ރިޕޯޓް ތިވަރަށް އިސްރާފު ކުރަން ޖެހޭބާ؟

ތިވަރަށް އިސްރާފު ކުރަން ޖެހޭބާ؟

ތިވަރަށް އިސްރާފު ކުރަން ޖެހޭބާ؟

ކިޔާލަން ހޭދަވާނީ 4 މިނިޓް

ފޮންޓް ސައިޒް

ބަރަކާތްތެރި ރަމަޟާން މަހަކީ އެ މަހަކަށް ޓަކައި އަހަރުމެން މުސްލިމުން ތައްޔާރުވާން ޖެހޭ މަހެކެވެ. ރަމަޟާން މަސް މުސްލިމުންނަށް ހާއްސަ ވަނީ އެންމެ ސަބަބެއް ދެ ސަބަބަކަށް ޓަކައެއް ނޫނެވެ. އެތައް ސަބަބަކަށް ޓަކައެވެ. އެ މަހަކީ ރޯދަވެރިޔާއަށް އެތަކެއް ޘަވާބަކާާއި ދަރުމައެއް ލިބިގެންދާ މަހެެކެވެ. ހަމައެފަދައިން އެ މަހުގެ ރޭ އަޅުކަން އެހެން މަސްމަހުގެ ރޭ އަޅުކަމަށް ވުރެ ޘަވާބު ވަނީ އެތައް ގުނައެއް  އިތުރުކުރައްވާފައެވެ. ޙަޤީޤަތުގައި ރޯދަމަހު އަޅުގަނޑުމެން ބަލަންވީ އަޅުކަމަށް ގިނަ ވަގުތު ހުސްކޮށް ކެއުމާއި އިސްރާފު ކުރުމާއި ދުރަށް ދެވޭތޯއެވެ.

އަދުގެ ދިވެހިންގެ ހާލަތަށް ބަލައިލަމާތޯއެވެ. ރޯދައިގެ އެތައް މަހެއް ކުރިން އިސްރާފު ކުރަން ފަށަނީ ކިތައް ދިވެހިންބާއެވެ؟ ރޯދަމަސް އައުމުގެ މާ ކުރިން ރޯދަޔަށް ތައްޔާރުވުމުގެ ނަމުގައި ގޭގައި ހިފާ ގެންގުޅޭ ހުރިހާ ސާމާނެއް އައު ކުރާ ދިވެހިން މަދެއް ނޫނެވެ. އެހެނީ ފިހާރަތަކުގެ މަލަމަތި ބަލައިލުމުން ވެސް ފެނިގެންދަނީ ރޯދަ ސޭލްގެ ނަމުގައި ދިވެހިން ވައު ވައްދާފައިވާ މަންޒަރެވެ. މި ސޭލްގެ އަވައިގައި ޖެހި ފޮރުވާފައިވާ އެތައް ފައިސާއެއް މި ސޭލްތަކަށް ދިވެހިން ހުސްކޮށްލަނީ އެއްވެސް ފަސްޖެހުމެއް ނެތިއެވެ. އެއްވަރަކަށް ވެސް ބައު ނޫން އެތައް ފަރުނީޗަރެއް ގޮނޑަށް އުކާލުމާ އެކީ އެއަށްވުރެ ބޮޑު ހަރަދެއް ކޮށް ގެއަށް ފަރުނީޗަރު ހަމަކޮށްލުމަކީ ޙަޤީޤަތުގައި ވެސް ހަމަ ރޯދަޔަށް ތައްޔާރުވުންބާއެވެ؟ ގެއަށް ފަރުނީޗަރު ހަމަކުރެވުމުން ބައެއް ދިވެހިންގެ ނަޒަރުގައި އަދި ތައްޔާރު ވެވުނީއެއް ނޫނެވެ. އެންމެ ބޮޑު އަމާޒެއް ހިފާފާ ހުންނަނީ ބަދިގޭގެ ފަރުނީޗަރާއި ހިފާގެންގުޅޭ ސާމާނު އައު ކުރުމަށެވެ.  ބަދިގޭ އަތް ދޮންނަ ސިންކުން ފެށިގެން ކާ މޭޒާއި ގޮނޑިއަށް ދަންދެން ބަދަލު ކޮށްލައެވެ. އައު އަވަނާއި، ތެލި ސެޓާއި މިކްސްޗަރަށް ދަންދެން ބަދަލު ކުރުމަކީ ދިވެހިންގެ ކަށީގައި ހިފާފައިވާ އާދައެކެވެ. ދެން އުފެދޭ ސުވާލަކީ މިއީ އިސްރާފެއް ނޫން ބާވައެވެ؟ މިއީ ހަމައެހާ މުހިންމު ކަމެއް ބާވައެވެ؟

ގޭގެ ފަރުނީޗަރާއި ބަދިގޭ ސާމާނު އެއްފަރާތުގައި ބާއްވާފައި ދެން ބަލައިލާނީ ކާބޯތަކެތިން ދިވެހިން ކުރާ އިސްރާފަށެވެ. ރަށްރަށުގައި  ރޯދަޔަށްވާ ތައްޔާރީ ފެނިފައި އަޖައިބު ނުވާންވީ ކީއްވެ ހެއްޔެވެ؟  ބައެއް ގޭގޭގައި ރޯދަޔަށް ތައްޔާރުކޮށްލާ ދެވި ހަވާދާއި، މަސްމިރުހާއި ތެލުލި ފަތާއި ޗިލީ ޕޭސްޓު ފެނިފައި އެއީ ވިޔަފާރިއަށް ކުރާ ކަމެއް ނޫންބާއޭ ވެސް ހިތަށް އަރައެވެ. އެތަކެއް ފައިސާއެއް ހަރަދުކޮށް، މި ތަކެތި ޑަބިޔަ ޑަބިޔާއިން ތައްޔާރު ކުރާއިރު، ރޯދަމަހަށް ވީތީ މިވަރު ހަދާލަންވާނެބާއޭ ހިތަށް އަރައެވެ.

މިވަރުން އަދި ނިމުނީއެއް ނޫނެވެ. ރޯދަޔަށް ކޭސް ކޭހުން ގަންނަ ސާމާނަށް ބަލައިލަމާތޯއެވެ. ގިނަ ގޭގެއަށް މަސް ކޭހާއި، ބިސް ކޭހާއި، ގެރިކިރު ކޭހާއި މިހެން ގޮސް ނަން ހުސްކޮށް ބާޒާރުމަތީ ހުންނަ ތަކެތިން ގަނެލައެވެ. ރޯދަޔަށް ހަނދުބެލުމުގެ މާކުރިން ދުލަށް މީރުހެން ހީވާ ކޮންމެ ޒާތެއްގެ ތަކެތި ކޭސް ކޭހުން ގަނެ ގޭގެ ގުދަނުގައި ގުދަން ކުރެއެވެ. މީގެ ތެރެއިން ގިނަ ކޭސް ކޭސް ގެނެސް ރޯދަމަސް ނިމެން ވާއިރަށް ހުސްކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއްގެ ގޮތުގައި ދެކެ، މިތަކެތިން އިސްރާފު ކުރާލެއް މަދެއް ނޫނެވެ. އެހެން މަސްމަހަށް 2000ރ ހަރަދު ކުރާ ގޭގެއިން ރޯދަމަހަށް 10،000ރ ހަރަދު ކުރަން ޖެހުނީމާ މިއީ ދެން ވަރަށް ހެއްވާ ކަމެކެވެ. ރޯދަމަހު ކެއުމާއި ބުއިމުން ބޮޑަށް ދުރުހެލިވެ އަޅުކަމާއި ގާތްވާން އޮތް މަހުގައި ކެއުމަށް ކުރާ ހަރަދު ފަސް ގުނަޔަށް އިތުރުވީމާ މިއީ ހަމަ ކޮންމެހެން ކުރަންޖެހޭ ހަރަދެއްބާއޭ އަޅުގަނޑު ހިތައް އަރައެވެ.

ރޯދަމަހަށް މިވަރުން އަދި ފުދުނީއެއް ނޫނެވެ. ރޯދަމަހު ހަދާ ޑަސްބިނަށް އަޅާ ކާތަކެއްޗަށް ބަލައިލަމާތޯއެވެ. ސޯޝަލް މީޑިޔާގެ ވާދަވެރިކަމާއެކު ކޮންމެ މީހަކު ވެސް ބަލަނީ އަނެކާއަށްވުރެ ގިނަ ބާވަތް ތައްޔާރުކޮށް ފޮޓޯ އާންމުކުރެވޭތޯއެވެ. ނޫނީ އަނެކާއަށް ނުހެދޭ ކަހަލަ މޮޅު އެއްޗެއް ތައްޔާރުކޮށް ފޮޓޯ އާންމުކުރެވޭތޯއެވެ. ކޮންމެ އައު ރެސިޕީއަކާއި ޕޮޓޯއަކާ އެކު އެތައް ބައެއްގެ ކޮމެންޓާއި ލައިކް ލިބެއެވެ. އެހެން ނަމަވެސް މިހެން ހަދާ ގިނަ ކާތަކެތި ވެގެން ދަނީ އެ ދުވަހުގެ ޑަސްބިނުގެ ޝިކާރައަކަށެވެ. ނަމަވެސް މިކަމަށް ޓަކައި އެތައް ފައިސާއެއް ހަރަދު ކުރާ މީހުން މި ދިވެހި މުޖުތަަމައުގައި މަދެއް ނޫނެވެ. އުފެދޭ ސުވާލަކީ މިއީ ރޯދަ މަހު އަޅުގަނޑުމެންގެ ކެއުމުގެ އަދަބުތައް ބަހައްޓަން އެންމެ ރަނގަޅު މިންގަނޑު ބާއެވެ؟

ހުރިހާ ގޮތަކަށް ބެލި ނަމަވެސް މި އިސްރާފު ވެގެންދަނީ ބޭކާރު ގޮތުގައި އެތަކެއް ފައިސާއެވެ. އަޅުގަނޑުގެ ނަޒަރުގައި ރޯދަޔަށް ގޭގެ ހުރިހާ ފަރުނީޗަރެއް ބަދަލު ކުރުން މުހިންމެއް ނޫނެވެ. ހިފާގެންގުޅޭ ވަރަށްވުރެ ބާވެ ހަލާކުވެފައިވާ ނަމަ  ބަދަލުކޮށްލުމަކުން މައްސަލައެއްނެތެވެ. ހަމައެހެންމެ، ކޮންމެހެން ބޭނުންވާ ވަރަށް ނޫނީ ކޭސް ކޭހުން ތަކެތި ގަތުމަކީ ވެސް އަޅުގަނޑުގެ ނަޒަރުގައި ފައިދާ ހުރިކަމެއް ނޫނެވެ. އެހެނީ ކާބޯތަކެތިން ހަރަދު ކުޑަކުރެވެން އޮތް މަހެއްގައި ކާބޯތަކެއްޗަށް ފަސްގުނަ އިތުރަށް ހަރަދު ކުރުމަކީ އަޅުގަނޑުގެ ނަޒަރުގައި ވަރަށް ބޮޑު އިސްރާފެކެވެ. އަދިވެސް ރޯދަމަހު ސޯޝަލް މީޑިއާގެ ވާދަވެރިކަމުގައި ތައްޔާރުކޮށް ޑަސްބިނަށް އަޅާތަކެތި ވެސް ވީހާ މަދުކޮށް ކާބޯތަކެތިން ކުރާ އިސްރާފަށް ހެޔޮ ބަދަލެއް ގެންނާކަށް ނުވޭބާއެވެ؟

ރޯދަމަހު މިވަރަށް ފައިސާއިން އިސްރާފުނުކޮށް މި ފައިސާ ޞަދަގާތްކުރުން މާ ފައިދާ ބޮޑެވެ. އެހެނީ މިއީ އުޚުރަވީ ގޮތުން ބެލި ނަމަވެސް އެންމެ ފައިދާ ބޮޑުގޮތެވެ. މި ލިޔުމުގައި އަޅުގަނޑު މި ފާހަގަކޮށްލީ ދިވެހިންގެ ތެރޭގައި ކަން ހިނގަމުން އަންނަ ގޮތެވެ. މިގޮތް ބަދަލުކުރުމުގެ ބާރު އޮތީ ތިޔަ ކިޔުންތެރިންގެ އަތުގައެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.