ރިޕޯޓް މަޝްހޫރުވާން ތިޔަ ކުރެވެނީ ކަޑަކަމެއް

މަޝްހޫރުވާން ތިޔަ ކުރެވެނީ ކަޑަކަމެއް

މަޝްހޫރުވާން ތިޔަ ކުރެވެނީ ކަޑަކަމެއް

ކިޔާލަން ހޭދަވާނީ 3 މިނިޓް

ފޮންޓް ސައިޒް

މިއަދު މީސް މީޑިއާއަކީ ޒަރޫރީ ބޭނުމަކަށްވެ އޭގެ ބޭނުން ނުކުރާ މީހުން އިނގިލިން ގުނާލެވޭހާ މަދެވެ. އެކި މީހުން މީސް މީޑިއާ އެކި ގޮތަށް ބޭނުން ކުރެއެވެ. ރައްޓެހިންނާއި އާއިލާއާ ގުޅުން ބަދަހިކުރަން އުފެއްދި މީސް މީޑިއާ ނެޓްވޯކްތަކުގައި މީހުންނަށް ފުރައްސާރަ ކުރުމާއި މީހުންނަށް މަލާމާތް ކުރުން މި ވަނީ އާންމު ވެފައެެވެ.

އެއްބަޔަކު ފޫހިފިލުވާލުމަށް މީސް މީޑިއާ ނެޓްވޯކުތައް ބޭނުން ކުރަމުން ދާއިރު އަނެއް ބަޔަކު މީސް މީޑިއާގެ ބޭނުން ކުރަނީ މަޝްހޫރު ވުމަށެވެ.

މަޝްހޫރު ވުމަށް ކުރަންޖެހޭ ކަމަކީ މީހުން ގިނައިން ޝެއާ ކޮށް ކޮމެންޓު ކުރާނެ ކަހަލަ ޕޯސްޓުތައް ހެދުމެވެ. މިސާލަކަށް މީހުން ޓެގް ކުރުމަށް ބުނާ ޕޯސްޓުތަކަކީ ވަރަށް ގިނަ ބަޔަކު އެެއަށް ކޮމެންޓުކޮށް ހަދާ އެއްޗެކެވެ. ދައްތަ ޓެގް ކުރާށޭ، މައިދައިތަ ޓެގް ކުރާށޭ ބުނީމަ ވަރަށް ގިނަ މީހުން އެކަން ކޮށްލައެވެ.

އެންމެ ވައިގަ ހިފާ ޕޯސްޓުތަކަކީ ކޮބައިތޯ ބަލައި އެފަދަ ޕޯސްޓުތައް ހެދުމަކީ މަޝްހޫރު ވާން ބޭނުންވެފަ ތިބޭ ޕޭޖުތަކުން އަބަދު ވެސް ކުރާކަމެކެވެ. އެކި މޫސުމުގައި ވައިގަ ހިފަނީ އެކި ވައްތަރު ޕޯސްޓެވެ. މިސާލަކަށް އެއް އިރަކު ޓެގް ކުރާ ޕޯސްޓު މަޝްހޫރު ވުމުން އެންމެން ފެށީ ޓެގު ކުރާށެވެ. މަޝްހޫރު ވާން ބޭނުންވެފައިވާ ޕޭޖުތަކުން އެ ދުވަސްވަރު ނިކަން ރަނގަޅަށް އެ ޓެގްގެ ބޭނުން ހިފިއެވެ. ޓެގް މޫސުން ނިމުނު އިރު ގޭގައި އޮތް ބުޅާ ވެސް ޓެގް ކޮށްފިއެވެ.

މީހުންގެ ކޮމެންޓު ހޯދުމަށް ޕޭޖުތަކުން ކުރާ އަނެއްކަމަކީ ރަށްރަށުގެ ވާހަކަ ލިޔުމެވެ. ބައެއް ފަހަރު ތެދު ވާހަކަ ލިޔެއެވެ. އަނެއްބައި ފަހަރު ދޮގު ވާހަކަ ވެސް ލިޔެއެވެ. މިއީ މީހުންގެ ސަމާލުކަން ހޯދަން ވަރަށް މޮޅު ގޮތެކެވެ. ރަށެއްގައި އުޅެނީ މޮޔައިންނޭ ކިޔާފަ ޕޯސްޓެއް ހެދީމަ އެ ރަށު ރައްޔިތުން އެ ޕޯސްޓުގައި އެ ކިޔަނީ ދޮގު ވާހަކައެކޭ، އެންމެ ހޭ ޖެހެނީ އަހަރެމެންނޭ ކިޔާ ކޮމެންޓުކުރަން ފަށައެވެ. އަނެއްކޮޅުން އެ ރަށުގައި ރައްޓެއްސެއް ހުރި މީހަކު ނަމަ އެއީ ތެދެއްތޯ ޔަގީން ކުރުމަށް އެ ރަށު މީހަކު ޓެގު ކޮށްލައެވެ. އެ ޕޯސްޓަށް ގިނަ ކޮމެންޓްތަކެއް ކުރުމުން އެ ޕޯސްޓް އިތުރަށް ގިނަ މީހުންނަށް ފެނެއެވެ. އެ ޕޯސްޓު ވައިގަ ހިފައެވެ.

ގިނަ ފަހަރު ރަނގަޅު ތެދު މައުލޫމާތަށް ވުރެ ވައިގަ ހިފަނީ މީހުންނަށް މަލާމާތް ކޮށްފަ ނުވަތަ މީހުން ބަދުނާމު ކޮށްފަ ހުންނަ ޕޯސްޓުތަކެވެ. ގިނަ މީހުން އަހާ ހިތްވާ ކަހަލަ ވާހަކަ ދައްކައިގެން ނޫނީ ޕޭޖު މަޝްހޫރު ވާން ނެތްކަން އެންމެން ދަނެއެވެ.

ބައެއް ފަރާތްތަކުން މަޝްހޫރު ވުމުގެ ބޭނުމުގައި މީހުންނަށް ވަރަށް ބޮޑެތި ގެއްލުން ވާފަދަ ޕޯސްޓު ހަދަމުން އެބަ ގެންދެއެވެ. އަދި ރައްޔިތުން ތެދުދޮގު ނުބަލާ "ރޯ ވީމަ ނޫނީ ދުމެއްނާރާނެއޭ" ކިޔާ އެ ޕޯސްޓުތައް ފަތުރަމުން ގެންދެއެވެ. މި ގޮތުން މީހެއްގެ އަގު ވައްޓާލުމަށް އެންމެ ފަސޭހަ އެއް ގޮތަކީ އޭނާގެ ސްކްރީން-ޝޮޓް ތަކެއް ހެދުމެވެ. ކުޑަ ކުއްޖަކާ، އެއްޖިންސުގެ މީހަކާ، ހިލޭ މީހަކާ ގޯސް ވާހަކައެއް ދައްކާ ފޭކު ސްކްރީން-ޝޮޓު ތައްޔާރު ކުރެއެވެ. އަދި މި ހުރީ މި މީހުން އުޅޭ ވައްތަރޭ ކިޔައި ޕޭޖުގައި ލިޔެލައެވެ. ވަގުތުން ރައްޔިތުން އެލާޓަށް އާދެއެވެ. ސަހަރޯއެވެ. މި ހުރީ މި މީހުން އުޅޭ ވައްތަރޭ ކިޔައި ކޮމެންޓު ކުރަން ފަށައެވެ. އަދި މި ޕޯސްޓު ހުރިހާ މީސް މީޑިއާ ނެޓްވޯކަކަށް ލައެވެ. ވައިބާ ގްރޫޕްތަކަށް ލައި އެ ނުބައި ނުލަފާ މީހާ ރައްޔިތުންގެ ސަމާލުކަމަށް ގެނެއެވެ. ދާ ގޮތަށްގޮސް ރައްޔިތުންގެ ކުރިމަތީގައި އޭނާގެ އަބުރު ކަތިލާލައެވެ. އޭނާއަށް ލަދުންގޮސް މަގުމައްޗަށް ނިކުންނަން ނުކެރޭ ވަރު ހަދާލައެވެ.

އެ މީހާ ނުވަތަ އޭނާގެ ގާތްމީހުން އޭނާގެ ދިފާއުގައި ވާހަކަ ދައްކައި މިއީ ފޭކު ޕޯސްޓެއްކަން ސާބިތުކޮށްދޭން މަސައްކަތް ކުރެއެވެ. ނަމަވެސް ދޮގު ފެތުރޭހާ ބާރަށް ތެދު ނުފެތުރޭތީ ވަރަށް ދެރައެވެ. ބައެއް ފަހަރު އެ ޕޯސްޓު ބަލާލީމަ ވެސް އާންމު މީހަކަށް ފޭކުކަން އެނގޭހާ ފޭކުކޮށް ޕޯސްޓު ހަދާފައި ހުރެއެވެ. ނަމަވެސް މީހުން އެއީ ފޭކުތޯ ބަލާކަށް މާކަބޮޑު ފަރުވާލެއް ނުބަހައްޓައެވެ. މީހާގެ އަގު ރާއްޖޭގެ ހުރިހާ ރައްޔިތުންގެ ކުރިމަތީގައި ވައްޓާލަން ހަމަ މިހާ ފަސޭހަބާ؟ ދިވެހިން ހަަމަ އެހާ ޖާހިލުބާ؟

މަޝްހޫރުކަން ހޯދަން މަސައްކަތް ކުރާ ބައެއް ޕޭޖުތަކުން ކޮންމެފަދަ އެއްޗެއް ވެސް ފަތުރަފާނެއެވެ. ތެދުކަން ޔަގީން ނުކޮށް އެ އެއްޗެހި ނުފަތުރުއްވަވާށެވެ.

ނޯޓް: މި އާޓިކަލްގެ މަގުސަދަކީ މީސް މީޑިއާގައި ބޮޑެތި ދޮގު ހަބަރު ފެތުރެމުން ދާއިރު ގިނަބަޔަކު އެއީ ތެދުކަމަށް ބަލައި އެ އެއްޗެހި ފަތުރަމުން ގެންދާތީ އެކަމަށް ހޭލުންތެރި ކުރުމެވެ. ޝެއާ ކުރުމުގެ ކުރިން ޔަގީން ކުރައްވާ!

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.