ދުނިޔެ ޣާޒާއިން ކޮވިޑް 19 އަށް ދެމީހަކު ފައްސިވެއްޖެ، ރައްޔިތުން ތިބީ ބިރުން

ޣާޒާއިން ކޮވިޑް 19 އަށް ދެމީހަކު ފައްސިވެއްޖެ، ރައްޔިތުން ތިބީ ބިރުން

ޣާޒާއިން ކޮވިޑް 19 އަށް ދެމީހަކު ފައްސިވެއްޖެ، ރައްޔިތުން ތިބީ ބިރުން

ކިޔާލަން ހޭދަވާނީ 3 މިނިޓް

ފޮންޓް ސައިޒް

ދުނިޔޭގެ ކަންކޮޅުތަކުގައި ހަލުވިކަމާއެކު ފެތުރެމުންދާ ނުރައްކާތެރި ކޮވިޑް19 ޖެހިފައިވާ ދެމީހަކު ފަލަސްތީނުގެ ޣާޒާއިން ފެނިއްޖެއެވެ.

އާދިއްތަދުވަހު ޣާޒާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޑެޕިއުޓީ ހެލްތް މިނިސްޓަރ ޔޫސުފް އަބޫ އަލްރެއިޝް ވިދާޅުވީ ކޮވިޑް19 ފެނިފައިވަނީ ޕާކިސްތާނުންއައި ދެމީހުންގެ ގައިން ކަމަށާއި އެދެމީހުން ރަފާ ބޯޑަރު ހުރަސްކުރުމާއެކު ބަލީގެ ނިޝާންތައް ފެނުމުން ބުރާސްފަތި ދުވަހުން ފެށިގެންވަނީ ކަރަންޓީނު ކޮށްފައިކަމަށާއި މިހާރު ދެމީހުންވެސްވަނީ ހޮސްޕިޓަލަށް ބަދަލުކޮށްފައި ކަމަށެވެ.

2007 ވަނަ އަހަރުން ފެށިގެން ހައްދުފަހަނަ އަޅާފައިވާ ހަރުކަށި ޔަހޫދީ ދައުލަތްކަމަށްވާ އިޒްރޭލުން ހިޞާރުކޮށްފައިވާ ޣާޒާގައި 2 މިލިއަނަށްވުރެ ގިނަމީހުން ދިރިއުޅެއެވެ.

ކޮވިޑް19 ޖެހިފައިވާ 2 މީހުން ފެނުމާއެކު ހަމާސް ޖަމާއަތުންވަނީ ޣާޒާގެ ކެފޭތަކާއި ރެސްޓޯރެންޓްތައް ބަންދުކުރަން ނިންމާފައެވެ. އަދި މުއްދަތެއް ނެތް ގޮތަށް ހުކުރު ނަމާދުކުރުންވެސްވަނީ ޣާޒާގައި ހުއްޓާލާފައެވެ.

އަހަރުމެން މިތިބީ ވަރަށް ބިރުން

މާޗް މަހުގެ 15 އިން ފެށިގެން ޣާޒާއަށް އެތެރެވާ މީހުން ކަރަންޓީނު ކުރުމަށް އަންނަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަމުންނެވެ. އެގޮތުން ސްކޫލްތަކާއި ހޮޓާތައް ހިމެނޭ ގޮތަށް 20 ތަނެއް ކަރަންޓީނު ފެސިލިޓީގެ ގޮތުގައި ހަމަޖައްސާފައިވާއިރު އެތަންތަނުގައި 1200 އަށްވުރެ ގިނަ މީހުން ކަރަންޓީނުކޮށްފައިވާ ކަމަށް ފަލަސްތީނުގެ ހެލްތް މިނިސްޓްރީއިން ހާމަކުރެއެވެ. އެހެން ނަމަވެސް ކަރަންޓީނު ފެސިލިޓީގެ ގޮތުގައި ބޭނުންކުރާ ތަންތަނުގެ ސާފުތާހިރުކަން ކުޑަވުމާއި ގިނަ މީހުންތަކެއް އެއްތަނެއްގައި ބަންދުވެފައި ތިބެން ޖެހުމުގެ ސަބަބުން އެކަމުގެ ކަންބޮޑުވުންތައް ކަރަންޓީނުކޮށްފައި ތިބި މީހުން އަންނަނީ ހިއްސާ ކުރަމުންނެވެ.

މިތަނުން އެކަކީ އުއްމު މުހައްމަދު ޚަލީލްއެވެ. އޭނާވަނީ އޭނާގެ ވާހަކަ އަލްޖަޒީރާއާއި ހިއްސާކޮށްފައެވެ.

އުމުރުން 49 އަހަރުގެ އުއްމު ކުޑަދުވަސްކޮޅަކަށް މިޞްރަށް ގޮސް އެނބުރި ޣާޒާއަށް އައިސްފައިވަނީ މިދިޔަ ހަފްތާގައެވެ. ވައިރަހާއި ގުޅިގެން ޣާޒާގައި އަމަލުކުރަމުންދާ ގޮތުގެ މަތިން އުއްމުވެސްވަނީ ކަރަންޓީނުކޮށްފައެވެ. އުއްމު ކަރަންޓީނުކޮށްފައިވާ ސްކޫލްގައި 50 މީހުން ކަރަންޓީނުކޮށްފައިވާއިރު ކޮޓަރިއެއްގައި 7 މީހުން އުޅެއެވެ. ގިނަ މީހުން އެއްތަނެއްގައި އުޅެންޖެހުމާއި ސާފުތާހިރުކަން ކުޑަވުމާއެކު އިތުރު ބިރުވެރިކަމެއް ލިބިގެންދިޔައީ ކޮވިޑް19 ޖެހިފައިވާ 2 މީހަކު ޣާޒާއިން ފެނުނު ޚަބަރާއެކުއެވެ.

"އަހަރުމެން މިތިބީ ވަރަށް ބިރުން. އަހަރުމެން ތެރޭގައިވެސް ވައިރަހުގެ އަސަރުހުރި މީހަކު ނެތްކަމެއްވެސް ނޭނގެ. ޣާޒާގެ ރައްޔިތުންވަނީ ކެތްތެރިކަމާއެކު އެތައް ހަނގުރާމައަކާއި އެތައް ކާރިސާއެއް ތަހައްމަލްކޮށްފައި. އެކަމަކު މިބަލިމަޑުކަމާއި ކުރިމަތިލާގެ ގޮތެއްވެސް ނޭނގެ. އަހަރުމެން މިތިބީ ވަރަށް ބިރުން"

2007 އިން ފެށިގެން ޣާޒާ "ކަރަންޓީނު" ގައި

އެއްގަމާއި ކަނޑާއި ވައިގެ މަގުން 13 އަހަރު ވަންދެން އިޒްރޭލުން ޣާޒާ "ކަރަންޓީނު" ކޮށްފައިވާއިރު ރައްޔިތުންނަށް ސިއްޚީ ޚިދުމަތް ފޯރުކޮށްދިނުމަށް ބޭނުންވާނެ ވަސީލަތްތައް އެތެރެކުރުމުގެ ހުރިހާ މަގުތަކެއްވަނީ ބަންދުވެފައެވެ. 2007 ވަނަ އަހަރުން ފެށިގެން އިޒްރޭލުން ޣާޒާގެ ރައްޔިތުންނާއި ދެކޮޅަށް 3 ހަނގުރާމައެއް ކޮށްފައިވާއިރު މިހަނގުރާމަތަކުގައި ދިން ހަމަލާތަކުގައި ޣާޒާގެ ސިއްޚީ ޚިދުމަތްދޭ ގިނަ ތަންތަނާއި އިންޖީނުގެތައްވަނީ ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައެވެ. ޣާޒާގެ ގެތަކަށާއި އޮފީސްތަކާއި ސިއްޚީ ޚިދުމަތްދޭ ތަންތަނަށް ކަރަންޓް ލިބެނީ ދުވާލަކު 4 ގަޑިއިރާއި 6 ގަޑިއިރާއި ދެމެދުގެ ވަގުތެއްގައެވެ.

ދިމާވެދާނެ ސިއްޚީ ކާރިޘާއަކަށް ޚިދުމަތްދޭނެ ޤާބިލުކަން ޣާޒާގެ ސިއްޚީ ނިޒާމުގައި ނެތްކަމަށް ދުނިޔޭގެ ސިއްޚަތު ޖަމިއްޔާއިންވެސް ވަނީ އިންޒާރުކޮށްފައެވެ.

ޣާޒާގެ ހެލްތް މިނިސްޓްރީގެ ފަރާތުން ލެބޯޓްރީގައި ޝައްކުކުރެވޭ މީޙުންގެ ސަމްޕަލް ޓެސްޓްކުރުމުގައި އުޅުއްވާ ޑރ އައިމަން އަލް ހަލަބީ ވިދާޅުވީ ކޮވިޑް19 ގެ ބަލިމަޑުކަމަށް ކުރިމަތިލުމަކީ ބޮޑު ގޮންޖެހުމަކަށް ވެގެންދާނެ ކަމަށެވެ.

"ދުނިޔޭގެ ބޮޑެތި ވަރުގަދަ ބާރުތައް މިއާއި (ކޮވިޑް19) ހަނގުރާމަކުރުމަށް ނުކުޅެދިފަވާއިރު ޣާޒާއިން އެކަންކުރާނީ ކިހިނެއް؟" ޑރ އައިމަން ވިދާޅުވިއެވެ.

 

ޓެގް

ދިއިސްލާމް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.