ރިޕޯޓް ޢަލްމާނީން ދައްކާ ހުވަފެނަކީ ބިލާހެކެވެ

ޢަލްމާނީން ދައްކާ ހުވަފެނަކީ ބިލާހެކެވެ

ޢަލްމާނީން ދައްކާ ހުވަފެނަކީ ބިލާހެކެވެ

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ސެކިއުލަރިޒަމް ނުވަތަ ޢަލްމާނިއްޔަތަކީ، ދީނާއި ސިޔާސަތު ވަކިކުރުމެވެ. ދީނާއި ދަޢުލަތްވަކިކުރުމެވެ. އެއީ، ދީނުގައި ކަނޑައަޅާފައިވާ އިންތައް ފަހަނައަޅައި، މިސްކިތުން ނިކުތުމާއެކު ދީނާގުޅޭ ކަންތައްތައް ނިމިގެންދާ ފަލްސަފާއެކެވެ. މިއީ، ދީން ދިރިއުޅުމުގެ ނިޒާމުން ވަކިކުރަންއެދޭ ފިކުރެކެވެ. ދިރިހުރުމާއި މަރުވުން އެއްހަމަނުކުރެވޭ ފަދައިން، ލާދީނީ ޢަލްމާނިއްޔަތާއި އިސްލާމް ދީނަކީވެސް ފުށުއަރާ އެއްހަމަނުކުރެވޭނޭ ދޭއްޗެކެވެ.

މިއަދު އަޅުގަނޑުމެންގެ މިކުޑަ މުޖުތަމަޢުގައިވެސް ޢަލްމާނިއްޔަތުގެ ދަޅައިގައިޖެހިފައިވާ ދީނީ މަޢުލޫމާތުނެތް މަދުބަޔަކު އެބައުޅެއެވެ. މިމީހުން ދަޢުވާކުރާގޮތުގައި ޢަލްމާނިއްޔަތު ގޮވާލާގޮވާލުމަކީ ވެރިކަންހިންގުމުގެ ނިޒާމުން ދީން ވަކިކުރުން ކަމުގައިވިޔަސް، ހުރިހާ ފިކުރެއްގެ މީހުނާއިމެދު އެބަޔެއްގެ ފިކުރަށް ބެލުމެއްނެތި ހަމަހަމަކަމާއެކު އަމަލުކުރެވޭނެއެވެ. އަދި އެއްވެސް މީހަކު ޤަބުލުކުރާ ޤަބޫލުކުރުމެއްގެ ސަބަބުން އެމީހެއް ނިކަމެތިކޮށް އެމީހަކަށް މަލާމަތް ރައްދުނުކުރެވޭނެއެވެ. މިއީ، އަޑުއަހާލަން ފަސޭހަ ރީތި ވާހަކަތަކެއް ކަމުގައިވިޔަސް، ދުނިޔޭގެކަންކަން ހިނގަމުންދާގޮތަށް ބަލާއިރު މީހުވަފެނީ ބިލާހެކެވެ.

ތާރީޚުގެ ފަތްފުއްތަކަށް ބަލާއިރު ޢަލްމާނިއްޔަތަކީ ހަމަނުޖެހޭ އަދި ޢަމަލީ މައިދާނުގައި ނާކާމިޔާބުވެފައިވާ ފަލްސަފާއެއްކަން ހާމަވެގެން ދެއެވެ. ޢަލްމާނިއްޔަތަކީ ދީންތަކަށް އިޚުތިރާމުކުރުމާއި ދީނުގައި ޚުރުމަތްތެރިކުރެވިފައިވާ ކަންކަމަށް އީޚުތިރާމުކުރުން ދިފާޢުކުރާ ފިކުރެއް ނޫނެވެ. އެއާއި ޚިލާފަށް ގިނަ ޢަލްމާނީ ގައުމުތަކުން ދީނަށް ފުރައްސާރަކުރުމަކީ ބަލައިގަނެވޭ އަދި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެތެރޭ ހިމެނޭ މުހިންމު އަސާސެކެވެ. މިފަދަ މުޖުތަމަޢުތަކުގެ މިސާލަކަށް ބަލަނީނަމަ ފަރަންސޭސިވިލާތުގެ ނޫސްމަޖައްލާއެއް ކަމުގައިވާ ޗާލީ ހެބްދޫ މަޖައްލާގައި ރަސޫލާއަށް ފުރައްސާރަކޮށް ކުރެހި ކުރެހުމާއި އަދި ޑެންމާރކްގައި ޖީލާންޑްސް-ޕޮސްޓެން ނޫސްމަޖައްލާގައި ކުރެހިކުރެހުންތައް މިކަމަށް ހެއްކެއްގެގޮތުގައި ފުދެއެވެ. މިއީ ޢަލްމާނިޔަތުގެ އަހުލުވެރިން ދައްކާ ދަޅަޔަކީ ބިލާހެއް ކަމުގެ ހެއްކެކެވެ.

ޢަލްމާނިޔަތަށް ދަޢުވަތުދޭ މަދު ދިވެހިންގެތެރޭގައި އާންމުގޮތެއްގައި ނަމޫނާއެއްގޮތުގައިބަލާ އުތުރު ޔޫރަޕުގެ ޢަލްމާނީ ދަޢުލަތްތަކަށް ނަޒަރު ހިންގާލަމާހިނގާށެވެ. އެދަޢުލަތްތައް ދީނީ ފިކުރުތަކާއި ހަމަތަކާއި އަރާރުންވެއެވެ. އަދި ޚާއްޞަކޮށް އިސްލާމްދީނުގެ ބަޔެއް އަސާސްތަކާއި އަރާރުންވެއެވެ. މިއަދު ފަރަންސޭސިވިލާތް، ޑެންމާރކް، ނެދަލޭންޑް އަދި މިނޫންވެސް ޢަލްމާނީ ލިބަރަލް ދަޢުލަތްތަށް އިސްލާމީ އުސޫލުތަކާއި އަރާރުންވުމުގެ އިތުރުން، އިސްލާމްދީނުގައި އަންގަވާފައިވާގޮތަށް އައުރަނިވާކުރުންވެސް ޤާނުނީ ގޮތުން މަނާކަމެއްކަމުގައި ކަނޑައެޅުމައްދަނީ މަސައްކަތްތަކެއް ކުރަމުންނެވެ. ބައެއް ޢަލްމާނީ ދަޢުލަތްތަކުގައި މިއަދު އަންހެނުން އަމިއްލަ އިޚްތިޔާރުގައި މާތް ﷲގެ ރުއްސެވުންހޯދުމަށް އައުރަނިވާކުރުމުން، އެކަންވެސްވަނީ ކުށެއްކަމުގައި ކަނޑައަޅާފައެވެ. ނަމަވެސް މިގައުމުތަކަކީ އެކި ނަންނަންކިޔާ ތަފާތު މިނިވަންކަމުގެ ޝިޢާރުތައް ފާޅުކުރުމުގައި އެކަމާމެދު ފަޚުރުވެރިވާ ބައެކެވެ. އެބައިމީހުންނަކީ ހުރިހާ ވިސްނުމެއްގެ މީހުން ހަމަހަމަކަމާއެކު އުޅުމުގެ ފުރުޞަތުއޮންނާނެކަމަށް ދަޢުވާކޮށް، ކަންބަޅިކެހެރިން ނިވާވެފައިވާ ހިޔަޅުތަކެއް ފަދަބައެކެވެ. އެމީހުން އެއެއްޗެއްގެ ދިފާޢުގާ ނިކުންނަ މިނިވަންކަމާއި ހަމަހަމަކަމަށްވެސް ކާފިރުވެފައިތިބި ބައެކެވެ. ކުރިން ފާހަގަކޮށްލެވުނުފަދައިން، މިކަންކަމަށް ރިޢާޔަތްކުރުމުން އެނގިގެންދަނީ ޢަލްމާނިއްޔަތުގެ އަހުލުވެރިން ދައްކަނީ އަމަލީ މައިދާނުގައި ބޭނުންނުކުރެވޭނެ ހުވަފެނީބިލާހެކެވެ.

ޢަލްމާނީ ދަޢުލަތްތަކުގައި ހެޔޮނުބައި ވަކިކުރާނެއިމެއް ނެތްކަމީ ފާހަގަކޮށްލެވޭ ކަމެކެވެ. އެގޮތުން މީގެ ސަތޭކަ އަހަރުކުރިން އެއްޖިންސުން ގުޅުންހިންގުމަކީ ބައްޔެއްގެގޮތުގައި ގަބޫލުކުރި ގައުމުތަކެއްވެސް ހުއްޓެވެ. މިއަދު އެގައުމުތަކަށް ސިކުނޑިހަމަނުޖެހޭ ބައްޔެއްކަމުގައި ފެންނަނީ އެއްޖިންސުން ގުޅުންހިންގުންފަދަ މުޑުރާރު އަމަލަކާއި އިދިކޮޅައް ބަސްބުނާ މީހުންނެވެ. ޢަލްމާނީ ގައުމުތަކުގައި މިއަދު ޤާނޫނީ ގިއުގަނޑުގެތެރޭން މިކަހަލަ އެތައް މުޑުދާރު އަމަލެއްވަނީ ހުއްދަކޮށްފައެވެ. ޢަލްމާނިއްޔަތުގެ ރާޅުގައިޖެހި ޣަރަގުވަމުންދާ ކޮންމެ ގައުމެއްގެ އިޖުތިމާޢީ ފެރާން ދަނީ ހަލާކުވަމުންނެވެ. ހެޔޮނުބައި ކަނޑައަޅާ ހިފެހެއްޓުންތަކެއްގެ ތެރެއިން މުޖުތަމަޢުގެ ކަންކަން އިންތިޒާމުކުރުމަށް އިންސާނީ ދިރިއުޅުމުގެ ހުރިހާކަމެއް އިސްލާމީ ގިއުގަނޑުގެތެރެޔަށް ފެތިގެންމެނުވީ ހެޔޮރަނގަޅު މުޖުތަމައެއް ބިނައެއް ނުކުރެވޭނެއެވެ. ބާއްޖަވެރިކަން މުސްލިމުންނަށް ލިބެންއޮތީ އިސްލާމީ އުސޫލުތަކުގައި ވަރުގަދަޔަށް ހިފަހައްޓައިގެނެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.