ރިޕޯޓްކޮލަމިސްޓް

އެނަމާ ބޯޓު ކާރިސާއާއި މިނިވަން ޗެންޕިއަންޝިޕް

ކޮންމެ އަހަރެއްގެ މާރޗު މަހުގެ 17 ވަނަ ދުވަހު ދިވެހިންގެ ހަނދާނަށް ގެނުވަނީ ފަހުގެ ދިވެހި ތާރީޚުގައިވެސް ހިނގާފައިވާ ކަނޑުމަތީގެ އެންމެ ހިތާމަވެރި ޙާދިޘާގެ މަތިންނެވެ. 2004 ވަނަ އަހަރު ހިނގި އެނަމާ ބޯޓު ބަންޑުން ޖަހާލި ކާރިސާގެ ހިތާމަވެރި ހަނދާންތަކެވެ. އެކި ޢުމުރުގެ 24 މީހަކު މަރުވެ، 2 މީހަކު ގެއްލިގެން ދިޔަ ވޭނީ ހާދިޘާގެ މަތިންނެވެ. މިއަހަރު މިދުވަސް މިއަންނަނީ އަޅުގަނޑުމެންގެ ޙާޟިރުން ވެސް ފިލާވަޅުތަކެއް ދަސްކުރުމަށް އަޅުގަނޑުމެންގެ ޟަމީރަށް މަޖުބޫރުކުރުވަމުންނެވެ.

2004 ވަނަ އަހަރެވެ. ދިވެހިންގެ ޤައުމީ ކުޅިވަރުކަމުގައިވާ ފޯރިގަދަ ފުޓުބޯޅައިގެ އެންމެ ޝަރަފުވެރި އެއް މުބާރާތްކަމުގައިވާ ދިވެހިލީގަށް ކޮލިފައިވުމަށް ވާދަވެރި މެޗުތައް ރާއްޖޭގެ އެކި ޒޯންތަކުގައި ކުރިއަށްދެއެވެ. ހުވަދު އަތޮޅުގެ އެންމެ ހޫނުގަދަ އެއް މެޗުކަމުގައި ވެގެންދިޔައީ ގދ. ތިނަދޫގެ މަސްވެރިންގެ ރޫޙާއި ގއ. ވިލިނގިލީ މަސްވެރިންގެ ކްލަބު ގއ. ވިލިނގިލީގައި ބައްދަލުކުރި މެޗެވެ. މެޗުން ގދ. ތިނަދޫގެ ޓީމު ބަލިވުމާއެކު، ތިނަދޫގެ ސަޕޯޓަރުން "އެނަމާ" ބޯޓަށް އަރައިގެން ރަށަށް ދިޔުމަށްޓަކާ ފުރީ އިރު އޮއްސި 6:50 ހާ އިރުއެވެ. އިންޖީނަށް ޖެހުނު ކުޑަ މައްސަލައެއް ހައްލުކުރުމަށްފަހު ފަހި ދުވެލީގައި ބޯޓު ދަތުރުކުރަމުން ދިޔައީ މޯޅިވެފައިވާ 122 ސަޕޯޓަރުންނާއެކުއެވެ. ދަތުރުގެ ވަކި ހިސާބަކުން، ގިނަ ބަޔަކު ހިތްވަރުލާ ޖޯޝާއެކު މަޖާނަގަމުންދަނިކޮށް އެރޭ 8:30ގައި ކުއްލި ގޮތަކަށް ބޯޓު ބަންޑުންޖަހާލީއެވެ. އެއީ "އެނަމާ" ބޯޓާ 40 އަކަށް ފޫޓު ދުރުން ދަތުރުކުރަމުންދިޔަ ތިނަދޫ "އަރުތަ" ދޯނީގެ މޯހިރުން ހިއްލާލި ރާޅެއްގައި ޖެހި އައި ލޮޅުމެއްކަމަށް ބުނެވެއެވެ. ނަތީޖާއަކަށް ވެގެން ދިޔައީ 26 ފުރާނައެއް ނެތިގޮސް، މުޅި ޤައުމު ހިތާމައިގެ ސާލަކުން މޮޅިވެގެން ދިޔުމެވެ. "އެނަމާ" ބޯޓު ކާރިސާގައި އަޅުގަނޑުމެންނާ ވަކިވެގެން ދިޔަ އެންމެހާ ފުރާނަތަކަށް، މާތް ރަސްކަލާނގެ މަތިވެރި ރަޙުމަތުން ރަޙުމަތް ލައްވާ، އެއެންމެތަކުންގެ ފާފަފުއްސަވާ، ސުވަރުގޭގެ މަތިވެރި ނިޢުމަތް ދެއްވާށިއެވެ! އާމިން! ޘުންމަ އާމީން!

މިއީ 2017 ވަނަ އަހަރެވެ. މިއަހަރުގެ "އެނަމާ" ދުވަސް އަޅުގަނޑުމެންނާ ބައްދަލުކުރިއިރު، ރާއްޖޭގެ އެކި ހިސާބުތަކުގައި އެކި ރަށްރަށުގެ ރައްޔިތުންވެސް ތިބީ ހަމަ އެފަދަ ފައިބޯޅަ މުބާރާތެއްގެ ތެރޭގައި މަޝްޣޫލުވެވިފައެވެ. ނަމަވެސް "އެނަމާ" ދުވަސް އައިސް އަޅުގަނޑުމެންނަށް މި ހަނދާންކޮށްދެނީ، މަޖާކުރިޔަސް، ކުޅިވަރުކުޅުނަސް، ބަލިވިޔަސް، މޮޅުވިޔަސް، އަބަދުވެސް ޙަޔާތުގެ އެންމެ ބޮޑު ޙަޤީޤަތްކަމުގައިވާ މަރުގެ މަތިން ހަނދާން ނައްތާނުލާށެވެ. އެ އަންނާނެ ވަގުތެއް އެކަކަށްވެސް ނޭނގެއެވެ. އެއަންނަނީ ހަމައެކަނި ޢުމުރުން ވަކި އަހަރެއް ވީމާ ނޫންކަން، އެނަމާ ބޯޓުގެ ޙާދިޘާގައި އަޅުގަނޑުމެންނާ ވަކިވެ ދިޔަ ޅަ ފުރާނަތައް އެ ހަނދާންކޮށްދެނީއެވެ. ވަކި ޖިންސަކަށް ވުމުން ނުވަތަ ހަށިގަނޑުގެ ބަލިކަށިކަމާއި ދުޅަހެޔޮކަމުގެ މައްޗަށް ބިނާވެގެން ނުވަތަ ދީންވެރިކަމާއި ތަޤުވާވެރިކަމުގެ ސަބަބުން އެދުރު ނުވާނެކަންވެސް "އެނަމާ"ގެ ކާރިސާއިން އެބަ ހަނދާން ކޮށްދެއެވެ.

އަދު މިނިވަންޗެންޕިއަންޝިޕްގެ ވާދަވެރި މެޗުތައް ކުރިއަށް ދާއިރު، އަޅުގަނޑުމެން ހަނދާނުގައި ބަހައްޓަންވީ، އިދިކޮޅު ވާދަވެރި ރަށުގެ ރައްޔިތުންނަކީވެސް މުސްލިމް އަޚުންނާއި އުޚުތުންކަމެވެ. އެމީހުން އަޅުގަނޑުމެންނާއި، ނުވަތަ އަޅުގަނޑުމެން އެމީހުންނާ، ހަމަ ކޮންމެ ހިނދަކުވެސް ވަކިވެގެން ހިނގައިދާނެކަން ހިތުގައި ބާއްވާ، ހިތުގައި އޮތް ނަފުރަތްތެރިކަމާއި ވާދަވެރިކަމުގެ މައްޗަށް އިސްލާމީ އަޚުވަންތަކަމާއި އޯގާތެރިކަން ގަދަކުރުވަން ޖެހެއެވެ. އިދިކޮޅު ޓީމަށް ވުމުގެ ކުރިން، އަދި ވާދަވެރި ރަށުގެ ރައްޔިތަކަށް ވުމުގެ ކުރިން، އެއީ ތިބާގެ މުސްލިމް އަޚުންނާއި އުޚުތުންނެވެ. އެއްބަނޑު އެއްބަފާ، އެއްހަށިގަނޑެއްގެ ގުނަވަންތަކެކެވެ. އެގުޅުން ކަނޑާނުލާށެވެ.

އަދު މިނިވަންޗެންޕިއަންޝިޕްގެ ވާދަވެރި މެޗުތައް ކުރިއަށް ދާއިރު، އަޅުގަނޑުމެން ހަނދާނުގައި ބަހައްޓަންވީ، ކުޅިވަރު ކުޅުނަސް، މަޖާކުރިއަސް، ވާދަކުރިއަސް، ހުރިހާ ކަމެއްގެ ކުރިން ނަމާދުކުރަން ޖެހޭނެކަމެވެ. ހަމަ ދެން އަންނަ ހިނދުކޮޅުގައިވެސް ލޯމަރާލައި، ހެއްދެވިފަރާތާ ބައްދަލުކުރަން ޖެހިދާނެކަން އަބަދުވެސް ހަނދާނުގައި ބަހައްޓާށެވެ. އެދުވަހުން އެންމެ މުޙިއްމުވާނީ ނަމާދެވެ. އެއަށް ފަރުވާކުޑަ ނުކުރާށެވެ. ޗެންޕިއަންޝިޕް އަންނަންވާނީ އެއަށްފަހުއެވެ.

ކޮންމެ އަހަރެއްގެ މާރޗު 17 އަކީ، ކުރީގެ ފުން ހިތާމައިގެ ހަނދާންކޮށްލާފައި ދެލޮލުން ކުޑަކޮށް ކަރުނަ އޮހޮރާލާފައި ހަނދާން ނައްތާލާ ދުވަހަކަށް ނުހަދާށެވެ. އެހަނދާންތައް އައުމުން، އެދުވަހު އަޅުގަނޑުމެންނާ ވަކިވީ ފަރާތްތަކަށް ވަކިވަކިން ދުޢާކުރައްވަވާށެވެ. އެފަރާތްތައް މިއަދު އެދޭނީ މިއަދު ދިރިތިބި ބައެއްގެ ހެޔޮ ދުޢާއެވެ. އަދި އެދުވަހުގެ ޒިކުރާތަކުން ޢިބުރަތް ޙާޞިލްކޮށް، އަޅުގަނޑުމެންގެ ޙާޟިރު ޙާލަތު އިސްލާޙުކުރުމަށް ވިސްނަވާ އެގޮތަށް އަޅުގަނޑުމެންގެ ޢަމަލުތައް ބައްޓަންކުރަން މަސައްކަތްކުރައްވާށެވެ.

އަޅުގަނޑުމެންނަކީ، ވަށައިގެން ހިނގާ ޙާދިޘާތަކުން ޢިބްރަތް ލިބިގަނެ، ޙަޔާތް އިސްލާޙުގެ މަގަށް ސީދާކޮށް މީޒާންކުރާ ބަޔަކު ކަމުގައި އަބަދުވެސް ލައްވާށިއެވެ! އާމީން!

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *

More in ރިޕޯޓް