މަތިން ތިޔަ ފެނިވަޑައިގަންނަވަނީ އިއްޔެ ފޭސްބުކްގައި މީހަކު ހިއްސާ ކޮށްފައިވާ ދެ ފޮޓޯއެކެވެ. މިފޮޓޯތައް ހިއްޞާކުރި ފަރާތުން ލިޔެފައިވެއެވެ.
"ލޮބުވެތި ދިވެހި ރައްޔިތުންގެ ސަމާލުކަމަށް. ތިރީގައިވާ މިދެފޮޓޯއަކީ މިރަމަޟާންމަހު ޢުމްރާއަށްދިޔަ **** ޕާޓީގެ ބަޔަކު ކައުބާގައި ހިންގި ހުތުރު ޖަރީމާއެއް. ރައީސް ޔާމިން އަށް ބަދުދުޢާކޮށް ލިޔެފައިއޮތް ލިޔުމެއް އެކިޔަން ނުވެސްދަންނަ ބޭރުމީހެއްގެ އަތަށްދީފައި ފޮޓޯ ނަގާހެދިއިރު ކައުބަތުﷲ ގެފުޅުކަމާއި މިތަނުގެ ކަރާމާތަށްވެސް ބަލާނުލި. ހިތާމަހުރި"
ކޮންމެއަކަސް ކޮންމެ ބަޔަކު ކުރި ނަމަވެސް ވަރަށް ހިތާމަހުރި ކަމެކެވެ. ސިޔާސީ މީހުންގެ ސިޔާސީ ޑްރާމާތައްކުޅޭ ސްޓޭޖަކަށް މިސްކިތްތައް ހެދުމަކީ ދެރަ ކަމަކެވެ. ސިޔާސީ މީހުންގެ ނާޗަރަންގީ ކުޅޭ ހަރުގެއަކީ މިސްކިތްތައް ކަމަށް ހެދުމަކީ ގޯހެކެވެ. އެހެން ނަމަވެސް އަޅުގަނޑު މިދަންނަވަނީ ދުޢާ ނުކުރާށެކޭ ނޫނެވެ. އެމީހަކު ބޭނުން ކަމަކަށް އެދި ހަމަ ދުޢާ ކުރަންވީއެވެ. އެމީހަކު ބޭނުން ކަމަކަށް އެދި ﷲ ހަޟްރަތުގައި ދަންނަވަންވީއެވެ. އެކަމު މިގޮތަކަށް ނޫނެވެ.
ރާއްޖޭގެ ސިޔާސީ މަޝްރަހަށް ބަލާއިރު ސިޔާސީ ބޭފުޅުން ސިޔާސީ ގޮތުން ކުރައްވާ ކަމަކަށް ދީނީ ޢިލްމުވެރިޔަކު ފާޑެއްވިދާޅުވެއްޖެނަމަ އެދެން ވަރަށް ގޯސްވީއެވެ. ދީން ހަތިޔާރަކަށް ހެދީއެވެ. ޝައިޚް މާބޮޑަށް ސިޔާސީ ވީއެވެ. ދީން އޮންނަންޖެހޭނީ މިސްކިތުގެ ހަތަރު ފާރުގެ ތެރޭގައޭ ކިޔާ ގޮވެލި ފަތީގެ އަޑު ގަދަވެގެންދާނެއެވެ. އެހެން ނަމަވެސް ހަމަ އެސިޔާސީ ބޭފުޅުން އެބޭފުޅުން ސިޔާސީ ގޮތުން ހާޞިލްކުރައްވަން ބޭނުންފުޅުވާ ލަނޑުދަނޑިއެއް ހާޞިލްކުރުމަށް ދީން ހަތިޔާރަކަށް ނެގުން އެއީ މައްސަލައަކަށް ނުވެއެވެ. އެކަމުގެ ހެއްކަކަށް މަތީގައިވާ ދެފޮޓޯވެސް ފުދެއެވެ. މިފަދަ ސަކަރާތްޖަހަން ވެސް މިމީހުންނަށް މިއެނގުނީ ދުނިޔެމަތީގައި ހުރި އެންމެ މާތް ގެކޮޅުގައެވެ.
ދީނީ ކާޑަކީ ރާއްޖޭގެ ސިޔާސީ މަޝްރަހުގެ ހުކުމެވެ. ރަނގަޅަށް ކުޅެން އެނގިއްޖެނަމަ އެންމެން ބަލިކޮށް ކުރިހޯދެއެވެ. އެގޮތުން ތިމާ ތާއީދުކުރާ ލީޑަރަކީ ދީނަށް އެންމެ ބޮޑަށް ލޯބިކުރާ މީހާކަމުގައި ދެއްކުމަށް މިސްކިތަކަށް އެރިޔަސް ފޮޓޯ ލާންވީއެވެ. ނަމާދަށް އިންދާވެސް ފޮޓޯއެއްނަގާފަ ފޭސްބުކްގައި ޝެއަރކޮށްލަންވީއެވެ. އެކަމު ތިމާމެންގެ ލީޑަރުންގެ ސިޔާސަތުތައް އިސްލާމްދީނާއި ރަށްޓެހީ ކިހާވަރަކަށްތޯ ވިސްނާލެވޭބާވައެވެ. ނިމިދިޔަ ދައުރުތަކުގެ ވާހަކަތައް ބަހައްޓާފައި މިދައުރުގެ ވާހަކައެކެވެ. ތުނބުޅި ކުރުނުކޮށްގެން މޫނު ބުރުގާ ނުނަގައިގެން ސަރުކާރު ވަޒީފާއިން ދިވެހިންތަކެއް ކަނޑާލާ ގެއަށް ފޮނުވާލިއިރު އެއްކަލަ "ދީނީ ލީޑަރުން" ކޮބާތޯއެވެ. އެއިން އެއްވެސް މީހެއްގެ ޙައްޤުގައި ބަހެއް ބުނެލާނެ ސިޔާސީ ލީޑަރަކު ސަރުކާރުގެ ތެރެއިންވެސް އިދިކޮޅުންވެސް ނުފެނުނުކަމީ ހަޤީގަތެކެވެ.
އެހެންވާހަކައެކެވެ. ތިމާމެން ބޭނުންވާ ކަންކަން ހާޞިލްކުރަންވީމާއި ސަރުކާރުވެސް ހަމަ އޯކޭވާ ދަރަޖައަށް މިމީހުންގެ ކަންކަންދެއެވެ. އަނިޔާވެރިއެއްވެސް ނޫނެވެ. ވެރިމީހާ ފިރުއައުނެއްގެ ދަރަޖައިން މާތް ސާހިބާގެ ދަރަޖައަށް މަތިވާތަންވެސް އާދައެވެ. އެގޮތުން 2015 ވަނަ އަހަރުގެ ޖޫންމަހުގެ 24 ވަނަ ދުވަހު "ޑީލެއްގެ ދަށުން" ސަރުކާރާއި އިދިކޮޅު އެމްޑީޕީ އަދި ޖުމްހޫރީ ޕާޓި އެއްބައިވެ ޤަނޫނު އަސާސީއަށް އިސްލާހު ގެނައުމަށް ވޯޓިދިންއިރު ސަރުކާރުގެ މައްސަލައެއް ނެތެވެ. ޓޫރިޒަމް މިނިސްޓަރުކަމުގައި ހުރި އަހުމަދު އަދީބަށް ނައިބް ރައީސަކަށް އައުމަށް މަގު ކޮށައިދިންއިރުހަމަ އެއަހަރުގެ ޖުލައިމަހުގެ 22 ވަނަ ދުވަހު ޤާނޫނު އަސާސީއަށް ދެވަނަ އިސްލާހު ގެނެސް ރާއްޖޭގެ ބިން ބޭރުގެ ފަރާތްތަކަށް މިލްކު ކުރެވޭ ގޮތަށް ސަރުކާރުން ހުށަހެޅި އިސްލާހު ފާސްކޮށްދީ ޤާނޫނު އަސާސީ އިސްލާހުކޮށްދިން އިރުވެސް މައްސަލައެއް ނެތެވެ.
ހަޤީގީ ހައްދުފަހަނަ އެޅުމަކީ މިއީއެވެ. ތިމާ ބޭނުން ކަންކަން ކުރަންވީމާ އެއްވެސް ހަމައެއް އުސޫލެއް ނޯވެއެވެ. ހަމަ ބޭނުން ގޮތަކަށް ބޭނުން ކަމެއް ނިންމާލަންވީއެވެ. ޑީލަކުންނެވެ. ނުވަތަ ދަށުން ދަމާ ކުޅެގެންވެސްމެއެވެ. ގުނބޯ ހެދިފައި މިތިބެނީ ރައްޔިތުންނެވެ.

















ޚިޔާލު