ރިޕޯޓްކޮލަމިސްޓް

ރަމަޟާން މަސް އަންނަނީ... ނުހިފި ހުރި ރޯދަތަކަށް ހަދާނީ ކިހިނެއް؟

ރަމަޟާން މަހާއި އަޅުގަނޑުމެން ތައްޔާރުވަމުންދާއިރު ފާއިތުވި ރަމަޟާން މަހު ނުހިފި ހުރި ރޯދަ ނުހިފާ ތިބީ ކިތައް މީހުން ބާއެވެ؟ ޔަގީނުންވެސް ވަރަށް ގިނަ ބަޔަކަށް ހަނދާން ނެތި ތިބޭނެއެވެ. ފަހުވަގުތު ހަނދާންވުމުން ހަދާނެގޮތް ހުސްވެ ސުވާލުކުރާ އަޑު އިވޭލެއް ވަރަށް ގިނަވާނެއެވެ.

ޤަޟާކުރަންޖެހޭ ރޯދައާއި ބެހޭ ގޮތުން ދިއިސްލާމްއިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ޝައިޚް މުޖްތަބާ ޙަމީދު ވިދާޅުވީ "އެއް ރަމަޟާން މަހުން އަނެއް ރަމަޟާން މަސް އައުމުގެ ކުރިން ނުހިފި ހުރި ރޯދައެއް ވާނަމަ އެކަމަށް ވަރަށް ބޮޑަށް ސަމާލުކަން ދޭންޖެހޭނެ." ކަމަށާއި "ގޭގައި މިދުވަސްވަރު މިހެން ތިބޭއިރު ނުހިފިވާ ރޯދަ ޤަޟާ ކުރުމަށް އިލްތިމާސްކުރާ." ކަމަށެވެ.

"ނުހިފި ހުރި ރޯދަ އަކީ ދަރަންޏެއް"

ޝައިޚް މުޖްތަބާ ސިފަކުރައްވަނީ ނުހިފި ހުރި ރޯދަ އަކީ ދަރަންޏެއްގެ ގޮތުގައެވެ. "ފާއިތުވެފައިވާ ރޯދަ އަކީ ދަރަންޏެއްކަހަލަ އެއްޗެއް. އެހެންވީމާ އެ ދަރަނި އަދާކުރަންޖެހޭ ވަގުތު އައުމުގެ ކުރިން އަދާކުރަންޖެހޭ. އެހެންނޫނީ އެކަމަށް ފަރުވާކުޑަކޮށްފި ކަމުގައިވާނަމަ އެއީ ތައުބާވާންޖެހޭފަދަ ކުށެއް." ކަމަށެވެ.

ޝަރުޢީ ސަބަބަކާއި ހެދި ރޯދައެއް ދޫކޮށްލާ މީހާ، ޖެހިގެން އަންނަ ރަމަޟާން މަސް އައުމުގެ ކުރިން އެ ރޯދަ ހިފައި ހަމަ ކުރަންޖެހޭނެއެވެ. ރަމަޟާން މަހުގެ ނުހިފިވާ ރޯދައާއި މެދު ޢަމަލުކުރަންޖެހޭ ގޮތް ޤުރުއާނުގައިވެސް މާތްﷲ އަންގަވާފައިވެއެވެ. ބަޤަރާ ސޫރަތުގެ 184 ވަނަ އާޔަތުގައި ﷲ ވަޙީކުރައްވަނީ:
فَمَن كَانَ مِنكُم مَّرِيضاً أَوْ عَلَى سَفَرٍ فَعِدَّةٌ مِّنْ أَيَّامٍ أُخَرَ
މާނައަކީ: ''ފަހެ ތިޔަބައި މީހުންގެ ތެރެއިން ބަލިވެ އުޅޭ މީހާ ނުވަތަ ދަތުރެއްގެ ތެރޭގައި ވާ މީހާ، އެހެން ދުވަސްތަކަކުން އެ ޢަދަދު ފުރިހަމަ ކުރުން ހުއްޓެވެ.''

ޖެހިގެން އަންނަ ރަމަޟާން މަސް އަންނަ އިރުވެސް އުޒުރަކާއި ނުލައި ރޯދަ ޤަޟާ ނުކުރުން އެއީ ފާފަވެރިވާނެ ކަމަށް ޢިލްމުވެރިން ވިދާޅުވެއެވެ. ބަޤަރާ ސޫރަތުގެ 184 ވަނަ އާޔަތުގައި "އެހެން ދުވަސްތަކަކުން"ނޭ ވަހީކުރައްވާފައިވާ ބަސްފުޅުގެ މުރާދަކީ ކޮބައިބާއެވެ؟

ރޯދަ ޤާޟާ ކުރުމުގެ ފަހުގެ މުހުލަތާއި ބެހޭ ގޮތުން ދިއިސްލާމްއިން ސުވާލުކުރުމުން ޝެއިޙް ޢަބްދުﷲ ސަޢުދާން ވިދާޅުވީ "ޤަޟާ ރޯދަ ހިފުމަށްވެސް ވަނީ މުއްދަތެއް ކަނޑައަޅިފައި. އެއީ އެއް ރޯދަމަސް ނިންމާފައި އަނެއް ރޯދަ މަސް އައިސް ޖެހުމުގެ ކުރިން. އޭގެ މުއްދަތަކީ އެއީ."ކަމަށެވެ. އަދި "ފަރުޟު ނަމާދަށް ވަގުތު ކަނޑައެޅިފައިވާ ގޮތަށް ޤަޟާ ރޯދަ ހިފުމަށްވެސް ވަނީ ވަގުތެއް ކަނޑައެޅިފައި."ކަމަށްވެސް ޝެއިޙް ސަޢުދާން ވިދާޅުވިއެވެ.

ނުހިފާ ހުރި ރޯދަތައް ކޮންމެހެން ހިފަންޖެހޭނެތޯ؟

ރަމަޟާން މަސް ކުރިމަތިވާއިރު ގިނަ ބަޔަކު ފާއިތުވި ރަމަޟާން މަހު ނުހިފިވާ ރޯދަ އާއި މެދު ކުރާ ސުވާލު އިތުރުވެގެންދެއެވެ. ނުހިފާ ހުރި ރޯދަތައް ކޮންމެހެން ހިފަންޖެހޭނެތޯ؟ އެރޯދަތައް ނުހިފާވާނެ ގޮތެއް ނެތްތޯ؟ ކައްފާރާއެއްދީފައި ނިންމާލެވޭނެ ގޮތެއް ނޯންނާނެތޯ؟ އޭރު ރޯދަ ނުހިފުނީ ފަރުވާކުޑަވެގެން ކަމަށާއި އެހެންވިއްޔާވެސް އެރޯދަ ހިފަން ޖެހޭނެތޯ؟ މިފަދަ އެތައް ސުވާލެއް ކުރިމަތި ކުރުވައެވެ.

މިސުވާލުތަކަށް ޖުމްލަކޮށް ޝައިޚް އަބްދުﷲ ސަޢުދާން ޖަވާބު ދެއްވިއެވެ. "ރޯދަ ނުހިފުމުގައި ދެ ހާލަތެއްވޭ. ފުރަތަމަ ހާލަތަކީ އުޒުރެއް ދިމާވުން. އެއީ ބަލި ޙާލަތުގެ ސަބަބުން ނުވަތަ ދަތުރުވެރިއެއްގެ ގޮތުގައި އޭނާ ވަނިކޮށް ރޯދަމަސް އޭނާއާއި ބައްދަލު ކުރުން. މި ޙާލަތުގައި ޢިލްމުވެރިން ވިދާޅުވަނީ އޭނާ ދަތުރު ނިމުމުން ނުވަތަ ބަލި ރަނގަޅު ވުމުން ނުހިފި ހުރި ފަރުޟު ރޯދަތައް ޢިއާދަ ކުރުމުން ފުދިގެންދާނެ ކަމަށް. އޭނާ އަށް އުޒުރަކާ ހުރެ ގެއްލިފައިވާ ރޯދަ ހިފުން ނޫން ކައްފާރާއެއް އޭނާ އަކަށް ނުވާނެ."ކަމަށެވެ.

ކައްފާރާ!

ރޯދަ ނުހިފޭ މީހާގެ އަނެއް ހާލަތަކީ ކޮބައިތޯއެވެ. އެއީ ޤަސްދުގައި ރޯދަ ދޫކޮށްލުމެވެ. އުޒުރަކާއި ނުލައި، ރަމަޟާން މަހުގެ ރޯދަ ދޫކޮށްލުން ހުއްދަ ނުވާނެކަން ޔަގީނެވެ. "އަނެއް ހާލަތަކީ ފަރުވާ ކުޑަވެގެން ރޯދަ ނުހިފުން. މިހާލަތުގައި ޢިލްމުވެރިން ވިދާޅުވަނީ އޭނައަށް ތިން ކަމެއް ލާޒިމްވެޔޭ. ފުރަތަމަ ކަމަކީ އޭނަ އެރޯދަ އަނބުރާ ޤަޟާ ކުރަން ޖެހޭ، ހުރިހާ ޢިލްމުވެރިންވެސް މިކަމަށް އިއްތިފާގުވޭ. މިއާއި އެކު ދަވަނަ ކަމަކީ އޭނަ ޤަސްދުގައި ރޯދަ ދޫކުރުމުން ފާފަވެރިވާނޭ. އެހެންކަމުން އޭނާ ޖެހޭނެ ތައުބާވާން. ﷲގެ ހަސްރަތުން ފާފަ ފުއްސެވުމަށް އެދި ދަންނަވަން ޖެހޭ. އެކަމަށް ހިތާމަކުރަން ޖެހޭނެ." ކަމަށް ޝައިޙް ޢަބްދުﷲ ސަޢުދާން ވިދާޅުވިއެވެ.

މިމައްސަލާގައި އިތުރަށް ޝައިޙް ސަޢުދާން ވިދާޅުވީ "ގަސްދުގައި ރޯދަ ދޫކޮށްފި ނަމަ ރޯދަ ޤަޟާ ކުރުމުގެ އިތުރުން ކައްފާރާއެއް ވޭތޯ ނުވަތަ ނޫންތޯ. މިކަމާއި މެދު ޢިލްމުވެރިންގެ މެދުގައި ހިޔާލު ތަފާތުވޭ. އެއްބައި ޢިލްމުވެރިން ވިދާޅުވަނީ ކައްފާރާ ވާކަމަށް. އެހެނަސް އަނެއްބައި ޢިލްމުވެރިން ވިދާޅުވަނީ ނޫނެކޭ އޭނާގެ މައްޗަށް ކައްފާރާއެއް ނުވެޔޭ. ރޯދާ ހިފުމުން އޭނަގެ މަތިން ފިލައިގެންދާނޭ. އެހެންކަމުން އޭނާ ރޯދަ އަނބުރާ ހިފުމުން އޭނައަށް ފުދިގެންދާނެ."ކަމަށެވެ.

ރޯދަ ދޫކުރީ ބަލިވެގެން

ދެން އޮތީ ބަލިހާލުގައި ސަބަބުން ގެއްލިފައިވާ ރޯދަ އާއި މެދު ޢަމަލުކުރަންޖެހޭ ގޮތުގެ ވާހަކައެވެ. ރަމަޟާން މަސް ނިމި އަނެއް ރަމަޟާން މަހާއި ބައްދަލުވާއިރުވެސް އެބަލި ފަސޭހަވެގެން ހިފޭނެކަމުގެ އުންމީދު ނެތް ނަމަ ޢަމަލުކުރަންޖެހޭނީ ކިހިނެއް ހެއްޔެވެ؟ މިސުވާލަށް ޝައިޚް މުޖްތަބާ ޖަވާބުދެއްވިއެވެ.
"ރަނގަޅުވާނެ ކަމުގެ އުންމީދެއް ނެތް ބައްޔެއް ޖެހިފައިވާ މީހުންނާއި މުސްކުޅިކަމުން ރޯދަ ނުހިފޭ މީހުންނަށް އޮތް ގޮތަކީ ރަމަޟާން މަހު ގެއްލޭ ކޮންމެ ރޯދަ އަކަށް ނިޞްފު ޞާޢަ އެއްގެ މިންވަރުން މިސްކީނަކަށް ކާން ދިނުން. އެއީ މިޒަމާނުގެ މީޒާނުން ވަޒަންކުރާނަމަ ޢިލްމުވެރިން ވިދާޅުވަނީ އެއީ 1.5 ކިލޯ ގްރާމްކަމަށް. އެބަޔަކު އާންމުކޮށް ކައި އުޅޭ ކާބޯތަކެތިން ކާންދިނުން. މިސާލަކަށް މުޅި ރަމަޟާން މަހު ރޯދަ ނުހިފޭނަމަ 30 ދުވަހު މިސްކީނަކަށް އެމިންވަރުން ކާންދިނުން."ކަމަށެވެ.

ޝައިޚް މުޖުތަބާ އިތުރަށް ވިދާޅުވީ "މިސްކީނުންނަކީ ލިބޭ އާމްދަނީ އިން ދެކޮޅު ނުޖެހޭ މީހުން ޝަރީއަތުގައި މިސްކީނުންގެ ގޮތުގައި ބެލެވޭނެ. އެގޮތުން މިސްކީނުންތެރޭގައި އަޅުގަނޑުމެން ޤައުމުގައި ބަލާނަމަ ބޭރުން އައިސް އުޅޭ މުސްލިމު މަސައްކަތު މީހުންވެސް ބެލެވޭނެ." ކަމަށެވެ. އަދި "މިސްކީނުންނަށް ކާންދިނުމުގައި ޢަމަލު ކުރެވިދާނެ ދެ ގޮތަކަށް. 30 މިސްކީނުންނަށް އެއް ދުވަހުން ކާންދިނުމުންވެސް ފުދޭނެ. ނުވަތަ 30 ދުވަހުން ދުވާލަކު މީހަކަށް ކާންދިނުންވެސް މައްސަލައެއް ނެތް."ކަމަށްވެސް ޝެއިޙް މުޖުތަބާ ވިދާޅުވިއެވެ.

ބަލިހާލު ހުރި ގޮތުން ރޯދަ ނުހިފިވާ މީހާ އަކީ މިސްކީނަކަށް ވާނަމަ...

"ބަލިހާލު ހުރި ގޮތުން ރޯދަ ނުހިފިވާ މީހާ އަކީ މިސްކީނަކަށް ވާނަމަ އޭނާ އަށް ނެތީ އެހެން މީހަކަށް ކާން ދިނުމުގެ ކުޅުދާނަކަން. އެހެންނަމަ އެމީހަކު ނުޖެހޭނެ އެއްވެސް ކަމެއް ކުރާކަށް. އޭނަގެ ކިބައިން އެ ތަކުލީފުވަނީ އެހިސާބުން ފިލައިގެން ގޮސްފައި. އެމީހަކަށް ކުޅަދާނަވެގެން ނުވާކަމަށް އިސްލާމްދީނުގައި އެމީހަކަށް ނުޖައްސަވާނެ."ކަމަށްވެސް ޝެއިޚް މުޖްތަބާ ވިދާޅުވިއެވެ.

އެހެންކަމުން ފާއިތުވި ރަމަޟާން މަހުގެ ރޯދަ އަނެއް ރަމަޟާން މަސް އަންނައިރުވެސް އެއްވެސް ޢުޛުރަކާއިނުލައި ގަޟާ ނުކޮށް ލަސްނުކުރައްވާށެވެ. އެންމެ މަތިވެރި އަޅުކަމުގެ ތެރޭގައި ހިމެނޭ އެއް އަޅުކަމަކީ ރޯދަ ހިފުމެވެ. އެރޯދަ ހިފުމުގައި ފަރުވާކުޑަ ނުކުރައްވާށެވެ. ވީހާވެސް އަވަހަށް ޤަޟާ ކުރަންޖެހޭ ރޯދަ ހިފުމަށް އަވަސްވެގަންނާށެވެ. ރަމަޟާން މަހާއި ބައްދަލުވާއިރު އަދާކުރަންޖެހޭ ރޯދައިގެ ދަރަނިން ސަލާމަތްވެ ރަމަޟާންމަހާއި ކުރިމަތިލަމާހެވެ. އަޅަމެންނަށް ރަމަޟާން މަހާއި ބައްދަލުވުމުގެ ތައުފީގު ދެއްވާށިއެވެ. އާމީން!

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *

More in ރިޕޯޓް