ދެކެވޭ ވާހަކަތައް އިތުރުވެއްޖެއެވެ. ބިލަކާ ހުރެއެވެ. ވާދަވެރިކަމެއް ފެންމަތިވެއްޖެއެވެ. ބިލަކާ ހުރެއެވެ. ޚިޔާލުފާޅުކުރުން ގިނަވެއްޖެއެވެ. ބިލަކާ ހުރެއެވެ. ބަހުސުން ބަހުސް އުފަންވެއްޖެއެވެ. ބިލަކާ ހުރެއެވެ. މީސްމީޑިޔާ ހަރަކާތްތެރިވެއްޖެއެވެ. ބިލަކާ ހުރެއެވެ. ފޭސްބުކުގައި އަދާހަމަކުރުން އިންތިހާއަށް ގޮސްފިއެވެ. ބިލަކާހުރެއެވެ. ޓުވިޓަރުގެ ފާރަށް ބާރުބޮޑުވެއްޖެއެވެ. ބިލަކާހުރެއެވެ. ވައިބަރުގެ އޮޅިތައް ކެކިގަނެއްޖެއެވެ. ބިލަކާ ހުރެއެވެ. އެއްބަޔަކު އުފަލުން އަތް ޖަހަނީއެވެ. ބިލަކާ ހުރެއެވެ. އަނެއް ބަޔަކު ރުންކުރުވެ، ފާޑުކިޔަނީއެވެ. ހަމަ ބިލަކާ ހުރެއެވެ. އާދޭހެވެ! ތިޔަ ތަސައްވަރު ކުރެއްވީ ރަނގަޅަށެވެ. މަންޒަރު ތިޔަ ކުރެއްސެވީ ހެޔޮކޮށެވެ. ހިތްޕުޅުގައި އެވަނީ އަސްލު މަންޒިލެވެ. މުޅި ދިވެހިރާއްޖޭގެ ސަމާލުކަން ހޯދި، ޤާނޫނީ ޚިދުމަތުގެ ބިލެވެ.
ބިލާ މެދުގައި އަޅުގަނޑުގެ ޝައުޤުވެރިކަން އިތުރުވިޔެވެ. ބިލުގެ ޚަބަރު ކުރީން އެނގިފައިވުން، އެއީ ސަބަބެކެވެ. އެފަދަ ބިލަކަށް އިންތިޒާރު ކުރަމުންދިޔަ ގިނަ ބައެއްގެ ތެރޭގައި، ނިކަމެތި އަޅުގަނޑު ވެސް ހިމެނުނުކަމީ ސަބަބެކެވެ. ބިލު ޤާނޫނަކަށް ވެގެންދާއިރު، އޭގެ ސީދާ މަސްލަޙަތު އަޅުގަނޑުގެ ވެސް އޮތުމަކީ ސަބަބެކެވެ. ޤާނޫނީ ޚިދުމަތުގައި އުޅޭ، މޮޅު ނޫނަސް ޤާނޫނީ ވަކީލަކަށް ވުމަކީ އެންމެ މުހިންމު ސަބަބެވެ. ކޮންމެހެނަކަސް، އަޅުގަނޑުގެ މަޤުސަދު ހަނދާނެއް ނުނެތެވެ. އަމާޒު ހިފި މިސްރާބު ކަސިޔާރުވެގެނެއް ނުދެއެވެ. ފިއްބަރީގެ މައްޗަށް އޮތް، އިނިގިލިތަކުގެ ބާރު ކެނޑިގެނެެއް ނުދެއެވެ. މަޢުޝޫއު ނޫންތޯއެވެ؟ ކުރިޔަށް ވަޑައިގަންނަވާށެވެ!
ޖުމުލަގޮތެއްގައި މުޅި ބިލު ވަރަށް ރަނގަޅުކަމަށް އަޅުގަނޑު ޤަބޫލުކުރަމެވެ. ދިވެހިރާއްޖެއަށާއި ދިވެހިރާއްޖޭގެ ޤާނޫނީ ޚިދުމަތަށް ކޮންމެހެން ބޭނުންތެރި ޤާނޫނެއްގެ ފެށުން، ތަރުތީބު ކުރެވިފައިވަނީ ރަނގަޅުު އޮނިގަނޑެއްގެ މައްޗަށެވެ. އިސްލާހީ ހެޔޮ ބަދަލުތަކެއްގެ މައްޗަށެވެ. މަލަމަތި ހެޔޮ، ތަހުޒީބީ ކުލަވަރުގެ މައްޗަށެވެ. އެހެންނަމަވެސް، މުޅި ބިލު އެކީ އެކައްޗަކަށް ރަނގަޅީކީއެއް ނޫނެވެ. ގެންނަން ފެންނަ ބޮޑެތި އިސްލާޙުތައް ނެތީކީ ނޫނެވެ. އިދާރީ ދަތިތަކެއްގެ ބުރަކަން، ފަރުމާ އޮތްގޮތުން ތަހައްމަލުކުރާން ނުޖެހެނީ އެއްވެސް ނޫނެވެ. އެފަދަ ހުރިހާ ކަންތައްތަކާއެކުގައި، އަދިވެސް ތަކުރާރުކޮށްލާނަމެވެ. ޖުމުލަގޮތެއްގައި މުޅި ބިލު ވަރަށް ރަނގަޅުކަމަށް އަޅުގަނޑު ޤަބޫލުކުރަމެވެ.
ބިލު ޤާނޫނަކަށްވުމާ އެކުގައި، އުފަންވެގެން ދާނީ އައު ނިޒާމެކެވެ. އުންމީދީ ނިޒާމެކެވެ. ވަކީލުންގެ ހުއްދަ ދޫކުރުމާއި ޤާނޫނީ ދާއިރާގެ މަސައްކަތާ ގުޅޭ އެންމެހައި ކަންތައްތަކުގެ މޮނިޓަރެއް އުފައްދާނެ ނިޒާމެކެވެ. ޤާނޫނީ ޚިދުމަތް ހޯދާ ފަރާތްތަކުގެ މަސްލަހަތު ހިމާޔަތްކޮށްދީ، އެކަށީގެންވާ ޚިދުމަތެއް ފޯރުކޮށްދިނުމުގެ މައްޗަށް، ވަކީލުން ޖަވާބުދާރީ ކުރުވާނެ ނިޒާމެކެވެ. ވަކީލާއި މުވައްކިލާ ދެމެދުގައި އޮންނަން ޖެހޭ ގުޅުމުގެ މައްޗަށް ފާރަވެރިވާނެ ނިޒާމެކެވެ. އަދި މުވައްކިލުގެ ޙައްޤުތައް ރައްކާތެރިކޮށްދޭނެ ނިޒާމެކެވެ. ވަކީލުންގެ ނަޒާހާތްތެރިކަން ކަށަވަރުކޮށް، މަަސައްކަތުގެ ދާއިރާގައި ހިފަހައްޓަން ޖެހޭ ސުލޫކީ މިންގަނޑުތައް ހިފެހެއްޓުމަށް، ބޮޑުތަނުން ލާޒިމުކުރުވާނެ ނިޒާމެކެވެ. އިންޤިލާބީ ނިޒާމެކެވެ.
ގިނަ ބައެއްގެ ނަޒަރު ހުއްޓޭ ހިސާބު، އަޅުގަނޑުގެ ލޮލުގައި ވެސް އަޅައިގަތެވެ. އެއީ، ދެވަނަ ބާބެވެ. ޤާނޫނު އަސާސީގެއެއް ނޫނެވެ. ބިލުގެގެއެވެ. ނަމަވެސް، އެއްގޮތްކަމެއް އެބަހުއްޓެވެ. އެއީ އުފާވެރިކަމެވެ. އާދޭހެވެ! އަސާސީގެ ދެވަނަ ބާބުން ހުރިހާ ދިވެހީންގެ ހިތްތަކަށް ރޯޝަންކަމެއް ގެނުވިފަދައިން، ބިލުގެ ދެވަނަ ބާބުން ޤާނޫނީ ޚިދުމަތްތެރީންގެ ހިތްތަކަށް ތަސައްލީއެއް ގެނުވާނެއެވެ. ވަކާލާތުކުރުމަށް ގަޔަށް ކޯޓު މަހާލައިތަނުން، ވީނުވީއެއް ނޭނގި ކޮށްފައިވާ 'ސަސްޕެންޝަނު'ގެ ކަރުދާހެއް އައިސް އަތްމައްޗަށް އެރުން ނިމުމަކަށް އަންނާނެތީއެވެ. އެފަދަ ހާލަތަކަށް ހުށަހެޅިގެން ދާހިނދުގައި ވެސް، ޖަވާބުދާރީވާނެ ފުރުސަތު ލިބިގެންދާނެތީއެވެ. ދުނިޔޭގެ އާޖުފާޖާއެކުގައި ޖެހެމުންދާ ރޯޅީގެ އަސަރުން، މި ދިވެހިރާއްޖޭގައި ވެސް 'ބާ އެސޯސިއޭަޝަން' އެއް ވުޖޫދުގެންދާނެތީއެވެ. ޤާނޫނީ ޚިދުމަތުގެ ދާއިރާ މިނިވަންވެ، މުސްތަޤިއްލުވެގެން ދާނެތީއެވެ.
ހައްތާވެސް ހެޔޮ ބަދަލުތަކެވެ. 'ބާ އެސޯސިއޭޝަން'ގެ ދަށުން ކޮމެޓީތައް އުފެދިގެން ދިޔުމެވެ. ވަކީލުންގެ ހުއްދަ، އައުކުރަން ޖެހުމެވެ. ދާއިރާ ކުރިއެރުމަށް މަގުފަހިވުމެވެ. ތަޢުލީމީ ނިޒާމު ހަރުދަނާކުރުމުގެ މަސައްކަތެވެ. ތަމްރީނު ޕްރޮގްރާމްތަކާއި ބާ އިމްތިހާނެވެ. ފީ ކަނޑައެޅުމުގެ އުސޫލެވެ. ވަކީލުންނާ ގުޅޭ ސުލޫކީ މައްސަލަ ހުށަހެޅުމުގެ ފުރުސަތު ތަނަވަސްވުމެވެ. މިފަދަ އެތަކެއް ކަންތައްތަކެވެ. ޚާއްސަ އެއްކަމެއް އަދި ފާހަގަކޮށްލާނަމެވެ. ކުޑަކަމެއްކަމަށް ހީވިޔަސް، ބޮޑު ކަމެކެވެ. އެއީތޯއެވެ؟ ދިވެހިރާއްޖޭގެ ޤާނޫނު ނަންބަރު 2011/13 (ޕާޓްނަރޝިޕްގެ ޤާނޫނު)ގެ ދަށުން ރެޖިސްޓްރީކުރާ ލޯ ފާރމެއްގެ ޕާޓުނަރުންނަކީ ޤާނޫނީ ދާއިރާގެ ފަރާތްތަކަށްވުން ލާޒިމެއްނުކުރެއެވެ. ނަމަވެސް، ބިލުގެ 61 ވަނަ މާއްދާގެ (ނ)އިން، ފަރުދުންގެ ހިތްތަކުގައިވާ ބިރުވެރިކަމުގައި ސިއްކަ ޖަހައިދެއެވެ. އެ ބާގަނޑު ބައްދާލައެވެ. ލޯ ފާރމެއްގެ ޕާޓުނަރުންނަކީ ޤާނޫނީ ދާއިރާގެ ފަރާތްތަކަށްވުން ލާޒިމުކުރެއެވެ.
ޖުމުލަ ގޮތެއްގައި ބިލު ވަރަށް ރަނގަޅުކަމަށް ބުނުމުން، އޭގެ ޒާތުގައި އެހެން މާނައެއް ވެސް ދޭހަވެއެވެ. ތީގެ ތެރެއިން ގިނަ ބޭފުޅުންނަށް ވެސް އެކަން ފާހަގަވެލައްވާނެއެވެ. އެއީ، އެ ބުނުމުގެ ތެރޭގައި ހިމެނޭ އަނެއް މާނައެވެ. ބިލުގައި މައްސަލަތަކެއް ވެސް ފާހަގަވާ ކަމެވެ. ކިތަންމެ ރީއްޗަށް ކޮށައި މަށާފައި ހުންނަ އެއްޗެއްގައި ވެސް އައިބެއް ހުރެދާނެއެވެ. ނުވަތަ އަނެކާއަށް ކަމުނުދާ ފަދަ ކޮރުކަމެއް ހުރެދާނެއެވެ. އެބީދައިން މައިގަނޑު ދެ ކަމެއް އަޅުގަނޑުގެ ވިސްނުމުން ތިލަކޮށްލާނަމެވެ. ނަޒަރު ފުރިހަމަ ކުރުމަށްޓަކައެވެ. ކަމުދިޔަ ކަންތައްތައް ބަޔާން ކުޅަ ބީދައިން، ކަމުނުދިޔަ ކަމެއް ނަމަވެސް ހިއްސާކުރަންވާނެތާއެވެ!
ފުރަތަމައީ، އިދާރީ ކަމެކެވެ. ބާ އެސޯސިއޭޝަންގެ ހިންގުމާ ގުޅޭ މައްސަލައެކެވެ. މުހިއްމު ކަމެކެވެ. އެހާމެ ނާޒުކު ވެސް ކަމެކެވެ. އެއީ ދެއްތޯއެވެ؟ ބާ އެސޯސިއޭޝަންގެ ހިންގާ ކޮމެޓީގައި ހިމެނެނީ ޖުމުލަ 7 މެންބަރުންނެވެ. ޤާނޫނީ އަދަދަކީ 4 މެންބަރުންނެވެ. ޔައުނީ، 3 މެންބަރުން ނެތި ވެސް، ބައްދަލުވުން ކުރިޔަށްގެންދެވޭނެއެވެ. ބިލުގައިވާ ގޮތުން، ހިންގާ ކޮމެޓީގެ ރިޔާސަތު ބަލަހައްޓާނީ ރައީސް ނުވަތަ ނައިބު ރައީސެވެ. އެފަދައިން އޮތުމުން، ޖަލްސާއަށް މަދުވާ މެންބަރުންނަކީ ރައީސާއި ނައިބުރައީސް ކަމަށްވާ ނަމަ، 5 މެންބަރުން ތިބި ނަމަވެސް ޖަލްސާ ކުރިޔަކަށް ނުދާނެއެވެ. އެއީ، މައްސަލައެއް ނޫން ކަމަށް ޤަބޫލުކުރާ ބަޔަކު ތިބެދާނެއެވެ. ޚިޔާލު ތަފާތުވުމަކީ ދެރަކަމެއް ނޫނެވެ.
ހާލަތު ޚުޠޫރަތްތެރި ވަނީ އެހެން މަހައްލެއްގައެވެ، އެއީ، ބިލުގެ 13 ވަނަ މާއްދާ އާއި 16 ވަނަ މާއްދާއިން ރައީސާއި ނައިބުރައީސް ނެތުމަށް މަޖުބޫރުކޮށްފިނަމައެވެ. އިސްތިއުފާ ދެއްވައިގެން ނުވަތަ މަޤާމުން ދުރުކޮށްގެން ނުވަތަ މެންބަރު ކަމުގެ ޝަރުޠެއް އުނިވެގެން ނަމަވެސް، ރައީސާއި ނައިބު ރައީސްގެ މަޤާމު އެއްފަހަރާ ގެއްލިޖެނަމައެވެ. ބިލުގެ 11 ވަނަ މާއްދާގެ (ށ)ގައި ވާގޮތުން ނަމަ، އިންތިޚާބެއް އަލުން ބޭއްވުމަށް 30 ދުވަހުގެ މުހުލަތެއް ލިބެއެވެ. 15 ވަނަ މާއްދާގައި ވާގޮތުން، ކޮންމެ މީލާދީ މަހަކު މަދުވެގެން ހިންގާ ކޮމެޓީގެ 2 ބައްދަލުވުން ބާއްވަން ޖެހެއެވެ. ރައީސާށާއި ނައިބުރައީސަށް އެކަނި ރިޔާސަތު ބެލެހެއްޓޭ ނަމަ، އެއްފަހަރާ ދެ މަޤާމު ހުސްވެއްޖެ ހާލަތުގައި، ޤާނޫނު ލާޒިމުކުރާ ކަމެއް، ޤާނޫނާ އެއްގޮތަށް ނުކުރެވި، ހިންގާ ކޮމެޓީ މަރުތަޅު އެޅުވުމުގެ ފުރުސަތު އެބައޮތެވެ. މިއީ، ރަނގަޅުކޮށްލަން ކޮންމެހެން ވެސް ޖެހޭ ކަމެއްކަމަށް އަޅުުގަނޑަށް ޤަބޫލުކުރެވެއެވެ. ރިޔާސަތު ބަލަހައްޓާނެ އިތުރު މެންބަރެއް ޢައްޔަނުކުރުމުގެ ފުރުސަތު ބިލުން ހުޅުވާލުން ބުއްދިވެރިއެވެ.
ދެން އޮތީ އެންމެ ހޫނު ބަހުސެވެ. ބިލާ މެދުގައި އެކި ފަންތީއާއި ގިންތީގައި ކުރެވުނު ބަހުސެވެ. މީސްމީޑިޔާގައި އެކި ގޮތްގޮތަށް ޚިޔާލު ފާޅުކުރެވުނު ބަހުސެވެ. އާދޭހެވެ! ބިލް ޤާނޫނަކަށް ވުމާއެކުގައި، ހުއްދަ އޮތް ބައެއް ވަކީލުންގެ ހުއްދަ ބާޠިލުވާ ވާހަކައެވެ.ރަނގަޅު ވާހަކައެކެވެ. ބިލުގެ 65 ވަނަ މާއްދާ ތަރުތީބުވެފައި އެވަނީ އެމަގުންނެވެ. ނަމަވެސް، އެންމެ ރަނގަޅު ވާހަކައެއް ނޫނެވެ. އެފަދަ ފަރާތްތަކުގެ ހުއްދަ ބާޠިލުވާނީ 3 އަހަރު ތެރޭގައި، ބިލުގައި ބަޔާންކުރާ މިންގަނޑަށް ތަޢުލީމު ޙާސިލުނުކޮށްފިނަމައެވެ. ހިތާމައަކީ، 3 އަހަރުގެ ރާސްތާއާ ކުރިމަތިލާން ޖެހެނީ ހަމައެކަނި، އިސްލާމީ ޝަރީޢާއިން ތަޚައްސުސްވެފައިވާ ބޭފުޅުން އެކަނި ކަމަށްވުމެވެ.
ދިވެހިރާއްޖެއަކީ އިސްލާމީ ޤައުމެކެވެ. ހިނގަނީ އިސްލާމީ ޝަރީޢަތެވެ. އިސްލާމްދީނަކީ ޤާނޫނުގެ މައިގަނޑު މަޞްދަރެކެވެ. ޤާނޫނު އަސާސީއާއި ޤާނޫނުތައް ތަރުތީބުކުރެވިފައިވަނީ ނުވަތަ ވާންޖެހެނީ އެ މަގަށް ތަބާވެގެންނެވެ. އެބީދައިން އެކުލަވާލާފައިވާ ޤާނޫނުތައް ނުދަންނަ ކަމެއް ކުރިމަތިވެއްޖެ ހިނދެއްގައި ވެސް، ފަނޑިޔާރުން ރުޖޫޢަވާން ޖެހެނީ އިސްލާމީ ޝަރީޢަތަށެވެ. މިއީ ހައްތާވެސް ޤާނޫނުގެ އަސާސީ މަބާދިއުތަކެވެ. އެހެންކަމުން، ޝަރީޢާ ޢިލްމު ވެސް އިންތިހާއަށް މުހިންމެވެ. ޤާނޫނީ ޢިލްމު ވެސް އެފަދައެވެ.
މިކަމުގައި އަޅުގަނޑު ޤަބޫލުކުރާ ހަމައެއް އެބައޮތެވެ. އެއީ، ކޮންމެ ޤައުމެއްގެ ޑިގްރީއެއް ނަމަވެސް، އެ ޤައުމެއްގެ ބާ އެސޯސިއޭޝަނަކުން އެ ފާހަކީ، ޤާނޫނީ ޚިދުމަތަށް ބަލައިގަންނަ ފާހެއް ނަމަ، އަޅުގަނޑުމެން ވެސް މަރުހަބާ ކިޔަންވީއެވެ. މިހާރު ވެސް ކަން ހިނގާ މަގުންނެވެ. ޤާނޫނީ ޑިގްރީއެއް ނަމަވެސް، ޝަރީޢާ ޑިގްރީއެއް ނަމަވެސްމެއެވެ. އެެގޮތް ކަމުނުދާކަމުގައި ވާނަމަ، ޤާނޫނީ ޚިދުމަތުގެ ހުއްދަ އޮތުމަށް، ޝާރީޢަތާއި ޤާނޫނުން ޑިގްރީ ހާސިލުކޮށްފައިވުމެވެ. ޝަރީޢާއިން ހުއްދަ ލިބިފައިވާ ބޭފުޅުން، ޤާނޫނުގެ މާއްދާ ކިޔަވަން ޖެހޭ ބީދައިން، ޤާނޫނުން ހުއްދަ ލިބުނު ބޭފުޅުން ޝަރީޢާގެ މުހިންމު މާއްދާތައް ވެސް އުނގެނުމެވެ. ނަމަވެސް، އަޅުގަނޑު ބުރަވަނީ ފުރަތަމަ ޚިޔާލަށެވެ.
މިފަދަ ބައެއް ކަންކަން ރަނގަޅު ވަނިކޮށް ބިލު ވަރަށް ފުރިހަމައެވެ. މިހާރު ވެސް، ޖުމުލަގޮތެއްގައި ވަރަށް ރަނގަޅެވެ. ކޮންމެހެނަކަސް، ޚިޔާލަކީ ތަފާތު އެއްޗެކެވެ. ފަހަރުގައި ތިޔަ ބޭފުޅުންގެ ފިކުރު އެއްގޮތްނުވެދާނެއެވެ. ވިސްނުން ތަފާތު އެހެން ބޭފުޅެއް ވެސް ހުރެދާނެއެވެ. މިޔަށްވުރެ މާ ފުރިހަމަ ބުއްދިއެއް ކުޅަ މީހަކުވެސް ހުރެދާނެއެވެ. ބިލާ މެދު އެހެން ގޮތަކަށް ދެކޭ މީހެއް ވެސް ހުރެދާނެއެވެ. އިޙްތިރާމު ކުރަމެވެ. މިއީ އަޅުގަނޑުގެ ނަޒަރެވެ. އަޅުގަނޑުގެ ފިކުރެވެ. އަޅުގަނޑުގެ ވިސްނުމެވެ. އަޅުގަނޑަށް ކުރެވުނު ބުއްދިއެވެ. ބިލާމެދު އަޅުގަނޑު ދެކޭ ގޮތެވެ. އަޅުގަނޑުގެ ޚިޔާލެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...