ރިޕޯޓް

ކިޔޭއެއްޗެއް ދެނަގަންނަމާތޯ!

ލިޔުނީ: އަބޫ ސުމައްޔާ

މަޑު ހިނގުމެއްގައި އައިސް މިސްކިތަށް އެރިއެވެ. އަދި ވަށާއިގެންވާ މާޙައުލަށް ނަޒަރު ހިންގާލީމެވެ. މިސްކިތުގެ އެކި ތަންތަނުގައި އެއްވެސް ތަރުތީބެއް ނެތި މީސްތަކުން ތިއްބެވެ. މުޅި މިސްކިތުގައި އެއް އަޑެއްހެން ހިއްޕާލާފައިވަނީ އާދަޔާ ޚިލާފު ހިންގައިމު އަޑެކެވެ. ކިޔާނުކިޔާއެއް ސާފުނުވިޔަސް އެކިޔަވާ އެއްޗަކީ އެންމެ ހެޔޮބަސްކަމުގައި ޤަބޫލުކުރީ ހިތުގެ އަޑިން އެއްވެސް ޝައްކެތްނެތިއެވެ. މިއޮށް ހޫނުގަދަ މެންދުރުގެ ގަޑީގައި މިމަންޒަރު އިއްޔެ އަހަރެންނަށް ނުފެނުނީ ކީއްވެހެއްޔެވެ؟ ޖަވާބު ވަރަށް ފަސޭހައިން ދެވިދާނެއެވެ. އެއީ އަހަރެން އިއްޔެ މިސްކިތަށް ނައީމަނޫންހެއްޔެވެ؟ އެކަމަކު ތިޔަވިސްނުނީ އަދި ރަނގަޅަކަށްނޫނެވެ. އިއްޔެވެސް އަދި މީގެ ދިހަމަސްދުވަހުގެ ކުރިންވެސް އަހަރެން ކޮންމެ ދުވަހެއްގެ މެންދުރު އެކެއްޖަހާއިރު ހުންނަނީ މިމިސްކިތުގައެވެ. އަހަރެންގެ ވަޒީފާގެ ގޮތުން ހުންނަށްޖެހޭތީއެވެ. އެކަމަކު މިއަދު މިފެންނަށް މަންޒަރެއް މިވޭތުވެދިޔަ ދިހަމަސްދުވަހު ހަމަ ނުފެނެއެވެ.

އަދަކީ ރަމަޟާންމަހުގެ ފުރަތަމަ ދުވަހެވެ. އަހަރެން އާދާގެ މަތިން އައިސްމިވަނީ މީގެ ދިހަމަސްދުވަސްކުރިންވެސް އަހަރެން ކޮންމެ ދުވަހެއްގެ މެންދުރު 1:15 ގައި ވަންނަ “މިސްކިތަށެވެ.” އެކަމަކު މިފެނުނީ މުޅިން އެހެން މަންޒަރެކެވެ.މުޅި މިސްކިތުގައި މިވަނީ ޤުރުއާނުގެ އަޑެވެ. ހިތްހަމުކަމުގެ ކޮޅެއްވެސް ނެތެވެ. އެހެންނުވާންވީ ކީއްވެގެންތޯއެވެ. އެއީ ﷲގެ ބަސްފުޅެވެ. އެއީ ލައިލަތުލްޤަދުރުވިލޭރޭ ބާއްވާލެއްވި ހިދާޔަތުގެ ނޫރެވެ. އެއީ އެފޮތުގެ އެންމެ އަކުރަކަށްވެސް ދިހަ ޘަވާބު ﷲ ގެ ޙަޟްރަތުގައި ތައްޔާރުކުރެވިގެންވާ ފުރުޤާނެވެ. އެއީ އިސްލާމީ އުއްމަތުގެ ދުސްތޫރެވެ. އެއީ ކާފިރުންގެ މައްޗަށް ﷲ ބާވާލެއްވި ހުއްޖަތެވެ. އެއީ މުއުމިނުންގެ ހިތްތަކުގެ ރަބީޢުއެވެ.އެއީ ބަލިތަކުގެ ޝިފާއެވެ.

އަހަރެންނަކީ މިސްކިތް ފޮޅާ ސާފުކުރާމީހާއެވެ. އެކަމަކު މިއަދު މިއައީ މިސްކިތް ފޮޅާކަށް ނޫނެވެ. އަހަރެން މިއަދު ފޮޅާ ސާފުކުރަށް ހުރީ މިސްކިތުގެ ހަރުތަކުގައި ހުރި ޚަތިމުތަކެވެ. އޭގެ ބައެއް ޚަތިމުތައް އެއީ މީގެ އެއް އަހަރުކުރިންވެސް އެހަރުތަކުގައި އެހުރިގޮތަށް ހުރި ތަކެއްޗެވެ. ނަމަވެސް މިއަދު އެހުރިހާ ޚަތިމަކަށް މަރުހަބާކިޔަން މީސްތަކުން އަންނާނެއެވެ. ފަހަރަކު ޚަތިމެއް ނަގަމުން ހިރަފުސްފޮޅަމުން ދިޔައީމެވެ. ހިރަފުސްތައް ޚަތިމުތަކާއި އަލްވަދާޢުކިޔަމުން ދޫކޮށް ދާ ބީދައިން އަހަރެންގެ ހިތުގައި ވެސް ޚިޔާލުތަކެއް އަރާއި ސިކުޑިއަށް ދިމާއަށް އެބަދެއެވެ.

ހިތަށް އަރައެވެ. މިއީ ހަމަ ވިސްނާލަށް މުހިއްމު ކަމެއްނޫންބާއެވެ. މީހުންނާއި ހިއްޞާކޮށްލަށް ހަމަ ރަނގަޅު މަޢުޟޫއެއްނޫންބާއެވެ. ހަމަ ކޮންމެ ރަމަޟާންމަހަކުވެސް ތަކުރާރުވާ ކަމެއްވިއްޔާއެެވެ. އަޅުގަނޑުވެސް ތިޔަބޭފުޅާވެސް އަދި އެހެން ބޭފުޅުންވެސް ހަމަ ކުރައްވާ ކަމެކެވެ. އަދި ދައްކާތީ ހިސާބަކަށް އަހާވެސް ވާހަކައެކެވެ. އެވާހަކަ އަކީ ދެންމެ އެފެނުނު މަންޒަރާ ގުޅިލާމެހިފައިވާ ވާހަކައެވެ. އެ ހިނގައިދިޔަ ޙަދިޘާއާއި އެކީ އެވަނީ ގުޅިފައެވެ. ދައްކަން އުޅުނުވާހަކަ އަކީ ހަމަ އެއީއެވެ. ސީދާ ނުކުތާއަކީ އެކަމެވެ. ބުނަށް މިއުޅެނީ އެވާހަކައެވެ. ކިޔާދެވޭތޯ މި ބަލާނީ ހަމަ އެޙަދިޘާއެވެ.

ކުއްލިއަކަށް ދެންމެ މިސްކިތަށް އެ އެރީ ޢުމުރުންދޮށީ އިސްރަށްވެހިންގެ ތެރެއިން ބޭކަލެކެވެ. ސާދާ ދިވެހި ޘަޤާފީ މުންޑެއް އަނދެގެން ހުންނެވި އިރު މަތިން ތުރުކުރަައްވާފައިވަނީ ހުދު އަތްދިގު ގަމީހެކެވެ. ތުރުކީ ތާކިހަލެއް ބޮލުގައި އޮތެވެ. ބޮޑުރުމާލަކުން ބޭރުފޮރުވާ ބަންދުކޮށްފައި އޮތް ޚަތިމެއް އެރުމާ މޮހައިލާ ނެގިއެވެ. އަދި ފިސާރީ އަޑުހަރުކޮށް އެފެށީ ސޫރަތުލް ފާޠިހާ ކިޔަވާށެވެ. ކިޔަވަށް ފެއްޓެވި ގޮތަށް އާމީންވިދާޅުވެފައި ނޫނީ ނޭވާއެއް ނުލައްވައެވެ.އެދޭތެރޭގައި ވިހިސިކުންތުވެސް ވިހެނެއް އަޅުގަނޑަކު ޤަބޫލުކުރާ ހިތެއްވެސް ނެތެވެ.

ދެން އެފެށީ ސޫރަތުލްބަޤަރާއެވެ. އެހެރަކިޔަވާނީއެވެ. ގަނޑަަކަށްފަހު ގަނޑެއް އެއްލަވަމުން އެއޮށްކުރިޔަށް ވަޑައިގަންނަވަނީއެވެ.

އަޅުގަނޑު ހިތަށް މިއެރީ މިކިޔެވެނީ ކޮންއެއްޗެއްތޯ ދެނެގަތުމަށް މަސައްކަތެއްކުރަށް ފަށައިގަންނަށްވެއްޖެއް ނޫންބާއެވެ. ޤުުރުއާނަކީ ވިސްނާ ފިކުރުކޮށް އެއަށް ޢަމަލުކުރަށް ބާއްވާލެއްވި ފޮތެކެވެ. ވީމާ އެއީ ބަންޖެއް ކިޔާ އުޞޫލުން ކިޔާލާ އާޔަތްތަކަކަށް ނުހައްދަވާ މިރަމަޟާން މަހު ކީރިތި ޤުރުއާނުގެ މާނަ އާއި މެދު ވިސްނަވާ އެފޮތް ކިޔަވަމާތޯއެވެ. ޢަރަބިސްބަސް ނޭނގޭނަމަ މިކިޔެވެނީ ކޮންއެއްޗެއްތޯ ދޭހަވާނެ އެހެން ބަހަކުން ކޮށްފައިވާ ޤުރުއާނުގެ މާނާގެ ތަރުޖަމާއެއް ނަމަވެސް މުޠާލިޢާ ކޮށްލުން ކިހިނެއްވާނެތޯއެވެ. އޭރުން މިކިޔޭ އެއްޗެއް ކޮންމެވެސް ވަރަކަށް ރޯފިލާނެކަމަށް އަޅުގަނޑަށް ޤަބޫލުކުރެވޭލޭ ބޮޑުކަމުން ހަމަ ދަންނާވާލީއެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *

More in ރިޕޯޓް