ރިޕޯޓް

ކޮވިޑް19 އާއި ގުޅިގެން އަޒްހަރުގެ ބަޔާނުގައިވާ މުހިންމު ކަންކަން!

ކޮވިޑް 19 އާއި ގުޅިގެން ދުނިޔޭގެ އިސްލާމީ އިދާރާތަކުން ދަނީ ބަޔާންތައް ނެރެމުންނެވެ. ދީނީ ގޮތުން އިރުޝާދު ދިނުމުގެ ގޮތުން ތަފާތު ނިންމުންތައް ދަނީ ނިންމާ އާންމުކުރަމުންނެވެ. އެގޮތުން އަޒްހަރުގެ ބޮޑެތި ޢިލްމުވެރީންގެ އިދާރާ އިން ވަނީ މާރޗް 15 ގައި ބަޔާނެއް ނެރެފައެވެ. އެބަޔާނުގައިވާ މުހިންމު ކަންކަން ދިވެހިންނަށް އެނގުން މުހިންމެވެ.

އެއިދާރާއިން ނެރުއްވި ބަޔާން ބުނާގޮތުގައި ބަލި މީހުންނާއި މުސްކުޅިންގެ މައްޗަށް ގޭގައި ތިބުން މިއަދު ވާޖިބުވާނެއެވެ. އަދި ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން ކުރާ އެންމެހާ އަމުރުތަކަށް ޢަމަލުކުރުން އެންމެހާ ރައްޔިތުންގެ މައްޗަށް ވާޖިބުވާނެއެވެ. ރަސްމީ ތަފާސްހިސާބުތަކުން މި ބަލި ޢާލަމީ ވަބާއަކަށް ވެފައިވާ ކަން އެނގޭތީ ހުކުރުނަމާދަށާއި ފަރްޟު ނަމާދުގެ ޖަމާޢަތްތަކަށް ޙާޟިރުވުމާ ދުރުހެލިވާން ޖެހޭނެއެވެ. މި ބަލީގެ ސަބަބުން މަރުވަމުންދާ މީހުންގެ ޢަދަދުންނާއި ބަލި ޖެހެމުންދާ މީހުންގެ ޢަދަދުންނާއި ބަލި ފެތުރެމުންދާލެއް ހަލުވިކަމުންނާއި މި ބައްޔަށް އަދި ފަރުވާއެއް ފެނިފައިނުވާނުވުމުން މި ވަބާގެ ނުރައްކާތެރިކަން އެނގެއެވެ.

އަޒްހަރުގެ ބޮޑެތި ޢިލްމުވެރީންގެ ބަޔާން ބުނާގޮތުގައި ކޮންމެ ދައުލަތަކުން ވެސް މި ވަބާއާ ދެކޮޅަށް އެޅެން އޮތް އެންމެހާ ފިޔަވަޅުތަކާއި ކުރެވެން އޮތް އެންމެހާ ކަންތައްތަކާއި އިޖްރާއާތުތައް އަޅަން ޖެހޭނެއެވެ. އިސްލާމީ އުއްމަތުގެ ޢިލްމުވެރިން ވިދާޅުވެފައިވާ ގޮތުގައި ކަމެއް ވެދާނެކަމަށް ނިމުތު ކުރެވުމަކީ ކަމެއް ވުމާ އެއްފަދަ ކަމެކެވެ. ކަމެއް ހިނގައިފާނެކަމަށް ބެލެވޭނަމަ އެ ކަމުގެ ޙުކުން އެ ހިނގައިފާނެކަމަށް ބެލެވޭ ކަމަކަށް އޮންނާނެއެވެ. އިސްލާމީ ޝަރީޢަތުގެ އެންމެ މުހިއްމު ލަޑުދަނޑިތަކުގެ ތެރޭގައި ހަށިގަނޑު ރައްކައިތެރިކުރުން ވެއެވެ.

އަޒްހަރުގެ މި ބަޔާން ބުނާގޮތުގައި ވަބާއިން ސަލާމަތްވުމަށް ޓަކައި ހުކުރު ނަމާދު ޤާއިމުނުކުރުމާއި ޖަމާޢަތުގެ ނަމާދު ޤާއިމުނުކުރުމަށް އިސްލާމްދީން ގޮވައިލައެވެ.

ބުޚާރީއާއި މުސްލިމުގައި ރިވާވެގެން ވެއެވެ. ((ވަރަށް ވިއްސާރަ ދުވަހަކު އިބްނު ޢައްބާސުގެފާނު ބަންގި ގޮވާ މުދިމަށް ވިދާޅުވިއެވެ. ތިބާ (( أَشْهَدُ أَنَّ مُحَمَّدًا رَسُولُ اللهِ)) ކިޔައިފާ (حَيّ عَلَى الصَّلاَةِ) ނުކިޔާށެވެ! އަދި ކިޔާށެވެ!

(صَلُّوا فِي بُيُوتِكُمْ – ތިޔަބައިމީހުން ތިޔަބައިމީހުންގެ ގޭގައި ނަމާދުކުރާށެވެ!) މީސްތަކުން އެކަމާ ދެކޮޅުހެދުމުން އިބްނު ޢައްބާސުގެފާނު ވިދާޅުވިއެވެ. މަށަށްވުރެ ހެޔޮކަން ބޮޑު ބޭކަލަކު އެގޮތަށް ވަނީ ޢަމަލު ކުރައްވައިފައެވެ. ހަމަކަށަވަރުން ހުކުރުނަމާދަކީ ޢަޒީމާއެކެވެ. ތިމަން ކަލޭގެފާނު ތިޔަބައިމީހުންނަށް ބުރައެއް ޖައްސުވާކަށް އެދިވަޑައެއް ނުގަންނަވަމެވެ. ތިޔަބައިމީހުން ޗަސްބިންތަކާއި ކިސަޑުތަކުގެ ތެރޭގައި އެ ނަމާދަށް ދިޔުމަށް އެދިވަޑައެއް ނުގަންނަވަމުއެވެ.))

މި ބަސްފުޅުން އެނގޭގޮތުގައި ވާރޭގެ ސަބަބުން ޖަމާޢަތަށް ނަމާދަށް ދިޔުމަށް ބުރަވާތީ ނުދިޔުމުގެ ހުއްދަ މި ވަނީ ދެއްވައިފައެވެ. ވާރޭގެ ނުރައްކާތެރިކަމަށްވުރެ ކޮރޯނާ ވަބާގެ ނުރައްކާތެރިކަން މާ ބޮޑެވެ. ހުކުރު ނަމާދުގެ ބަދަލުގައި ކުރާނީ މެންދުރު ނަމާދެވެ. ގޭގައި ނުވަތަ ބައިބޯ ކަމެއްނެތް ކުޑަ ޖަމާޢަތެއްގައެވެ.

• އަޒްހަރުގެ ބަޔާނުގައި ހަނދާންކޮށް ދެއްވައިފައިވާ 4 ކަމެއް ވެއެވެ. އެއީ
ހ – ޖަމާޢަތުގައި ނަމާދު ނުކުރިޔަސް ކޮންމެ ވަގުތަކަށް ބަންގި ގޮވުން.
ށ- ގޭގައި އުޅޭ މީހުން ގޭގައި ޖަމާޢަތް ހަދައިގެން ނަމާދު ކުރުން.
ނ- ކަމާބެހޭ އިދާރާތަކުން އަންގާ އެންގުންތަކަށް ކިޔަމަންގަތުމާއި ދޭ އިރްޝާދުތަކަށް ތަބާވުން.
ރ- މި ވަބާއިން ސަލާމަތްކޮށްދެއްވުން އެދި މާތް ﷲއަށް ދުޢާދެންނެވުން އިތުރު ކުރުމާއި ހެޔޮފޯރުވުން ގިނަކުރުން.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *

More in ރިޕޯޓް