ރިޕޯޓް ދިވެހި ޤައުމު ކުނިން "ކުނި" ވުމުގެ ކުރިން ވިސްނަވާ!

ދިވެހި ޤައުމު ކުނިން "ކުނި" ވުމުގެ ކުރިން ވިސްނަވާ!

ދިވެހި ޤައުމު ކުނިން "ކުނި" ވުމުގެ ކުރިން ވިސްނަވާ!

ކިޔާލަން ހޭދަވާނީ 4 މިނިޓް

ފޮންޓް ސައިޒް

ސާފުތާހިރުކަމަކީ އިންސާނާގެ ދިރިއުޅުމަށް ވަރަށް ބޭނުންތެރި އަދި އެހާމެ މުހިންމު އަސާސެކެވެ. އަމިއްލަ ސާފުތާހިރުކަމުން ފެށިގެން ގޮސް ތިމާ އުޅޭ ގެއާއި ގޯތިތެރެ އާއި ފެންވަރާ ފާޚާނައިގެ އިތުރުން ތިމާ ހިނގާ ބިނގާވެ އުޅޭ މަގުތަކާއި ދިރިއުޅޭ ރަށް ވެސް ސާފުތާހިރުކޮށް ބޭއްވުމަކީ މުހިންމު ކަމެކެވެ. ސާފުތާހިރު މީހެއް، ގެއެއް، ނުވަތަ ރަށެއް ނަމަވެސް އެ މީހަކަށް، އެ ގެއަކަށް ނުވަތަ އެ ރަށަކަށް އިންތިހާއަށް މީހުންގެ ތަޢުރީފު ލިބިގެންދެއެވެ. އަދި ސާފުތާހިރުކަމެއް ނެތް ނަމަ، މީހުން ފޫހިވެ ނަފްރަތު ކުރެއެވެ. ނަމަވެސް ތަނެއް ނުވަތަ ރަށެއް ވިޔަސް ސާފުތާހިރު ކުރަނީ ވެސް އަދި ކުނި އަޅާ ހަޑި ކުރަނީ ވެސް ހަމަ އަޅުގަނޑުމެން އެތަނެއްގައި ދިރިއުޅޭ މީހުންނެވެ. ރަށެއްގެ ސާފުތާހިރުކަމުން ރަމްޒު ކޮށްދެނީ އެ ރަށެއްގެ މީހުން ކުންޏާ މެދު ތަހުޒީބު ވެފައިވާ މިންވަރެވެ.

އަޅުގަނޑުމެންގެ ދިވެހި މުޖުތަމަޢަށް ނަޒަރު ހިންގާލާއިރު ސާފުތާހިރުކަމާ ފުށުއަރާ ވަރަށް ގިނަ ކަންތައްތައް ފެންނަން އެބަ ހުއްޓެވެ. މިއީ ތިއައިގެ ތެރެއިން ބައެއް ބޭފުޅުން ހިތްހަމަނުޖެހޭ ވާހަކަޔަކަށްވި ނަމަވެސް މި ވާހަކަ ދެއްކުން ވަރަށް މުހިންމެވެ. އާދެ! ބޭރަށް ނިކުމެ ބަލައިލުމުން ފެންނަނީ އަޅުގަނޑުމެންގެ ރީތި މި ރަށްތަކުގެ މަގުތަކާއި ބަނދަރުތަކާއި އަތިރިމަތިތަކާއި މޫދަށް ކުނި އަޅާފައިވާ މަންޒަރެވެ. މިއީ ޙަޤީޤަތުގައި ލަދުގަންނަންޖެހޭ ފަދަ ނާތަހުޒީބީ ޢަމަލެކެވެ. އިޞްލާޙު ކުރަން ވެއްޖެ ކަމެއްވެސް މެއެވެ.

ކުނި އަޅާ ވާހަކަ މި ދެކެވޭ ދަނޑިވަޅުގައި ފާހަގަކޮށްލަންޖެހޭ މުހިންމުކަމަކީ، ކުނި އަޅަނީ އަޅުގަނޑުމެން އާންމު ފަރުދުން ފިޔަވާ އިތުރު ބައެއް ނޫންކަމެވެ. އެ ގޮތުން އަޅުގަނޑުމެންގެ ތެރޭގައި ތިން ވައްތަރެއްގެ މީހުން އުޅެއެވެ. ފުރަތަމަ ވައްތަރުގެ މީހުންނަކީ ވަށައިގެން ޑަސްބިން ފެންނަން ހުރި ނަމަވެސް މަގުތަކާއި އަތިރިމަތިތަކަށް ކުނި އަޅާ މީހުންނެވެ. މި ފަދަ މީހުން ތަންތަނަށް ކުނި އަޅާކަށް ލަދެއް ނުގަންނާނެއެވެ. އަދި ކުނި އެޅުމަކީ މައްސަލައެއް ކަމުގައި ވެސް ނުދެކޭނެއެވެ. އަދި ކުނި އެޅުމަކީ ރަނގަޅު ކަމެއް ނޫންކަން ބުނެދިނަސް މި ފަދަ މީހުން ކުނި އެޅުމުގައި ފަހެއް ނުޖެހޭނެއެވެ. ދެވަނަ ވައްތަރުގެ މީހުންނަކީ ޑަސްބިން ފެންނަން ހުރި ނަމަ، ޑަސްބިނަށް ކުނި އަޅާ މީހުންނެވެ. މި ވައްތަރުގެ މީހުން ޑަސްބިން ފެންނަން ނެތް ނަމަ މަގުތަކާއި އަތިރިމަތިތަކާއި އަދި މޫދަށް ކުނި އަޅާކަށް ފަހެއް ނުޖެހޭނެއެވެ. އެހެން ނަމަވެސް ޑަސްބިން ފެންނަން ހުރި ނަމަ، އެ ޑަސްބިނުގެ ފުރިހަމަ ބޭނުން ކުރާނެއެވެ. އެހެނަސް ދުރު ހިސާބަކަށް ދަތުރުކޮށް ކުނި ޑަސްބިނަށް ކުނި އެޅުމަށްޓަކާ މާ ބޮޑު މަސައްކަތެއް ނުކުރާނެއެވެ. ތިންވަނަ ވައްތަރުގެ މީހުންނަކީ މަގުތަކާއި އަތިރިމަތި ތަކަށް އެއްގޮތަކަށް ވެސް ކުނި ނާޅާ މީހުންނެވެ. މިފަދަ މީހުން، ދުރު ހިސާބުތަކަށް ދަތުރުކޮށްވިޔަސް ކުނި އަޅާނީ ޑަސްބިނަށެވެ. މި ފަދަ މީހުންގެ ނަޒަރުގައި ތަންތަނަށް ކުނި އެޅުމަކީ ވަރަށް ނާތަހުޒީބީ އަމަލެކެވެ. ދިވެހި މުޖުތަމައަށް ބޭނުންވަނީ "ތިންވަނަ" ކެޓަގަރީއަށް ނިސްބަތްވާ ފަދަ މީހުންކަމާމެދު އެއްވެސް ޝައްކެތް ނެތެވެ.

މި ދިވެހި ރާއްޖޭގެ މަދު ރަށެއް ފިޔަވާ އެހެން ރަށްތަކަށް ނަޒަރު ހިންގާލުމުން ފެންނަނީ ވަށައިގެން ކުނި އަޅާފައިވާ މަންޒަރެވެ. ބައެއް ރަށްރަށް ފެނުމުން ސަހަރޯ ހީވާ ވަރުވެއެވެ. ޙަޤީޤަތުގައި ވެސް މި ރަށްރަށުގައި އުޅެނީ އިންސާނުންބާއޭ ސުވާލު އުފެދެއެވެ. މަގުތައް ވަނީ ކުނިން ތޮއްޖެހިފައެވެ. ހޮޅުއަށިތައްދަށާއި ޖޯލިފަތިތަކުގެ ދަށް ވަނީ ސިނގެރޭޓް ފިލްޓަރާއި، ސުޕާރީ ތޮށިން ފުރިފައެވެ. އަތިރިމަތިތަކުން ދޮންވެލީގެ ބަދަލުގައި ފެންނަނީ ޕުލާސްޓިކް ޕެކެޓާއި ފުޅިއެވެ. ފިހާރަތަކުގެ އިންފާރު ފުރިފައިވަނީ ޕުލާސްޓިކް ކޮތަޅާއި ދަޅުފުޅިންނެވެ.  މިއީ އަދުގެ ހާލަތެވެ. ޤަބޫލުކުރަން ބޭނުންނުވި ނަމަ ވެސް ޙަޤީޤަތެވެ.

ވެރިރަށް މާލެއަށް ބަލައިލަމާތޯއެވެ. މާލެއަކީ އެހެން ރަށްރަށާއި ޚިލާފަށް ކުނި ނައްތާލުމަށް ޓަކާއި  އެތައް މުވައްޒަފުންނެއް ހަރަކާތްތެރިވާ ރަށެކެވެ. އެހެން ނަމަވެސް ނިސްބަތުން ކާރުބާރު އެންމެ ބޮޑު މާލޭގެ މަންޒަރު ވެސް ވަކި ތާހިރެއް ނޫނެވެ. އެހެނީ މަގުތަކުގެ ކަންމައްޗަށް ކުނި ފުނިފުނި ޖަހާލާފައިވާ މަންޒަރުފެންނައިރު ގޮނޑެއްތޯ ނުވަތަ ހިނގާބިނގާވެ އުޅޭ މަގެއްތޯ ސުވާލު އުފެދެއެވެ. ދުވާރު މައްޗަށް ތަޅާފަ ހުންނަ ރަތް ކުޅާއި އުކާފަ ހުންނަ ސިނގެރޭޓް ފިލްޓަރާއި ސުޕާރީ ތޮށި ފެނުމުން ހައިރާންވެ އަންތަރީސް ވާ ވަރުވެއެވެ. ދިވެހިން ތަހުޒީބުވެފައި މި ވަނީ ކޮން ހަމަޔަކުންތޯ ސުވާލު އުފެދެއެވެ. މި ފަދަ ހަޑި މުޑުދާރު ޢަމަލުތައް މި ކުރަނީ ހަމަ ޙަޤީޤަތުގައި ވެސް އިސްލާމީ މުޖުތަމައަކުން ކަމާ މެދު ޝައްކު އުފެދެއެވެ. އެހެނީ އިސްލާމްދީނުގައި ހަށިގަނޑުގެ ސާފުތާހިރުކަމުގެ އިތުރުން ތިމާ އުޅޭ މާހައުލު ސާފުތާހިރުކުރުމަށް ނުހަނު ބާރުއަޅައެވެ. ވީއިރު މި ފަދަ އެއްވެސް ނިޝާނެއް ހިނގާބިނގާވެ އުޅޭ މަގުތަކުން މި ނުފެންނަނީ ކީއްވެތޯއެވެ؟ ހަމަ ޔަޤީނުން ވެސް ކުނި އަމިއްލަޔަށް ހިނގާފައި އައިސް ކަންކަނުގައި ބިތެއް ނުޖެހޭނެއެވެ.

"ކުނި" މި މައުޟޫޢަށް ކުރެވޭ ބަހުސްތައް ކިތަންމެހާ ވެސް ގިނައެވެ. އެންމެން ވެސް ބަލަންވީ ރަނގަޅު ގޮތުގައި ކުނި ނައްތާލެވޭތޯއެވެ. ކުނި ނައްތާލުމަށް ކުރެވިދާނެ ކަންކަމާ މެދު ވިސްނާ ޢަމަލީ ސިފަގެނެވޭތޯއެވެ. އެ ގޮތުން ދިވެހި ރާއްޖެއަށް ނަޒަރު ހިންގާލުމުން މަގުތަކަށް ކުނި އުކުން އާންމުވެފައިވާ އެންމެ ބޮޑު އެއް ސަބަބަކީ މީހުން ހޭލުންތެރި ނުކުރެވުމެވެ. ކުނި އުކުމުން ޞިއްޙީގޮތުންނާއި އިޖުތިމާއީ ގޮތުން ލިބޭ ގެއްލުންތަކާ މެދު އާންމު ފަރުދުން ހޭލުންތެރި ކުރެވިއްޖެ ނަމަ، ހަމަ ޔަގީނުން ވެސް މަގުތަކާއި އާންމުން ދިރިއުޅޭ ސަރަހައްދުތަކަށް ކުނި އުކާ މިންވަރު ކުޑަވާނެއެވެ. ހަމައެހެންމެ ގިނަ ރަށްރަށާއި އަދި ވެރިރަށް މާލެއަށް ދިމާވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ ކުނި އަޅާނެ ޑަސްބިން ނެތުމެވެ. ޑަސްބިން ގިނަ ކުރެވިއްޖެނަމަ އެ ޑަސްބިނުގެ ބޭނުން ހިފާ މީހުން އިތުރުވާނެކަމާ މެދު ޝައްކެއް ނެތެވެ. އެހެނީ މިއީ ކުނި ޑަސްބިނާ ހަމައަށް ގެންދިއުމުގެ ތަކުލީފަށް ލުޔެއް ލިބިގެންދާނެ ފިޔަވަޅެކެވެ. އަދި މަގުމައްޗަށް ކުނި އެޅުމަށް ދައްކާ ބަހަނާއަށް ނިމުމެއް އަންނާނެ ކަމެއް ވެސް މެއެވެ.

އަޅުގަނޑުމެން މި ދިރިއުޅޭ ދިވެހި ޤައުމު ކުނިން "ކުނި" ވުމުގެ ކުރިން ވިސްނަވާށެވެ. އަދި ޢަމަލީ ގޮތުން ހެޔޮބަދަލެއް ގެނެސް ފަރުދީ ޒިންމާ އަދާކުރައްވާށެވެ. މިއީ ހަމައެކަނި ކުނިކަހާ މުވައްޒަފުންގެ ޒިންމާއެއް ކަމުގައި ނުދެކޭށެވެ. މިއީ ތިބާގެ ވެސް ރަށެވެ. ތިބާގެ ވެސް ޤައުމެވެ. މިއީ ތިބާގެ ވެސް ފަރުދީ ޒިންމާއެކެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.