللَّه بَاعَد اللّهُ وَجْهَهُ عَنِ النَّارِ سَبْعِيْنَ خَرِيْفًا “ (رواه البخاري ومسلم) މާނައީ ”މީހަކު އެންމެ ދުވަހަކު ވެސް ﷲ އަށްޓަކައި ރޯދައެއް ހިފައިފި ނަމަ، އެމީހެއްގެ މޫނު ނަރަކައާއި ހަތްދިހަ އަހަރުގެ ރާސްތާއަކަށް މާތްﷲ ދުރުކުރައްވާނެއެވެ.“

ދެންތިބާ ބޭނުންވަނީ ކޮންކަމެއްތޯއެވެ. މިއީ ފުރުޞަތުގެ މޫސުމެވެ. ތިބާބޭނުންނަމަ 83 އަހަރު ގަދައަޅާ މަސައްކަތްކޮށް ހޯދޭ ނިޢުމަތާއި ޘަވާބުވެސް ”އެއްބުރުން“ ހޯދިދާނެއެވެ. އެފުރުޞަތުވެސް އެބައޮތެވެ. އެކަމަށް ތިބާ އެދޭނަމަ ހިތްވަރަކާއެކު މަސައްކަތް ފަށާށެވެ. ބޭނުންވަނީ އެރޭ އަތުލުމެވެ. އެހެންނަމަވެސް އެއީ ސިއްރެކެވެ. ހަދިޔާގެ ބޮޑުކަމާއެކު ހޯދުމަށް ކުރަންޖެހޭ މަސައްކަތްވެސް ބޮޑުވާނެއެވެ. ތިބާ ރޯދަމަހުގެ އަޅުކަންތައް ފުރިހަމައަށް އަދާކުރާށެވެ. ރޯދަހިފުމާއެކު ޤުރުއާންކިޔަވައި ނަމާދުތައް ބަރާބަރަށް ކުރާށެވެ. ރޭއަޅުކަމުގައި ވަގުތައް ހޭދަކުރާށެވެ. ވަކިން ޚާއްޞަކޮށް ފަހުދިހައިގެ ރޭތަކެވެ. އޭރުން އެއީ ލިބިދާނެ ފުރުޞަތެކެވެ. އެހެންނަމަވެސް ހަނދާން ނައްތާނުލާށެވެ. އިޚްލާސްތެރިކަމާއެކު ރޯދަޔާއި އެހެނިހެން އަޅުކަންތައް ކުރުމަށެވެ. އެއީ މުހިންމު ކަމެކެވެ.

އަދިވެސް ފުރުޞަތުތައް އެބަހުއްޓެވެ. މިއީ ރަނގަޅު މޫސުމެކެވެ. ގެއްލިއްޖެނަމަ އަބުރާ ލިބުމުގެ ފުރުޞަތު ފަހަރުގައި ދެން ތިބާއަށް ނުލިބިދާނެއެވެ. އެކަން ތިބާ ހަނދާންކުރާށެވެ. ތިބާ ބޭނުންވަނީ ތިބާގެ ވެރިރައްބާ ބައްދަލުވާ ދުވަހު ޚާއްޞަ ގޭޓަކުން ޝަރަފުވެރިކަމާއެކު ދާއިމީ ސުވަރުގެއަށް ވަނުމަންތޯއެވެ. އެފުރުޞަތުވެސް ލިބިދާނެވެ. ތިބާ މި ބަރަކާތްތެރި މަސްވަރުގެ ބޭނުން ހެޔޮގޮތުގައި ހިފާށެވެ. ފުރިހަމައަށް ރޯދަހިފާށެވެ. އޭރުން އައްރަޔާންގެ ނަންދީފައިވާ ޚާއްޞަ ދޮރުކޮޅުން ތިބާއަށްވެސް ސުވަރުގެ ވަނުމުގެ ނަޞީބު ލިބިދާނެއެވެ. ނަބިއްޔާ صلى الله عليه وسلم ޙަދީޘް ކުރައްވާފައިވަނީ މިފަދައިންނެވެ. “ إِنَّ فِى الْجَنَّةِ بَابًا يُقَالُ لَهُ الرَّيَّانُ يَدْخُلُ مِنْهُ الصَّائِمُوْنَ يَوْمَ الْقِيَامَةِ لاَ يَدْخُلُ مَعَهُمْ أَحَدً غَيْرُهُمْ يُقَالُ أَيْنَ الصَّائِمُوْنَ فَيَدْخُلُوْنَ مِنْهُ فَإِذَا دَخَلَ آخِرُهُمْ أَغْلِقْ فَلَمْ يَدُخُلْ مِنْهُ أَحَدٌ “ (رواه البخاري ومسلم) މާނައީ: ”ހަމަކަށަވަރުން ސުވަރުގޭގައި ދޮރުކޮޅެއް ވެއެވެ. އެދޮރުކޮޅަށް އައްރައްޔާން އޭ ކިޔެއެވެ. ޤިޔާމަތްދުވަހު އެދޮރުކޮޅުން ރޯދަވެރިން ފިޔަވައި އެހެން އެއްވެސް މީހަކު ނުވަންނަ ހުއްޓެވެ. ޤިޔާމަތް ދުވަހުން ގޮވާލެވޭނެއެވެ. ރޯދަވެރިން ކޮބައި ހެއްޔެވެ؟ ދެން އެމީހުން އެދޮރުކޮޅުން ވަންނާނެއެވެ. އެމީހުންގެ ތެރެއިން އެންމެފަހު މީހާ ވަނުމުން އެދޮރުކޮޅު ބަންދު ކުރެވޭނެއެވެ. ދެން އެކަކުވެސް އެދޮރުކޮޅުން ނުވަންނާނެއެވެ.“

އިތުރުފުރުޞަތުތައް އަދިވެސް އެބަހުއްޓެވެ. ތިބާގެ ޙަޔާތުގައި ކުރެވިފައިވާ ކުށްފާފަތައް ފުހެލަށް ބޭނުންތޯއެވެ. އެހެންކަމަށްވާނަމަ މިއީ އެކަމަށް ލިބޭ އެންމެ ފައްކާ ފުރުޞަތެވެ. މިއަދު ތިބާއަށް ތިވަނީ އެނަޞީބު ލިބިފައެވެ. އަވަސްކުރާށެވެ. އެކަމަށް ތިމާ އެދޭނަމަ އިޚްލާސްތެރިކަމާއެކު މި މައްސަރުގެ އަޅުކަންތައް ފުރިހަމައަށް އަދާކުރާށެވެ. ނަބިއްޔާ صلى الله عليه وسلم ޙަދީޘް ކުރައްވާފައިވެއެވެ. ”ރޯދަވެރިން ރޯދަވީއްލައިފުމަށް ދާންދެން އެމީހުންގެ ފާފަފުއްސެވުން އެދި މަލާއިކަތުން ދުޢާކުރައް ވައެވެ.“ މިކަމަށް ތިބާ އެދޭނަމަ އޮތީ މާތްﷲ އެންގެވިގޮތަށް ރޯދަ ފުރިހަމަކުރުމެވެ. ޤުރުއާން ކިޔެވުން އިތުރުކުރުމާއި ދުޢާކުރުން ގިނަކުރުމެވެ. ޞަދަޤާތްދިނުމާއި ހޭދަކުރުން މެކުހަށް ޖެހުމެވެ. އެކަމަކު ހަނދާން ބަހައްޓަންޖެހޭ ކަމެއް އެބައޮތެވެ. ދެއްކުންތެރިކަން މިއިން އެއްވެސްކަމެއްގައި އިސްނުކުރުމެވެ.

އަދިވެސް ބުނަންހެއްޔެވެ. ނަބިއްޔާ صلى الله عليه وسلم ޙަދީޘް ކުރައްވާފައިވެއެވެ. ”ރޯދަވެރިޔާގެ އަނގައިގެ ވަސް، ﷲގެ ޙަޟުރަތުގައި ގޮމަކަސްތޫރީގެ ވަހަށްވުރެ ފުރިހަމަވެގެން ވެއެވެ.“ ތިބާ އަޅެބުނެބަލާށެވެ. މިއީ ނަޞީބުވަޒަންކުރަންވީ ވަގުތެއް ނޫންތޯއެވެ. ނަޞީބުގެ މޫސުމެއް ނޫންތޯއެވެ. ތިބާގެ ޗާންސްގެ ބޭނުންކޮށްލުމަށް ލިބޭ ފުރުޞަތެއްނޫންތޯއެވެ. އަވަސްވެގަންނާށެވެ. ޙަޔާތުގައި ކުރެވިފައިވާ ކުށްފާފަތައް ފުހެލައި ތަޢުބާވުމަށެވެ. ތަޢުބާގެ ދޮރުތައްވަނީ ތިބާއަށްޓަކައި ހުޅުވިފައެވެ. މާޒީގައި ހެދިފައިވާ ގޯސްތަކާއި ކުރެވިފައިވާ ފާފަތައް ފުއްސަވާތޯ ދަންނަވާށެވެ.

ރޯދަވެރިންނަކީ ނަޞީބުން ފުރިގެންވާ ބައެކެވެ. ތިބާއަށް އެނގޭހެއްޔެވެ. ޤުރުއާން ބާވައިލެއްވީ މި މަސްވަރުގައެވެ. އެއީ ޙައްޤާއި ބާޠިލްވަކިކޮށްދިނުމަށްޓަކައެވެ. އެއްހާސްމަސްވަރުގެ ހެޔޮކަން ލެއްވީ މި މަހުގައެވެ. ބަރަކާތުން ފުރިގެންވާ ލައިލަތުލް ޤަދުރުވިލޭރޭ ލެއްވީވެސް ހަމަ މިމަހުގައެވެ. މަލާއިކަތުން މާތްﷲ އަމުރުފުޅައިގެން ބިމަން ފައިބައިވަޑައިގަންނަވަނީވެސް ހަމައެރޭގައެވެ. އެއީ އަމާންކަމުގެ ރެއެކެވެ. އެއީ ތިބާގެ ފާފަތައް ފުއްސަވާތޯ ދެންނެވުމަށް އޮތް އެންމެ ފަހިފުރުޞަތުގެ ރެއެކެވެ. މިފުރުޞަތު ނަގާނުލާށެވެ. ދެވަނަ ފުރުޞަތެއް ދެން ނުލިބިދާނެއެވެ. މިއީ އެކަމުގެ ވަގުތެވެ. ވަގުތު ތިބާއަކަށް އިންތިޒާރެއެއް ނުކުރާނެއެވެ. ތިބާ ވަގުތުގެ ބޭނުން ފުރިހަމަގޮތުގައި ހިފާށެވެ. ރޯދަމަހާ ބައްދަލުވީއެވެ. ހިތްނިޔަތް ޚާލިސްކޮށް އަޅުކަމާއި ކުރިމަތިލާށެވެ. ތިބާގެ ނަޞީބު ވަޒަންކޮށްލުމަށް ފަސްނުޖެހޭށެވެ. ފަހަރުގައި މިއީ ތިބާއަށް ލިބުނު ފުރުޞަތުކަމަށްވެސް ވެދާނެއެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *